ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމުގެ މާނަ
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [ سورة الأحزاب ٥٦]
މާނައީ: “ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!”
ﷲ ތަޢާލާ، ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަކީ މަލާއިކަތުންގެ އަރިހުގައި އެކަލޭގެފާނަށް ޘަނާގެ ބަސްފުޅު ވަޙީކުރެއްވުމެވެ.
އަދި މަލާއިކަތުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަކީ އެކަލޭގެފާނަށްޓަކައި ދުޢާކުރެއްވުމެވެ.
ޞަލަވާތުގެ ތަފްސީރުގައި އަބުލް ޢާލިޔާ رحمه الله ވިދާޅުވެފައިވަނީ އެފަދައިންނެވެ. އިމާމު އަލްބުޚާރީ رحمه الله އެކަލޭގެފާނުގެ ޞަޙީޙުގައި ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ މި ބާބު ފައްޓަވަމުން އެފަދައިން ޛިކުރުކުރައްވާފައިވެއެވެ. އެއަށްފަހު އެކަލޭގެފާނު ގެންނަވާފައިވަނީ އިބްނު ޢައްބާސް رضي الله عنه ގެ ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ޞަލަވާތް ލެއްވުމަކީ ބަރަކާތް ލެއްވުމެވެ.” [1] އެބަހީ ބަރަކާތް ލެއްވުން އެދި ދުޢާކުރުމެވެ.
އަދި ﷲ ތަޢާލާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމުގެ ތަފްސީރުގައި އެއީ ފާފަ ފުއްސެވުމާއި ރަޙްމަތްލެއްވުމާއި އެކަލޭގެފާނުގެ މަތިވެރިކުރުންކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތުން އިބްނު ޙަޖަރު -رحمه الله- فتح الباري ގައި އެފަދައިން ވިދާޅުވެފައިވެއެވެ. [2] އަދި އިބްނުލް ޤައްޔިމުވެސް ވިދާޅުވެފައިވަނީ އެފަދައިންނެވެ. [3]
ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ސަލާމް ލެއްވުމުގެ މާނަ
السلام އަކީ ﷲ ތަޢާލާގެ އިސްމުފުޅެކެވެ. ސަލާމުގެ މާނައަކީ ސަލާމަތްތެރިވުމެވެ. އެހެންކަމުން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ސަލާމް ލެއްވުމުގެ މާނައަކީ އެންމެހާ އުނިކަންތައްތަކުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމެވެ. [4]
މަޞްދަރު: فضل الصلاة على النبي صلى الله عليه وسلم للشيخ عبدالمحسن العباد – حفظه الله –
[1] ބައްލަވާ: صحيح البخاري (6 / 120).
[2] ބައްލަވާ: فتح الباري لابن حجر (11 / 155 – 156).
[3] ބައްލަވާ: جلاء الأفهام لابن القيم (ص: 162).
[4] ބައްލަވާ: الصلات والبشر في الصلاة على خير البشر للفيروزآبادي (ص: 66).
ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުން