ހެކިބަސް ނުވަތަ ޝަހާދާގެ މަޝްރޫޢިއްޔަތު
ޤުރުއާނުން
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ أَن تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ﴾ [البقرة 282]
މާނައީ: “ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެ ހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެ ފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިން ކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުން ކުރެ އެކަކަށް (ހަނދާންނެތި ވެ) މަގު އޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެ ހިނދު އެ ދެ އަންހެނުން ކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ. އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ!”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿وَأَشْهِدُوا ذَوَيْ عَدْلٍ مِنكُم﴾ [الطلاق 6]
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!”
މި ދެ އާޔަތުގެ އިތުރުންވެސް ޝަހާދާ ޝަރުޢުވެގެންވާކަމުގެ މައްޗަށް ދަލީލު ލިބޭ އާޔަތްތައް ޤުރުއާނުގައި ވެއެވެ.
ސުންނަތުން
ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުގައި ޝަހާދާގެ ނުވަތަ ޝަފަހީ ހެކި މަޝްރޫޢުވެގެން ވާކަމުގެ މައްޗަށް ދަލީލު ލިއްބައިދޭ ކިތަންމެ ޙާދިޘާއެއް، ޙަދީޘެއް ވެއެވެ. މީގެ ތެރޭގައި އަންނަނިވި ދެ ޙަދީޘް ހިމެނެއެވެ.
ފުރަތަމައީ:
އަލްއަޝްޢަޘު ބުން ޤައިސު ޚުޞޫމާތަކައިގެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ވަޑައިގަތުމުން އިތުރުއެކަލޭގެފާނު އަލްއަޝްޢަޘަށް ޙަދީޘް ކުރެއްވިއެވެ.
« شَاهِدَاكَ أوْ يَمِينُهُ » [صحيح البخاري 2669]
މާނައީ: “ކަލޭގެފާނު ދެ ހެކީން (ގެންނަވާށެވެ!) ނުނީވިއްޔާ އަނެއް ޚަޞްމުގެ ހުވާއަށް މައްސަލަ ނިންމޭނެއެވެ.”
ދެވަނައީ:
ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«أَلَا أُخْبِرُكُمْ بِخَيْرِ الشُّهَداءِ الَّذِي يَأْتِي بِشَهادَتِهِ قَبْلَ أنْ يُسْأَلَها» [صحيح مسلم 1719]
މާނައީ: “ހެކިވެރީން ކުރެ އެންމެ ހެޔޮ ހެކިވެރީންގެ ޚަބަރު ތިޔަބޭކަލުންނަށް ތިމަންކަލޭގެފާނު ދެއްވަން ތޯއެވެ؛ އެއީ އޭނާގެ ކިބައިން އެދެވުމުގެ ކުރިއަށް ހެއްކައިގެން އަންނަ މީހާއެވެ.”[1]
އިޖުމާޢުން
ޝަހާދާ ނުވަތަ ހެކިބަސް އުފުލުމާއި ހެކިބަސް އަދާ ކުރުން މަޝްރޫޢުވެގެންވާކަމުގެ މައްޗަށް ދަންނަބޭކަލުން ވަނީ އިޖުމާޢު ނަޤުލު ކުރައްވާފައެވެ. އިޖުމާޢު ނަޤުލު ކުރައްވާފައިވާ ބޭކަލުންގެ ތެރޭގައި އިބްނުލް މުންޛިރު[2] (ނޔވ 319)، ޤާޟީ އަބުއްޠައްޔިބު އައްޠަބަރީ [3] (ނޔވ 450)، އިބްނު ޤުދާމާ [4] (ނޔވ 620) އަދި މި ނޫން ވެސް ކިތަންމެ ބޭކަލެއް ހިމެނެއެވެ.
[1] މި ޙަދީޘްގެ ޝަރަޙައިގައި އިމާމު ނަވަވީ (ނޔވ 676) ވިދާޅު ވިއެވެ.
