[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 25 (ރޯދަހިފުން ޙަރާމުވާ ގޮތް)

ތިންވަނަ ބައި: ރޯދަހިފުން ޙަރާމުވާ ގޮތް

 

ފުރަތަމައީ: ދެ ޢީދު ދެ ދުވަހު ރޯދަ ހިފުން

ދެ ޢީދު ދެ ދުވަހު ރޯދަ ހިފުން ޙަރާމުވެގެން ވެއެވެ. ދެ ޢީދު ދެ ދުވަހަކީ އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ. މި ދެ ދުވަހު ރޯދަ ހިފުމުގެ ޙަރާމުކަމުގެ މައްޗަށް އަބޫ ޖަޢުފަރު އައްޠަބަރީ، އިބްނުލްމުންޛިރު، އައްޠަޙާވީ، އިބްނު ޙަޒްމު، އިބްނު ޢަބްދިލްބައްރު، އިބްނު ރުޝްދު، އިބްނު ޤުދާމާ އަދި އައްނަވަވީ އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.

 

ދެވަނައީ: ތަޝްރީޤުގެ ތިން ދުވަހުގެ ރޯދަ

ތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖުމަހުގެ އެގާރަ، ބާރަ އަދި ތޭރަ މި ތިން ދުވަހެވެ.

މި ތިން ދުވަހު ރޯދަ ހިފުމަކީ ޙަރާމުކަމެކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ޡާހިރިއްޔަ ދަންނަބޭކަލުންގެ ބަސްފުޅެވެ. ހަމަ އެހެންމެ މިއީ ދަންނަބޭކަލުން ކުރެ ގިނަ ބޭބޭކަލުންގެ ބަސްފުޅުވެސް މެއެވެ.[1] ޙައްޖުވެރިޔާ ނޫން މީހުން މި ދުވަސްތަކުގައި ރޯދަ ހިފުން ޙަރާމުވެގެން ވާކަމުގެ މައްޗަށް އިބްނު ޢަބްދުލްބައްރު ވަނީ އިޖުމާޢު ނަޤުލު ކުރައްވާފައެވެ.

 

ތިންވަނައީ: ޝައްކުގެ ދުވަހު ރޯދަ ހިފުން

ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަހެވެ. އެއީ އެ ދުވަހު ޝަރުޢީ ގޮތުން ހަނދު ސާބިތު ނުވާނަމައެވެ.

ޝައްކުގެ ދުވަހަކީ ރަމަޟާން މަހުގެ ދުވަހެއްކަމުގައި ވެދާނޭކަމަށް ބިރުން، އެ ދުވަހު ރޯދަ ހިފުމަކީ ޙަރާމު ކަމެކެވެ. މިއީ މާލިކީންނާއި ޝާފިޢީންގެ[2] މަޛްހަބެވެ. އަދި އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ބަސްފުޅެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ބަސްފުޅެވެ. އަދި މި ރައުޔު އަލްޖައްޞާޞް، އިބްނު ޙަޒްމު، އިބްނު ޢަބްދިލްބައްރު އަދި އިބްނު ޢުޘައިމީނު އިޚްތިޔާރު ކުރެއްވިއެވެ.

 

ހަތަރުވަނައީ:  އަންހެނާ އޭނާގެ ފިރިމީހާގެ އިޛުނައާ ނުލައި ސުންނަތް ރޯދަ ހިފުން

ފިރިމީހާ ރަށުގައި ޤާއިމުވެގެން ވަނިކޮށް އަންހެނާއަށް ސުންނަތް ރޯދައެއް ފިރިމީހާގެ އިޛުނައާ އެކުގައި މެނުވީ ހިފުން ހުއްދަވެގެން ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.[3]

 


[1] މާލިކީންނާއި ޙަންބަލީން އަދި ޝާފިޢީގެފާނުގެ ޤަދީމުގައި ޙައްޖުވެރީން ކުރެ ތަމައްތުޢު ޙައްޖުގައި ނުވަތަ ޤިރާނުގައި ކަތިލާނޭ އެއްޗެއް ނުލިބުނުމީހާ އިސްތިސްނާ ކުރައްވައެވެ. މި ބޭކަލުން އަރިހު އެފަދަ މީހަކަށް އެ ދުވަސްތަކުގައި ރޯދަ ހިފުން ހުއްދައެވެ. މި ރައުޔަކީ ސަލަފުވެރި ބައެއް ބޭބޭކަލުންގެވެސް ރައުޔެވެ.

