[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 16

ނ. ކަނޑުމަތީގެ ލަޝްކަރެއް އުފެއްދެވުން

 

ޢުމަރުގެފާނުގެ ޚިލާފަތުގައި، ރޫމީންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ކަނޑުމަތިން އެބައިމީހުންނަށް ހަމަލާ ދިނުމުގެ ހުއްދައަށް މުޢާވިޔާ ބުން އަބީ ސުފްޔާން رضي الله عنهما ޢުމަރުގެފާނުގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. ނަމަވެސް މުސްލިމުންނަކީ ކަނޑު މައްޗަށް ފަރިތަ ބަޔަކަށް ނުވުމުން، ޢުމަރުގެފާނު އެބައިމީހުންނަށް ރަޙުމްކުރައްވާ، އެކަމުގެ ހުއްދަ ނުދެއްވައެވެ.

ޢުޘްމާނުގެފާނުގެ ޚިލާފަތުގައި އަނެއްކާވެސް މުޢާވިޔާ رضي الله عنه އެކަމުގެ ހުއްދަދެއްވުމަށް އެކަލޭގެފާނުގެ އަރިހުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން އެކަމުގެ ހުއްދަ ދެއްވިއެވެ. މުޢާވިޔަތުގެފާނަށް ޢުޘްމާނުގެފާނު އެންގެވީ މީސްތަކުންނަށް އެކަމުގެ ޚަބަރު ދެއްވާ، ކަނޑުމަތީގެ ލަޝްކަރުގައި ބައިވެރިވާން ބޭނުންވާ ބަޔަކަށް އެ ފުރުޞަތު ދިނުމަށެވެ. އަދި އެކަމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރުމަށެވެ.

ފަހެ، މުސްލިމުންގެ ކަނޑުމަތީގެ ލަޝްކަރުގެ ޤާޢިދަކަށް ހަމަޖެއްސެވީ ޢަބްދުﷲ ބުން ޤައިސް رحمه الله އެވެ. އެކަލޭގެފާނު ރޫމީންގެ އެތައް ނައުތަކަށް އަރާވަޑައިގެން ޣަނީމާ އެއްކުރެއްވިއެވެ. [1]

މުސްލިމުންގެ ލަޝްކަރު ކަނޑު މައްޗަށް އެރީ ޤުބްރުޞް ފަތަޙަކުރުމަށް، ޝާމްކަރައިން މިޞްރަށް ދިޔުމަށެވެ. އެއީ ހިޖުރައިން 28 ވަނަ އަހަރެވެ.

އެއަށް ފަހުގައި، ހިޖުރައިން 31 ވަނަ އަހަރު (ނުވަތަ ހިޖުރައިން 34 ވަނަ އަހަރު) ރޫމީން 500 ނަވުގައި މުސްލިމުންނާ ހަނގުރާމަކުރުމަށް ނުކުތެވެ. އެބައިމީހުންގެ ވެރިޔަކަށް ހުރީ އެބައިމީހުންގެ ރަސްގެފާނު ޤިސްޠަންޠީނެވެ. މުސްލިމުން އެބައިމީހުންނާ ބައްދަލުކުރީ 200 ނަވުގައެވެ. މިޞްރާވީ ފަރާތުން އައި މުސްލިމުންގެ ލަޝްކަރުގެ ޤާއިދަކަށް ހުންނެވީ ޢަބްދުﷲ ބުން ސަޢުދު ބުން އަބީ ސަރްޙު رضي الله عنه އެވެ. އަދި ޝާމްކަރައާވީ ފަރާތުން އައި މުސްލިމުންގެ ލަޝްކަރުގެ ޤާއިދަކަށް ހުންނެވީ މުޢާވިޔާ ބުން އަބީ ސުފްޔާން رضي الله عنهما އެވެ. މުސްލިމުންގެ ދެ ލަޝްކަރުން އެއްބަޔަކު އަނެއް ބަޔަކަށް ރައްކާތެރިކަން ދިނެވެ. އަދި ނައުތައް އެކަތި އަނެކެއްޗާ ކައިރިކޮށް ގުޅުވާލިއެވެ. ދުރުން ބަލާ މީހަކަށް ހީވަނީ އެއީ ކަނޑުމެދުގައި އޮތް ރަށެއް ހެނެވެ. ދެން ދެބައިމީހުންގެ ދެމެދުގައި ހަނގުރާމަ ފެށުނެވެ. މި ހަނގުރާމަ ނިމުނީ ރޫމީން ބަލިވުމުން ޤިސްޠަންޠީނު ފިލާ، މުސްލިމުންނަށް ނަޞްރު ލިބިގެންނެވެ.

މި ހަނގުރާމައަށް ދެވިފައިވާ ނަމަކީ ޛާތުއް ޞަވާރީއެވެ. އެއީ މި ހަނގުރާމައިގައި ކަނޑު މެދުގައި ބަރިޖަހާލާފައި އޮތް ނައުތަކުގެ ގިނަކަމުންނެވެ. [2]


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1] ބައްލަވާ: تاريخ الطبري (4 / 260 – 261).

[2] ބައްލަވާ: تاريخ الطبري (4 / 290 – 292).