ހަތަރުވަނަ ބާބު
ހިޖުރީ ގޮތުން ހަތަރުވަނަ އަދި ފަސްވަނަ ޤަރުނުގައި ސުންނަތް ރައްކާތެރިކުރެވުނު ގޮތް
ފެށުން
އިސްލާމީ ގިނަ ޢިލްމުތައް ލިޔެ ރައްކާކުރުމުގެ ރަން ޒަމާނަކީ ހިޖުރީ ގޮތުން ތިންވަނަ ޤަރުނެވެ. އަދި ވަކިން ޚާއްޞަކޮށް ސުންނަތާ ގުޅުން ހުރި ޢިލްމުތައް ރައްކާކުރުމުގައެވެ. އެކަންވާނީ ތިންވަނަ ބާބުގައި ތަފްޞީލުކޮށް ގެނެސްދީފައެވެ.
ހަތަރުވަނަ ޤަރުނުގެ ޢިލްމުވެރިންވެސް ވަނީ އެބޭކަލުންގެ ކުރިން ވަޑައިގެންނެވި ޢިލްމުވެރިނަށް ތަބާވެ، ސުންނަތާއި އޭގެ ޢިލްމުތަކަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން ދެ ޞަޙީޙުގެ އަހުލުވެރިން ވަޑައިގެންނެވި މަގުން ހަމަ އެކަނި ޞައްޙަ ޙަދީޘްތައް ގެނެސްދެއްވެމަށް ބައެއް ބޭކަލުން ވަނީ މަސައްކަތް ކުރައްވާފައެވެ. އެ ފޮތްތަކުގެ މިޘާލަކީ:
1 – صحيح ابن خزيمة (އަވަހާރަވީ 311 ހ)
2- صحيح ابن حبان (އަވަހާރަވީ 354 ހ)
3- صحيح ابن السكن (އަވަހާރަވީ 353 ހ)
4- مستدرك الحاكم (އަވަހާރަވީ 405 ހ)
އަދި އެނޫން ފޮތްތައްވެސް ހިމެނެއެވެ.
އަދި ބައެއް ބޭކަލުން ވަޑައިގަންނަވާފައިވަނީ ސުނަނު ލިޔުއްވި ބޭކަލުން ވަޑައިގެންނެވި މަގުންނެވެ. އެގޮތުން އެބޭކަލުން ގެނެސްދެއްވާފައިވަނީ ސުންނަތްތައް ބަޔާންކުރައްވާފައިވާ ޙަދީޘްތަކާއި ޙުކުމްތަކުގެ ޙަދީޘްތަކެވެ. އެފޮތްތަކުގައި ޞައްޙަ ޙަދީޘްތަކާއި އެ ނޫން ޙަދީޘްތައްވެސް ވެއެވެ. އެފޮތްތަކުގެ މިޘާލަކީ:
1- منتقى ابن الجارود (އަވަހާރަވީ 307 ހ)
2- سنن الدارقطني (އަވަހާރަވީ 385 ހ)
3 – سنن البيهقي (އަވަހާރަވީ 458 ހ) އެކަލޭގެފާނަކީ ފަހުން އަވަހާރަވި ބޭކަލެއްކަމުގައި ވިޔަސް އެހެނަސް އެކަލޭގެފާނު ހިމަނުއްވާފައިވަނީ ހަތަރުވަނަ ޤަރުނުގެ ބޭކަލުންގެ ތެރޭގައެވެ. އެއީ ސުނަނުގެ ފޮތްތަކާ އެފޮތް ވައްތަރުކަމުންނެވެ.
__________________________
= ނުނިމޭ =