الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މުޤައްދިމާ
މި ލިޔުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވާ “އާ އަހަރު”ގެ މުރާދަކީ މީލާދީ އާ އަހަރެވެ. އެދުވަސް ފާހަގަކުރުމަށް ޢަރަބި ބަހުގައި ކިޔާ އުޅެނީ “عِيْدُ رَأْسِ السَّنَة” (މާނަ: އަހަރު ފެށޭ ޢީދު [1]) އެވެ. އޭގެ މުރާދަކީ މީލާދީ އާ އަހަރު ފެށުމުގެ ގޮތުން އެކަން ފާހަގަކޮށް، އެކަމަށްޓަކައި ބާއްވާ އިޙްތިފާލެވެ.
އެދުވަހުގެ ތާރީޚް
މިކަމުގައި ކޮންމެ ދީނެއްގެ އަހުލުވެރިންވެސް ކަނޑައަޅާފައިވަނީ އެހެން ދީންތަކުގެ މީހުންނާ ޚިލާފު ދުވަހެކެވެ. އެގޮތުން:
– މަޖޫސީންގެ ގާތުގައި އާ އަހަރު ފެށޭ ދުވަހަކީ: ފަލަކީ ބުރުޖުތަކުގެ (Astrological Signs ގެ) ތެރެއިން އެންމެ ފުރަތަމަ ބުރުޖުކަމުގައި بُرْجُ الحَمْل (Aries) ފެށޭ ދުވަހެވެ. އެއީ ބަހާރު މޫސުން ފެށޭ ދުވަހެވެ.
– ޔަހޫދީންގެ ގާތުގައި އާ އަހަރު ފެށޭ ދުވަހަކީ: ފަލަކީ ބުރުޖުތަކުގެ (Astrological Signs ގެ) ތެރެއިން ހަތްވަނަ ބުރުޖުކަމުގައި بُرْجُ الِميْزَان (Libra) ފެށޭ ދުވަހެވެ. އެއީ ޚަރީފު މޫސުން ފެށޭ ދުވަހެވެ.
– ނަޞާރާއިންގެ ގާތުގައި އާ އަހަރު ފެށޭ ދުވަހަކީ: ފަލަކީ ބުރުޖުތަކުގެ (Astrological Signs ގެ) ތެރެއިން އެގާރަވަނަ ބުރުޖުކަމުގައި بُرْجُ الدَّلْو (Aquarius) ފެށޭ ދުވަހެވެ. އެއީ ފިނި މޫސުމާ ދިމާވާ ބުރުޖުތަކުގެ ތެރެއިން ދެވަނަ ބުރުޖެވެ.
ނަޞާރާއިން އާ އަހަރު ފަށާ ދުވަސް މުޅި ދުނިޔޭގައިވެސް މިހާރު މަޝްހޫރުވެފައި މިވަނީ އެބައިމީހުންގެ ނުފޫޒު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަދަވެފައިވާތީއެވެ. އަދި ގިނަ ޤައުމުތަކުގައި މިހާރު މީލާދީ ކަލަންޑަރު ބޭނުންކުރާތީއެވެ. އެހެންކަމުން އެބައިމީހުން އާ އަހަރު ފެށޭ ދުވަސް ފާހަގަކުރާ ފަދައިން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު މިދުވަސް ފާހަގަކުރެއެވެ.
އާ އަހަރުގެ ގޮތުގައި އެބައިމީހުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖަނަވަރީ 1 ވަނަ ދުވަހެވެ. ފަހެ ޔޫރަޕުގެ ގިނަ ޤައުމުތަކުގައި މެދު ޤަރުނުތަކުގައި (Middle Age or Medieval Period ގައި) އާ އަހަރުގެ ގޮތުގައި ބަލާ އުޅުނީ މާރޗު މަހުގެ 25 ވަނަ ދުވަހެވެ. އެހެނަސް 17 ވަނަ ޤަރުނުގައި ވަރަށް ގިނަ ޤައުމުތަކުން “Gregorian” ކަލަންޑަރަށް ޢަމަލުކުރަން ފެށުމުން، އެކަން ޖަނަވަރީ 1 ވަނަ ދުވަހަށް ބަދަލުވީއެވެ. އެދުވަހުގެ މުނާސަބަތުގައި އެބައިމީހުން ޙަފްލާ ބާއްވާ އުޅެނީ އެންމެ ދުވަހެކެވެ.
އެދުވަސް ފާހަގަކުރުމަށް އެބައިމީހުން ކުރާ ބައެއް ކަންތައްތައް
އިހުގެ ވަރަށް ގިނަ ދަރިކޮޅުތަކުގެ މީހުން އަހަރު ފަށަނީ ގޮވާން ކަނޑާ ދުވަހުގައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އިހުގައި ކުރެވިފައިވާ ކަންކަމުން ސަލާމަތްވުމަށްޓަކައި އެދުވަހުގައި ބައެއް ދީނީ ޝިޢާރުތައްވެސް ފާޅުކޮށް އުޅެއެވެ. އެއީ އާ އަހަރަށް އެބައިމީހުންގެ ނަފްސުތައް ޠާހިރުކުރުމަށެވެ.
އޭގެ އެއް މިސާލަކީ ބައެއް މީހުން އެދުވަހު އެބައިމީހުން ކުރިން ބޭނުން ކުރި އަލިފާން ނިއްވާލައެވެ. އަދި އެއަށްފަހުގައި އާ އަލިފާނެއް އެދުވަހުގައި ރޯކުރެއެވެ.
އަދި ޤަދީމީ މިޞްރުގައި އެދުވަސް ފާހަގަކޮށް އުޅުނީ الشِّعْرَى اليَمَانِيَّة (Sirius) ދުވާލު ގަޑީގައި ފާޅުވުމުންނެވެ. އެގޮތުން ކޮންމެ ބަޔަކުވެސް އެބައިމީހުންނަށް ޚާއްޞަ ޙަފްލާތަކުން އެދުވަސް ފާހަގަކޮށް އުޅުނެވެ.
އޭޝިޔާއަށް ބަލާލާއިރުގައި އެދުވަހަކީ އުފާފާޅުކުރާ ދުވަހެކެވެ. ޗައިނާގައި އެދުވަސް ފާހަގަކުރުމަށް އެބައިމީހުން “ޕެރޭޑް” އާއި “ކާނިވަލް” ބާއްވައެވެ. އަދި ބަޑިބޭހުގެ ކުޅިވަރުތައް ކުޅެއެވެ. އަދި ގެތައް ޒީނަތްތެރި ކުރެއެވެ. އަދި ހަދިޔާ ބަދަލުކުރެއެވެ.
އަދި ޖަޕާނުގައި އާ އަހަރު ފެށޭ ވަގުތު ވަރަށް ގިނަ މީހުން އަޅުކަމުގައި ތިބެއެވެ. އަދި ނުބައި ރޫޙުތައް ދުރުކުރުމަށް އެބައިމީހުން އެދުވަހުގައި ޚާއްޞަ ކަންތައްތައް ކުރެއެވެ. އަދި އޭގެ ތެރެއިން ވަރަށް ގިނަ މީހުން އެ ރޭގައި ބާއްވާ ޙަފްލާގައިވެސް ބައިވެރި ވެއެވެ. އަދި ރޭ ދެބައިވުމުން ރަނގަބީލުތައް ޖަހަން ފަށައެވެ. އަދި ‘އެލާމް’ތައް އަޅުވަން ފަށާއި ބަޑިބޭހުގެ ކުޅިވަރުތައް ކުޅެއެވެ. އަދި އެއް ބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ކިޔައެވެ.
ޔޫރަޕުގައި އެކަން ކުރާ ގޮތަށް ބަލާލާއިރުގައި އެބައިމީހުން އެ ރޭ ޢާއިލީ ޙަފްލާތައް ބާއްވައެވެ. އަދި އަދި ހަދިޔާ ބަދަލުކުރެއެވެ. އަދި ރައްޓެހިންނަށް ޒިޔާރަތްކޮށް ހަދައެވެ. އަދި ނުބައި އާދަތަކުން ދުރުހެލިވުމަށް އެރޭ ވަރަށް ގިނަ މީހުން ޢަޒުމު ކަނޑައަޅައެވެ.
