ހެކިވެރިޔާގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުޠުތަކުގެ ތަފްޞީލު
މުސްލިމަކުކަމުގައިވުން
ހެކިބަސް އަދާ ކުރެވެނީ މުސްލިމެއްގެ މައްޗަށް ނުވަތަ މުސްލިމަކަށްޓަކައި ކަމުގައިވީ ނަމަވެސް، ހެކިބަސް އަދާ ކުރާ މީހާއަކީ މުސްލިމެއްކަމުގައިވުން ޝަރުޠުވެގެން ވެއެވެ.
ދަލީލު: ޤުރުއާނުން
- ﴿وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ﴾ [البقرة 282] މާނައީ: “ތިޔަބައިމީހުންގެ ފިރިހެނުން ކުރެ ދެ ހެކީން ހެކި ކުރާށެވެ! ދެ ފިރިހެނުން ނުވިނަމަ، ހެކީން ކުރެ ތިޔަބައިމީހުން އެ ބަޔަކާ މެދު ރުހޭ ފިރިހެނަކާއި ދެ އަންހެނުންނެވެ.”
- ﴿وَأَشْهِدُوا ذَوَيْ عَدْلٍ مِنكُم﴾ [الطلاق 6] މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!”
- ﴿وَلَن يَجْعَلَ اللَّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا﴾ [النساء ١٤١] މާނައީ: “އަދި މުއުމިނުންގެ މައްޗަށް ކާފިރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވާނެތެވެ.”
އާޔަތުން ދަލީލު ލިބޭ ގޮތް:
ފުރަތަމަ ދެ އާޔަތުގައި “ތިޔަބައިމީހުން ކުރެ” ހެކީން ހެކި ކުރުމަށާއި “ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން”، މިފަދައިން ﷲ ތަޢާލާ އަންގަވައިފައިވުމުން އެނގެނީ ހެކީންކަމުގައި ވާން ޖެހޭނީ އަހަރެމެންގެ ތެރެއިންވާ މީހުންކަމެވެ. ކާފިރުންނަކީ މުސްލިމުންގެ ތެރެއިންވާ މީހުން ނޫންކަމުން މި ދެ އާޔަތުގައި “ތިޔަބައިމީހުންގެ ތެރެއިން” އޭ، މިފަދައިން އަންގަވާފައި ވާ ބަސްފުޅުގެ ތެރެއަށް ކާފިރުން ނުވަންނާނެއެވެ. މިކަން ތިންވަނައަށް އެ އޮތް އާޔަތުން ކަށަވަރު ވެއެވެ. “މުއުމިނުންގެ މައްޗަށް ކާފިރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވާނެތެވެ.” ހެކިބަސް އަދާ ކުރުމަކީ އެ ހެކިބަސް އެ މީހަކާ ދެކޮޅަށް އެ އަދާ ކުރެވޭ މީހާގެ މައްޗަށް ހެކިބަސް އަދާ ކުރާ މީހާއަށް ބާރެއް ލިބި ދޭ ކަމެކެވެ.[1] އެހެންކަމުން މުސްލިމެއްގެ މައްޗަށް އެފަދަ ބާރުވެރިކަމެއް ކާފިރަކަށް ލިބިދިނުން ޙުއްދަ ނުވުމުން މުސްލިމަކަށް ކާފިރަކު ހެކިބަސް ދިނުންވެސް ޙުއްދަ ނުވީއެވެ.
ދަލީލު: އިޖުމާޢު
ދަތުރެއްގެ މަތީގައި ވަޞިއްޔަތަކަށް ހެކިކޮށް ހެކިބަސް ނެގުން ފިޔަވައި، މުސްލިމެއްގެ މައްޗަށް ހެކިބަސް ދޭ މީހާއަކީ މުސްލިމެއްކަމުގައި ވުމުގެ މައްޗަށް އިބްނު ރުޝްދު[2] (ނޔވ 595)، އިބްނު ޤުދާމާ[3] (ނޔވ 620) އަދި އިބްނު ޙަޒްމު[4] (ނޔވ 456) އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
މުސްލިމަކަށް ކާފިރަކު ދޭ ހެކިބަހާ މެދުގައި ދަންނަބޭކަލުންގެ މެދުގައި އުފެދިފައިވާ ޚިލާފެއް އުފެދިފައިވަނީ ހަމައެކަނި ދަތުރެއްގެ މަތީގައި މުސްލިމެއްގެ ވަޞިއްޔަތެއްގެ މައްޗަށް ހެކި ކުރުމާ މެދުގައެވެ. މި މައްސަލައިގައި ދަންނަބޭކަލުން ކުރެ ޖުމުހޫރު – ޙަނަފީ[5]، މާލިކީ[6] އަދި ޝާފިޢީ[7] – ދަންނަބޭކަލުންގެ މަޛްހަބަކީ ދަތުރުމަތީގައިވާ މުސްލިމެއްގެ ވަޞިއްޔަތެއްގެ މައްޗަށްވެސް ކާފިރެއް ހެކި ނުކުރެވުމެވެ.
