[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 4

ޅ. އެކަލޭގެފާނުގެ މުދާ ﷲގެ މަގުގައި ހޭދަކުރެއްވިއެވެ. އަދި އިސްލާމްދީނަށާއި ނަބިއްޔާ صلى الله عليه وسلم އަށް ޚިދުމަތްކުރެއްވުމަށް އެކަލޭގެފާނުގެ މުދަލުން ވަޤުފުކުރެއްވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އާއި މުސްލިމުންނަށް ހޭދަކުރެއްވުމުގައި އަވަސްވެ ވަޑައިގެންނެވިއެވެ. އެފަދަ ބައެއް މިޘާލު ޛިކުރުކޮށްލާނަމެވެ.

 

  1. 30 ހާސް މުޖާހިދުންނާއެކު ތަބޫކަށް ދިޔަ ޢުސްރާގެ ލަޝްކަރު ތައްޔާރުކޮށްދެއްވީ ޢުޘްމާނުގެފާނެވެ. އެ ލަޝްކަރު ތައްޔާރުކުރުމަށް އެހީވުމަށް ހިއްވަރުދެއްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ جَهَّزَ جَيْشَ العُسْرَةِ فَلَهُ الجَنَّةُ» [1].

މާނައީ: “ފަހެ، ޢުސްރާގެ ލަޝްކަރު ތައްޔާރުކޮށްދެއްވާ ބޭކަލަކަށް ސުވަރުގެ ވެއެވެ.”

އެ ލަޝްކަރު ތައްޔާރުކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވީ ޢުޘްމާނުގެފާނެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުގެ އަތުކުރީގައި އެއްހާސް ދީނާރު ގެންނަވާފައި ނަބިއްޔާ صلى الله عليه وسلم ގެ އުނގުފުޅަށް އެ އަޅުއްވާލިއެވެ. ފަހެ އެކަލޭގެފާނު އެއަށް ބައްލަވާފައި، އެ ނަންގަވަމުން ދެ ފަހަރަށް ޙަދީޘްކުރެއްވިއެވެ.

«مَا ضَرَّ عُثْمَانَ مَا عَمِلَ بَعْدَ الْيَوْمِ» [2]

މާނައީ: “މިއަދަށް ފަހު ޢުޘްމާނުގެފާނު ކުރައްވާކަމަކުން އެކަލޭގެފާނަށް ގެއްލުމެއް ނެތެވެ.”

 

  1. މުހާޖިރުން މަދީނާއަށް ހިޖުރަކުރެއްވިއިރު އެތަނުގައި މީރުފެން ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އަދި ބަނީ ޣިފާރުގެ މީހެއްގެ ފެންވަޅަކުން ފެން ހަމެއް ވިއްކަނީ މުއްދަކަށެވެ. އެ ވަޅު ނަބިއްޔާ صلى الله عليه وسلم އަށް ވިއްކުމަށް އޭނާގެ ގާތުގައި އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ. އަދި އޭގެ ބަދަލުގައި ސުވަރުގެއިން ވަޅެއް ލިބޭނެކަމުގައި ޙަދީޘްކުރެއްވިއެވެ. ނަމަވެސް އޭނާއަށާއި އޭނާގެ ޢާއިލާއަށް އެ ވަޅު ނޫން އެއްޗެއް ނުވާ ވާހަކަ އެކަލޭގެފާނަށް ދެންނެވިއެވެ. ޢުޘްމާނުގެފާނަށް މި ޚަބަރު ލިބިވަޑައިގެންނެވުމުން ތިރީސް ފަސްހާސް ދިރުހަމަށް އެ ވަޅު ބައްލަވައިގެންނެވިއެވެ. ދެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން، އެމީހާއަށް ދެއްވާނެކަމަށް އެންގެވިކަންތައް އެކަލޭގެފާނަށްވެސް ލިބޭނެތޯ އެއްސެވިއެވެ. އަދި އެފަދައިން އެކަލޭގެފާނަށްވެސް ލިބިވަޑައިގަންނަވާނެކަމުގައި ޙަދީޘްކުރެއްވުމުން އެ ވަޅު މުސްލިމުންނަށް ދެއްވިއެވެ. [3]

