[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ކަލަންޑަރު (2)

މިލިޔުމުގެ ކުރީބައިގައި އަލިއަޅުވާލެވިފައިވާނީ މީސްތަކުން ތާރީޚު މިންގަނޑު ބަލާގޮތުގެ ތެރެއިން އިރުގެ ދައުރުވުމަށް ބަލައިގެން ހައްދާފައިވާ މީލާދީ ކަލަންޑަރަށެވެ. އަދި މިކަލަންޑަރަށް ކޮށްފައިވާ ބާޠިލު ޢަޤީދާތަކުގެ އަސަރުތަކަށެވެ. މިލިޔުމުގައި އަލިއަޅުވާލަން ޤަޞްދުކުރެވިފައިވަނީ ހިޖުރީ ތާރީޚަށެވެ.

ހިޖްރީތާރީޚުގެ ފެށުން:

ހިޖްރީތާރީޚުގެ ދުވަސްތައް ބިނާވެފައިވަނީ ހަނދު ދުނިޔެވަށާ އެނބުރޭގޮތުގެ މައްޗަށެވެ. މަހެއްގެ ތެރޭގައި ހަނދުގެ ޞިފަ ބަދަލުވަމުންދެއެވެ. މަސްފެށޭ އިރު ހަނދުގެ ބުރުކުޑަވާނެއެވެ. ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އައިސް މަހުގެ މެދުގައި (އެބަހީ: 14 ވިލޭރޭ) ހަނދުފުރިހަމަވެއެވެ. އެއަށްފަހު އަނެއްކާވެސް ހަނދުގެ ދާއިރާ ކުޑަވަމުންގޮސް މަސްނިމެންވާއިރަށް ވަރަށް ކުޑަވެގެންދެއެވެ. އިރުގެ ދައުރުވުމާ ޚިލާފަށް ހަނދުގެ ޞިފަތަކަކީ ފާޅުކޮށް އެނގެންހުންނަ، ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ދެނެގަނެވޭނެ ޞިފަތަކެކެވެ. ހަނދުގެ ޞިފަތަކަށް ބަލައިގެން ވަރަށް ފަސޭހަކަމާއެކު މަހުގެ ކޮންދުވަހެއްކަން ދެނެގަނެވޭނެއެވެ. މިއާއިޚިލާފަށް އިރުގެ ނިޒާމަށް ބަލައިގެން ދުވަސްހޯދުމަކީ ކަމުގެ ޢިލްމު ލިބިފައިވާ މާހިރުންނަށް ފިޔަވައި އުނދަގޫކަމެކެވެ. މިގޮތަށް ހަނދަށް ބަލައިގެން ތާރީޚު ބެލުމަކީ އިސްލާމްދީނުގެ ކުރިންވެސް މީސްތަކުން ކުރަމުން އައިކަމެކެވެ.

ހަނދުގެ ދައުރުވުމަށް ބިނާކޮށްފައިވާ ތާރީޚީ މިންގަނޑުގައި ހަނދު ދުނިޔެވަށައިގެން ޖަހާ ފުރިހަމަ ބުރަކީ އެއްމަސްދުވަހެވެ. އެއީ ގާތްގަނޑަކަށް 29.25 ދުވަހެވެ. މިމިންގަނޑަށް ބިނާކޮށް ހަނދުއަހަރަކީ ގާތްގަނޑަކަށް 354.36 ދުވަހެވެ. އެއީ ކޮންމެ އަހަރަކު މީލާދީތާރީޚަށްވުރެ 10.88 ދުވަހުގެ މަދު ޢަދަދެކެވެ. ވިސްނާލަންޖެހޭ މުހިއްމު ނުކުތާއަކީ ހަނދުގެ ދައުރުވުމަށް ބިނާކޮށްފައިވާ ތާރީޚީ މިންގަނޑަކީ، އިރުގެ ދައުރުވުމުގެ މައްޗަށް ބިނާކޮށްފައިވާ ތާރީޚީ މިންގަނޑުތަކާ އެއްވެސް ގުޅުމެއްނެތް މިންގަނޑެކެވެ. އެހެނީ، ދެމިންގަނޑަކީ ތަފާތު ދެމިންގަނޑެކެވެ.

