[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އެކަށޭނަ މީހުން ޢައްޔަނުކުރުން – 5

ޔަތީމު ކުއްޖާގެ ބެލެހެއްޓުންތެރިޔާއާއި ވަޤުފުގެ ބެލެހެއްޓުންތެރިޔާ އަދި މީހެއްގެ މުދަލުގެ މައްޗަށް ވެރި ކުރެވިފައިވާ މީހާގެ މައްޗަށް އޮތީ، ކޮންމެ މީހަކަށްމެ ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި، އެ މަސްއޫލިއްޔަތުތަކުގެ މަޞްލަޙަތު އޮތް ފަރާތަށް އެންމެ ފައިދާ ބޮޑު ވާނޭ މަގަށް އަދާ ކުރުމެވެ. މި މާނައާ މެދު މުސްލިމުން އިޖުމާޢުވެފައި ވެއެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

﴿وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ﴾ [الإِسْرَاءُ 34]

މާނައީ: “އެންމެހެޔޮ ގޮތުގައި މެނުވީ ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތް ނުވާށެވެ.”

މި އާޔަތުގައި “ހެޔޮ ގޮތުގައި” ގެ ތަފްޞީލެއް ﷲ ނާންގަވައެވެ. އެއީ މި ކަންތަކާއި މަތި ކުރެވިފައިވާ ބެލެހެއްޓުންތެރިޔާއަކީ އެހެނިހެން ބެލެހެއްޓުންތެރިން ފަދައިން، އޭނާއާއި ޙަވާލު ކުރެވިފައި މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރާން ޖެހޭ މީހެއްކަމުގައި ވާތީއެވެ. އެއީ ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައިވާ ފަދައިންނެވެ.

«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ، فَالْإِمَامُ الَّذِي عَلَى النَّاسِ رَاعٍ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا، وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا، وَالْوَلَدُ رَاعٍ فِي مَالِ أَبِيهِ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ؛ وَالْعَبْدُ رَاعٍ فِي مَالِ سَيِّدِهِ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ؛ أَلَا فَكُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رعيته» [صَحِيح البخاري 893]

މާނައީ: “ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކުވެސް އޭނާގެ ބެލެހެއްޓުމުގައިވާ މީހުންނާ މެދު މަސްއޫލު ވާން ޖެހޭނޭ މެއެވެ. ފަހެ މީސްތަކުގެ މައްޗަށް ވެރި ކުރެވިފައި ވާ އިމާމު (ވެރިޔާ)އަކީ އެ މީސްތަކުންނާ މެދުގައިވާ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާ، އޭނާގެ ބެލެހެއްޓުމުގައިވާ މީހުންނާ މެދު މަސްއޫލު ވާން ޖެހޭނެއެވެ. އަންހެނާއީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެ ގޭގެ މީހުންނާ މެދު އޭނާ މަސްއޫލު ވާން ޖެހޭނެއެވެ. އަދި ފިރިހެން ދަރިއަކީ އޭނާގެ ބައްޕަގެ މުދަލުގެ މައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ. އޭނާ ބެލެހެއްޓުމާ ޙަވާލު ވެފައި ވާ ކަމުގައި އޭނާ މަސްއޫލު ވާން ޖެހޭނެއެވެ. އަޅުމީހާއަކީ އޭނާގެ ސާހިބުމީހާގެ މުދަލުގެ މައްޗަށްވާ ބެލެހެއްޓުންތެރިއެވެ. އޭނާ ބެލެހެއްޓުމާ ޙަވާލުވެފައިވާ ކަންތަކުގައި އޭނާ މަސްއޫލު ވާން ޖެހޭނެއެވެ. ދަންނާށެވެ! ތިޔަބައިމީހުން ކުރެ ހަމަ ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެކެވެ. އަދި ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީވެސް އޭނާގެ ބެލުމުގެ ދަށުގައިވާ ކަންކަމުގައި މަސްއޫލު ވާން ޖެހޭނޭ މީހެކެވެ.”

މި ޙަދީޘް ދެ ޞަޙީޙުގައި ގެންނަވާފައި ވެއެވެ.

އަދިވެސް ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ.

«مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً، فَلَمْ يَحُطْهَا بِنَصِيحَةٍ، إِلَّا لَمْ يَجِدْ رَائِحَةَ الجَنَّةِ» [صَحِيح البخاري 7150]

މާނައީ: “ﷲ، އެކަލާނގެ އަޅުތަކުންގެ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލު ކުރައްވައިފައިވާ މީހަކު، އެ ޙަވާލު ކުރެވިފައިވާ އަމާނާތް އިޚްލާޞްތެރިކަމާއެކު ހެޔޮގުތައި ނުބަލަހައްޓައިފިނަމަ، ސުވަރުގޭގެ ވަސްވެސް އެ މީހާއަށް ނުލިބޭނެއެވެ.”

 


 

މި ލިޔުމުގެ އެހެން ބައިތައް