 

  1. އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

އަބޫބަކުރު އައްޞިއްދީޤު رضي الله عنه ގެ ޚިލާފަތުގައި، ވާރޭ ނުވެހި ހަނަފަސްކަމާ ކުރިމަތިލާން ޖެހުމުން މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ޖަމާވިއެވެ. އެބައިމީހުން ދެންނެވިއެވެ. “އުޑުން ވާރޭ ނުވެހެއެވެ. އަދި ބިމުން ގަސް ނުފަޅައެވެ. އަދި މީސްތަކުން ތިބީ ވަރަށް ދަތި ޙާލުގައެވެ.”

ފަހެ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުން އެނބުރި ދާށެވެ. އަދި ކެތްތެރިވާށެވެ. ފަހެ، ހަމަކަށަވަރުން ހަވީރުވުމުގެ ކުރިން ތިޔަބައިމީހުންނަށް ޖެހިފައި ތިވާ ކަންތަކުގައި ﷲ عز وجل ލުއި ފަސޭހަކަން ދެއްވަފާނެއެވެ.”

އޭގެ ފަހުން މާ ގިނަ އިރުތަކެއް ނުވެ، ޢުޘްމާނުގެފާނުގެ ވިޔަފާރި ޤާފިލާއެއް ޝާމްކަރައިން އައިސްފިއެވެ. އެ ޤާފިލާގައި ސަތޭކަ ޖަމަލުގެ ގޮވާން ނުވަތަ ކާބޯތަކެތި ހުއްޓެވެ. ފަހެ، މީސްތަކުން ޢުޘްމާނުގެފާނުގެ ގެކޮޅުގެ ކައިރިއަށް ގޮސް ދޮރުގައި ޓަކިޖަހައިފިއެވެ. އަދި ޢުޘްމާނުގެފާނު އެބައިމީހުންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. “ތިޔަބައިމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟”

މީސްތަކުން(ގެ ތެރެއިން ވިޔަފާރިވެރިން) އެކަލޭގެފާނަށް ދެންނެވިއެވެ. “މިދުވަސްވަރު ހަނަފަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. އުޑުން ވާރޭ ނުވެހެއެވެ. އަދި ބިމުން ގަސް ނުފަޅައެވެ. އަދި މީސްތަކުން ތިބީ ވަރަށް ދަތި ޙާލުގައެވެ. ކަލޭގެފާނުގެ އަތްޕުޅުގައި ކާބޯތަކެތި ހުރިކަމުގެ ޚަބަރު ތިމަންމެންނަށް ލިބިއްޖެއެވެ. މުސްލިމުންގެ ތެރެއިން ފަޤީރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ތަކެތި ތިމަންމެންނަށް ވިއްކަވާށެވެ.”

ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “ލޯތްބާއި ޤަދަރުވެރިކަމާއެކުގައެވެ. އެތެރެއަށް ވަންނާށެވެ. އަދި ގަންނާށެވެ.”

ފަހެ ވިޔަފާރިވެރިން އެތެރެއަށް ވަނެވެ. އޭރު ޢުޘްމާން رضي الله عنه ގެ ގެކޮޅުގައި ކާބޯތަކެތި ބަހައްޓާފައި ހުއްޓެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ވިޔަފާރިވެރިންނޭވެ! ޝާމްކަރައިން ތިމަންކަލޭގެފާނު ވިއްކަން ގެނައި މުދަލަށް އަގެއް ކިޔާށެވެ.”

އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. “ދިހައަކަށް ބާރައެވެ.”

ޢުޘްމާން رضي الله عنه ވިދާޅުވިއެވެ. “(އެހެން ފަރާތަކުން) ތިމަންކަލޭގެފާނަށް ތިއަށް ވުރެ ބޮޑު އަގެއް އެބަ ހުށަހަޅުއްވައެވެ.”

އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. “ދިހައަކަށް ސާދައެވެ.”

ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “(އެހެން ފަރާތަކުން) ތިމަންކަލޭގެފާނަށް ތިއަށްވުރެ ބޮޑު އަގެއް އެބަ ހުށަހަޅުއްވައެވެ.”

އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. “ދިހައަކަށް ފަނަރައެވެ.”

ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “(އެހެން ފަރާތަކުން) ތިމަންކަލޭގެފާނަށް ތިއަށްވުރެ ބޮޑު އަގެއް އެބަ ހުށަހަޅުއްވައެވެ.”

ވިޔަފާރިވެރިން އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ އަބޫ ޢަމްރެވެ. ތިމަންމެން ނޫން ވިޔަފާރިވެރިއަކު މަދީނާގައި ނޫޅެއެވެ. ކަލޭގެފާނަށް ބޮޑު އަގެއް ހުށަހަޅަނީ ކާކު ހެއްޔެވެ؟”

ފަހެ ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ބޮޑު އަގެއް ހުށަހަޅުއްވަނީ ﷲ عز وجل އެވެ. އެއީ ކޮންމެ ދިރުހަމަކަށް ދިހައެކެވެ. ތިޔަބައިމީހުންނަށް އެއަށްވުރެ ބޮޑު އަގެއް ވޭ ހެއްޔެވެ؟”

އެބައިމީހުން ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ. “ފަހެ ހަމަކަށަވަރުން ﷲ ހެކިކޮށް، މުސްލިމުންގެ ފަޤީރުންނަށް ޞަދަޤާތުގެ ގޮތުގައި މި ކާބޯތަކެތި ތިމަންކަލޭގެފާނު ދީފީމެވެ.” [4]

 

  1. މީސްތަކުން ގިނަވެ، ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅުގައި ޖާގަ ދަތިވުމުން މިސްކިތްކޮޅު ބޮޑުކުރުމަށް އެކަލޭގެފާނު ބޭނުންފުޅުވި ހިނދު، އެންމެ ފުރަތަމަ އެކަން ކޮށްދެއްވީ ޢުޘްމާނުގެފާނެވެ. ޢުޘްމާނުގެފާނު ގެކޮޅުގައި ޙިޞާރުކުރެވުމުން އެކަލޭގެފާނު ވިދާޅުވިކަމަށް ތިރްމިޛީ ރިވާކުރެއްވިއެވެ.

“هَلْ تَعْلَمُونَ أَنَّ المَسْجِدَ ضَاقَ بِأَهْلِهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْ يَشْتَرِي بُقْعَةَ آلِ فُلَانٍ فَيَزِيدَهَا فِي المَسْجِدِ بِخَيْرٍ لَهُ مِنْهَا فِي الجَنَّةِ»؟ فَاشْتَرَيْتُهَا مِنْ صُلْبِ مَالِي فَأَنْتُمُ اليَوْمَ تَمْنَعُونِي أَنْ أُصَلِّيَ فِيهَا رَكْعَتَيْنِ؟” [5].

މާނައީ: “މީސްތަކުންނަށް (ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި އެކަލޭގެފާނުގެ) މިސްކިތްކޮޅުގެ ޖާގަ ދަތިވިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟

ފަހެ ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. “މިވެނި ޢާއިލާއެއްގެ އަތުން ބިން ގަނެ މިސްކިތް ބޮޑުކޮށްދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮކަން ސުވަރުގޭގައި ވެއެވެ.”

ފަހެ ތިމަންކަލޭގެފާނުގެ މުދަލުން އެ ބިން ގަތީމެވެ. މިއަދު ތިޔަބައިމީހުން ތިމަންކަލޭގެފާނު އެތަނުގައި ދެ ރަކުޢަތްކޮށްލުންވެސް މަނާކުރަނީ ހެއްޔެވެ؟”   

_______________________________________________

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  رواه البخاري (2778).

[2] رواه أحمد (20630) وحسنه الألباني في المشكاة (6073).

[3]  ބައްލަވާ: فتح الباري لابن حجر (5 / 407 – 408).

[4] الشريعة للآجري (ص: 547).

[5] رواه الترمذي (3703)، وحسنه الألباني في إرواء الغليل (1594).