[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުނު ސަބަބުތައް ދެނެގަތުން – 3

  1. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް މާތް الله ގެ ނަޞްރު ލިބިގެންވާނެ ކަމާ އަދި އެއިލާހު އެކަލޭގެފާނު ދިފާޢުކުރައްވާނެކަން ބަޔާންކޮށްދެއްވުން: މީގެ މިޘާލަކީ الله ތަޢާލާގެ އަންނަނިވި އާޔަތެވެ.

﴿ وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِ فُؤَادَكَ ۖ وَرَتَّلْنَاهُ تَرْتِيلًا [سُورَةُ الفُرقَان 32]

މާނައީ: “ކާފިރުން ބުންޏެވެ. އެކަލޭގެފާނުގެ މައްޗަށް އެކީއެކަށް އެއްފަހަރާ ޤުރުއާން ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަން އިލާހު ޤުރުއާން ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ކަލޭގެފާނުގެ ހިތްޕުޅަށް ޘާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަން އިލާހު އެ ޤުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ.

 

ޝަރަޙަ

އެބައިމީހުން ބުންޏެވެ. ކުރީގައި ބާވައިލެއްވުނު ފޮތްތަކާއި އެއްގޮތަށް ކީރިތި ޤުރުއާންވެސް އެކީ އެކައްޗަށް، އެއްފަހަރާ ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ތައުރާތު އަދި އިންޖީލު ބާވައިލެއްވުނީ އެކީ އެކައްޗަށެވެ. މި ސުވާލުން އެމީހުން ބޭނުންވި ކަމަކީ ކީރިތި ޤުރުއާނަކީ މާތް الله ގެ ފަރާތްޕުޅުން ބާވައިލެއްވުނު އެއްޗެއްކަމާ މެދު ޝައްކު އުފެއްދުމަށެވެ. މި ސުވާލަށް ރައްދު ދެއްވައި މާތް الله މިވަނީ ވަޙީ ބާވައިލައްވާފައެވެ. އަދި އެ ގޮތަށް ބައިބަޔަށް ބާވައިލެއްވި ސަބަބުވެސް މި އާޔަތުގައި ވަނީ ބަޔާންކުރައްވާފައެވެ. އެއީ އެކަލޭގެފާނުގެ ހިތްޕުޅަށް ޘާބިތުކަން ދެއްވުމަށެވެ. އެއް ފަހަރާ ބާވައިލެއްވުމަށް ވުމެ، ގިނަގިނައިން އެކަލޭގެފާނަށް ވަޙީ ލިބިލިބި ހުރުމަކީ އެކަލޭގެފާނަށް ލިބިގެން ދިޔަ ޘާބިތުކަން އިތުރުވުމުގެ ސަބަބެކެވެ.

 

 

މީގެ އިތުރުން އިފްކުގެ އާޔަތްތައްވެސް ހިމެނެއެވެ. އެއީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން ދިފާޢުކުރައްވައި އަދި ދޮގުފެތުރި މީހުންގެ ބަސްތަކުން އެކަލޭގެފާނު ޠާހިރުކުރައްވައި ބާވައިލައްވާފައިވާ އާޔަތްތަކެކެވެ.

 

ޝަރަޙަ

އިފްކުގެ އާޔަތްތައް[1] ބާވައިލައްވާފައިވާ ސަބަބަކީ ޢާއިޝާ رَضِيَ اللهُ عَنْهَا އަށް ދިމާވި ޙާދިޘާ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތެވެ. ހަނގުރާމައަކަށް ފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ޞަފްވާނު ބުން މުޢައްޠަލް رَضِيَ اللهُ عَنْهُ އަށް ޢާއިޝާ رَضِيَ اللهُ عَنْهَا އަވަހާރަފުޅުލައްޕަވާފައި ވަނިކޮށް ފެނިވަޑައިގަތެވެ. އެއީ އެކަމަނާ ބަހައްޓާފައި އެ ލަޝްކަރުގެ މީހުންނަށް އެތަން ދޫކޮށްފައި ދިޔުމުން ދިމާވި ކަމެކެވެ. ދެން އެކަލޭގެފާނު އެކަމަނާ އަރައިވަޑައިގަތުމަށް ޖަމަލުކޮޅު ތިރިކޮށްލެއްވިއެވެ. އަދި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން ކަމުން އިޙްތިރާމު ކުރެއްވުމުގެ ގޮތުން އެއްވެސް ބަހެއް ވިދާޅުނުވެއެވެ.