މި މައްސަލައިގައި ޙަންބަލީ މަޛްހަބުގެ ދަންނަބޭކަލުންގެ ރައުޔަކީ ދަތުރުވެރިޔާއަށް އޭނާގެ ވަޞިއްޔަތެއްގެ މައްޗަށް ހެކި ކުރާނޭ މުސްލިމަކު ނުލިބުނުނަމަ، ކާފިރުން ކުރެ މީހަކު އޭނާގެ ވަޞިއްޔަތުގެ މައްޗަށް ހެކި ކުރުމަކީ ޖާއިޒުކަމެއް ކަމުގައެވެ. އަދި ދަތުރުމަތީގައި މުސްލިމަކު މަރު ވެއްޖެނަމަ، އޭނާގެ ވަޞިއްޔަތުގެ މައްޗަށް ޛިއްމީން ކުރެ ދެ ފިރިހެނުން އައިސް ހެކިބަސް ދީފި ނަމަ، އެ ދެ މީހުންގެ ހެކިބަސް ޤަބޫލު ކުރެވޭނެކަމުގައެވެ. އެއީ ހެކި ކުރުމަށް މުސްލިމުން ހަމަޖެއްސެން ނެތްނަމައެވެ. [8] މިއީ ތާބިޢީ ބޭކަލުން ކުރެ އަލްޙަސަނުލް ބަޞަރީ (ނޔވ 110) އާއި ސަޢީދު ބްނުލް މުސައްޔަބު (ނޔވ 94)އާއި ޢިކްރިމަތުގެފާނު (ނޔވ 105)ގެ ރައުޔުވެސް މެއެވެ.[9]
ދަތުރުވެރިޔާގެ ވަޞިއްޔަތުގެ މައްޗަށް ޛިއްމީން ހެކި ކުރެވިދާނޭކަމުގައި ދެކިލައްވާ ބޭކަލުން ދަލީލު ދައްކަވަނީ ﷲގެ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުންނެވެ.
يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِن بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَّمِنَ الْآثِمِينَ ﴿١٠٦﴾ [المَائِدَة 106] މާނައީ: “އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކުރެ މީހެއްގެ ގާތަށް، މަރު ޙާޟިރު ވެއްޖެނަމަ، ވަޞިއްޔަތް ކުރާހިނދުގައި، ތިޔަބައިމީހުންގެ މެދުގައި، ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ ފިރިހެނުން ހެކިކުރުން ހުށްޓެވެ. ނުވަތަ ތިޔަބައިމީހުން ބިމުގައި، ދަތުރުފަތުރުކޮށް އުޅެނިކޮށް، މަރުގެ މުޞީބާތެއް ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ، ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން، ދެ މީހުން ހެކިކުރުން ހުށްޓެވެ. (އެ ދެ މީހުންގެ ހެކިބަހާ މެދުގައި) ތިޔަބައިމީހުންނަށް ޝައްކު ވެއްޖެނަމަ، ނަމާދުގެ ފަހުން، ތިޔަބައިމީހުން އެދެމީހުން ހިފަހައްޓާނީއެވެ. ދެން އެ ދެ ހެކީން، ﷲ ގަންދީ ހުވާކުރާނީއެވެ. އެ މީހަކީ (އެބަހީ: އެމީހަކަށްޓަކައި ހުވާކުރެވޭ މީހަކީ) ގާތްތިމާގެ މީހަކު ކަމުގައިވިޔަސް، އެހުވަޔަށް އެއްވެސް އަގެއް އަތުލާފައި ނުވާކަމަށާއި، ﷲގެ ހެކިބަސް، ތިމަންމެން ވަންހަނާ ނުކުރާކަމަށެވެ. އެކަން ކޮށްފިނަމަ، އޭރުން ހަމަކަށަވަރުން، ތިމަންމެން ވާހުށީ ފާފަވެރިންގެ ތެރެއިންނެވެ.”