ޖާހިލިއްޔަ ޒަމާނުގައިވެސް، ޢަރަބިން މަސްތައް ގުނައި އުޅުނީ ހަނދަށް ބަލައިގެންނެވެ. އެޒަމާނުގައި އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައިވެސް ހަނދަށް ބަލައިގެން މަސްތަކަށް ނަންތައް ދީގެން ގުނަމުންއައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ: ذُو القَعْدَةِ وَذُو الحِجَّةِ وَالمُحَرَّمُ، وَرَجَبُ مُضَرَ، الَّذِي بَيْنَ جُمَادَى وَشَعْبَانَ)) (البخاري: 3197، مسلم: 1679) މާނައީ: “އަހަރަކީ ބާރަމަހެވެ. އެމަސްތަކުގެ ތެރޭގައި ޙުރުމަތްތެރިވެގެންވާ ހަތަރުމަސްވެއެވެ. (އޭގެ ތެރެއިން) ތިންމަސް އަންނަނީ ޖެހިޖެހިގެންނެވެ. (އެއީ) ޛުލްޤަޢްދާއާއި، ޛުލްޙިއްޖާއާއި، މުޙައްރަމެވެ. (އަދި ޙުރުމަތްތެރިވެގެންވާ ހަތަރުހަމުގެ ތެރެއިން ވަކިން އޮންނަނީ) މުޟަރުގެ ރަޖަބެވެ. އެމަސްވަނީ ޖުމާދުލް (އައްޘާނީ ނުވަތަ އަލްއުޚްރާ) އާއި ޝަޢުބާން މަހާ ދެމެދުއެވެ.” މިޙަދީޘަށް އަޅުގަނޑުމެން ވިސްނާލައިފިކަމުގައިވާނަމަ އަންނަނިވި ނުކުތާތައް ފާހަގަވެއެވެ.

* އަހަރެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ލައްވާފައިވަނީ ބާރަ މައްސަރުކަން އެނގެއެވެ. މިކަން މިވަނީ ޝަރުޢީ ނައްޞުން ޘާބިތުވެފައެވެ. އަދި މިކަމަށް ދަލީލުކުރާ އާޔަތް އަދި ފަހުން އަންނަހުށްޓެވެ.

* ޛުލްޤަޢްދާއާއި، ޛުލްޙިއްޖާއާއި، މުޙައްރަމާއި، ރަޖަބު މިހަތަރު މަހަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ޙުރުމަތްތެރިވެގެންވާ މައްސަރުތަކެކެވެ. މިމައްސަރުތަކުގެ ޙުރުމަތަށްޓަކައި އެބައިމީހުން މިމައްސަރުތަކުގައި ހަނގުރާމަކުރުން ހުއްޓާލައެވެ.

* މިޙަދީޘުން ދޭހަވާ އަނެއް މުހިއްމު ނުކުތާއަކީ އޭރުވެސް މަސްތަކަށް ކިޔާފައިވަނީ އިސްލާމްދީން އައުމަށްފަހުގައިވެސް ބޭނުންކޮށްފައިވާ ނަންތައްކަން ދޭހަވެއެވެ. އެގޮތުން ރަސޫލާއެވަނީ މުޟަރުގެ މީހުންނަށް ރަޖަބު މަސް ޞިފަކުރައްވާފައެވެ. އެޤަބީލާގެ މީހުންނަކީ ރަޖަބުމަސް މަތިވެރިކުރާބައެކެވެ. މިސަބަބާހުރެ، ރަޖަބުމަސް އެޤަބީލާއަށް ޞިފަކުރެވެނީއެވެ.

މަސްތަކުގެ ނަންތައްދެވިފައިވީ ނަމަވެސް، ޖާހިލިއްޔަ ޒަމާނުގައިވެސް، އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައިވެސް އަހަރުތަކަށް ޢަދަދު ދީފައެއްނުވެއެވެ. އެއާއިޚިލާފަށް އޭރުގައި ކޮންމެ އަހަރަކަށް، އެއަހަރެއްގައި ހިނގާފައިވާ ޙާދިޘާތަކަށް ބިނާކޮށް އެއަހަރަކަށް ނަންދީއުޅުނެވެ. މިގޮތުން “ޢާމުލްފީލް” ގެނަމުން މަޝްހޫރުވެފައިވާ އަހަރަކީ އަބްރަހާ ގެފުޅުތަޅާލަން އައި އަހަރެވެ. ހަމަމިފަދައިން، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުވެސް، އަހަރުތަކަށް ދީއުޅުނީ ނަންތަކެވެ. މިގޮތުން މައްކާ ފަތަޙަކުރެއްވި އަހަރަށް “ޢާމުލް ފަތުޙު” އާއި “ޢާމުލް އަވްތާސް” ކިޔައެވެ.

ޙިޖުރީތާރީޚު ފެއްޓެވީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަކަމަށް ބައެއް ރިވާޔަތްތައް އައިސްފައިވެއެވެ. އެގޮތުން، އިބްނު އަސާކިރު ރަޙިމަހުﷲ އިމާމް ޒުހުރީ ކިބައިން ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ. ((أَنّ النبي صلى الله عليه وسلم أَمَرَ بِالتَّارِيخ يَوْمَ قَدِمَ المدِينَةَ فِي شَهْرِ رَبِيع)) (تاريخ دمشق 1/ 37) މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަބީޢު (އެބަހީ: ރަބީޢުލްއައްވަލު) މަހު މަދީނާއަށް ވަޑައިގެންނެވިދުވަހު ތާރީޚުކުރެއްވުމަށް އަމުރުކުރެއްވިއެވެ.” މިރިވާޔަތަކީ މުރުސަލު ރިވާޔަތެއްކަމުގައި އިބްނު އަސާކިރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެހެނީ، ޒުހުރީ ރަޙިމަހުﷲ އަކީ ތާބިޢީ ބޭކަލުންކުރެ ޢުމުރުންހަގު ގިންތީގެ ބޭކަލެކެވެ. އެހެންކަމުން، މިރިވާޔަތުގައި އެންމެ ރާވީއެއް ނުވަތަ ދެރާވީން ވެއްޓިފައިވާނެއެވެ. މިސަބަބާހުރެ، މިރިވާޔަތަކީ ޟަޢީފު ރިވާޔަތެކެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިއީ މުޢުޟަލު (އެބަހީ: ޖެހިޖެހިގެން ދެރާވީ ވެއްޓިފައިވާ) ޙަދީޘެކެވެ. މަޝްހޫރުގޮތް މިއާއިޚިލާފެވެ. އެކަން (އެބަހީ: ހިޖުރީ ތާރީޚު ކުރެއްވުން) ފެށިފައިވަނީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ.” (فتح الباري: 7/ 268) އަޅުގަނޑު ހޯދިހޯދުމަށް ބަލާއިރު، ހިޖުރީ ތާރީޚު ލިޔުއްވަން ފެއްޓެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަކަމަށް ޞަރީޙަކޮށް ޞައްޙަ ރިވާޔަތެއް އައިސްފައިވާކަމެއް އެނގޭކަށް ނެތެވެ. والله أعلم.

ހިޖުރީތާރީޚު ފެށުނީ ޢުމަރުގެފާނުގެ ޚިލާފަތުގައި ކަމަށް ދަލީލުކުރާ ގިނަ ރިވާޔަތްތަކެއް އައިސްފައިވެއެވެ. މިތާރީޚު ކުރައްވަން ޢުމަރުގެފާނު ފެއްޓެވީ މަޝްވަރާގެ މަތިން، މަޝްވަރާއަށްފަހުގައި ޞަޙާބީން އެކަމަށް އިއްތިފާޤުވެފައިވެއެވެ. އިބްނު ކަޘީރު ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް “އަލްބިދާޔާ ވަންނިހާޔާ” ގައި ވިދާޅުވެފައިވެއެވެ. “(ރަސޫލާގެ ހިޖުރަޔަށްފަހު) ސޯޅައަހަރު، ނުވަތަ ސަތާރައަހަރު، ނުވަތަ އަށާރައަހަރުފަހުން ޢުމަރުގެފާނުގެ ދައުލަތުގައި، (ރަސޫލާ) ހިޖުރަކުރެއްވި އަހަރުން ފެށިގެން އިސްލާމީ ތާރީޚު ޖަހަން ފެށުމަށް ޞަޙާބީން رضي الله عنهم އިއްތިފާޤުވެވަޑައިގެންނެވިއެވެ. އެކަން ހިނގާދިޔަގޮތަކީ، އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ ޢަންހުއަށް މީހަކު އެހެންމީހަކަށް ކޮށްފައިވާ (ފައިސާގެ ނުވަތަ އެނޫން އެފަދަ އެއްޗެއްގެ) ލިޔުމެއް ހުށަހެޅުނެވެ. އެލިޔުމުގައި ވަނީ އެމީހަކަށް އެއެތި ހުއްދަވާހުށީ ޝަޢުބާން މަހުއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. “ކޮން ޝަޢުބާންމެހެއް ހެއްޔެވެ؟ ތިމަންމެން ގުނަމުންމިދާ އަހަރުގެ ޝަޢުބާންމަސް ހެއްޔެވެ؟ ނުވަތަ ވޭތުވެދިޔަ އަހަރުގެ ހެއްޔެވެ؟ ނުވަތަ މިއަންނަ އަހަރުގެ ހެއްޔެވެ؟” އޭގެފަހުގައި، (ޢުމަރުގެފާނު) ޞަޙާބީން ޖަމާކުރައްވައި، ލޭންދޭނުގެ ގޮތުގައި ދޭތަކެއްޗާއި އެނޫންތަކެތި ދައްކަންޖެހޭ ދުވަސްތައް އެނގޭނެ ތާރީޚެއް އުފެއްދެވުމަށް އެބޭކަލުންނާ މަޝްވަރާކުރެއްވިއެވެ. ފާރިސީންގެ ތާރީޚު ބޭނުންކުރެއްވުމަށް އެއިގެ ތެރެއިން ބޭކަލަކު ދެންނެވިއެވެ. އެކަމާ ޢުމަރުގެފާނު ރުހިވަޑައިނުގެންނެވިއެވެ. އަދި ރޫމީންގެ ތާރީޚު ތާރީޚެއްކަމުގައި ހެއްދެވުމަށް އެހެން ބޭކަލަކު ހުށަހެޅުއްވިއެވެ. އެކަމާވެސް ޢުމަރުގެފާނު ރުހިވަޑައިނުގެންނެވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ ދުނިޔެއަށް ރައްކައުވިދުވަހުން ތާރީޚު ބެލުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވިދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން އެކަލޭގެފާނު ހިޖުރަކުރެއްވިދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. އަދި އަނެއްބައި ބޭކަލުން ރަސޫލާ عليه الصلاة والسلام މިދުނިޔެ ދޫކުރެއްވި ދުވަހުން ފެށުމަށް ހުށަހެޅުއްވިއެވެ. މިގޮތުން ޢުމަރުގެފާނު ބުރަވެވަޑައިގެންނެވީ ހިޖުރަކުރެއްވި ދުވަހުން ތާރީޚު ފެއްޓެވުމަށެވެ. އެއީ އެކަން ސާފުކޮށް އެނގެންއޮތުމާއި، އެކަން މަޝްހޫރުވެފައިވުމެވެ. އެއެންމެހާ ބޭކަލުން ޢުމަރުގެފާނާ މިކަމުގައި އިއްތިފާޤުވެވަޑައިގެންނެވިއެވެ…”

އަބޫ ދާވުދު އައްޠަޔާލިސީ ރަޙިމަހުﷲ ރިވާކުރައްވާފައިވާ ރިވާޔަތުގައި، ހިޖުރަކުރެއްވި އަހަރަކީ ތާރީޚުޖަހަން ފަށާއަހަރާމެދު އެބޭކަލުން އިއްތިފާޤުވަޑައިގެންނެވުމަށްފަހުގައި، ފުރަތަމަ މަހަކީ ކޮބައިކަމާމެދު މަޝްވަރާކުރެއްވިއެވެ. އެއިގެ ތެރެއިން ބައެއް ބޭކަލުން ރަމަޟާން މަސް އެންމެ ފުރަތަމަ މަހެއްކަމުގައި ހެއްދެވުމަށް ހުށަހެޅުއްވިއެވެ. އަނެއްބައި ބޭކަލުން މުޙައްރަމު މަސް ހެއްދެވުމަށް ހުށަހެޅުއްވިއެވެ. އެއީ، މީސްތަކުން ޙައްޖުގެ އަޅުކަމަށްފަހުގައި އެނބުރިދިއުމަށްފަހު، ދެން އަންނަ މަހަކީ މުޙައްރަމުމަސް ކަމުގައި ވާތީއެވެ. (މިހާހިސާބަށް އިބްނު ކަޘީރު ރަޙިމަހުﷲގެ ބަސްފުޅު ކުދިބަދަލުތަކާއެކު ނިމުނީއެވެ.) (انظر: البداية والنهاية 4/510-511)

އެހެންކަމުން، މިކަމުގެ ޚުލާޞާއަކީ، ޞަޙާބީންގެ ޒަމާނުގައި މީލާދީ ތާރީޚު ވާއިރުވެސް، ހިޖުރީތާރީޚު އެއީ ތާރީޚެއްކަމުގައި ކަނޑައެޅުއްވުމެވެ. މިކަމުގައި ޞަޙާބީން އެވަނީ ހުރިހާ ބޭކަލުން އެއްބަސްވެވަޑައިގެންފައެވެ. އަދި އެބޭކަލުން ތާރީޚު ބަލާ މިންގަނޑެއްކަމުގައި ހަނދުގެ ދައުރުވުން ލައްވާފައިވާކަމެކެވެ. އެހެންކަމުން، ހަނދުގެ ކަލަންޑަރާއި ހިޖުރީކަލަންޑަރު ވަނީ ގުޅި ލާމެހިފައެވެ. އަދި ހިޖުރީތާރީޚާމެދު ޞަޙާބީން އެއްބަސްވެވަޑައިގެންނެވުމުން، އެތާރީޚު އެވަނީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިން މުހިއްމު ޝިޢާރަކަށްވެފައެވެ. އިސްލާމްދީނުގައިވާ ޝިޢާރުތަކަކީ އެޝިޢާރުތަކަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭ ކަންކަމެކެވެ.

________________________

މުސްލިމުންގެ ކަލަންޑަރު (1)