الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
“ކްރިސްމަސް” އަކީ ނަޞާރާއިން ފާހަގަކުރާ ޢީދެކެވެ. އެބައިމީހުން އެ ދުވަސް ފާހަގަކުރަނީ ޢީސާގެފާނު އުފަންވީ ދުވަހަށް ނިސްބަތްކޮށެވެ. އަދި އެއީ އެބައިމީހުންގެ ގާތުގައި އެބައިމީހުންގެ ދީނީ ޢީދުތަކުގެ ތެރެއިން ދެވަނައަށް އެންމެ މުހިންމު ޢީދެވެ.
ގިނަ ނަޞާރާއިން ކްރިސްމަސްގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. އިރުމަތީ ޔޫރަޕުގެ ބައެއް ނަޞާރާއިން ކްރިސްމަސްގެ ގޮތުގައި ޖެނުއަރީ 7 ވަނަ ދުވަސްވެސް ފާހަގަކުރެއެވެ. އެ ދުވަސް ފާހަގަކުރުމުގައި އެބައިމީހުން ޢާންމުކޮށް ކޮށްއުޅޭ ކަންތައްތަކުގެ ތެރެއިން މައިގަނޑު ތިން ކަމެއް ފާހަގަކޮށްލެވެއެވެ. އެއީ: “ކްރިސްމަސް ޓްރީ” ގެ ނަމުގައި މަޝްހޫރުވެފައިވާ ގަސް ޒީނަތްތެރިކުރުމާއި، “ސެންޓަ ކްލައުސް” ގެ ފުލޯކު ވާހަކަ ދިރުވުމާ އަދި އެ ދުވަހު އެބައިމީހުންގެ ޚާއްޞަ ކެއުން ކަމުގައިވާ ސީނުކުކުޅު ނުވަތަ “ޓާކީ” ތައްޔާރުކުރުމެވެ. [1]
ފަހެ ކާފިރުންނަށް “ކްރިސްމަސްގެ” ތަހުނިޔާ ނުވަތަ އެނޫނަސް އެބައިމީހުންގެ ދީނީ ޢީދެއްގައި ތަހުނިޔާ ކިޔުމަކީ ޢިލްމުވެރިންގެ އިއްތިފާޤުން ޙަރާމްކަމެކެވެ. އެހެނީ އެކަމުގައިވަނީ އެބައިމީހުން އެފާޅުކުރާ ކުފުރުގެ ޝިޢާރުތަކާއި ޚުރާފީ ކަންކަމަށް އިޤުރާރުވެ، ރުހުމެވެ. އޭނާ އަމިއްލައަށް އެކުފުރުގެ ޢަމަލުކުރުމަށް ނުރުހޭ ފަދައިން، އެބައިމީހުން ކުފުރުގެ ޢަމަލުތައް ކުރުމަށްވެސް ނުރުހެން ވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ﴾ [سورة الزمر 7]
މާނައީ: “އަދި އެއިލާހުގެ އަޅުން ކާފިރުވުމަކަށް އެއިލާހު ރުހިވޮޑިގެން ނުވެއެވެ.”
ހަމަ އެފަދައިން ކާފިރުންނާ ވައްތަރުވެގަނެ އެބައިމީހުންގެ އެފަދަ މުނާސަބާތުތަކުގައި މުސްލިމުން ބައިވެރިވެ ޙަފްލާ ބޭއްވުމަކީ ޙަރާމްކަމެކެވެ. އެދުވަސްތަކުގައި ހަދިޔާ ބަދަލުކޮށް އަދި ކާ އެއްޗެހި ބަހާ ހެދުމަކީވެސް ހުއްދަކަމެއް ނޫނެވެ. [2]
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ» [رواه أبو داود (4031) وصححه الألباني في أرواء الغليل (1269)] [3]
މާނައީ: “ބަޔަކާ ވައްތަރުވެގެންފި މީހަކުވަނީ އެބައެއްގެ ތެރެއިންނެވެ.”
އަދި މިނޫނަސް ކީރިތި ޤުރުއާނުގެ އެއަށް އާޔަތަކާ އަދި އެތައް ޙަދީޘަކުން ކާފިރުންނާ ތަފާތުވުމަށާއި ޚިލާފުވުމަށް މުސްލިމުންނަށް ބާރުއަޅާފައިވެއެވެ.
ކާފިރުންނާ ވައްތަރުވެގަތުން ބެހިގެންވަނީ މައިގަނޑު ތިން ޙާލަތަކަށެވެ.
- އެބައިމީހުންގެ ދީނީ ކަންކަމުގައި ވައްތަރުވެގަތުން:
ޢަޤީދާއާއި އަޅުކަމާއި ޢީދުތައްފަދަ ކަންކަމުގައި އެބައިމީހުންނާ ވައްތަރުވެގަތުމަކީ ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ. އެގޮތުން ‘ކްރިސްމަސް’ ފާހަގަކުރުމަކީ އެބައިމީހުންގެ ޢަޤީދާއާއި ގުޅިފައިވާ ކަމެކެވެ. އަދި އެއީ އެބައިމީހުންގެ އެންމެ މުހިންމު އެއް ޢީދު ދުވަހެވެ.
- ހެދުން އެޅުންފަދަ ޢާންމު ކަންކަމުގައި:
ކާފިރުންނަށް ޚާއްޞަކަމެއްނަމަ (މިސާލަކަށް: އެބައިމީހުންނަށް ޚާއްޞަ ހެދުމެއް ލުން) އެއީ ޙަރާމްކަމެކެވެ. އެއީ އެބައިމީހުންނަށް ޚާއްޞަ އެއްޗެއް ނޫންނަމަ އެއީ ހުއްދަކަމެކެވެ. ‘ކްރިސްމަސް’ ފާހަގަކުރުމަށް އެބައިމީހުން ލާ އުޅޭ “ސެންޓަ ކްލައުސް” ގެ ހެދުމަކީ އެބައިމީހުންނަށް ޚާއްޞަ އެއްޗެކެވެ. އަދި އެއީ އެބައިމީހުން ޤަބޫލުކުރާ ޚުރާފީ ޤަބޫލުކުރުންތަކެއްގެ މައްޗަށް ބިނާކޮށް އެބައިމީހުން ލާ ހެދުމެކެވެ.
- ދުނިޔަވީ އެހެނިހެން ކަންކަމުގައި ވައްތަރުވެގަތުން:
މިސާލަކަށް ހުއްދަ ވަސީލަތްތަކާއި އިދާރީ ކަންތައްތައް ފަދަ މުބާހު ކަންކަމުގައި ނަމަ އެއީ ހުއްދަ ކަމެކެވެ. އެއީ އިސްލާމްދީނުގައި ހުއްދަ ނޫން ވަސީލަތެއް ނަމަ އެކަމެއްގައި އެބައިމީހުންނާ ވައްތަރުވެގަތުން ހުއްދަވެގެން ނުވެއެވެ. [4]
އަލްޙާފިޡް އިބްނު ކަޘީރު رحمه الله މި ޙަދީޘާ ބެހޭގޮތުން ވިދާޅުވިއެވެ.
“މި ޙަދީޘުން ދަލާލަތުކުރަނީ ކާފިރުން ބުނެ އުޅޭ ބަސްތަކާއި ކުރާ ޢަމަލުތަކާއި ލާ ހެދުމާއި އެބައިމީހުންގެ ޢީދުތަކުގައްޔާއި އަޅުކަންތަކުގައި އެބައިމީހުންނާ ވައްތަރުވެގަތުމުގައި އަދި އެނޫނަސް އެބައިމީހުންގެ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ޝަރުޢުކޮށްފައި ނުވާ އަދި އިޤުރާރުވެފައި ނުވާ ކަންތައްތަކުގައި އެބައިމީހުންނާ ވައްތަރުވެގަތުމުގައި ހުރި ނުރައްކާތެރިކަމާއި ވަޢީދާ އަދި އެކަމާ މެދު ނަހީކުރައްވާފައިވާ ނަހީގެ ވަރުގަދަކަމެވެ.” [5]
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“މުޝްރިކުންގެ ޢީދެއްގައި މުސްލިމުން ބައިވެރިވުމަކީ ހުއްދަކަމެއް ނޫންކަމުގައި ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. ހަތަރު މަޛްހަބުގެ އިމާމުންނަށް ތަބާވެވަޑައިގެންނެވި ފިޤުހުވެރިންވަނީ އެބޭކަލުންގެ ފޮތްތަކުގެ ޞަރީޙަކޮށް އެވާހަކަ ބަޔާންކުރައްވާފައެވެ. އަލްބައިހަޤީވަނީ ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ. ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.
“މުޝްރިކުންގެ ޢީދެއްގައި އެބައިމީހުންގެ ކަނީސާއަށް ނުވަންނާށެވެ. ފަހެ ހަމަކަށަވަރުން އެފަދަ ވަގުތުތަކަކީ ﷲ ގެ ކޯފާ އެބައިމީހުންގެ މައްޗަށް ބާވައިލައްވަފާނެ ވަގުތެކެވެ.”
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
“ﷲގެ ޢަދުއްވުންނާ އެބައިމީހުންގެ ޢީދު ދުވަހުގައި ތިޔަބައިމީހުން ދުރުހެލިވާށެވެ.” ” [6]
ދުޢާއަކީ ﷲ ތަޢާލާ އަޅަމެން މިފަދަ މުންކަރާތްތަކުން ދުރުހެލިކޮށްދެއްވައި ރައްކާތެރިކޮށްދެއްވުމެވެ! އާމީން!
[1] ބައްލަވާ: الأعياد المحدثة لد. عبد الله المهنا (ص: 92 – 94).
[2] ބައްލަވާ: أحكام أهل الذمة لابن القيم (1 / 441) ومجموع فتاوى ورسائل العثيمين (3 / 45 – 46).
[3] أخرجه أبو داود في سننه (4031) وابن أبي شيبة في مصنفه (19401) (33016) وأحمد في مسنده (5114) (5115) (5667) وعبد بن حميد في المنتخب من مسنده (848) والطحاوي في شرح مشكل الآثار (231) والطبراني في الكبير (14109) وتمام بن محمد في الفوائد (770) والبيهقي في شعب الإيمان (1154).
މި ޙަދީޘްވަނީ އިބްނު ޢުމަރާއި އަބޫ ހުރައިރާއާއި ޙުޛައިފާ އަދި އަނަސް ބުން މާލިކު رضي الله عنهم ގެ އަރިހުން ރިވާވެގެންނެވެ. މިއީ މުޙައްދިޘުންގެ އަރިހުގައި ޞައްޙަ ޙަދީޘެކެވެ. އަދި ޙަސަން ދަރަޖައިގެ ޙަދީޘަކަށް ވުރެ ދަށަކަށް މި ޙަދީޘް ނުދާނެކަމުގައި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ. އެހެނީ މި ޙަދީޘަށް ބާރުދޭ ރިވާޔަތްތަކެއް ވެއެވެ. ފަހެ ޙަސަން ދަރަޖައަކީވެސް ޙުއްޖަތް ނެގޭވަރުގެ ޙަދީޘްގެ ދަރަޖައެކެވެ. ޢިލްމުވެރިންގެ އަރިހުގައި ޙުއްޖަތް ނެގޭ ވަރުގެ ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކާއި ޙަސަން ޙަދީޘްތަކެވެ. އެ ތަފްޞީލުކުރާނަމަ އެއީ: ޞަޙީޙު ލި ޛާތިހީއާއި، ޙަސަން ލި ޛާތިހީއާއި، ޞަޙީޙު ލި ޣައިރިހީ އަދި ޙަސަން ލި ޣައިރިހީ، މި ހަތަރު ބައެވެ.
މި ޙަދީޘާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް:
1- މި ޙަދީޘަކީ ޖައްޔިދު (ރަނގަޅު) ސަނަދަކުން އައިސްފައިވާ ޙަދީޘެއްކަމުގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (އަވަހާރަވީ ހިޖުރައިން 728) رحمه الله ވިދާޅުވިއެވެ. [ބައްލަވާ:اقتضاء الصراط المستقيم لابن تيمية (10 / 271)]
2- މި ޙަދީޘްގެ ސަނަދު ޞާލިޙު (ރަނގަޅު) ކަމުގައި އައްޛަހަބީ (އަވަހާރަވީ ހިޖުރައިން 748) رحمه الله ވިދާޅުވިއެވެ. [ބައްލަވާ:السير للذهبي (15 / 509)]
3- އަލްޙާފިޡް އަލްޢިރާޤީ (އަވަހާރަވީ ހިޖުރައިން 806) رحمه الله ވިދާޅުވިއެވެ.
“އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން މި ޙަދީޘް، ޞައްޙަ ސަނަދަކުން އަބޫ ދާވޫދު ރިވާކުރެއްވިއެވެ.” [المغني للعراقي (1 / 318)]
4- ޙުޛައިފާ رضي الله عنه ގެ އަރިހުން ރިވާވެފައިވާ ރިވާޔަތާ ބެހޭގޮތުން އަލްޙައިޘަމީ (އަވަހާރަވީ ހިޖުރައިން 807) رحمه الله ވިދާޅުވިއެވެ.
“މި ޙަދީޘްވަނީ ޠަބަރާނީ އަލްއައުސަޠުގައި ރިވާކުރައްވާފައެވެ. އެ ޙަދީޘްގައި علي بن غراب ވެއެވެ. އެކަލޭގެފާނަކީ ޘިޤާ(އިތުބާރު ހިފޭ) ރާވީއެއް ކަމުގައި އެއް ޢިލްމުވެރިއަކަށް ވުރެ ގިނަ ބޭކަލުން ވިދާޅުވެފައި ވެއެވެ. ބައެއް ބޭކަލުން އެއީ ޟަޢީފު(ބަލިކަށި) ރާވީއެއް ކަމަށްވެސް ވިދާޅުވެއެވެ. ދެން އެ ޙަދީޘްގައިވަނީ އިތުބާރު ހިފޭ ރާވީންނެވެ.” [مجمع الزوائد للهيثمي (10 / 271)]
5- އަބޫ ދާވޫދުގެ ރިވާޔަތާއި ބެހޭގޮތުން އަލްބޫޞީރީ (އަވަހާރަވީ ހިޖުރައިން 840) رحمه الله ވިދާޅުވިއެވެ.
“އަބޫ ދާވޫދު މި ޙަދީޘް ގެންނަވާފައި މި ޙަދީޘާ މެދުގައި އެއްޗެއް ވިދާޅު ނުވެއެވެ. އެއީ އެކަލޭގެފާނުގެ އަރިހުގައި މި ޙަދީޘަކީ ޢަމަލުކުރެވޭ އަދި ޙުއްޖަތް ނެގޭވަރުގެ ޙަދީޘަކަށް ވުމުންނެވެ.” [إتحاف الخيرة المهرة للبوصيري (4 / 484)]
6- މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި އަލްޙާފިޡް އިބްނު ހަޖަރު (އަވަހާރަވީ ހިޖުރައިން 852) رحمه الله ވިދާޅުވިއެވެ. [ބައްލަވާ:فتح الباري لابن حجر (10 / 271)]
7- މި ޙަދީޘްގެ ބައެއް ސަނަދުތަކުގައި ބަލިކަށިކަން ހުއްޓަސް މި ޙަދީޘަށް ބާރުދޭ ޙަދީޘްތައް ވާކަމަށް އަލްޙާފިޡް އައްސަޚާވީ (އަވަހާރަވީ ހިޖުރައިން 902) رحمه الله ވިދާޅުވިއެވެ. [ބައްލަވާ:المقاصد الحسنة للسخاوي (10 / 271) وعون المعبود للعظيم آبادي (11 / 52)]
8- މި ޙަދީޘްގެ ސަނަދު ޞައްޙަކަމުގައި އައްޝައިޚު އަޙްމަދު ޝާކިރު (އަވަހާރަވީ ހިޖުރައިން 1377) رحمه الله ވިދާޅުވިއެވެ. [ބައްލަވާ:تحقيق المسند لأحمد شاكر (4 / 515)]
9- މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި ޝައިޚް އަލްބާނީ (އަވަހާރަވީ ހިޖުރައިން 1420) رحمه الله ވިދާޅުވިއެވެ. [ބައްލަވާ:تحقيق المشكاة للألباني (2 / 1246)]
[4] ބައްލަވާ: الأعياد المحدثة لد. عبد الله المهنا (ص: 57 – 58).
[5] تفسير ابن كثير (1 / 374).
[6] أحكام أهل الذمة لابن القيم (1 /723 – 724).