ޢުޘްމާން رضي الله عنه ކުރެއްވި ކަންކަން
އެކަލޭގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ފިތުނަތަކެއް ކުރިމަތި ވިޔަސް، އެކަލޭގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އަގުހުރި، މުހިންމު ކަންތައްތަކެއް ކުރެއްވިއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
- ޢުބައިދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބުގެ ޤަޟިއްޔާގައި ގޮތް ނިންމެވުން
- ޤުރުއާން ޖަމާކުރެއްވުން
- ހުކުރު ނަމާދުގެ ވަގުތު ވަނުމުގެ ކުރިން ފުރަތަމަ ބަންގިގޮވަން ފެއްޓެވުން
- ނަބިއްޔާ صلى الله عليه وسلم ގެ މިސްކިތްކޮޅު ބޮޑުކުރެއްވުން
- ފަތަޙަކުރެއްވުމުގެ މަސައްކަތްތައް (الفتوحات) ކުރިއަށް ގެންދެވުން
ދެން މި ކަންކަމަށް ތަފްސީލުކޮށް ބަލާލާނަމެވެ.
-
ޢުބައިދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބުގެ ޤަޟިއްޔާގައި ގޮތް ނިންމެވުން
އެކަލޭގެފާނު ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ މިއީއެވެ. ޢުބައިދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބު ވަނީ ހުރްމުޒާނާއި ޖުފައިނަތު އައްނަޞްރާނީ އަދި ޢުމަރުގެފާނު ޝަހީދުކޮށްލި އަބޫ ލުއުލުއާ އަލްމަޖޫސީގެ އަންހެން ދަރިއަކު ޤަތުލުކޮށްފައެވެ.
މިކަން ހިނގަން މެދުވެރިވި ސަބަބާމެދު ދަންނައެވެ. ޢުމަރުގެފާނަށް ހަމަލާ ދިން ރޭގައި ހުރްމުޒާނާއި ޖުފައިނަތު އައްނަޞްރާނީ އަދި އަބޫ ލުއުލުއާ ސައްލާކުރަން ތިއްބާ ޢަބްދުއްރަޙްމާން ބުން އަބޫބަކުރަށް ފެނިވަޑައިގެންނެވިކަމަށާއި އެބައިމީހުންނަށް އެކަލޭގެފާނު ފެނުމުން އެބައިމީހުން ކަންތައް ބޮޑުވެ އަވަސްއަރުވައިގަތުމުން އެބައިމީހުންގެ އަތުން ޚަންޖަރެއް ވެއްޓުނުކަމަށާއި އޭގައި ދެމިޔަވާ ކަމަށާއި އޭގެ މޮށްގަނޑުވަނީ މެދުގައިކަމަށް އެކަލޭގެފާނު ހެކިބަސް ދެއްވިއެވެ. ދެން ޢުމަރުގެފާނަށް ހަމަލާދިން ޚަންޖަރު ގެނައިއިރު އެ އޮތީ ޢަބްދުއްރަޙްމާން ބުން އަބޫބަކުރު ޞިފަކޮށްދެއްވި ގޮތަށެވެ.
އެހެންކަމުން ޢުބައިދުﷲ ޤަބޫލުފުޅުކުރެއްވީ، އެކަލޭގެފާނުގެ ބައްޕާފުޅު ޝަހީދުކޮށްލުމުގައި އެބައިމީހުންގެ ބައިވެރިވުން އޮތްކަމަށެވެ. ދެން އެކަލޭގެފާނުގެ ބައްޕާފުޅު ޝަހީދުކޮށްލުމުގެ ބަދަލުހިއްޕެވުމުގެ ގޮތުން އެފަދައިން ކަންތައް ކުރެއްވީއެވެ.
މި ޤަޟިއްޔާގައި ޢުޘްމާނުގެފާނު ނިންމެވީ މިކަމުގައި ޝުބުހައެއް އޮތުމުން ޢުބައިދުﷲ ބުން ޢުމަރުގެ ކިބައިން ޤިޞާޞް އެއްކިބާކުރައްވާ، އެކަލޭގެފާނުގެ އަމިއްލަފުޅު މުދަލުން ދިޔަ ދެއްވުމަށެވެ. [1] އެ ޝުބުހައަކީ ހުރްމުޒާން ޢުމަރުގެފާނު ޤަތުލުކޮށްލުމުގައި ބައިވެރިވެފައި ވުމެވެ. [2]
އަދި ރިވާވެގެން އައިސްފައިވެއެވެ. ޢުޘްމާނުގެފާނު ހުރްމުޒާންގެ ދަރި، ޤަމާޛްބާން ގެންނެވިއެވެ. އަދި މަދީނާގެ އަހުލުވެރިން ޢުބައިދުﷲ ދޫކޮށްލުމަށް ޤަމާޛްބާނުގެ ގާތުން އެދުމުން، ޤަމާޛްބާން އެކަލޭގެފާނަށް މާފުކޮށް ދޫކޮށްލެއްވިއެވެ. [3]
އަބޫ ލުއުލުއާގެ އަންހެން ދަރިއަކީ މަޖޫސީއެކެވެ. އަދި ޖުފައިނާއަކީ ނަޞާރާއެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا يُقْتَلُ مُسْلِمٌ بِكَافِرٍ» [رواه الترمذي (1413)، وحسنه الألباني في إرواء الغليل (2209)]
މާނައީ: “ކާފިރެއްގެ ބަދަލުގައި (ޤިޞާޞްހިފުމުގެ ގޮތުން) މުސްލިމަކު ނުމަރާހުށިކަމެވެ.”