އަދި އިނގިރޭސި ވިލާތުގައި އެރޭ ބާރަ ޖެހުމުން އެންމެން އަތުގުޅާލާފައި، ވަށް ބުރެއް ހަދައިގެން ތިބެގެން ޚާއްޞަ ލަވަތައް ކިޔައެވެ. އަދި ސްކޮޓްލަންޑުގައިވެސް އެރޭ ވަރަށް އުފާ ފާޅުކުރެއެވެ. އަދިވެސް ހުޅަނގުގެ ބައެއް ޤައުމުތަކުގައި އެއީ ރަށްޓެހިންނާއި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމުގެ ރެއެކެވެ. އަދި ހަދިޔާ ބަދަލުކޮށް، އެބައިމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރާ ރެއެކެވެ. އަދި ބަޑިއާއި ދުންމާއިރާއި ރަނގަބީލާ އަދި އެނޫންވެސް އާލާތްތަކުން އަޑުގަދަކުރާ ރެއެކެވެ. އަދި ބެލްޖިއަމްގައި ކުޑަކުދިން އެބައިމީހުންގެ މައިންބަފައިންނަށް ރިވެތި ކަރުދާސްތަކުގައި ޚާއްޞަ މެސެޖުތައް ލިޔެ އެރޭ ކިޔައިދީ އުޅެއެވެ. [2]
ހިޖުރީ އަހަރު ފެށޭ ދުވަސް
ހިޖުރީ ތާރީޚު ފެއްޓެވީ ރަސޫލާ صلى الله عليه وسلم ކަމަށް ބައެއް ރިވާޔަތްތައް އައިސްފައިވެއެވެ. އެގޮތުން، އިބްނު އަސާކިރު رحمه الله، އިމާމް ޒުހުރީ رحمه الله ގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ.
“أَنّ النبي صلى الله عليه وسلم أَمَرَ بِالتَّارِيخ يَوْمَ قَدِمَ المدِينَةَ فِي شَهْرِ رَبِيع” [تاريخ دمشق (1 / 37)]
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ރަބީޢު (އެބަހީ: ރަބީޢުލްއައްވަލު) މަހު މަދީނާއަށް ވަޑައިގެންނެވި ދުވަހު ތާރީޚުކުރެއްވުމަށް އަމުރުކުރެއްވިއެވެ.”
މި ރިވާޔަތަކީ މުރުސަލު ރިވާޔަތެއްކަމުގައި އިބްނު އަސާކިރު رحمه الله ވިދާޅުވެފައިވެއެވެ. އެހެނީ ޒުހުރީ رحمه الله އަކީ ތާބިޢީ ބޭކަލުންކުރެ ޢުމުރުން ހަގު ގިންތީގެ ބޭކަލެކެވެ. އެހެންކަމުން، މި ރިވާޔަތުގައި އެއް ރާވީ ނުވަތަ ދެ ރާވީން ވެއްޓިފައި ވެއެވެ. މި ސަބަބާ ހުރެ، މި ރިވާޔަތަކީ ޟަޢީފު ރިވާޔަތެކެވެ.
އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ.
“މިއީ މުޢުޟަލު (އެބަހީ: ޖެހިޖެހިގެން ދެރާވީ ވެއްޓިފައިވާ) ޙަދީޘެކެވެ. މަޝްހޫރު ގޮތް މި އާ ޚިލާފެވެ. އެކަން (އެބަހީ: ހިޖުރީ ތާރީޚު ލިޔުއްވަން) ފެށިފައިވަނީ ޢުމަރު رضي الله عنه ގެ ޚިލާފަތުގައެވެ.” [3]
ހިޖުރީ ތާރީޚު ލިޔުއްވަން ފެއްޓެވީ ﷲގެ ރަސޫލާ صلى الله عليه وسلم ކަމަށް ޞަރީޙަކޮށް ޞައްޙަ ރިވާޔަތެއް އައިސްފައިވާކަމެއް އެނގޭކަށް ނެތެވެ. والله أعلم.
ހިޖުރީ ތާރީޚު ފެށުނީ ޢުމަރު رضي الله عنه ގެ ޚިލާފަތުގައި ކަމަށް ދަލީލުކުރާ ގިނަ ރިވާޔަތްތަކެއް އައިސްފައި ވެއެވެ. ޢުމަރު رضي الله عنه މި ތާރީޚު ލިޔުއްވަން ފެއްޓެވީ މަޝްވަރާއަށް ފަހުގައި، ޞަޙާބީން އެކަމަށް އިއްތިފާޤުވެވަޑައިގެންނެވުމުންނެވެ.
އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ފޮތް “البداية والنهاية” ގައި ވިދާޅުވެފައިވެއެވެ.
“(ރަސޫލާ صلى الله عليه وسلم ގެ ހިޖުރައަށް ފަހު) ސޯޅަ އަހަރު، ނުވަތަ ސަތާރަ އަހަރު ނުވަތަ އަށާރަ އަހަރު ފަހުން ޢުމަރުގެފާނުގެ ޚިލާފަތުގައި، (ރަސޫލާ صلى الله عليه وسلم) ހިޖުރަކުރެއްވި އަހަރުން ފެށިގެން އިސްލާމީ ތާރީޚު ޖަހަން ފެށުމަށް ޞަޙާބީން – رضي الله عنهم – އިއްތިފާޤުވެވަޑައިގެންނެވިއެވެ. އެކަން ހިނގައި ދިޔަ ގޮތަކީ، އަމީރުލް މުއުމިނީން ޢުމަރު رضي الله عنه އަށް މީހަކު އެހެންމީހަކަށް ކޮށްފައިވާ (ފައިސާގެ ނުވަތަ އެނޫން އެފަދަ އެއްޗެއްގެ) ލިޔުމެއް ހުށަހެޅުނެވެ. އެލިޔުމުގައި ވަނީ އެމީހަކަށް އެއެތި ހުއްދަވާހުށީ ޝަޢުބާން މަހުއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ.
“ކޮން ޝަޢުބާން މަހެއް ހެއްޔެވެ؟ ތިމަންމެން ގުނަމުން މިދާ އަހަރުގެ ޝަޢުބާން މަސް ހެއްޔެވެ؟ ނުވަތަ ވޭތުވެދިޔަ އަހަރުގެ ހެއްޔެވެ؟ ނުވަތަ މިއަންނަ އަހަރުގެ ހެއްޔެވެ؟”
އޭގެ ފަހުގައި، (ޢުމަރުގެފާނު) ޞަޙާބީން ޖަމާކުރައްވައި، ލޭންދޭނުގެ ގޮތުގައި ދޭތަކެއްޗާއި އެނޫން ތަކެތި ދައްކަންޖެހޭ ދުވަސްތައް އެނގޭނެ ތާރީޚެއް ޖެއްސެވުމަށް އެބޭކަލުންނާ މަޝްވަރާކުރެއްވިއެވެ. ފާރިސީންގެ ތާރީޚު ބޭނުންކުރެއްވުމަށް އޭގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. އެކަމާ ޢުމަރުގެފާނު ރުހިވަޑައިނުގެންނެވިއެވެ. އަދި ރޫމީންގެ ތާރީޚު ތާރީޚެއްކަމުގައި ހެއްދެވުމަށް އެހެން ބޭކަލަކު ހުށަހެޅުއްވިއެވެ. އެކަމާވެސް ޢުމަރުގެފާނު ރުހިވަޑައިނުގެންނެވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ صلى الله عليه وسلم އުފަންވި ދުވަހުން ތާރީޚު ޖައްސަވަން ފެއްޓެވުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން އެކަލޭގެފާނު ހިޖުރަކުރެއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ صلى الله عليه وسلم މިދުނިޔެ ދޫކުރެއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. މިގޮތުން ޢުމަރުގެފާނު ބުރަވެވަޑައިގެންނެވީ ހިޖުރަކުރެއްވި ދުވަހުން ތާރީޚު ޖައްސަވަން ފެއްޓެވުމަށެވެ. އެއީ އެކަން ސާފުކޮށް އެނގެންއޮތުމާއި، އެކަން މަޝްހޫރުވެފައިވުމެވެ. އެއެންމެހާ ބޭކަލުން ޢުމަރުގެފާނާ މިކަމުގައި އިއްތިފާޤުވެވަޑައިގެންނެވިއެވެ.”
