[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 20

  1. ޢުޘްމާނުގެފާނު ޝަހީދުކޮށްލުމަށް މެދުވެރިވި ފިތުނައަށް މަގުފަހިވި ސަބަބުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު ކަންކަން

 

ޢުޘްމާނުގެފާނު ޝަހީދުކޮށްލުމަށް މެދުވެރިވި ފިތުނައަށް މަގުފަހިވި ސަބަބުތަކުގެ ތެރޭގައި:

 

ހ. ޢުމަރުގެފާނުގެ ޚިލާފަތާއި ޢުޘްމާނުގެފާނުގެ ޚިލާފަތުގައި، އެންމެ ފާހަގަކޮށްލެވޭ އެއް ތަފާތަކީ ދެ ބޭކަލުންގެ ޠަބީޢަތުގެ ތަފާތެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންނާ މުޢާމަލާތްކުރެއްވުމުގެ އުސްލޫބަށް އައި ތަފާތެވެ. ޢުމަރުގެފާނަކީ އެކަލޭގެފާނުގެ އަމިއްލަ ނަފްސު ޙިސާބުކުރުމުގައިވެސް އަދި އެކަލޭގެފާނުގެ ދަށުގައި ތިބި މީސްތަކުންގެ ކަންކަން ޙިސާބުކުރުމުގައިވެސް ވަރުގަދަ ބޭކަލެކެވެ. ނަމަވެސް ޢުޘްމާނުގެފާނަކީ ޠަބީޢަތުގައިވެސް އަދި މުޢާމަލާތުގައިވެސް އޯގާތެރި ބޭކަލެކެވެ. [1] މިއީ އެބައިމީހުންގެ ފިތުނައާއިގެން ކުރިއަށް ދިއުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި އެބައިމީހުން ދުށް ކަމެކެވެ.

 

ށ. ޞަޙާބީންގެ ތެރެއިން ދޮށީ ބޭކަލުންގެ ތެރެއިން ޢުމަރުގެފާނު އިޛުނަދެއްވާ ބޭކަލަކު މެނުވީ މަދީނާ ދޫކޮށް އެހެން ރަށްރަށަށް ހިޖުރަކުރެއްވުން ޢުމަރުގެފާނު އޮތީ އެކަލޭގެފާނުގެ ޚިލާފަތުގައި މަނާކުރައްވާފައެވެ. ނަމަވެސް ޢުޘްމާނުގެފާނު ޚިލާފަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި، ޞަޙާބީންގެ ތެރެއިން އުމުރުން ދޮށީ ބޭކަލުންގެ ތެރެއިން ބޭނުން ބޭކަލަކު، ފަތަޙަކޮށްފައިވާ ރަށްރަކަށް ހިޖުރަކުރެއްވުމުގެ ހުއްދަދެއްވިއެވެ. އެބޭކަލުންނަކީ ޝޫރާގެ އަހުލުވެރިންނެވެ. އަދި ޢާންމު ރައްޔިތުންގެ ކުރިމަތީގައި ހައިބަތުހުރި ބޭކަލުންނެވެ. އެބޭކަލުން މަދީނާއިން ނުކުމެވަޑައިގެންނެވުމުން، ފިތުނައިގެ އަހުލުވެރިން މަދީނާއަށް އައިސް އެތަނުގައިވެސް ފިތުނަތައް ފެތުރުމަށް ފުރުޞަތު ލިބުނެވެ. އަދި އެކަންވެގެން ދިޔައީ ޚިލާފަތުގެ ހައިބަތު ކުޑަވި ކަމަކަށެވެ. [2]

 

