ޤަވާޢިދުގެ ދަލީލުތައް:
މަޞްލަޙަތުތަކާއި ފަސާދަތަކަކީ ދަރަޖައިގެ ގޮތުން އެއް ހަމައިގައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން އެންމެ ފުރަތަމަ ގެނެސްދޭނީ އެކަމުގެ ދަލީލުތަކެވެ.
- ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ﴾ [سورة النساء ٣١]
މާނައީ: ” ތިޔަބައިމީހުންނަށް ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަން އިލާހު ފުއްސަވާ ހުށީމެވެ.”
މި އާޔަތުން އެކަމަށް ދަލާލަތު ކުރާ ގޮތަކީ: މި އާޔަތުގައި މިވަނީ ފާފަތައް ބޮޑެތި ފާފަތަކާއި ކުދި ފާފަތަކަށް ބަހާފައެވެ. އެހެންކަމުން އެފާފަތަކުގެ ފަސާދަތައްވެސް ވާނީ އެކި ހަމައިގައެވެ. [1]
- ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الْإِيمَانُ بِضْعٌ وَسَبْعُونَ – أَوْ بِضْعٌ وَسِتُّونَ – شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ» [رواه مسلم (58 – (35))]
މާނައީ: “އީމާންކަމުގެ ހަތްދިހަ އެތައް ބައެއްވެއެވެ. – ނުވަތަ ފަސްދޮޅަސް އެތައް ބައެއް ވެއެވެ. – އޭގެ ތެރެއިން އެންމެ މަތިވެރީ لَا إِلَـٰهَ إِلَّا اللَّـهُ ކިޔުމެވެ. އަދި އޭގެ އެންމެ ދަށު ދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށްލުމެވެ.”
އަލްޙާފިޡް އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.
“މި ޙަދީޘުގައި އިޝާރާތްކޮށްފައި މިވަނީ އޭގެ ދަރަޖަތައް ތަފާތުވެގެންވާ ކަމަށެވެ.” [2]
- ބައެއް ޙަދީޘްތަކުގައި ޢަމަލުތައް ދަރަޖައިގެ ގޮތުން ތަފާތުކަން ބަޔާންކުރައްވާފައި ވެއެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ.
أَيُّ العَمَلِ أَفْضَلُ؟ فَقَالَ: «إِيمَانٌ بِاللَّهِ وَرَسُولِهِ». قِيلَ: ثُمَّ مَاذَا؟ قَالَ: «الجِهَادُ فِي سَبِيلِ اللَّهِ» قِيلَ: ثُمَّ مَاذَا؟ قَالَ: «حَجٌّ مَبْرُورٌ» [رواه البخاري (26)]
މާނައީ: “އެންމެ މޮޅު އިތުރީ ކޮން ޢަމަލެއް ހެއްޔެވެ؟ ފަހެ ޙަދީޘްކުރެއްވިއެވެ. “ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “މަބުރޫރު ޙައްޖެކެވެ.” “
މި މާނައިގައި ވަރަށް ގިނަ ޙަދީޘް ވާރިދުވެގެން އައިސްފައި ވެއެވެ. އަދި އެންމެ މާތް ޢަމަލުތައް ތަރުތީބުކުރެއްވުމުގައި އެކަލޭގެފާނު ދެއްވި ޖަވާބުތައް އެކި ޙަދީޘްތަކުގައި ތަފާތެވެ. އެއީ އެކި ޙާލަތްތަކުގައި ދެއްވާފައި ޖަވާބުކަމަށްވުން އެކަށީގެން ވެއެވެ. އަދި އެ ސުވާލުކުރާ މީހާގެ ޙާލަތާ ގުޅޭގޮތުން ތަފާތުވުންވެސް އެކަށީގެންވެއެވެ.” [3]
[1] الجامع لأحكام القرآن (5 / 158 – 159).
[2] ބައްލަވާ: فتح الباري (1 / 69).
[3] ބައްލަވާ: فتح الباري (1 / 99)، (13 / 518 – 519)، وشرح النووي على صحيح مسلم (2 / 77). އިތުރު ދަލީލުތައް ބެއްލެވުމަށް މިފޮތް ވިދާޅުވާށެވެ. ضوابط المصلحة (ص: 255).