ދަތުރެއްގައި ވިޔަސް ނުވަތަ ދަތުރެއްގެ މަތީގައި ނޫން ނަމަވެސް، ކާފިރެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނޭކަމަށް ދެކިލައްވާ ބައެއް ބޭކަލުންގެ އަރިހުގައި މި އާޔަތުގައި އައިސްފައިވާ ޙުކުމަކީ ދައިނުގެ އާޔަތާއި ފަރާއިޟުގެ އަޙްކާމުން މަންސޫޚުވެފައިވާ ޙުކުމެކެވެ.[10] ޢަބްދުއްރަޙްމާން ބްނު ޒައިދު (ނޔވ 182) ވިދާޅު ވިއެވެ. “މި އާޔަތް ބާވައިލެވުނީ ދީނުގެ އަހުލުވެރިއެއް އެ މީހެއްގެ ކިބައިގައި ނެތި ނިޔާވި މީހަކާ މެދުގައެވެ. އެއީ ދީނުގެ ކުރީކޮޅުއެވެ. އެ ދުވަސްވަރު ބިމުގައި އޮތީ ހަނގުރާމައެވެ. އަދި [ގިނަ] މީސްތަކުންނީ ކާފަރުންނެވެ. އަދި އެ ދުވަސްވަރުގައި މީސްތަކުންގެ އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ވާރުތަ ކުރަމުން ދިޔައެވެ. ދެން އެއަށްފަހު ވަޞިއްޔަތުގެ [ވާޖިބުކަން] ވާރުތަ މުދަލުގެ ޙުކުމުން މަންސޫޚުވެގެން ދިޔައީއެވެ. އަދި ވާރުތަ މުދާ ފަރުޟުވެ، މީސްތަކުން އެ ޙުކުމުތަކަށް ޢަމަލުކުރަން ފެށިއެވެ.”[11]
އަދި ބައެއް އެހެން ބޭކަލުންގެ އަރިހުގައި އާޔަތުގައި، “ތިޔަބައިމީހުން ނޫންމީހުންގެ ތެރެއިން”އެވެ، މިފަދައިން އޮތް ބަސްފުޅުގެ މުރާދަކީ ތިޔަބައިމީހުންގެ ޤަބީލާ ނޫން ޤަބީލާގެ މީހުންގެ ތެރެއިންނެވެ.[12]
[1] القَبْسُ فِي شَرْحِ مُوَطَّإِ مَالِك بن أَنَس لِابْن العَرَبِي (ޞ 882)، دَارُ الغَرْب الإِسْلَامِي – بَيْرُوت، 1992.
[2] بِدَايَةُ الْمُجْتَهِد لِابْن رُشْدٍ الحَفِيد (4/246)، دَارُ الحَدِيث – القاهرة، 1425.
[3] الْمُغْنِي لِابْن قُدَامَة (10/130)، مَكْتَبَةُ القَاهِرَة، 1388.
[4] مَرَاتِب الإِجْمَاع لِابْن حَزْمٍ (ޞ 296)، دَارُ الفَتْح – الأُرْدُن، 1443.
[5] رَوْضَةُ الْقُضَاة وَطَرِيقُ النَجَاة لِابْنِ السَّمْنَانِي (1/202)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1404.
[6] المُدَوَّنَة لِمَالِك بن أَنَس (4/21)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415. بِدَايَةُ الْمُجْتَهِد لِابْن رُشْدٍ الحَفِيد (4/246)، دَارُ الحَدِيث – القاهرة، 1425.
[7] أَدَبُ الْقَاضِي لِأَبِي الْعَبَاس ابْن القَاص (1/305)، مَكْتَبَةُ الصِّدِّيق – الطَّائِف، 1409.
[8] الْمُغْنِي لِابْن قُدَامَة (10/164)، مَكْتَبَةُ القَاهِرَة، 1388.
[9] الحَاوِي الكَبِير لِلْمَاوَرْدِي (17/61)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.
[10] النَاسِخُ وَالْمَنسُوخ لِأَبُو عُبَيْد القَسِم بن سَلَّام (ޞ 155)، مَكْتَبَة رُشْد/ شَرِكَة الرِّيَاض، 1418. بِدَايَةُ الْمُجْتَهِد لِابْن رُشْدٍ الحَفِيد (4/246)، دَارُ الحَدِيث – القاهرة، 1425. تَفْسِير الْقُرْآن العَظِيم لِابْن كَثِير (3/193)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1419. الكَافِي فِي فِقْهِ الإِمَام أَحْمَد (4/271)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1414.
[11] تَفْسِير الْقُرْآن العَظِيم لِابْن كَثِير (3/195)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1419.
[12] تَفْسِير الْقُرْآن العَظِيم لِابْن كَثِير (3/194)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1419.