ތޭރަވަނައީ: ރޯދައަށް ހުރެ އެނެމާ (enama) [1] ބޭނުންކުރުމުގެ ޙުކުމު:
ރޯދައަށް ހުރެ އެނެމާ ބޭނުންކޮށްފި މީހާގެ ރޯދައިގެ ޙުކުމާ މެދު ދަންނަބޭކަލުންގެ މެދުގައި ދެ ރައުޔަކަށް ޚިލާފުވެފައި ވެއެވެ.
ފުރަތަމަ ރައުޔު: އެ މީހާގެ ރޯދަ ގެއްލޭނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ (ފަތުވާ ބިނާވާ މުޢުތަމަދުގެ) އިއްތިފާޤުންނެވެ.
ދެވަނަ ރައުޔު: އެ މީހާގެ ރޯދަ ފާސިދު ނުވާނެއެވެ. މި ރައުޔަށް ވިދާޅުވެފައިވަނީ ޡާހިރީންނެވެ. އަދި މިއީ މާލީކިއްޔަ ބައެއް ދަންނަބޭކަލުންގެ ރައުޔުވެސް މެއެވެ. ޝާފިޢީން ކުރެ އަލްޤާޟީ ޙުސައިންގެ ރައުޔަކީވެސް މިއެވެ. އަލްޙަސަނު ބުން ޞާލިޙުގެ ރައުޔަކީވެސް މިއެވެ. އަދި މިއީ އިބްނު ޢަބްދިލްބައްރާ އަދި އިބްނު ތައިމިއްޔާ އިޚްތިޔާރު ކުރެއްވި ރައުޔުވެސް މެއެވެ.
ސާދަވަނައީ: ރޯދަވެރިޔާގެ ނޭފަތަށް ބޭސް އެޅުމުގެ ޙުކުމް
ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ނޭފަތަށް އަޅާ ބޭސް ބޭނުން ކުރުމާ މެދު ދަންނަބޭކަލުންގެ މެދުގައި ދެ ރައުޔެއް ވެއެވެ.
ފުރަތަމަ ރައުޔު: ރޯދައަށް ހުރެ ‘ނޭޒަލް ސްޕްރޭ’ އެއް ނުވަތަ ނޭފަތަށް ބޭހެއް ނަމަވެސް އަޅައިފިނަމަ ރޯދަ ގެއްލޭނެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ދެވަނަ ރައުޔު: ނޭފަތަށް އަޅާ ބޭހުން ކަރާ ހަމައަށް ވާޞިލުވާ އެއްޗެއް ދިރުވާ ނުލައި، އެ އެއްޗަކުން ރައްކާތެރި ވެވޭނަމަ، އެ މީހާގެ ރޯދަ ނުގެއްލޭނެއެވެ. އިބްނު ޙަޒްމު ވިދާޅުވެފައިވަނީ މިފަދައިންނެވެ. މިކަމުގައި ވަރުގަދަ ރައުޔަކީ މިއީ ކަމުގައި އިބްނު ތައިމިއްޔާ ދެކިލައްވައެވެ. މަޖުމަޢުލްފިޤްހިލްއިސްލާމީން އިޤުރާރު ވެލައްވާފައިވަނީ މި ރައުޔުގެ މައްޗަށެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ މަޖިލީހުން ފަތުވާ ދެއްވައިފައިވަނީވެސް މި ރައުޔަށެވެ. އަދި މިއީ އިބްނު ޢުޘައިމީނުގެ ރައުޔުވެސް މެއެވެ.
މަޞްދަރު: ملخص فقه العبادات
[1] އެނެމާއަކީ: ބަނޑު ހުސްކުރުމަށްޓަކައި ފުރަގަސް ފަރާތުން ފޮނުވާ ބޭހެކެވެ.