ޚަލީފާކަމަށް ޢުޘްމާނުގެފާނަށް އިސްކަންދެއްވުމަށް ޢުންމަތުގެ ޢާންމުން ބޭނުންވި ސަބަބުތައް
ޢުޘްމާނުގެފާނު އެބައިމީހުންގެ ޚަލީފާއަކަށްވުމަށް އުންމަތުގެ ޢާންމުން ބޭނުންވީ އަންނަނިވި ސަބަބުތަކަށްޓަކައިކަމަށް ބެލެވެއެވެ.
- އެންމެ މާތް ބޭކަލުންނަކީ އަބޫބަރުގެފާނުކަމާއި އެއަށްފަހު ޢުމަރުގެފާނުކަން އަދި އެއަށްފަހު ޢުޘްމާނުގެފާނުކަން، ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުއްސުރެ މީސްތަކުންނަށް އެނގިފައިވުން.
- ޢުޘްމާނުގެފާނުގެ ދީލަތިކަމާއި ޝޫރާގެ މަޖުލީހުގައި ތިއްބެވި އެހެން ބޭކަލުންނަށް ވުރެ ގިނައިން އެކަލޭގެފާނު ﷲ ގެ މަގުގައި ހޭދަކުރެއްވުމުން.
- ލަދުވެތިކަމާއި ޙިލްމުވެރިކަމާއި ރަޙުމްކުރެއްވުމާއި މުޢާމަލާތްކުރުމުގެ ފަސޭހަކަން ފަދަ ޢުޘްމާނުގެފާނުގެ ކިބައިގައި ހުރި ފާހަގަކޮށްލެވޭ ސިފަތަކުގެ ސަބަބުން.
އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި އޯގާތެރިކަމާއި ރަޙުމުކުރެއްވުންފަދަ ސިފަތަކަކީ އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ ބަލިކަށިކަމެއް ނޫނެވެ. އެހެނެއްކަމަކު އެ ސިފަފުޅުތަކާއެކު އެކަލޭގެފާނު ވެވަޑައިގެންނެވީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުތައް ޤާއިމުކުރެއްވުމުގައި ޙައްޤުގެ މަތީގައި ހުންނެވި ވަރުގަދަ ބޭކަލެއްކަމުގައެވެ. އިސްލާމީ އުންމަތުގެ އެކި ކަންކޮޅުތަޅުގައި މީސްތަކުންގެ ކަންކަން ހަވާލުކުރައްވާ ފޮނުއްވާފައި ތިއްބެވި ބޭކަލުންނަށް އެކަލޭގެފާނު ލިޔުއްވި ސިޓީފުޅުތަކުން އެކަމަށް ދަލީލުކޮށްދެއެވެ. އެކަލޭގެފާނު ލިޔުއްވިއެވެ.
“استعينوا على الناس وكل ما ينوبكم بالصبر والصلاة وأمر الله أقيموه ولا تدهنوا فيه”. [1]
މާނައީ: “ތިޔަބައިމީހުންނާ ހަވާލުކޮށްފައިވާ މީސްތަކުންގެ ކަންކަމުގައި ކެތްތެރިކަމާއި ނަމާދުން ވާގި އެދޭށެވެ. އަދި ﷲގެ އަމުރުފުޅުތައް ޤާއިމުކުރާށެވެ. އެކަމުގައި ދޫ ނުދޭށެވެ.”
އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރެއިން ވިޔަފާރިވެރި ބޭކަލެކެވެ. ނަބިއްޔާ صلى الله عليه وسلم ދީނަށް ގޮވާލައްވަން ފެއްޓެވުމުން ކުރީކޮޅުގައި އެކަލޭގެފާނު އިސްލާމުވެވަޑައިގަތީ އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ވިޔަފާރިއަށް ނުރައްކާ އޮތްކަން އެނގިވަޑައިގަންނަވާ ޙާލުގައެވެ. އަދި ބަނޫ އުމައްޔާގެ ވެރިންގެ ފަރާތުން އެކަލޭގެފާނަށް ކުރިމަތިވެދާނެ އުނދަގޫތައްވެސް އެނގިވަޑައިގަންނަވާ ޙާލުގައެވެ. ބަނޫ އުމައްޔާގެ ވެރިންގެ ތެރެއިން އަބޫ ސުފްޔާނާއި ރަބީޢާގެ ދެ ދަރިންކަމުގައިވާ ޢުތުބާއާއި ޝައިބާ އަދި އަލްޙަކަމު ބުން އަބިލްޢާޞްފަދަ މީހުންނަކީ އޭރު ނަބިއްޔާ صلى الله عليه وسلم އަށް އެންމެ ބޮޑަށް ޢަދާވާތްތެރިވި މީހުންނެވެ. މިކަންކަމުންވެސް އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ވަރުގަދަކަން ދޭހަކޮށްދެއެވެ.
އަދި މީގެ އިތުރުން އެކަލޭގެފާނުގެ ޚަލީފާކަމުގައި އިސްލާމީ ދަޢުލަތް އިތުރަށް ފުޅާކުރެއްވުމާއި އެކަލޭގެފާނުގެ ޚަލީފާކަމުގެ މުއްދަތު ދިގުވެގެން ދިއުމަކީވެސް އެކަމަށް ދަލީލުކުރާ ކަންކަމެވެ. މި ހުރިހާކަމަކުން ދަލީލު ކުރަނީ ޢުޘްމާނުގެފާނުގެ ވަރުގަދަކަމާއި ޙައްޤު މަތީގައި ޘާބިތުވެ ހުންނެވި މިންވަރާ އަދި އެކަލޭގެފާނުގެ ކިބައިގައި ހުންނެވި އޯގާތެރިކަމާއި ކުލުނުގެ ޚާއްޞަ ސިފައަށެވެ.
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] تاريخ دمشق لابن عساكر (39 / 246).