އަބޫ ދާވުދު އައްޠަޔާލިސީ رحمه الله ރިވާކުރައްވާފައިވާ ރިވާޔަތުގައި، ހިޖުރަކުރެއްވި އަހަރަކީ ތާރީޚު ޖަހަން ފަށާ އަހަރާމެދު އެބޭކަލުން އިއްތިފާޤުވަޑައިގެންނެވުމަށް ފަހުގައި، ފުރަތަމަ މަހަކީ ކޮބައިކަމާމެދު މަޝްވަރާކުރެއްވިކަމުގައިވެއެވެ. އެއިގެ ތެރެއިން ބައެއް ބޭކަލުން ރަމަޟާން މަސް އެންމެ ފުރަތަމަ މަހެއްކަމުގައި ހެއްދެވުމަށް ހުށަހެޅުއްވިއެވެ. އަނެއްބައި ބޭކަލުން މުޙައްރަމު މަސް ހެއްދެވުމަށް ހުށަހެޅުއްވިއެވެ. އެއީ މީސްތަކުން ޙައްޖުގެ އަޅުކަމަށްފަހުގައި އެނބުރި ދިއުމަށް ފަހު، ދެން އަންނަ މަހަކީ މުޙައްރަމުމަސް ކަމުގައި ވާތީއެވެ.” [4]
އެ ސަބަބާ ހުރެ، ހިޖުރީ އަހަރު ފެށޭ ދުވަސް އެބޭކަލުން ކަނޑައަޅުއްވާފައި އެ ލިޔުއްވަން ފެއްޓެވި ނަމަވެސް، ހިޖުރީ އަހަރު ފެށޭ ދުވަހުގައި އެބޭކަލުން ޙަފްލާ ބާއްވާ، ތަހުނިޔާ ކިޔާ އަދި ފާހަގަކޮށްފައި ނުވެއެވެ. ޢުމަރުގެފާނުވެސް އަދި އެކަލޭގެފާނަށް ފަހު ވަޑައިގެންނެވި ޚަލީފާއިންވެސް އަދި އިމާމުވެރި ބޭކަލުންނާއި ޢިލްމުވެރިންވެސް އެކަން ކުރައްވާފައި ނުވެއެވެ.
އެދުވަސް ފާހަގަކުރުމުގެ ޙުކުމް
މިކަމާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއަށް ސުވާލުދެންނެވުމުން އެބޭފުޅުން ދެއްވި ޖަވާބު ތިރީގައި އެވަނީއެވެ.
“ސުވާލު: ކާފިރުން ކޮންމެ އަހަރަކު ތަކުރާރުކޮށް ފާހަގަކުރާ ދުވަސްތަކުގައި މުސްލިމުން އިޙްތިފާލު ބާއްވާ އުޅެއެވެ. އަދި ޝަރީޢަތުގައި ފާހަގަކުރުން ހުއްދަވެގެން ނުވާ ދުވަސްތަކުގައި މިފަދަ މީހުން ޢީދު ހަދާ އުޅެއެވެ. މިޘާލަކަށް: މަންމައިންގެ ދުވަސް، ‘ޝައްމުއްނަސީމް’ [5] ދުވަސް އަދި އާ އަހަރު ފެށޭ ދުވަސް ފާހަގަކުރުން ހިމެނެއެވެ. މި ދުވަސްތައް ކޮންމެ އަހަރެއްގައި ތަކުރާރުކޮށް ފާހަގަކުރާ މީހުންގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު: މި ހުރިހާ ދުވަސްތައް ޢީދުތަކެއްކަމުގައި ހަދާ ކޮންމެ އަހަރަކު ތަކުރާރުކޮށް ފާހަގަކުރުމަކީ ބިދުޢައެކެވެ. އިސްލާމްދީނުގައި ދެ ޢީދު ފިޔަވާ އިތުރު ޢީދެއް ނުވެއެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ.
ފަހެ މި ކަންކަމުގެ ޙައްޤުގޮތް އެނގިފައިވާ މީހުންގެ މައްޗަށް އޮތީ އަލަށް ފާހަގަކުރެވޭ މި ދުވަސްތައް ފާހަގަކުރާ މީހުންނަށް މަޑުމައިތިރިކަމާ އެކު ނަޞީޙަތްތެރިވެ އިރުޝާދު ދިނުމެވެ.
ފަހެ އެއްގޮތަކީ އެފަދަ ދުވަސްތައް ފާހަގަކުރާ މީހުން އެކަންތައް ކުރުން ހުއްޓާލުމެވެ. ނޫންނަމަ އެފަދަ މީހުން ބެލެވޭނީ ބިދުޢައެއްގެ މައްޗަށް ޘާބިތުވެގެން ތިބޭ ފާފަވެރި ބައެއްގެ ގޮތުގައެވެ.” [6]
އަދި މިކަމާ ބެހޭގޮތުން އައްޝައިޚް ޢަބްދުއްރަޙްމާނު ބުން ނާޞިރުލް ބައްރާކު حفظه الله ވިދާޅުވިއެވެ.
“މީލާދީ އާ އަހަރު ފާހަގަކޮށް އަދި އެއްވެސް ޙާޖަތެއް ނެތި އެދުވަސް ޛިކުރުކުރުމަކީ މުސްލިމުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. ހިޖުރީ އާ އަހަރު ފެށުމުންވެސް ދުޢާކުރުމާއި ތަހުނިޔާ ކިޔުމަކީ ޝަރުޢުކުރައްވާފައިވާ ކަމެއް ނޫނެވެ. ދެން ފަހެ މީލާދީ އަހަރު ފެށުމުން އެފަދަކަމެއް ކުރާނީ ކިހިނަކުން ހެއްޔެވެ؟!” [7]
އެހެންކަމުން އާ އަހަރު ފާހަގަކުރުމަކީ ޝަރުޢުކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި އެކަންކުރުމުގައި މިޔުޒިކު ޝޯތަކާ އަދި ދެ ޖިންސުގެ މީހުން އެއްވެގެން ނާޗަރަނގީ ބާއްވާ އެކަން ފާހަގަކުރާނަމަ އެކަމުގެ ނުބައިކަން ބޮޑުވެގެން ވެއެވެ. އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކަންކަމެވެ. އަދި އެކަން ހިމެނިގެން ދަނީ ކާފިރުންނާ ވައްތަރުވެގަތުމުގެ ތެރެއިންނެވެ. އިސްވެ ބަޔާންވެގެން ދިޔަ ގޮތުގައި އެދުވަސް ފާހަގަކުރުމަކީ ކާފިރުން ކުރަމުން އަންނަ ކަމެވެ. އަދި އެއީ އެބައިމީހުންގެ ޢީދެކެވެ. އަޅުގަނޑުމެން މުސްލިމުން އަބަދުމެ ފާތިޙާ ސޫރަތް ކިޔަވާ، އެދެމުން މިދަނީ އެބައިމީހުންގެ މަގުން އެއްކިބާކޮށް ސީދާވެގެންވާ މަގަށް މަގު ދެއްކެވުމަށެވެ. ފަހެ އެދުވަސް ފާހަގަކުރުމަކީ މިކަމުގައި ނަޞާރާއިންގެ މަގެވެ. މުސްލިމުންގެ ގޮތެއް ނޫނެވެ.
އޭ ﷲ! އަޅަމެންނަށް ސީދާވެގެންވާ މަގަށް މަގު ދައްކަވާނދޭވެ! އެބަޔަކަށް އިބައިލާހު ރުއްސުންލެއްވި ބޭކަލުންގެ މަގެވެ! މަގުފުރެދުނު މީހުންނާއި ކޯފާލެއްވުނު މީހުންގެ މަގެއް ނޫނެވެ! އާމީން!
[1] ޢީދު: މިއީ ޢާންމު ގޮތެއްގައި މީސްތަކުން އެކަމަކަށްޓަކައި ޖަމާވާ ކަންތައްތަކަށް ކިޔާ ނަމެކެވެ. އެއީ އަހަރަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު ނުވަތަ އެފަދަ ގޮތަކަށެވެ. (ބައްލަވާ: اقتضاء الصراط المستقيم لابن تيمية (ص: 496)).
[2] ބައްލަވާ: الموسوعة العربية العالمية (16 / 724 – 725).
[3] فتح الباري (7/ 268).
[4] ބައްލަވާ: البداية والنهاية (4 / 510 – 511).
[5] ޝައްމުއްނަސީމް: މިއީ ނަޞާރާއިންގެ ޢީދެއްކަމުގައިވާ ‘އީސްޓަރ’ އަށް ފަހު މިޞްރުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެކެވެ.
[6] فتاوى اللجنة الدائمة – المجموعة الثانية (1 / 437).
[7] https://sh-albarrak.com/article/10585