މުރޫއަތްތެރިއަކުކަމުގައި ވުން
ހެކިބަސް އަދާ ކުރާ މީހާއަކީ މުރޫއަތްތެރިއެއްކަމުގައި ވާން ޖެހޭނެއެވެ. މުރޫއަތްތެރިކަމަކީ ހަޑި ކަންކަމުން ރައްކާތެރިވެގެން ވުމެވެ. ނުވަތަ އެއީ އެ ޒަމާނެއްގައި އަދި އެ ތަނެއްގައި އުޅޭ މީހުންގެ ތެރެއިން އެ މީހަކާ އެއްފަދަ މީހުންގެ ރިވެތި އަޚުލާޤުން އަޚުލާޤު ލިބިގަތުމެވެ.[1] އެ މީހަކާ އެއްފަދަ މީހުންގެ އަޚުލާޤުން އަޚުލާޤު ލިބިގަތުމުގެ މާނައަކީ ޙުއްދަ ކަންތަކުގައި އެ މީހުންގެ އުޅުމަށް ތަބާވުމެވެ. އެ އަޚުލާޤަކަށް ޢައިބު ކިޔޭ ކަންކަމުގައި އެއްވެސް ބަޔަކަށް ތަބާވުމެއް ނުވެއެވެ.[2]
އިމާމު ޝާފިޢީ (ނޔވ 204) ވިދާޅުވެފައި ވެއެވެ.
“ފަހެ މީހެއްގެ ކިބައިން އެންމެ ބޮޑަށް ފާޅުވާކަމަކީ އޭނާގެ ޢަމަލުތަކުގައި ކިޔަމަންގަތުން އެކުލެވިގެންވުމާއި މުރޫއަތްތެރިކަން ނަމަ، އެ މީހެއްގެ ހެކިބަސް ޤަބޫލު ކުރެވޭ ހުއްޓެވެ. އަދި އެ މީހެއްގެ ކިބައިން ފާޅުވާކަމަކީ އޭނާގެ ޢަމަލުތަކުގައި އުރެދުމާއި މުރޫއަތްތެރިކަމާ ޚިލާފުވުން ނަމަ، އެ މީހެއްގެ ހެކިބަސް ރައްދު ކުރެވޭނެއެވެ.”[3]
އެހެންކަމުން މުރޫއަތްތެރިކަމަކީ އެންމެ ރިވެތި މޮޅު ގޮތްތަކާއި ޙާލަތްތަކަށް ބަލައި ރިޢާޔަތް ކުރުމެވެ. އެއީ އެ މީހެއްގެ ކިބައިން، ޤަޞްދުގައި ހަޑިހުތުރުކަމެއް ފާޅު ނުވާނޭ ހެންނެވެ. އަދި އޭނާއަށް ބަދު ބަހެއް ވެސް ޙައްޤު ނުވާނޭ ހެންނެވެ.[4]
އިމާމު އަބޫ އިސްޙާޤު އައްޝީރާޒީ (ނޔވ 476) ވިދާޅު ވިއެވެ.
“މުރޫއަތްތެރިކަމެއް އެ މީހެއްގެ ކިބައިގައި ނެތް މީހެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ. އެއީ ލަވަ ކިޔާ މީހުންނާއި، ނެށުން ގިނަކޮށްގެން އުޅޭ މީހުންނާއި، ބާޒާރުމަތީގައި ކައި އުޅޭ މީހުންނާއި، އެ ތަނެއްގައި ބޯ ކަޝްފުކުރުން އާދައަކަށް ނުވާ ތަނެއްގައި ބޯ ކަޝްފުކޮށްގެން އުޅޭ މީހުން ފަދަ މީހުންނެވެ. އެހެނީ މީސްތަކުންނާ މެދު ލަދެއް ޙަޔާތެއް ނެތް މީހާ، އެ މީހާ ކުރާ ކަންކަމާ މެދުގައި ފަރުވާލެއް ނުބަހައްޓާނެއެވެ. މީގެ ދަލީލަކީ އަބޫ މަސްޢޫދު [(ނޔވ 39)] ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެވެ. އިތުރު އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: «إنَّ مِمّا أدْرَكَ النّاسُ مِن كَلاَمِ النُّبُوَّةِ الأُولَىٰ: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ» [صحيح البخاري 6120] މާނައީ: “އެންމެ އިހުގެ ނުބުއްވަތުގެ ވާހަކަތަކުގެ[5] ތެރެއިން މީސްތަކުންނާ ހަމައަށް ފޯރާފައިވާ ވާހަކަތަކުގެ ތެރޭގައި ވެއެވެ. ލަދެއްޙަޔާތެއް ނެތް ނަމަ، ހިތަށް އެރިކަމެއް ކުރާށެވެ!”[6]
ނަށާ މީހުންނާއި ލަވަކިޔާކަމަށް މަޝްހޫރުވެފައިވާ މީހުންގެ މުރޫއަތްތެރިކަން ގެއްލިފައިވާކަމުގެ މައްޗަށް ހަތަރު މަޛްހަބުވަނީ އިއްތިފާޤު ވެފައެވެ. އެހެންކަމުން މިފަދަ މީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭނޭކަމަށް ހަތަރު މަޛްހަބުގެ ޢިލްމުވެރިންވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ.[7]
[1] مِنْهَاجُ الطَّالِبِين لِلنَّوَوِي (ޞ 345)، دَارُ الْفِكْر، 1425.
[2] تُحْفَةُ الْمُحْتَاج فِي شَرْحِ الْمِنْهَاج لِلْهَيْتَمِي وَحَوَاشِيَ الشَّرْوَانِي وَالعبادي (10/224)، المَكْتَبَةُ التِّجَارِيَّةُ الكُبْرىٰ – مصر، 1357.
[3] مُخْتَصَرُ المُزَنِي (ޞ 419)، دَارُ المَعْرِفَة – بَيْرُوت، 1410.
[4] أَدَبُ الدُّنْيَا وَالدِّين لِلْمَاوَرْدِي (ޞ 514)، دَارُ الْمِنْهَاجِ لِلنَّشْرِ وَالتَّوزِيع – جدَّة، 1434.
[5] ނުބުއްވަތުގެ ވާހަކަތައް [كَلاَم النُّبُوَّة]ގެ މުރާދަކީ: “އެންމެހައި ނަބީބޭކަލުން އިއްތިފާޤުވެ، ހުރިހާ ބޭކަލުންވެސް އެ ކަންތައްތަކަކަށް ބާރު އެޅުއްވި އަދި އެ ބޭބޭކަލުން ކުރެ އެއްވެސް ބޭކަލެއްގެ ޝަރީޢަތުން މަންސޫޚު ނުވާ ކަންތައްތަކެވެ.” – فَتْحُ الْبَارِي شَرْحُ صَحِيحِ الْبُخَارِي لِابْن حَجَر العَسْقَلَانِيّ (6/523)، دَارُ الْمَعَارِف – بَيْرُوت، 1379.
[6] المُهَذّبُ لِلشِّيرازِي (3/438)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1416.
[7] ބައްލަވާ: فَتْحُ الْقّدِير لِلْكَمَال بْنُ الْهمَام (7/415)، دَارُ الفِكْر، 1389. الاِخْتِيَارُ لِتَعْلِيلِ المُخْتَار (2/147)، دَارُ الكُتُبِ العِلْمِيَّة – بَيْرُوت، 1356. المُدَوِّنَةُ لِمَالِكِ بْنِ أَنَس (4/19)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415. رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/233)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412. شَرْحُ مُنْتَهَىٰ الإِرَادَات لِلْبُهُوتِي (3/592)، عَالم الكُتُب – بَيْرُوت، 1414.
އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ)