-
ފިލަސްޠީނީން
ޔޫނާނުގެ (Greece) ރަށްތަކާއި އީޖާ ކަނޑުގައިވާ (Aegean Sea) ރަށްތަކުގެ މީސްތަކުންނަށް ޔޫނާނުގެ ބަރާބިރާއިންގެ (Barbarians) އުނދަގޫ ޖެހުނެވެ. އެހެންކަމުން އެބައިމީހުންގެ އުދަނގުލުން ސަލާމަތްވުމަށް ފިލިސްޓް ޤަބީލާގެ މީހުން (Philistines) އެބައިމީހުން ރަށްކަމުގައިވާ ކްރީޓް (Crete) ދޫކޮށް ކަންޢާނީންގެ ބިމަށް ހިޖުރަކުރިއެވެ. އެބައިމީހުން ވަޒަންވެރިވީ އެތަނުގެ ހުޅަނގު ދެކުނުގައި، ޣައްޒާއާއި ޔާފާއާ ދެމެދުގައިވާ ބިމުގައެވެ. އެ ބިމަށް ނަންދެވިފައިވަނީ މިބައިމީހުންނަށް ނިސްބަތްކޮށެވެ. އެއީ فِلَسْطِينُ (Palestine) އެވެ.
މިބައިމީހުންނާއި ޢިބްރާނީންނާ ދެމެދު ވަރަށް ދިގު ހަނގުރާމަތަކެއް ކުރެވުނެވެ. މި ހަނގުރާމަތައް ނިމުނީ ޢިބްރާނީންނަށް ކާމިޔާބު ލިބިގެންނެވެ. އެއީ ދާވޫދުގެފާނު ޖާލޫތު ޤަތުލުކުރުމުންނެވެ. ދާވޫދުގެފާނާއި ޖާލޫތުގެ ވާހަކަ ޤުރުއާނުގައި ޛިކުރުކުރައްވާފައިވެއެވެ.
މި ހިސާބުން ފިލިސްޓު ޤަބީލާގެ މީހުންގެ ތާރީޚު ނިމުނީއެވެ. ނަމަވެސް އެބައިމީހުންގެ ނަން ދެމިއޮތެވެ. އެބައިމީހުން ދިރިއުޅުނު ހިސާބާއެކު ކަންޢާނީންގެ މުޅި ބިމަށް އެއްކޮށް ކިޔަނީ فِلَسْطِينُ (Palestine) އެވެ. މިއަދާ ހަމައަށްވެސް އެގޮތުގައި ދެމިއޮތެވެ.
-
ފާރިސީން
ޝާމްކަރައާއި އެތަނުގެ ވަށައިގެންވާ ރަށްތަކުގެ މައްޗަށް ފާރިސީން އަތްގަދަކޮށް ފާރިސީންގެ ދައުލަތުގެ ދަށަށް ގެންދިޔައެވެ. އެބައިމީހުންގެ ވެރިއަކަށް ހުރީ ފާރިސީންގެ ސައިރަސް (Cyrus of Persia) އެވެ. އެއީ ޢީސާގެފާނު އުފަންވުމުގެ 538 އަހަރު (538 BC) ކުރިންނެވެ.
ސައިރަސްގެ އަނބިމީހާއަކީ ޔަހޫދީއެކެވެ. އެހެންކަމުން ބާބިލާއި ޝާމްކަރައާއި މިޞްރު، ފާރިސީންގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރެވުނު ހަނގުރާމަތަކުގައި ޔަހޫދީން އެބައިމީހުންނަށް އެހީތެރިވިއެވެ. ފަހެ މިކަމުގެ ސަބަބުން ފާރިސީންގެ ވެރިކަމުގައި، ޔަހޫދީންގެ ތެރެއިން ބޭނުން މީހަކު ކަންޢާނީންގެ ބިމަށް ހިޖުރަކުރުމުގެ ހުއްދަ ދިނެވެ.
ކަންޢާނީންގެ ބިމުގައި އޮތް ފާރިސީ ވެރިކަން ނިމުނީ ޢީސާގެފާނު އުފަންވުމުގެ 332 އަހަރު (332 BC) ކުރިންނެވެ.
-
ޔޫނާނީން
އިސްކަންދަރު (Alexander the Great) ޝާމްކަރަ ހިފާ އެތަނުގައި ތިބި ފާރިސީން ބޭރުކުރީ ޢީސާގެފާނު އުފަންވުމުގެ 332 އަހަރު ކުރިންނެވެ. އިސްކަންދަރު މަރުވުމުން އޭނާގެ ދަށުގައި ތިބި އިސްމީހުން ކަމުގައިވާ އެންޓިގޮނަސް (Antigonus I Monophthalmus) އާއި ސިލޫކަސް (Seleucus I Nicator) އާއި ޓޮލެމީ (Ptolemy Ceraunus) ގެ މެދުގައި ކޯޅުންތައް ފެށުނެވެ. ކަންޢާނީންގެ ބިން ވެގެން ދިޔައީ މިޞްރުގައި ތިބި ޓޮލެމީއަށް ތާއީދުކުރާ މީހުންނާއި ޝާމުކަރައިގައި ތިބި ސިލޫކަސްއަށް ތާއީދުކުރާ މީހުންގެ ހަމަނުޖެހުންތައް ހިނގާ ތަނަށެވެ.
ޝާމްކަރައިގައި ޔޫނާނީންގެ ޙަޟާރާތް (Hellenization) ފެތުރުމަށް އެބައިމީހުން ވަރަށް މަސައްކަތްކުރިއެވެ. އެގޮތުން ޝާމްކަރައިގެ ރަށްތަކުގައި ޔޫނާނީންގެ މަދަރުސާތަކާއި ތިއޭޓަރތަކާއި ފައްޅިތައް ހެދިއެވެ. ނަމަވެސް ޔޫނާނީންގެ ޙަޟާރާތުގެ އަސަރުކުރީ ބޮޑެތި ރަށްތަކަށް އެކަންޏެވެ. ޚާއްޞަކޮށް އައްސޭރިފަށުގެ ރަށްތަކަށެވެ. ޝާމުކަރައިގެ ރައްޔިތުންގެ ގިނަމީހުން އެބައިމީހުންގެ އާދަކާދައިގެ މަތީގައި ދެމިތިއްބެވެ. އެތަނުގެ ރަސްމީ ބަހަކީ ޔޫނާނީންގެ ބަސްކަމުގައި ހަމަޖެއްސިކަމުގައި ވިޔަސް، ޢާންމުންގެ މެދުގައި އޮތީ ސުރުޔާނިއްޔާ (Syriac language) ބަހެވެ.
-
ރޫމީން
ޝާމްކަރައިގައި އޮތް ޔޫނާނީންގެ ވެރިކަން ނިމުމަކަށް ގެނައީ ޢީސާގެފާނު އުފަންވުމުގެ 63 އަހަރު ކުރިން ރޫމީންގެ ޤާއިދު ޕޮމްޕޭ (Gnaeus Pompeius Magnus, Pompey the Great) އެވެ. ދެން މުސްލިމުން އެ ތަން ފަތަޙަކުރަންދެން ޝާމްކަރަ އޮތީ ރޫމީންގެ ދަށުގައެވެ. އެ ދުވަސްވަރުގައި މުހިންމު 2 ކަމެއް އެ ބިމުގައި ހިނގައި ދިޔައެވެ. އެއީ:
1- ޢީސާގެފާނު އުފަންވުމާއި އެކަލޭގެފާނުގެ ރިސާލަތު
ނަޞާރާދީން ފެށިގެން އައީ ޢީސާގެފާނު އުޑަށް އުފުއްލެވުމަށް ފަހު ކަންޢާނީންގެ ބިމުންނެވެ. އެއީ ޢީސާގެފަނު އެކަލޭގެފާނުގެ ރިސާލަތު އެބިމެއްގައި ފޯރުކޮށްދެއްވި ބިމެވެ. އެ ތަނުގައި ތިބި ރޫމީންވެސް އެބައިމީހުންގެ ރަސްމީ ދީނަކީ ނަޞާރާދީން ކަމުގައި ހެދިއެވެ. ޢީސާގެފާނު އުޑަށް އުފުއްލެވުމަށް ފަހު އެ ދީން ބަދަލުކޮށް، ﷲ އެއްކައުވަންތަކުރުން ދޫކޮށް ޝިރުކުގެ ތެރެއަށް އެބައިމީހުން ވަނެވެ.
2- މަސީޙީންނާ ދެކޮޅަށް ޔަހޫދީން ތެދުވުން
މީލާދީ ގޮތުން 70 ވަނަ އަހަރު، ފަލަސްޠީނުގެ ބިމުގައި އިންޤިލާބެއް ގެނައުމަށް ޔަހޫދީން މަސައްކަތްކުރިއެވެ. އަދި ރޫމީންގެ ޤާއިދު ޓައިޓަސް (Titus Caesar Vespasianus) އެބައިމީހުންނާ ދެކޮޅަށް ތެދުވިއެވެ. އޭނާ ޤުދުސްއަށް ވަދެ އެތަނުގައި ހުޅު ޖަހާ، އެ ރަށް ހަލާކުކޮށް، ޔަހޫދީންނާ ހަނގުރާމަކުރިއެވެ. ދެން ޔަހޫދީން ބިމުގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލެވިގެން ދިޔައެވެ.
އޭގެ ފަހުން މީލާދީ ގޮތުން 135 ވަނަ އަހަރު އަނެއްކާވެސް ޔަހޫދީން އިންތިފާޟާއެއްގެ މަސައްކަތް ފެށިއެވެ. އޭރު ރޫމީންގެ ވެރިޔަކަށް ހުރި ހެޑްރިއަން (Hadrian)، ޔަހޫދީންނާ ހަނގުރާމަކޮށް އެބައިމީހުން ފަލަސްޠީނުގެ ބިމުން ބޭރުކުރިއެވެ. އަދި ޔަހޫދީން ޤުދުސްއަށް ވަނުން މަނާކުރިއެވެ. އެއަށްފަހު ޤުދުސްގެ ނަން އީލިއާ ކެޕިޓޮލިނާ (Aelia Capitolina) އަށް ބަދަލުކުރިއެވެ. އަދި އެހިސާބުން ފަލަސްޠީނުގެ ބިމާ ޔަހޫދީންނާ ހުރިހާ ގޮތަކުން ގުޅުން ކެނޑުނެވެ. އަދި 5 ޤަރުނު ވަންދެން އެތަން އޮތީ ޔަހޫދީން ވަނުން މަނާ ތަނެއްގެ ގޮތުގައެވެ.
=ނުނިމޭ=
_______________
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري