ދެވަނައީ: ރޯދަވެރިޔާ ކުރުން ހުއްދަ ކަންތައް:
- ޖުނުބުވެރިޔާ ފަޖުރުލައިފުމަށް ދާންދެން ހިނައިގަތުން ފަސްކުރުން
ޖުނުބުވެރިޔާ ފަޖުރުލައިފުމަށް ދާންދެން ޖުނުބުން ހިނައިގަތުން ފަސްކުރުން ހުއްދަވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނުލްޢަރަބީ، އިބްނު ޤުދާމާ އަދި އިބްނު ޙަޖަރު އަލްޢަސްޤަލާނިއްޔު އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
- ޙައިޟުވެރިޔާ ފަޖުރުލައިފުމަށް ދާންދެން ހިނައިގަތުން ފަސްކުރުން
ޙައިޟުން ޠާހިރުވެއްޖެ މީހަކު ފަޖުރުލައިފުމަށް ދާންދެން ހިނައިގަތުން ފަސްކުރުން ހުއްދަވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
- ނޭފަތާއި އަނގައަށް ފެން ލުން
ރޯދަވެރިޔާ މުބާލަޣާ ކުރުމެއް ނެތި (އެބަހީ: ނޭފަތުގެ ތެރެއަށް ފެންތައް ދަމާލުމެއް ނެތި) އަނގައާއި ނޭފަތަށް ފެން ލުން ހުއްދަވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ތައިމިއްޔާ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
- ރޯދަވެރިޔާ ފެންވެރުމާއި ފެނުން ފިނިކަން ލިބިގަތުން
ރޯދަވެރިޔާ ފެންވެރުމާއި ރޯދައަށް ހުންނަ މީހާގެ ކަރު ހިއްކުމުގެ ސަބަބުން ނުވަތަ ހޫނުކަމުގެ ސަބަބުން ބޮލަށް ފެން އެޅުމަކީ މައްސަލައެއް ނޫނެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
- ޙާޖަތަކަށްޓަކައި ކާ އެއްޗެހީގެ ރަހަ ބެލުން
ރޯދަވެރިޔާ ޙާޖަތަކަށްޓަކައި ނުވަތަ މަޞްލަޙަތު ނިޔާ ކުރާ ގޮތަކުން ކޮންމެހެން ބޭނުން ޖެހިގެން ކާއެއްޗެއްގެ ރަހަ ބެލުން ހުއްދަވެގެން ވެއެވެ. އެއީ މިސާލަކަށް އެއްޗެއްގެ ލޮނު ހެޔޮވަރުކަން ބެލުމަށް ނުވަތަ ރަހަ ހެޔޮވަރުކަން ދެނެގަތުމަށްޓަކައެވެ. ނުވަތަ އެއީ ކާ އެއްޗެއް ގަތުމުގެ ކުރިއަށް އެ އެއްޗެއް ރަނގަޅުކަން ދެނެގަތުމަށްޓަކައެވެ. މިފަދައިން ކަންތައް ކުރުމުގައިވެސް އެ އެއްޗެއް ރަހަ ބެލުމަށްފަހު [ދިރުވައި ނުލައި] ބޭރަށް އުކާލުން ނުވަތަ އަނގަ ދޮވުން ނުވަތަ ދޫ ސާފުކުރުން ޝަރުޠުވެގެން ވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފީޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
- އެ މީހެއްގެ ނަފުސު ކޮންޓުރޯލު ކުރެވޭނޭ މީހާ ބޮސް ދިނުމާއި މުބާޝަރާކުރުން [1]
ރޯދަވެރިޔާ އޭނާގެ އަނބިމީހާއަށް ބޮސް ދިނުމާއި މުބާޝަރާކުރުން ހުއްދައެވެ. ނަމަވެސް އެއީ އޭނާގެ ނަފުސު ކޮންޓުރޯލު ކުރެވޭ މީހާއަށެވެ. [2] މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
- މީރުވަސް ދުވާ ތަކެތީގެ ވަސް ބެލުން
ރޯދަވެރިޔާ މީރުވަސް ދުވާ ތަކެތި ބޭނުން ކުރުމާއި [އެއްޗެހީގެ] ވަސް ބެލުން ހުއްދަވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ރޯދަވެރިޔާ ކޮންމެ ވަގުތެއްގައިވެސް ސިވާކު ބޭނުންކުރުން ޙުއްދަވެގެން ވެއެވެ. އެއީ މެންދުރު ކުރީގައި ނުވަތަ މެންދުރުން އަނބުރާ ފަހުންކަމުގައި ވިޔަސް މެއެވެ. މިއީ ޙަނަފީންގެ ރައުޔެވެ. އިބްނު ތައިމިއްޔާ، އިބްނުލްޤައްޔިމު، އައްޝައުކާނީ، އިބްނު ބާޒް، އަލްއަލްބާނިއްޔު އަދި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ. ހަމަ އެހެންމެ މިއީ ޢިލްމުވެރީން ކުރެ ގިނަ ބޭކަލުންގެ ރައުޔެވެ.
ރޯދަވެރިޔާ ދަތް އުނގުޅާ ބޭސް ބޭނުންކުރުން ހުއްދައެވެ. އެހެންނަމަވެސް އެ ބޭނުން ކުރުމުގައި ކަރުގެ އެތެރެއަށް ދިޔަ ނުދީ ރައްކާތެރިވާން ވާނެއެވެ. މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީނު އަދި މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ފަތުވާއެވެ.
- އަނދުން އެޅުން
ރޯދަވެރިޔާ އަނދުން އެޅުން ހުއްދައެވެ. މިއީ ޙަނަފީންނާއި ޝާފިޢީންގެ ރައުޔެވެ. އިބްނު ތައިމިއްޔާ، އައްޝައުކާނީ، އިބްނު ބާޒް، އިބްނު ޢުޘައިމީން އަދި އަލްއަލްބާނިއްޔު އިޚްތިޔާރު ކުރެއްވީ މި ރައުޔެވެ.
ރޯދަވެރިޔާ ލޮލަށް ބޭހެއް އެޅުން ހުއްދަވެގެން ވެއެވެ. މިއީ ޙަނަފީންނާއި ޝާފިޢީންގެ ރައުޔެވެ. އަދި މިއީ އިބްނު ބާޒާއި އިބްނު ޢުޘައިމީނުގެ ރައުޔުވެސް މެއެވެ.
ރޯދަވެރިޔާ ކަންފަތަށް ބޭހެއް އެޅުން ހުއްދަވެގެން ވެއެވެ. މިއީ އިބްނު ޙަޒްމާއި އިބްނު ޢުޘައިމީނު އަދި އިބްނު ބާޒުގެ ރައުޔެވެ.
[1] މުބާޝަރާކުރުމަކީ ޖިމާޢުވުމަކާ ނުލާ ލޯބިކުރުމެވެ. އެއީ އަތްލުން ފަދަ ކަންކަމެވެ. އެހެނަސް އެމީހެއްގެ ނަފްސު ކޮންޓްރޯލު ނުކުރެވޭ މީހާއަށް ފަރުޟު ރޯދައެއް ހިފަމުން ދާއިރު އެއީ ހުއްދަކަމެއް ނޫނެވެ.
[2] ޢުމުރުން ދުވަސްވެ، އެދުންވެރިކަން ކުޑަވެފައިވާ މީހުންނާއި ޒުވާނުންނާ މިކަމުގައި ޢާންމު ގޮތެއްގައި ތަފާތުވާނެއެވެ. ވަކިން ޚާއްޞަކޮށް ޒުވާނުން މިކަމުގައި ރައްކާތެރިވުން ހުއްޓެވެ. އެހެނީ ރަމަޟާން މަހު ރޯދައަށް ހުރެ މިފަދަކަމެއް ކޮށް މަނި ބޭރުވެއްޖަނަމަ އަޅަކު މިނިވަން ކުރަން ޖެހޭނެއެވެ. އަޅަކު މިނިވަންކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ މީހާ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފަން ޖެހޭނެއެވެ. އަދި އެކަން ކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ މީހާ 60 މިސްކީނުންނަށް ކާންދޭން ޖެހޭނެއެވެ. އަދި ރަމަޟާން މަހު ރޯދައަށް ހުންނަ ވަގުތުގައި ޖިމާޢުވުމަކީ ފާފައެކެވެ. އަދި މުންކަރާތެކެވެ.
މަޞްދަރު: ملخص فقه العبادات