[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ފިޤުހީ ޤަވާޢިދުތައް ޢިލްމުވެރިން ކަނޑައަޅުއްވާފައިވަނީ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ. އެއީ ޤުރުއާނާއި ސުންނަތުގެ އެތައް ދަލީލަކުން ވާރިދުވެފައިވާ ގޮތް ބައްލަވާ، އޭގެ އަލީގައި އެބޭކަލުން އިސްޠިންބާޠުކުރައްވާފައިވާ ޤަވާޢިދުތަކެކެވެ. އަދި ސުންނަތް ޖަމާޢަތުގެ ބައެއް ޢިލްމުވެރިން މިކަމަށް ޚާއްޞަ ފޮތްތައް ލިޔުއްވައި އަދި އެބޭކަލުންގެ ލިޔުންތަކުގައި އެ ޤަވާޢިދުތައް ބޭނުންކުރައްވާފައިވެސް ވެއެވެ. އެއީ އެއްވެސް ޙާލެއްގައި އެބޭކަލުންގެ ހަވާ ނަފްސުން އެބޭކަލުން ގެންނަވާފައިވާ ޤަވާޢިދުތަކެއް ނޫނެވެ.

މި ލިޔުމުގައި ގެނެސްދޭނީ މިފަދައިން އެބޭކަލުން ބަޔާންކުރައްވާފައިވާ މުހިންމު ދެ ޤަވާޢިދަކާއި އޭގެ ދަލީލުތަކާއި ޝަރަޙައެވެ.

 


 

ޤަވާޢިދު: މަޞްލަޙަތުތަކަކާއި ފަސާދަތަކެއް ފުށު އަރައިފިނަމަ، ރިޢާއަތްކުރެވޭނީ އެންމެ މަތީ މަޞްލަޙަތު ޙާޞިލުކޮށްފައި އެންމެ ގެއްލުން ބޮޑު ގޮތް އެއްކިބާކުރުމަށް [1]

 

މި ޤަވާޢިދު ބިނާކޮށްފައިވަނީ ދެ ޖުމްލައެއްގެ މައްޗަށެވެ. އެ ދެ ޖުމްލައިން ކޮންމެ ޖުމްލައަކީވެސް ޤަވާޢިދެކެވެ. އޭގެ ތެރެއިން ކޮންމެ ޖުމްލައެއް ބައެއް ޢިލްމުވެރިން ގެންނަވާފައިވަނީ ވަކި ޤަވާޢިދެއްގެ ގޮތުގައެވެ. ޢިއްޒު ބުން ޢަބްދުއްސަލާމާއި [2] އައްސަޢުދީ [3] ވަނީ އެފަދައިން ޢަމަލުކުރައްވާފައެވެ.

އަދި މަޞްލަޙަތުގެ ބާބުގައި މި ޤަވާޢިދު ގެންނަވާފައި ފަސާދައިގެ ބާބުގައި ނުގެންނަވާ ބައެއް ޢިލްމުވެރިން ވަނީ އެމިންވަރުން ފުއްދާލައްވާފައެވެ. އެއީ އިބްނު ތައިމިއްޔާ [4] ޢަމަލުކުރައްވާފައިވާ ގޮތެވެ.

އަދި އަނެއްބައި ޢިލްމުވެރިންވަނީ ފަސާދައިގެ ބާބުގައި އެ ގެންނަވާފައި މަޞްލަޙަތުގެ ބާބުގައި އެ ނުގެންނަވައެވެ. އެބޭކަލުންގެ ތެރޭގައި: ސުބުކީއާއި [5] އިބްނު ރަޖަބާއި [6] ސުޔޫޠީއާއި [7]އިބްނު ނުޖައިމާއި [8] ވަންޝަރީސީ [9] އާއި އެ ނޫން ބޭކަލުންވެސް ހިމެނިވަޑައިގަންނަވައެވެ. އެބޭކަލުން އެ ގެންނަވާފައިވަނީ އެކި ޢިބާރާތްތަކުންނެވެ. އެހެނަސް މާނައިގައި އެބޭކަލުން އިއްތިފާޤުވެވަޑައިގަންނަވައެވެ. ނުވަތަ ގާތްކުރާ މާނައެއްގައި ގެންނަވައެވެ. [10]

ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ޤަވާޢިދުގެ އަޞްލަކީ: “الضَّرَرُ يُزَالُ” (މާނައީ: ގެއްލުން އެއްކިބާކުރަން ޖެހެއެވެ.) މި ޤަވާޢިދެވެ. ނުވަތަ މިއީ ޤަވާޢިދުން އިސްތިޘްނާ ކުރެވޭ ޤަވާޢިދެކެވެ. [11]

މި ދެ ޤަވާޢިދުގެ ދެމެގައިވާ ވަރުގަދަ ގުޅުމުގެ ސަބަބުން އަޅުގަނޑަށް ފެނުނީ މި ދެ ޤަވާޢިދު އެކުއެކީގައި ގެނައުމަށެވެ. އެހެނީ ޙާޞިލުކުރާ ކޮންމެ މަޞްލަޙަތެއްގައި ފަސާދަ އެއްކިބާކުރުން ވެއެވެ. އަދި ފަސާދަ އެއްކިބާ ކުރެވޭ ކޮންމެ ފަހަރަކު މަޞްލަޙަތު ޙާޞިލުވުން އެކަމުގައި ވެއެވެ.

ހަމައެކަނި މަޞްލަޙަތުގެ ބާބުގައި މި ޤަވާޢިދު ގެންނެވި ބޭކަލުން ނުވަތަ ހަމައެކަނި ފަސާދައިގެ ބާބުގައި މި ޤަވާޢިދު ގެންނެވި ބޭކަލުންވެސް އެވަނީ އެފަދަ ގޮތަކަށް ބައްލަވާފައެވެ. ބައެއް ޢިލްމުވެރިންވަނީ މަޞްލަޙަތަށް ނުވަތަ ފަސާދަތަކަށް ޚާއްޞަ ކުރައްވައިގެން ބައެއް ފޮތްތައްވެސް ލިޔުއްވާފައެވެ. އޭގެ ތެރޭގައި އިބްނު ޢަބްދުއްސަލާމް ލިޔުއްވާފައިވާ ” قواعد الأحكام في مصالح الأنام” [12] އާއި ޝާޠިބީ ލިޔުއްވާފައިވާ “الموافقات” [13] ހިމެނެއެވެ.

 


 

[1]  القواعد والضوابط الفقهية المتضمنة للتيسير ل عبد الرحمن بن صالح العبد اللطيف (ص: 89 – 102).

[2]  ބައްލަވާ: قواعد الأحكام (1 / 60 ،  62، 93).

[3]  ބައްލަވާ: رسالته في القواعد الفقهية (ص : 16- 18).

[4]ބައްލަވާ:  القواعد النورانية (ص: 101).

[5] ބައްލަވާ:  الأشباه والنظائر له (1/ 45 – 47) ، والأشباه والنظائر لابن الوكيل مع حاشية المحقق (2 / 50).

[6] ބައްލަވާ:  القواعد له (ص: 246).

[7] ބައްލަވާ:  الأشباه والنظائر له (ص: 87).

[8] ބައްލަވާ:  الأشباه والنظائر له (ص : 89).

[9] ބައްލަވާ:  إيضاح المسالك إلى قواعد الإمام مالك (ص: 370).

[10]ބައްލަވާ:   الفروق للقرافي ( 2 / 126 – 127) ، والقواعد للمقري ( 1 / 294) ، و( 2 / 456 )، وإيضاح المسالك (ص: 234)، والمجلة وشرحها (1 / 31 – 32 )، والقواعد الفقهية للندوي (ص: 276 – 277.(

[11] ބައްލަވާ:  الأشباه والنظائر للسبكي (1 / 45 – 47) ، والأشباه والنظائر للسيوطي (ص: 87) ، والأشباه والنظائر لابن النجيم (ص : 89).

[12] ބައްލަވާ:  قواعد الأحكام (1/ 10 – 11.(

[13] ބައްލަވާ:  الموافقات في خطبته ( 1 / 23) ، ومقدمة الشارح (1 / 6).

 

އެންމެ ބޮޑު ފަސާދަ އެއްކިބާކުރުން – އެހެން ބައިތައް