[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 5

ޚަލީފާ އިޚްތިޔާރުކުރެވުނު ގޮތް

 

ޢުމަރުގެފާނަށް ދެވުނު ހަމަލާއަށް ފަހު، އެކަލޭގެފާނުގެ ޙާލު ރަނގަޅު ނުވެ، ހަށިކޮޅުގައި އަޅާ ވޭން އިތުރުވުމުން މުސްލިމުންގެ ތެރެއިން ބަޔަކު އެކަލޭގެފާނުގެ ގެކޮޅަށް ގޮސް ދެންނެވިއެވެ. “އޭ އަމީރުލް މުއުމިނީނެވެ! ކަލޭގެފާނަށް ފަހު ޚަލީފާކަމަށް ބޭފުޅަކު ހަމަޖައްސަވާށެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ صلى الله عليه وسلم އަވަހާރަވީއިރު އެބޭކަލުންގެ މައްޗަށް އެކަލޭގެފާނު ރުހިވަޑައިގެންނެވި ބޭކަލުން ފިޔަވާ މިކަމަށް ޙައްޤުކަން ބޮޑު ބޭކަލަކު ތިމަންކަލޭގެފާނަށް ފެނިވަޑައި ނުގަންނަވައެވެ.” ދެން އެބޭކަލުންގެ ނަންފުޅުތައް ވިދާޅުވިއެވެ. “(އެއީ) ޢަލީގެފާނާއި ޢުޘްމާނުގެފާނާއި، ޒުބައިރުގެފާނާއި، ޠަލްޙަތުގެފާނާއި، ސަޢުދުގެފާނު (އެބަހީ: ސަޢުދު ބުން އަބީ ވައްޤާޞް) އަދި ޢަބްދުއްރަޙްމާނުގެފާނެވެ. (އެބަހީ: ޢަބްދުއްރަޙްމާން ބުން ޢައުފެވެ.)” [1] އެއަށްފަހު ވިދާޅުވިއެވެ. “ޢަބްދުﷲ ބުން ޢުމަރު ތިޔަބައިމީހުންނަށް ހެކިވާނެއެވެ. ނަމަވެސް އެކަމުގައި (އެބަހީ: ޚަލީފާކަމުގައި) އެއްވެސް މިންވަރެއް އެކަލޭގެފާނަކަށް ނުވެއެވެ.” އަދި އަންޞާރުންނާއި މުހާޖިރުންނަށް ހެޔޮކޮށް ހިއްތެވުމަށް ވަޞިއްޔަތްކުރެއްވިއެވެ. [2]

ދެން ތިން ދުވަސް ތެރޭގައި ޚަލީފާއަކު އިޚްތިޔާރުކުރަން އެންގެވިއެވެ. އެއީ އެކަން ދިގުލައިގެން ގޮސްފިނަމަ ޚިލާފު އުފެދުމުގެ ފުރުޞަތު އޮތީމައެވެ. އަދި އަންޞާރުންގެ ތެރެއިން 50 ބޭކަލުން ނެންގެވުމަށް އަބޫ ޠަލްޙާ رضي الله عنه އަށް އަމުރުކުރެއްވިއެވެ. އޭގެ ތެރޭގައި އަލްމިޤްދާދު ބުން އަލްއަސްވަދު رضي الله عنه ހިމެނެއްވުމަށްވެސް އެންގެވިއެވެ. އަދި އެބޭކަލުންގެ މަސައްކަތަކީ ޝޫރާގެ ބޭކަލުންނަށް ފާރަވެރިވެ، އެބޭކަލުން މީސްތަކުންނާ ބައްދަލުކޮށް ހަދާތޯ ބެއްލެވުމާއި ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި ޚަލީފާއަކު އިޚްތިޔާރުކުރެއްވުމަށް އެބޭކަލުންނަށް ބާރުއެޅުއްވުންކަމުގައި އެންގެވިއެވެ. އަދި އަލްމިޤްދާދު رضي الله عنه އަށް ވިދާޅުވިއެވެ. “ތިޔަބޭކަލުން ތިމަންކަލޭގެފާނު ވަޅުލެއްވުމަށް ފަހު، އެބޭކަލުން (އެބަހީ: ޝޫރާގެ ބޭކަލުން) ގެއަކަށް ޖަމާކުރައްވާ އެބޭކަލުންގެ ތެރެއިން ބޭކަލަކު ޚަލީފާކަމަށް އިޚްތިޔާރުކުރައްވަންދެން ބައިތިއްބަވާށެވެ.” އަދި އެ ތިން ދުވަހު (އެބަހީ: ޚަލީފާއަކު އިޚްތިޔާރުކުރައްވަން ދެއްވި މުއްދަތުގައި) މީސްތަކުންނާއިގެން ނަމާދުކުރެއްވުމަށް ޞުހައިބު އައްރޫމީ رضي الله عنه އަށް އެންގެވިއެވެ.

ޝޫރާގެ ބޭކަލުންގެ ތެރެއިން ތިން ބޭކަލުން ބޭކަލަކަށް ރުހިވަޑައިގެން، އަނެއް ތިން ބޭކަލުން އެހެން ބޭކަލަކަށް ރުހިވަޑައިގެންފިނަމަ، ދެން އެބޭކަލުންގެ މެދުގައި ޙުކުމްކުރައްވާނީ ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ކަމުގައި އެންގެވިއެވެ. އަދި ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ނިންމަވާ ގޮތާ އެބޭކަލުން ރުހިވަޑައި ނުގެންފިނަމަ ދެން ޚަލީފާއަކަށް އައްޔަނުކުރައްވާނީ ޢަބްދުއްރަޙްމާން ބުން ޢައުފު رضي الله عنه ރުހިވަޑައިގަންނަވާ ބޭކަލެއްކަމުގައި އެންގެވިއެވެ. ދެން އެއަށްފަހު، ޝޫރާގެ ބޭކަލުންނަށް ހެޔޮ ދުޢާކޮށްދެއްވިއެވެ. [3]

 

_______________________________________________

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  އެބޭކަލުންގެ ތެރޭގައި ސަޢީދު ބުން ޒައިދު رضي الله عنه ގެ ނަންފުޅު ނުގެންނަވައެވެ. އެކަލޭގެފާނަކީ ޝޫރާގެ މަޖުލީހުގައި ހިމެނި ވަޑައިގެންނެވި ބޭކަލެކެވެ. ޢުމަރުގެފާނަށް ފަހު ޚަލީފާކަމަށް ވަޑައިގަންނަވާނީ އެމަޖުލީހުގެ ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އޭރު އެކަލޭގެފާނު ދުނިޔޭގައި ހުންނެވިކަމުގައި ވިޔަސް އެކަލޭގެފާނުގެ ނަންފުޅު ނުގެންނެވީ އެއީ ޢުމަރުގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއެއްގެ ދަރިކަލުންކަމުގައި ވީމައެވެ. މިފަދައިން ޢަމަލުކުރެއްވުމުން ދޭހަވަނީ އެކަލޭގެފާނުގެ ވަރަޢަވެރިކަމެވެ.

[2] ބައްލަވާ: صحيح البخاري (3700).

[3]  ބައްލަވާ: فتح الباري لابن حجر (7 / 67 – 68).