ތަކުލީފުލިބިގެންވާ މީހަކުކަމުގައިވުން
ހެކިބަސް އަދާކުރާ މީހާއަކީ ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައި ވުމަކީ ޝަރުޠުވެގެންވާ ކަމެކެވެ.
މި ދެ ޝަރުޠުގެ ތެރެއިން ހެކިބަސް އަދާކުރާ މީހާ ބާލިޣުވެފައިވާ މީހެއްކަމުގައި ވުމަކީ ދަންނަބޭކަލުންގެ މެދުގައި ހިސާބަކަށް ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އެގޮތުން، މާލިކީ ދަންނަބޭކަލުންގެ އަރިހުގައި ކުޑަކުދީންގެ ހެކިބަހަކީ ވަކި ޝަރުޠުތަކަކާއެކު ޖުރޫޙަތަކުގައި ބަލައިގަނެވޭނެ ހެކިބަހެކެވެ. އެއީ ހަމައެކަނި އެ ކުދީންގެ މެދުގައި ހިނގާ ޖުރޫޙުތަކާއި ޤަތުލުތަކުގައެވެ.
އިމާމު މާލިކު (ނޔވ 179) ވިދާޅު ވިއެވެ.
“ތިމަންބޭކަލުންގެ މެދުގައި އެއްބަސްވާ ގޮތުގައި ހަމައެކަނި ކުޑަކުދީންގެ މެދުގައި ހިނގާ ޖުރޫޙުތަކުގައި އެ ކުދިން، އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހެކިބަސް ދިނުން ޖާއިޒުވެގެން ވެއެވެ. އެ ނޫން ކަމެއްގައި އެ ކުދީންގެ ހެކިބަސް ބަލައި ނުގަނެވޭނެއެވެ. އަދި ޖުރޫޙުތަކުގައިވެސް ހެކިބަސް ބަލައިގަނެވޭނީ އެ ކުދިން އެއްބަޔަކު އަނެއްބަޔަކާ ވަކިވުމުގެ ކުރިންނެވެ. އަދި އެ ކުދިންނަށް އެހެން މީހަކު އެ ހިނގައި ދިޔަ ކަންތައް އޮޅުވައިލުމުގެ ނުވަތަ [އެ ކަންތައް އެހެން ގޮތަކަށް] ކިޔައިދިނުމުގެ ކުރިންނެވެ. އެ ކުދިން އެއްބަޔަކު އަނެއްބަޔަކާ ވަކި ވެއްޖެނަމަ، އެ ކުދިންގެ ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ. އެއީ އެ ކުދިން ވަކިވުމުގެ ކުރިއަށް ޢަދުލުވެރިންތަކެއް އެ ހިނގައި ދިޔަ ކަންތަކުގެ ޚަބަރު އެ ކުދިންގެ ކިބައިން ނަގައިފައި ނުވާނަމައެވެ.”[1]
ކުޑަކުދީންގެ ހެކިބަސް ކުޑަކުދީންގެ މައްޗަށް ބަލައިގަތުން ސަލަފުގެ ބައެއް ޢިލްމުވެރި ބޭކަލުންގެ ކިބައިން ޖާއިޒުކަމުގައި ނަޤުލުވެފައި ވެއެވެ. އެ ބޭކަލުންގެ ތެރޭގައި ޢަލީ ބްނު އަބީ ޠާލިބު (ނޔވ 40)، ޢަބްދުﷲ ބްނުއްޒުބައިރު (ނޔވ 73)، މުޢާވިޔަތު ބްނު އަބީ ސުފްޔާނު (ނޔވ 60)، ޢަޠާއު (ނޔވ 114) އަދި އަލްޙަސަނުލްބަޞަރީ (ނޔވ 110)އާއި އިބްރާހީމު އައްނަޚަޢީ (ނޔވ 96) ހިމެނެއެވެ.[2]
ކުޑަކުދީންގެ ހެކިބަސް ބަލައިގަތުމުގައި މާލިކީ ދަންނަބޭކަލުން ހަތްކަމެއް ޝަރުޠު ކުރައްވައެވެ. އެއީ:
1) ބުއްދި ސަލާމަތުން ހުރުން؛
2) މުސްލިމެއްކަމުގައި ވުން؛
3) ފިރިހެން ކުއްޖެއްކަމުގައި
4) މިނިވަނެއްކަމުގައި ވުން؛
5) އެ ކުދީންގެ މެދުގައި ހިނގި ޖުރޫޙުގެކަމެއް ކަމުގައިވުން؛
6 އަދި 7) ޤަތުލުގެ މައްސަލައެއް ނަމަ، ކުދިން ވަކިވުމުގެ ކުރިއަށް، ދެ ކުދިން ނުވަތަ އެއަށް ވުރެ ގިނަ ޢަދަދަކަށްވުން. މި މައްސަލައިގައި އިމާމު މާލިކުގެ ބަސްފުޅާ މެދު ޚިލާފުވެފައި ވެއެވެ.
މި ހަތް ޝަރުޠެވެ.[3]
މިއާ ޚިލާފަށް ޖުމުހޫރު – ޙަނަފީ[4]، ޝާފިޢީ[5] އަދި ޙަންބަލީ[6] – ދަންނަބޭކަލުންގެ އަރިހުގައި ކުޑަކުދީންގެ ހެކިބަހަކީ އެއްވެސްކަމެއް ސާބިތުކުރުމުގެ ބާރު ލިބިދެވޭ ހެކިބަހެއް ނޫނެވެ. މިއީ މާލިކީ މަޛްހަބުގެ ދަންނަބޭކަލުން ކުރެ އިބްނުލްޢަރަބީ (ނޔވ 543) އަދި އިބްނު ރުޝްދު (ނޔވ 595)ގެ ރައުޔުވެސް މެއެވެ. އިބްނުލްޢަރަބީ (ނޔވ 543) ވިދާޅުވާ ގޮތުގައި ކުޑަކުދީންނަކީ ބުއްދި އުނި އަދި ކަންކަން ވަޒަން ކުރުމުގައި އުނިކަން ހުންނަ، އަދި އެ ކުދީންނަށް ނިކަން ފަސޭހައިން އޮޅުވާލެވިދާނޭ ބައެކެވެ. އެހެންކަމުން އެ ކުދިންގެ ހެކިބަސް ބަލައިގަތުން ޖާއިޒުވެގެން ނުވަނީއެވެ.[7] އިބްނު ރުޝްދު (ނޔވ 595) ވިދާޅުވަނީ ކުޑަކުދީންގެ ހެކިބަހަކީ އިމާމު މާލިކު (ނޔވ 179)ގެ އަރިހުގައިވެސް ޙަޤީޤަތުގައި ހެކިބަހެއް ނޫންކަމަށެވެ. އެހެނެއްކަމަކު އެއީ ޙާލުގެ ޤަރީނާއެއް ކަމަށެވެ. އަދި ހެކިވެރިޔާއަކީ ޢަދުލުވެރިއެއްކަމުގައިވުން ޝަރުޠުވެގެންވާކަމުގެ މައްޗަށް އިޖުމާޢު ނަޤުލުވެގެން އައިސްފައި ވާއިރު؛ ޢަދުލުވެރިކަމުގައި ބާލިޣު ވުން ޝަރުޠުވެގެން ވެއެވެ. ކުޑަކުދީންގެ ހެކިބަސް އެ ކުދީންގެ މެދުގައި ހިނގާ ޖުރޫޙުތަކުގައި ޖާއިޒުކަމަށް އިމާމު މާލިކު (ނޔވ 179) ވިދާޅުވަނީ މަޞްލަޙަތަށް ބެއްލެވުމަށްފަހުގައި އެ ކުދީންގެ މެދުގައި ހިނގާ ކަންކަމުގައި އެ ކުދިންގެ ހެކިބަސް ބަލައިގަތުމުގައި މަޞްލަޙަތު ހިމެނޭތީކަމުގައެވެ.[8]
ޖުމުހޫރުންގެ ދަލީލު:
﴿وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ﴾ [البقرة 282] މާނައީ: “ތިޔަބައިމީހުންގެ ދެ ފިރިހެނުން ކުރެ ދެ ހެކީން ހެކި ކުރާށެވެ! ދެ ފިރިހެނުން ނުވިނަމަ، ހެކީން ކުރެ ތިޔަބައިމީހުން އެ ބަޔަކާ މެދު ރުހޭ ފިރިހެނަކާއި ދެ އަންހެނުންނެވެ.”
ޤުރުއާނުގައި ﷲ އަންގަވާފައި މިވަނީ ފިރިހެނުން ކުރެ ބަޔަކު ހެކި ކުރުމަށެވެ. ހެކި ކުރާނޭ ފިރިހެނުން ނުލިބުނުނަމަ، އަންހެނުން ކުރެ ބަޔަކު ހެކި ކުރުމަށެވެ. އެހެންކަމުން ހެއްކެއްގެ ގޮތުގައި ހުށަހެޅޭ ފަރާތަކީ ބާލިޣުވެފައިވާ ފަރާތެއްކަމުގައިވުން ޝަރުޠުވެގެން ވެއެވެ. މީގެ އިތުރުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ:
«رُفِعَ القَلَمُ عَنْ ثَلاثَةٍ: عَنِ النّائِمِ حَتّى يَسْتَيْقِظَ، وعَنِ الصَّبِيِّ حَتّى يَحْتَلِمَ، وعَنِ المَجْنُونِ حَتّى يَعْقِلَ» [سنن أبي داود 4403 والثمر المستطاب للألباني 1 / 54]
މާނައީ: “ތިން ފަރާތެއްގެ ކިބައިން ގަލަން އުފުލިގެން ވެއެވެ؛ ނިދާފައި އޮތް މީހާ ހޭލައިފުމަށް ދާންދެނެވެ. ކުޑަކުއްޖާ އިޙްތިލާމު ވެއްޖައުމަށް ދާންދެނެވެ. މޮޔަމީހާ ހޭ ޖެހިއްޖައުމަށް ދާންދެނެވެ.”