“މި ޙަދީޘްގެ މުރާދާ މެދުގައި ދެ ބަސްފުޅެއް ވެއެވެ. އޭގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑީ އިމާމު މާލިކާއި ޝާފިޢީގެފާނުގެ އަޞްޙާބުން [އެބަހީ: ޝާފިޢީ ޢިލްމުވެރީން]ގެ ބަސްފުޅެވެ. އެ ބޭކަލުން މި ޙަދީޘްގެ މުރާދުކަމުގައި ވިދާޅުވަނީ އިންސާނެއްގެ ޙައްޤަކާ ގުޅިގެން މީހަކު ހެކި އުފުލާފައިވާ ނަމަ، އަދި އެ ޙައްޤުގެ ވެރިފަރާތަށް އެ މީހާއީ ހެއްކެއްކަން ނޭނގޭ ނަމަ؛ ހެކި އުފުލާފައިވާ މީހާ، ޙައްޤުގެ ވެރިފަރާތަށް އޭނާއީ ޝާހިދެއްކަމުގެ ޚަބަރުން ޚަބަރު ކުރުމެވެ.
ދެވަނަ ބަސްފުޅަކީ: ޙަދީޘްގައި އައިސްފައިވާ ބަސްފުޅުގެ މުރާދަކީ ޙިސްބައިގެ ކަންކަމުގައި ހެކިބަސް ދިނުމެވެ. އެއީ އާދަމުގެ ދަރީންނަށް ޚާއްޞަވާ ޙައްޤުތައް ނުހިމެނޭ ކަންކަމުގައެވެ. އެހެންކަމުން ޙިސްބާގެ ހެކިބަސް ވަރީގެ މައްސަލަތަކާއި އަޅުން މިނިވަން ކުރުމުގެ މައްސަލަތަކާއި ވަޤުފާއި ޢާންމުވެގެންވާ ވަޞިއްޔަތުގެ މައްސަލަތަކާއި ޙައްދުތަކުގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ހެކިބަސް، ހެކިބަހަށް އެދެވުމުގެ ކުރިއަށް، އަދާކުރުމުން ވެސް ބަލައިގަނެވޭނެއެވެ. މިފަދަ ކަމެއްގެ މަޢުލޫމާތެއް މީހަކަށް ލިބިއްޖެނަމަ، އެ މަޢުލޫމާތެއް ޤާޟީއެއްގެ އަރިހަށް އުފުލައި ޤާޟީއަށް އެ މަޢުލޫމާތެއް ދީ، ހެކިބަސް އަދާކުރުން ވާޖިބު ވާނެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿وَأَقِيمُوا الشَّهَادَةَ لِلَّهِ ۚ﴾ [الطلاق 2]
މާނައީ: “އަދި ﷲއަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ!”
ހަމަ މި ގޮތަށް މި ފުރަތަމަ ބުނެވުނު ބަސްފުޅުގައިވާ ގޮތުން ވެސް، ހެކި އުފުލި މީހާއަށް ޙައްޤުގެ ވެރިފަރާތަށް އޭނާ ހެކި އުފުލާފައިވާކަން ނޭނގޭ ނަމަ، އެ މަޢުލޫމާތު ފޯރުކޮށްދިނުން ލާޒިމުވާނެއެވެ. އެހެނީ އެއީ ހެކި އުފުލި މީހާގެ ކިބައިގައިވާ ޙައްޤުގެ ވެރިފަރާތުގެ އަމާނާތެއްކަމުގައި ވާތީއެވެ.” – المِنْهَاج شَرْح صَحِيح مُسْلِم بن الحَجَّاج لِلنَّوَوِيّ (12/17)، دَار إحْيَاء التُّرَاث العَرَبِي – بَيْرُوت، 1392.
[2] الإِجْمَاعُ لِابْن المُنذِرِ (ޞ 82)، دَارُ العَاصِمَة، 1438.
[3] التَعْلِيقَةُ الكُبْرىٰ في الفُرُوع لِأَبِي الطَّيِّب الطَّبَرِي (ޞ 79)
[4] المُغْنِي لِابْن قُدَامَة (10/128)، مَكْتَبَةُ القَاهِرَة، 1388.