[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިދުޢަ – 8

ބިދުޢައިގެ ނުބައިކަން ވިސްނައިދިނުން

 

ބިދުޢަވެރިން ކުރަމުން ގެންދާ ބިދުޢައިގެ ޢަމަލުތަކުގެ ނުބައިކަން އެބައިމީހުންނަށް ބަޔާންކޮށްދީ ވިސްނައިދިނުމަށްޓަކައި ސަލަފުންގެ ބޭކަލުން ސުވާލުތަކެއްގެ ސިފައިގައި އެކަން ބަޔާންކޮށްދެއްވާފައި ވެއެވެ. [1]

އެކި ބޭކަލުންގެ ފޮތްތަކުގައި އެ މުޚާޠަބުކުރާ މައްސަލައަކާ ގުޅޭ ގޮތުން މި ސުވާލުތަކުގެ ކުޑަ ތަފާތެއް ހުއްޓަސް، މީސްތަކުންނަށް ވިސްނައިދެއްވުމަށްޓަކައި އެއްގޮތް ސުވާލުތަކެއް އެބޭކަލުން ގެންނަވާފައި ވެއެވެ. މިތަނުގައި އެ ސުވާލުތައް ޖުމްލަގޮތެއްގައި ގެނެސްދޭނަމެވެ. إن شاء الله.

 

ސުވާލު 1:

ތިޔަކަން (އެބަހީ: ތިޔަ ބިދުޢަ) ނަބިއްޔާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާއިންނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ ނުވަތަ އެނގިވަޑައި ނުގަންނަވާ ހެއްޔެވެ؟

– ޖަވާބުގައި: އެނގިވަޑައިގަންނަވައޭ ބުނެފިނަމަ: 2ވަނަ ސުވާލު ކުރާނީއެވެ.

– ޖަވާބުގައި: އެނގިވަޑައި ނުގަންނަވައޭ ބުނެފިނަމަ: އެމީހަކަށް އެ ބުނެވެނީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާއިންނަށްވެސް އެނގިވަޑައިގެން ނުވާ ދީނުގެ މުހިންމު ކަމެއް އެމީހަކަށް އެނގޭ ކަމަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި ދީނީ ކަމެއްގައި ނަބިއްޔާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާއިންނަށް އެނގިވަޑައިގެން ނުވާކަމެއް މި އުންމަތުގެ އެކަކަށްވެސް ނޭނގޭނެއެވެ. އަދި އެ ބަހުން ލާޒިމުވަނީ އެބޭކަލުންގެ ޢިލްމަށް އުނިކަން ނިސްބަތްކުރުމެވެ. އަދި އެބޭކަލުންނަށް އެނގިވަޑައިގެން ނުވި ކަމެއް ފަހެ އެހެން މީހަކަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

 

ސުވާލު 2:

އެކަން (އެބަހީ: އެ ބިދުޢަ) ނަބިއްޔާ صلى الله عليه وسلم އަށް އެނގިވަޑައިގަންނަވާކަމަށް އެމީހަކު ބުނެފިނަމަ، އެމީހަކާ ކުރަންވީ ދެވަނަ ސުވާލަކީ: އެކަލޭގެފާނާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާއިން އެކަން އުންމަތަށް ބަޔާންކޮށްދެއްވާފައިވޭ ހެއްޔެވެ؟ ނުވަތަ އެކަން ބަޔާންކޮށްދެއްވާފައި ނުވޭ ހެއްޔެވެ؟

– ޖަވާބުގައި: އެކަން ބަޔާންކޮށްދެއްވާފައި ވެޔޭ ބުނެފިނަމަ: އެމީހަކަށް ލާޒިމުވަނީ ކީރިތި ޤުރުއާނުންނާއި ސުންނަތުން އެކަން ވާރިދުވެފައިވާކަން ޘާބިތުކޮށް ދިނުމެވެ. ބިދުޢައެއް އެފަދައިން ޘާބިތުވާނޭ ޞައްޙަ ދަލީލެއް ނުވާނެއެވެ.

– ޖަވާބުގައި: އެކަލޭގެފާނާއި ހަތަރު ޚަލީފާއިން އެކަން ބަޔާންކޮށްދެއްވާފައި ނުވެޔޭ ބުނެފިނަމަ: އެމީހަކަށް އެ ބުނެވެނީ އެކަލޭގެފާނާއި ހަތަރު ޚަލީފާއިންވެސް އުންމަތަށް ނަސޭޙަތްތެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއީ ބާޠިލު ބުނުމެކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ނަބިއްޔާ صلى الله عليه وسلم އަކީ މަޚްލޫޤުންގެ ތެރެއިން މީސްތަކުންނަށް އެންމެ އޯގާތެރި އަދި އަމާނާތްތެރި ކަލޭގެފާނު ކަމުގައެވެ. އެކަލޭގެފާނުވަނީ އަމާނާތްތެރިކަމާ އެކު މީސްތަކުންނަށް ދީނުގެ ހުރިހާކަމެއްވެސް ފޯރުކޮށްދެއްވާފައެވެ. އަދި އެކަލޭގެފާނު ބަޔާންކޮށްދެއްވާފައިވަނީ ހަތަރު ޚަލީފާއިންގެ ގޮތުގައި އަޅުގަނޑުމެން ވަރުގަދައަށް ހިފުމަށެވެ. އެބޭކަލުންވަނީ އަމާނާތްތެރިކަމާއެކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން މީސްތަކުންނަށް ޢިލްމު ނަޤުލުކުރައްވާފައެވެ.

އަދި އަނެއްކަމަކީ އެކަލޭގެފާނާއި ހަތަރު ޚަލީފާއިންވެސް މީސްތަކުންނަށް ބަޔާންކޮށްދެއްވާފައި ނުވާ ދީނީ ކަމެއް، އަޅުގަނޑުމެން މީސްތަކުންނަށް ބަޔާންކޮށްދިނުން ލާޒިމުވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ވާނޭ ކަމެއް ނޫނެވެ. އެބޭކަލުންގެ މައްޗަށް ލާޒިމު ނުވާ ކަމެއް އަޅުގަނޑުމެންގެ މައްޗަށްވެސް ލާޒިމުވެގެން ނުވެއެވެ.

 


 

[1] ބައްލަވާ: تاريخ بغداد للخطيب (10 / 76 – 77).

 

މި ލިޔުމުގެ އެހެން ބައިތައް