ނ. އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޒަމާނުގައި މީސްތަކުންގެ މެދުގައި ޚިލާފުވެފައި ނެތް ކަންތައްތަކެއްގައި ޢުޘްމާނުގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި މީސްތަކުންގެ މެދުގައި ޚިލާފުވިއެވެ. ފަހެ، އިސްލާމީ ދަޢުލަތް ބިނާކުރުމުގެ މަސްއޫލިއްޔަތު އުފުލި ކުރީގެ ޖީލުގައި ގިނައީ އީމާންކަން ވަރުގަދަ، އިސްލާމީ ޢަޤީދާ ރަނގަޅަށް ފަހުމުވެފައި ތިއްބެވި ބޭކަލުންނެވެ. އެއަށް ފަހު އައި ޖީލުގެ އީމާންކަން ޞަޙާބީންނަށް ވުރެ ބަލިކަށި ނުވާންވީ ކީއްވެ ހެއްޔެވެ! ފަހުން އައި ޖީލުގެ ގިނަ މީހުންނަކީ އިސްލާމީ ދައުލަތް ފުޅާވެ، ޢަރަބިކަރައާ ދުރު ރަށްރަށަށްވެސް ފެތުރެން ފެށުމުން އަލަށް އިސްލާމްދީނަށް ވަތް މީހުންނެވެ. އިސްލާމުވުމަށް ފަހުގައިވެސް ކުރިން އެބައިމީހުން ތިބި ބާޠިލު ދީންތަކުގެ އަސަރުތައް ކޮންމެސް ވަރަކަށް އެބައިމީހުންގެ ކިބައިގައި ހުއްޓެވެ. މި ދެ ޖީލުގެ ފަރަޤު އެނގުމުން ކުރީގައި ނެތް ޚިލާފުތައް ފަހުން ފެތުރެން ފެށި ސަބަބު ފަހުމުވާނެއެވެ. [3]

 

ރ. މުދާވެރިކަން އިތުރުވެ، މީސްތަކުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އެބައިމީހުންގެ ތެރެއިން ގިނަ ބަޔަކު ދުނިޔެއަށް ލެނބި، މުދާ ހޯދުމުގައި މަޝްޣޫލުވިއެވެ. ނަތީޖާއަކަށްވީ ދައުލަތުގެ ސިޔާސީ ކަންކަމުގެ ތެރެއިން އެބައިމީހުންނަށް ނުބެހޭ ކަންކަމުގެ ތެރެއަށް ވަދެ، އެކަންކަމަށްވެސް ބަސްކިޔަން ފެށުމެވެ. އަދި ޚިލާފަތުގެ ދަށުގައިވާ “ޚަރާޖު”ގެ މުދަލާ މެދުގައިވެސް ބަސްކިޔާ، ޚިލާފަތުން ކަންތައް ކުރާގޮތާމެދު ފާޑުކިޔަން ފެށިއެވެ. މިކަންކަމުގެ ސަބަބުން ޚިލާފަތާމެދު މީސްތަކުންގެ ތެރެއިން ބައެއްގެ ހިތުގައި ނަފްރަތު އުފެދުނެވެ. [4]

 

މީގެ އިތުރުން، އެބައިމީހުންނަށް ލިބުނު މުއްސަނދިކަމާއި ލުއިފަސޭހަކަމުގެ ސަބަބުން އިސްލާމީ ފުތޫޙާތުގެ ތެރެއިން އަލަށް އިސްލާމުވީ މީހުންނާއި ހަވާނަފްސަށް ލެނބިފައިތިބި މީހުންގެ މެދުގައި އެކަންކަމުގައި ވާދަވެރިކަން އުފެދުނެވެ.

 

ބ.  އިސްވެ ބަޔާންވެ ދިޔަ ސަބަބުތަކުގެ ފައިދާ ނަގާ، އިސްލާމީ އުންމަތުގައި މި ފިތުނަ ފެތުރުމަށް އެންމެ އިސް ދައުރެއް އަދާކުރީ ޢަބްދުﷲ ބުން ސަބާއެވެ.

 


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1] ބައްލަވާ: تاريخ الطبري (4 / 401 – 402).

[2] ބައްލަވާ: تاريخ الطبري (4 / 396 – 397).

[3] ބައްލަވާ: مجموع الفتاوى لابن تيمية (28 / 148).

[4] ބައްލަވާ: دول الاسلام للذهبي(1 / 12).