ދެން އެކަމަނާ ޖަމަލުކޮޅަށް އަރައިވަޑައިގަތުމުން އެކަލޭގެފާނުގެ ފަހަތްޕުޅަށް ޖަމަލު ވާގޮތަށް ހިންގަވާފައި ވަޑައިގެންނެވިއެވެ. އަދި ކުރިން ވަޑައިގެންނެވި ލަޝްކަރުގެ ބޭކަލުންނާ އަރާ ހަމަވުމުން މުނާފިޤުން ތިބީ އުފަލުންނެވެ. ސަބަބަކީ މިއީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތެއް އެޅުވުމަށް ލިބުނު ފުރުޞަތަކަށް ވާތީއެވެ. މި ޙާދިޘާގައި ހިނގާދިޔަ ކަމެއް ހިނގާދިޔައެވެ. [އިފްކުގެ ޙާދީޘާ ތަފްޞީލުކޮށް ވިދާޅުވުމަށް] އިފްކުގެ އާޔަތްތައް ބާވައިލެއްވުމުގެ ޙިކުމަތަކީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ގެ އަނބިކަނބަލުން ދިފާޢުކުރައްވައި އަދި ދޮގު ފެތުރި މީހުންގެ ބަސްތަކުން އެކަލޭގެފާނު ޠާހިރުކުރެއްވުމެވެ.

އިފްކުގެ އާޔަތްތައް ބާވައިލެއްވުނު އިރު ޢާއިޝާ رَضِيَ اللهُ عَنْهَا ހުންނެވީ އެކަމަނާގެ ގެކޮޅުގައެވެ. (އެކަމަނާ ދިފާޢުކުރައްވައި) މަތިވެރިވެގެންވާ 10 އާޔަތް މާތް الله ބާވައިލެއްވިއެވެ. އެ އާޔަތްތައް ކިޔަވައި މުސްލިމުން މާތް الله އާއި ކުއްތަންވެއެވެ. އަދި އޭގެން ކޮންމެ އަކުރަކަށް އެމީހުންނަށް 10 ހެޔޮކަން ވެއެވެ. އަދި ކޮންމެ ހެޔޮކަމެއް 10 ގުނައަށް އިރުތުވެގެން ވެއެވެ. އެކަމަނާއަށް ދިމާވި މޮޅިވެރިކަން މާތް الله ފިއްލެވިގޮތް ނިކަން ބަލާށެވެ! الله ތަޢާލާ މިކަމުން  ޢާއިޝާ رَضِيَ اللهُ عَنْهَا ބަރީއަކޮށްފައި ވަނިކޮށް, ނުބައިވެގެންވާ މި ތުހުމަތު އެކަމަނާއަށް ކޮށްފި މީހަކީ މުސްލިމުންގެ އިޖުމާޢުން ކާފިރުވެފައިވާ މުރުތައްދެކެވެ. އެމީހަކު ކޮންމެ ޙާލެއްގައިވެސް ޤަތުލު ކުރެވޭނެއެވެ.

އަދި ކިއެއް ހެއްޔެވެ! މިނޫންވެސް ކަމަކުން އެކަމަނާއަށް ނުވަތަ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ގެ އެހެންވެސް އަނބިކަނބަލަކަށް މިފަދަ ތުހުމަތެއް ކޮށްފި މީހަކު ކާފިރުވެ، މުރުތައްދުވާނެއެވެ. އެފަދަ މީހަކަށް އެއްވެސް ކަހަލަ މާތްކަމެއް ލިބިގެން ނުވެއެވެ.

ޤުރުއާނުގެ މި އާޔަތްތަކުގެ ތެރޭގައި, ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ލިބިވަޑައިގެންނެވި الله ތަޢާލާގެ ވާގިވެރިވޮޑިގެންނެވުން އަންގައިދިނުމާ އަދި އެކަލޭގެފާނުގެ އަނބިކަނބަލުން ދިފާޢުކުރެއްވުން ހިމެނެއެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –


 

[1] އިފްކުގެ އާޔަތްތަކަކީ ނޫރު ސޫރަތުގެ 11 ވަނަ އާޔަތުން ފެށިގެން 21 ވަނަ އާޔަތުގެ ނިޔަލަށް ވާ އާޔަތްތަކެވެ. )ބައްލަވާ: تفسير سورة النور للشيخ محمد بن محمد المختار الشنقيطي -رحمه الله- ج.4 ص.2(