މި ޙަދީޘުން އެނގޭފަދައިން ކުޑަކުދީންނަކީ އެ ބައެއްގެ ކިބައިން ގަލަން އުފުލިގެންވާ ބައެކެވެ. އެ ބައެއްގެ ކިބައިން ގަލަން އުފުލިގެންވާ މީހުންނަކީ ޝަރުޢީ ޙުކުމުތަކުގައި ތަކުލީފު ލިބިގެންވާ ބައެއް ނޫނެވެ. ހެކިބަސް އަދާ ކުރުމަކީ ތަކުލީފީ ޙުކުމެއްކަމުގައި ވާއިރު، ތަކުލީފު އުފުލަން ނުޖެހޭ ބައެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ.
ހެކިބަސް އަދާ ކުރާ މީހާއަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން ޝަރުޠުވެގެން ވުމުގެ މައްޗަށް އިބްނުލްމުންޛިރު[9] (ނޔވ 319) އަދި އިބްނުއްސަމްނާނީ[10] (ނޔވ 499) އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
ކުޑަކުދިންނެކޭ އެއްފަދައިން ބުއްދި ސަލާމަތުން ހުރުމަކީވެސް ޢަދުލުވެރިކަމުގައިވާ ޝަރުޠެކެވެ. ހަމައެހެންމެ ބުއްދި ފިލައިފައިވާ މީހާގެ މަތިން، ކުޑަކުދީންނެކޭ އެއްފަދައިން ގަލަން އުފުލިގެން ވެއެވެ. ބުއްދި ފިލައި ދިއުމަށްފަހު އަލުން ބުއްދި ރުޖޫޢަވުން ތަކުރާރުވާ މީހާއަކީ ޢަދުލުވެރިއެއް ނަމަ އެފަދަ މީހެއްގެ ހެކިބަސް، އޭނާ ހަމަ ބުއްދީގައި ހުންނަ ވަގުތުތަކުގައި ބަލައިގަނެވިދާނޭކަމުގެ މައްޗަށްވެސް ދަންނަބޭކަލުން އިޖުމާޢުވެފައި ވެއެވެ.[11]
[1] مُوَطَّأ مَالِك (2/726)، دَار إِحْيَاء التُرَاث العَرَبِي – بَيْرُوت، 1406.
[2] الذَّبُّ عَنْ مَذْهَبِ الْإمَامِ مَالك لِابْنِ أبِي زَيْدٍ الْقَيْرَوَانِيّ (2/446)، مَزْكَز الدِّرَاسَات وَالْأَبْحَاث وَإِحْيَاء التُّرَاث – المملكة المغربية، 1432.
[3] الْمَسَالِك فِي شَرْحِ مُوَطَّإ مَالِك لِابْن العَرَبِي (6/257)، دَارُ الغَرْب الإِسْلَامِي – بَيرُوت، 1428.
[4] المَبْسُوط لِلسَّرَخْسِي (16/113)، دَارُ المَعرِفَة – بَيْرُوت، 1414.
[5] رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/222)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412.
[6] شَرْحُ مُنْتَهَىٰ الإِرَادَات لِلْبُهُوتِي (3/587)، عَالم الكُتُب – بَيْرُوت، 1414.
[7] الْمَسَالِك فِي شَرْحِ مُوَطَّإ مَالِك لِابْن العَرَبِي (6/257)، دَارُ الغَرْب الإِسْلَامِي – بَيرُوت، 1428
[8] بِدَايَةُ الْمُجْتَهِدِ وَنِهَايَةِ المُقْتَصَدِ لِابْن رُشْدٍ الحَفِيد (4/245)، دَار الحَدِيث – القاهرة، 1425.
[9] الإِجْمَاعُ لِابْن المُنذِر (ޞ 83)، دَارُ العَاصِمَة – الرِّيَاض، 1438.
[10] رَوْضَةُ الْقُضَاة وَطَرِيقُ النَجَاة لِابْنِ السَّمْنَانِي (1/201)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1404.
[11] الإِجْمَاعُ لِابْن المُنذِر (ޞ 83)، دَارُ العَاصِمَة – الرِّيَاض، 1438.