އެހެންކަމުން ޢުޘްމާނުގެފާނު އެ ދެ މީހުންނަށް ދިޔައެއް ނުނަންގަވައެވެ. [4]
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ޙައްދު ޤާއިމު ކުރާ މީހާގެ މައްޗަށް ޤަޟިއްޔާއެއްގައި އެފަދަ އޮޅުން އަރާފަދަ ކަންކަން ހުރިނަމަ އެމީހެއްގެ މައްޗަށް ޙައްދު ޤާއިމު ނުކުރުމަށް ބައެއް ޞަޙާބީ ބޭކަލުންގެ އަރިހުން ޞައްޙަ މަގުން ވާރިދުވެފައި ވެއެވެ. (ބައްލަވާ: نيل الأوطار للشوكاني (7 / 125)) އެހެނަސް ޙާކިމާއަށް އެފަދަ މީހަކު އަދަބުވެރިކުރުމުގެ ގޮތުން ތަޢުޒީރު ކުރެވިދާނެއެވެ. އެއީ އެއްވެސް ބެލުމެއް ނެތި އަދި ތަޙްޤީޤެއް ނެތި މުޖުތަމަޢުގައި ބާޠިލު ދަޢުވާތަކުގައި މީސްތަކުން މަރާފާނެތީއެވެ. މުސްލިމުންގެ ތެރޭގައި މުސްލިމުންގެ ހުއްދަ ލިބިގެން، އަމާންކަމާ އެކު އުޅޭ ކާފިރުންވެސް އެފަދައިން މަރާ ނުވަތަ އަނިޔާކޮށްގެން ނުވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الجَنَّةِ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا» މާނައީ: “(މުސްލިމުންނާ) މުޢާހަދާކޮށްފައިވާ މީހަކު މަރައިފިމީހަކު ދަންނައެވެ. އޭނާއަށް ސުވަރުގޭގެ ވަސްވެސް ނުދުވާނެއެވެ. އަދި ހަމަކަށަވަރުން އެތަނުގެ ވަސް ސާޅީސް އަހަރުދުވަހުގެ ރާސްތާއަށް ހުރެއެވެ.” ސަލަފުންގެ ދުވަސްވަރު މިފަދަ ބައެއް ވާޤިޢާތައް ވަނީ ހިނގާފައެވެ. ޙާކިމާގެ އަމުރު ނެތި، ބައެއް އަފުރާދުންވަނީ އަމިއްލައަށް މިފަދަ ޙުކުމް ތަންފީޒުކޮށްފައެވެ. އެހެނަސް އެފަދަ ޤަޟިއްޔާއެއް ޙާކިމާގެ ގާތަށް އައުމުން އެކަން ތަޙްޤީޤުކޮށްފައި އެކަން ކުރި މީހާ މައުޞޫމު މީހަކު މަރާފައިވާނަމަ ޤިޞާޞްގެ ހައްދު ޤާއިމުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ނުވަތަ މިޙާދިޘާގައި މިވާފަދަ ޝުބުހައެއް އޮތްނަމަ ޤީޞާޞްގެ ޙައްދު ޤާއިމު ނުކޮށްވެސް ފާނެއެވެ. އެހެނަސް އެފަދަ މީހެއް ތަޢުޒީރުކުރުމުގެ ބާރު ޙާކިމާގެ އަތުގައި ވެއެވެ. އެހެނީ އެފަދަ ކަންކަން ރަނގަޅަށް ތަޙްޤީޤު ނުކޮށް، ހީއެއްގެ މައްޗަށް ކުރުމަކީ މުޖުތަމަޢުގައި ބޮޑެތި ފިތުނަތައް ފާޅުވެ، ލޭ އޮހޮރުވުންތަކަށް މަގު ފަހިވެދާނެ ކަންކަމެވެ. (ބައްލަވާ: تيسير العزيز الحميد لسليمان بن عبدالله (ص: 646) وحلية المستفيد لعبدالكريم الخضير (ص: 640)).
[2] ބައްލަވާ: العواصم من القواصم بابن العربي بتحقيق محب الدين الخطيب (ص: 117 – 119).
[3] ބައްލަވާ: تاريخ الطبري (4 / 243 – 244).
[4] ބައްލަވާ: العواصم من القواصم بابن العربي بتحقيق محب الدين الخطيب (ص: 117 – 119).