[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޖުވީދުގެ ފުރަމަތަ މަރުޙަލާ (ކީރިތި ޤުރުއާން ކިޔެވުމުގެ ގޮތްތައް)

ކީރިތި ޤުރުއާން ކިޔެވުމުގެ ގޮތްތައް

 

ކީރިތި ޤުރުއާން ކިޔެވުމުގެ ހަތަރު ގޮތެއް ވެއެވެ. [1] އެއީ:

1. التَّرْتِيْل:

ކީރިތި ޤުރުއާން ތަރުތީލުކޮށް ކިޔެވުމަކީ ލަސްލަހުން، ހަމަޖެހިލައިގެން ކޮންމެ އަކުރަކަށްވެސް ދޭން ޖެހޭ ޙައްޤު ދީގެން، އޭގެ މަޚްރަޖާއި ޞިފަތަކާ އެއްކޮށް ކިޔުމެވެ. އަދި ކިޔަވާއިރުގައި މާނައަށް ވިސްނައިގެން އޭގައިވާ ޙުކުމްތަކާއި ނަސޭޙަތްތަކުން ޢިބުރަތް ޙާޞިލުކުރުމެވެ.

 

2. التَّحْقِيْق:

ކީރިތި ޤުރުއާން ތަޙްޤީޤުކޮށް ކިޔެވުމަކީ ތަރުތީލުކޮށް ކިޔެވުން ފަދަ ކަމެކެވެ. ތަޙްޤީޤުކޮށް ކިޔަވާއިރުގައި ކިޔަވާނީ އެއަށްވުރެވެސް ހަމަ ޖެހިގެންނެވެ. އެހެނަސް މިގޮތަށް ކިޔަވާއިރު މާ ބޮޑަށް ދަމާލުމުގެ ސަބަބުން އާ އަކުރުތައް އުފަންވެދާނެތީ އެކަމަށް ސަމާލުވާން ޖެހޭނެއެވެ. ކިޔަވައިދޭ އިރުގައި ޢާންމުކޮށް ކިޔަވާނީ މިފަދައިންނެވެ.

 

3. الحَدْر:

ކީރިތި ޤުރުއާން ޙަދްރުކޮށް ކިޔެވުމަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ޙުކުމްތަކަށް ރައްކާތެރިވެ ހުރެ އަވަހަށް ކިޔެވުމެވެ. މިފަދައިން ކިޔަވާ އިރުގައި އަކުރުތައް ފުރިހަމަކުރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އަދި ޣުންނަތައް އުނިކުރުމުން ރައްކާތެރިވާން ޖެހޭނެއެވެ. އަދި ފިލިތައް ވަންހަނާކުރުމުންވެސް ދުރުހެލިވާން ޖެހޭނެއެވެ.

 

4. التَّدْوِيْر(التَّوَسُّط):

ކީރިތި ޤުރުއާން ތަދްވީރުކޮށް ކިޔެވުމަކީ ތަރުތީލުކޮށް ކިޔެވުމާއި ޙަދްރުކޮށް ކިޔެވުމާ ދެމެދުގެ މިންވަރަކަށް ކިޔެވުމެވެ.

މިގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ކީރިތި ޤުރުއާން ތިލާވަތުކުރުމަކީވެސް ހުއްދަކަމެކެވެ. މިގޮތްތަކުގެ ތެރެއިން އެންމެ މޮޅު އިތުރު ގޮތަކީ ތަރުތީލުކޮށް ކިޔެވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَرَتِّلِ الْقُرْآنَ تَرْتِيلًا‎﴾‏ [سورة المزمل ٤]

މާނައީ: “އަދި ތަރުތީލުކޮށް (ލަސްލަހުން) ކަލޭގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާށެވެ.”

 


 

[1] شرح تحفة الأطفال للشيخ محمد مصطفى بلال (ص: 12 – 13) وغاية المريد لعطية قابل نصر (ص: 19 – 20).

 

ތަޖުވީދުގެ ފުރަމަތަ މަރުޙަލާ