[2] ނަވަވީ ވިދާޅު ވެފައި ވެއެވެ. “އަހަރެމެންގެ ޢިލްމުވެރީން ވިދާޅުވަނީ ޝައްކުގެ ދުވަހަކީ ޝަޢުބާން މަހުގެ ތިރީސްވަނަ ދުވަސްކަމުގައެވެ. އެއީ މީސްތަކުން ހަނދު ފެނިއްޖެކަމުގައި ބުނެ ވާހަކަ ދައްކާން ފެށިނަމަވެސް، ޢަދުލުވެރިއެއް ހަނދު ފެނުނުކަމުގައި ނުބުނާނަމައެވެ. ނުވަތަ ޢަދުލުވެރިއެއް ހަނދު ފެނުނުކަމުގައި ބުނިނަމަވެސް އެކަހެރި މީހެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނޭކަމުގައި އަހުރެމެން ބުނާނަމައެވެ. ނުވަތަ އަންހެންވެރީންގެ ބަޔަކު މީހުން ހަނދު ފެނުނުކަމުގައި ބުނިނަމަވެސް މެއެވެ. ނުވަތަ ކުޑަކުދީންތަކެއް ނުވަތަ އަޅުންތަކެއް ނުވަތަ ފާސިޤުންގެ ބަޔަކު ހަނދު ފެނިއްޖެކަމުގައި ބުނާން ފެށިނަމައެވެ. މިއީ އެކަމެއްގެ މައްޗަށް އަހަރެމެންގެ ޢިލްމުވެރީންގެ މެދުގައި ޚިލާފެއް ނެތް މިންވަރެވެ. އަދިވެސް ޢިލްމުވެރީން ވިދާޅުވަނީ އެއްވެސް ބަޔަކު ހަނދު ފެނުނުކަމުގައި ބުނަން ނުފަށާނަމަ، ޝަޢުބާން ތިރީސް އެއީ ޝައްކުގެ ދުވަސްކަމުގައި ނުވާނެއެވެ. އެއީ އުޑުމަތި ސާފުވެފައި ވީނަމަވެސް ނުވަތަ ވިލާ ބޯ ވެފައި ވީނަމަވެސް މެއެވެ. (މިކަމުގައި ޝާފިޢީންގެ) މަޛްހަބަކީ މިއީއެވެ.” އަލްމަޖުމޫޢު (6/401)

[3] މި މައްސަލައިގައި ޙަރާމު ވާނޭކަމުގައި މާލިކީ ދަންނަބޭކަލުން ވިދާޅުވަނީ ފިރިމީހާ އޭނާގެ އަނބިމީހާއަށް ބޭނުން ޖެހިފައި ވާނަމަކަމުގައެވެ.

ޝާފިޢީންގެ އަރިހުގައި އަންހެނާ އޭނާގެ ފިރިމީހާގެ އިޛުނަ ނެތި ސުންނަތް ރޯދަ ހިފައިފިނަމަ، އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. ނަމަވެސް އޭނާ ފާފަވެރި ވާނެއެވެ. ޝާފިޢީންގެ އަރިހުގައި ޙަރާމު ވާނީ ތަކުރާރު ވާ ރޯދައެވެ. ތަކުރާރު ނުވާ ރޯދަ، މިސާލަކަށް: ޢަރަފާތް ދުވަހުގެ ރޯދަ ނުވަތަ ޢާޝޫރާ ދުވަހުގެ ރޯދަ އޭނާގެ ފިރިމީހާ މަނާ ނުކުރާނަމަ، އޭނާގެ ފިރިމީހާގެ އިޛުނަ ނެތަސް ހިފޭނެއެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް