[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 20

އަދިވެސް މީސްތަކުންނަށް އޮޅުވާލުމަށްޓަކައި މުލްޙިދުން ދައްކާ ވާހަކަތަކުގެ ތެރޭގައި: އިސްލާމްދީނުގައި ބުއްދިއާ ތަޢާރުޟުވާ، ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުންނަކަމުގައި އެބައިމީހުން ބުނެއެވެ. އަދި އެއަށް ބާރުދިނުމަށް އޮޅުން އަރާފަދަ ވާހަކަތަކެއްވެސް އެބައިމީހުން ދައްކައެވެ.

 

އޭގެ އެއް މިޘާލަކީ:

ޢަރުޝީގެ ދަށަށް ގޮސްފައި (ﷲއަށް) އިރު ސަޖިދަ ޖަހާކަމަށް [1] އޮންނަ ޙަދީޘަކީ އެއީ ޤަބޫލުކުރެވޭނެ ޙަދީޘެއް ނޫންކަމުގައި އެބައިމީހުން ބުނެއެވެ!

އެހެނަސް އެ ޙަދީޘްގެ ތެދުކަން އިޢުތިޤާދުކުރުމުގައި  އަދި އެ ޙަދީޘަށް އީމާންވުމުގައި އީމާންކަމުގެ އަހުލުވެރިންގެ ހިތުގައި ކުޑަވެސް ޝައްކެތް ނުވެއެވެ. އެހެނީ އެއީ އެބޭކަލެއްގެ ބަސްފުޅު ތެދު އަދި ތެދުކުރެވޭ ބޭކަލެއްގެ ބަސްފުޅެވެ. އަދި ކިއެއް ހެއްޔެވެ! އެއީ ޙަދީޘްތަކުގެ ތެރެއިންވެސް ޞައްޙަކަން ބޮޑު ޙަދީޘެކެވެ.

އީމާންކަމުގެ އަހުލުވެރިންގެ ގާތުގައި އެ ޙަދީޘްގެ މާނައަކީ: އިރު އޭގެ ފަލަކުގައި ދަތުރުކުރަމުން ވަކި ހިސާބަކަށް ގޮސްފައި ޢަރުޝީގެ ދަށުގައި، ﷲ އަށް ސަޖިދަކުރާ ކަމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އުޑާއި އުޑުގައި ވާހާ އެއްޗެއް އެވަނީ ޢަރުޝީގެ ދަށުގައެވެ. އަހަރެމެންނަކަށް އިރު އެ ސަޖިދަ ކުރާ ގޮތް ނޭނގުނު ނަމަވެސް އެއީ ހިނގާ ކަމެކެވެ.

 

ފަހެ މުލްޙިދުން މުސްލިމުން ފިތުނަވެރި ކުރަންވެގެން މި ޙަދީޘް ގެނެއެވެ. އެބައިމީހުންނަކީ އިންސާފުވެރި ބައެއް ނަމަ އަޞްލު ޙަޤީޤަތުގައި މި ޙަދީޘުން ފިތުނަވެރިވާނީ އެބައިމީހުންނެވެ. ފަހެ އަންނަނިވި ދެ ބުނުމުގެ ތެރެއިން ބޮޑަށް ޤަބޫލު ކުރެވޭނީ ކޮން ބުނުމެއް ހެއްޔެވެ.

ފުރަތަމަ ބުނުން: އެހާ ހޫނު ގަދަ، ބޮޑު އިރެއް، އުޑުގައި ކަނޑައެޅިފައިވާ ވަކި މަގަކުން، ވަކި ތަރުތީބަކުން ދައުރުކޮށް، އެ މަގުން އެއްކިބާ ނުވެ މެދުކެނޑުމެއް ނެތި ދަތުރުކުރަމުން ދެއެވެ. އެ އިރު އުފެދުނީ ކުއްލިއަކަށް، އެއްވެސް ޚާލިޤަކު ނެތި ކަމުގައި އެބައިމީހުން ދަޢުވާ ކުރެއެވެ.

ދެވަނަ ބުނުން: ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި، ޚާލިޤުވަންތަ ﷲ، ޚަލްޤުކުރައްވާފައިވާ މަޚްލޫޤެއްކަމުގައިވާ އިރު، އެއިލާހު އިރާދަކުރެއްވި ގޮތަކަށް އޭގެ ކަންތައް ހިނގަމުން ދެއެވެ. އެއިލާހު އެ ލައްވާފައިވާ ގޮތަކީ، ވަކި ހިސާބަކުން ޢަރުޝީގެ ދަށުގައި އެ ސަޖިދަކުރުމަށެވެ. އެއީ އަހަރުމެންނަށް އެކަން އިޙްސާސް ނުވާފަދަ ގޮތަކަށް ނުވަތަ އޭގެ ޙަޤީޤަތް ނޭނގޭފަދަ ގޮތަކަށެވެ.

ފަހެ ޝައްކެއްވެސް ނެތް ގޮތުގައި ހުރިހާ ބުއްދިވެރިންގެ ގާތުގައިވެސް، މީގެ ތެރެއިން ޤަބޫލުކުރުން އެންމެ އައުލާވެގެންވަނީ ދެވަނަ ބުނުމެވެ.

 

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް

 

 [1]އަބޫ ޛައްރު  رَضِيَ اللَّهُ عَنْهُ ގެ އަރިހުން އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި (4802) ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އިރުއޮއްސުނު ވަގުތުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ތިމަންކަލޭގެފާނު މިސްކިތުގައި ހުންނެވީމެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ އަބޫ ޛައްރެވެ! އިރު އޮއްސެނީ ކޮންތާކަށް ކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ އެ ގޮސްފައި ޢަރުޝީގެ ދަށުގައި ސަޖިދަ ކުރެއެވެ. ފަހެ އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ﴿وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ﴾ [سورة يس ٣٨] މާނައީ: ” އަދި އިރު، އެއަށް ކަނޑައެޅި ޤަރާރުވަނިވި ތަނަކަށް ދާނދެން ދަތުރުކޮށްކޮށް ހުރެއެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހު މިންވަރުކުރައްވާފައިވާ ގޮތެވެ.”