[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ) – 14

 މުއްތަހަމަކުކަމުގައި ނުވުން

 

މުއްތަހަމަކުކަމުގައި ނުވުން ޝަރުޠުވެގެން ވުމުގެ މާނައަކީ، ހެކިބަސް އަދާ ކުރާ މީހާ (ޝާހިދަކީ) އެ ހެކިބަސް އެ މީހެއްގެ މައްޗަށް އަދާ ކުރެވޭ މީހާގެ މަޞްލަޙަތެއް އޮތުމުގެ ސަބަބުން، އެ ހެކިވެރިޔާ ހެކިބަހުގައި ހަދަނީ ދޮގުކަމާ މެދު ޝައްކު އުފެދުމުގެ ޖާގަ އޮންނަ ފަދަ ހެކިވެރިއެއްކަމުގައި ނުވުމެވެ. ނުވަތަ އެ ހެކިވެރިޔާ އޭނާގެ އަމިއްލަ މަޞްލަޙަތެއް ކުރިއަށް ނެރެ، އެ ހެކިބަހުން ޣައިރު ޝަރުޢީ މަޞްލަޙަތެއް ހޯދައިފާނޭކަމުގެ ތުހުމަތު އޮތުމެވެ.

ދައިނުގެ އާޔަތުގައި ﷲ ތަޢާލާ އަންގަވާފައި ވެއެވެ.

﴿ذَٰلِكُمْ أَقْسَطُ عِندَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ﴾ [البقرة 282]

މާނައީ: “އެ ގޮތަށް ލިޔުން، ﷲގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އަދި، ހެކި ދިނުމަށް އެގޮތް ސީދާކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް ޝައްކުނުވުން ގާތްކަން ބޮޑުވެސްމެއެވެ.

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.

«لَا تَجوزُ شَهادَةُ ذِي الظِّنَّةِ» [السنن الكبرىٰ 20896][1]

މާނައީ: “ތުހުމަތު ކުރެވޭ މީހާގެ ހެކިބަސް ޖާއިޒުވެގެން ނުވެއެވެ.”

އެ މީހެއްގެ ހެކިބަހާ މެދު ތުހުމަތެއް އޮތް މީހެއްގެ ހެކިބަސް ބަލައިނުގަތުން އިޖުމާޢުން ވެސް ސާބިތު ވެއެވެ. އިމާމު އިބްނު އަބީ ޒައިދު އަލްޤައިރަވާނީ (ނޔވ 386) އަދި އިބްނު ރުޝްދު (ނޔވ 595) ވަނީ މި ކަމުގައި އިޖުމާޢު ނަޤުލު ކުރައްވާފައެވެ.[2]

ހެކިވެރިޔާއަކީ މުއްތަހަމެއްކަމުގައި ވެއްޖެ ނަމަ، ހެކި ބަސް ރައްދު ކުރެވޭނޭކަމަށް ދަންނަބޭކަލުން އެއްބަސްވީ ނަމަވެސް؛ އެފަދަ ޙާލަތަކަށް ވާނީ ކޮންކޮން ޙާލަތްތަކެއްކަމާ މެދު ވަނީ ޚިލާފުވެފައެވެ. ޖުމުލަ ގޮތެއްގައި އަންނަނިވި ޙާލަތްތަކަކީ ހެކިވެރިޔާއަކީ މުއްތަހަމެއްކަމުގައި ބަލައި ހެކިބަސް ރައްދު ކުރެވޭނޭކަމަށް ޢިލްމުވެރީން ދެކިލައްވާ ޙާލަތްތަކެވެ. [3]

  • މަންފާއެއް ޙާޞިލުކުރުމަށް ނުވަތަ އޭނާގެ ކިބައިން ގެއްލުމެއް ދުރުކުރުމަށްޓަކައި ހެކިބަހުގެ ބޭނުން ހިފުން.
  • މައިންބަފައިންނާއި ދަރިން އެއްބަޔަކު އަނެއްބަޔަކަށްޓަކައި ހެކިބަސް އަދާ ކުރުން؛ ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބަކީ މައިންބަފައިންނާއި ދަރިން، އެއްބަޔަކު އަނެއްބަކަށްޓަކައި އަދާ ކުރާ ހެކިބަސް ރައްދު ކުރުމެވެ.
  • ޢަދާވާތްތެރިކަމެއް އޮތް ބައެއްގެ ހެކިބަސް؛ މިއީ ދުނިޔަވީ ކަންކަމުން ކުރެ ކަމެއްގައި ދެ މީހެއްގެ ދެމެދު ނުވަތަ ބައެއްގެ މެދުގައި އުފެދިފައިވާ ޢަދާވާތްތެރިކަމެވެ. މިއާ ޚިލާފަށް، ދީނީ މައްސަލައެއްގައި އުފެދޭ ޢަދާވާތްތެރިކަމެއްގެ ސަބަބުން ހެކިބަސް ރައްދުކުރުން ވާޖިބު ނުވާނެއެވެ.[4] ފުރަތަމަ މި ބުނެވުނު ބާވަތުގެ ޢަދާވާތްތެރިކަމެއް އޮތް މީހުންގެ ހެކިބަސް އޭގެ އެއްބައެއް އަނެއް ބައެއްގެ މައްޗަށް ބަލައިގަތުން ހުއްދަ ނޫނެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

«لَا تَجُوزُ شَهَادَةُ خَائِنٍ وَلَا خَائِنَةٍ، وَلَا زَانٍ وَلَا زَانِيَةٍ، وَلَا ذِي غِمْرٍ عَلَىٰ أَخِيهِ» [سنن أبي داود 3601 وصحيح الجامع الصغير للألباني (7236)]

މާނައީ: “ފިރިހެން ޚާއިނެއް ނުވަތަ އަންހެން ޚާއިނެއް އަދި ޒިނޭ ކުރާ ފިރިހެނެއް ނުވަތަ ޒިނޭ ކުރާ އަންހެނެއް [5] އަދި އޭނާގެ އަޚާއާ މެދުގައި ޢަދާވާތްތެރިކަމެއް އޮތް މީހާގެ ހެކިބަސް ޖާއިޒުވެގެން ނުވެއެވެ.

  • ހެކިވެރިޔާއަކީ ގިނަގިނައިން ކުށް ހެދޭ މީހެއް ނުވަތަ ކަންކަމާ މެދު ޖާހިލެއްކަމުގައިވުން؛
  • ހެކިބަހެއް އަދާކުރުމަށް ފަހު، ތައުބާގެ ޝަރުޠުތަކާ އެކު ތައުބާވުމަށް ފަހު، ދެން ވެސް ހަމަ ކުރިން އަދާ ކުރި ހެކިބަސް އަދާކޮށްފި ނަމަ، އެ ހެކިބަސް ބަލައި ނުގަނެވޭނެއެވެ. އެއީ ދެވަނަ ފަހަރަށް ފުރަތަމަ އަދާކުރި ފަދައިން އެމީހާ ހެކިބަސް އެ ތަކުރާރު ކުރަނީ، ފުރަތަމަ ހެކިބަސް އަދާ ކުރުމުގައި ދޮގު ހެކި އަދާ ކުރިކަން މީހުންނަށް ފަޟީޙަތްވެދާނޭތީ ކަމަށްވުމުގެ ތުހުމަތު އެ މީހާގެ މައްޗަށް އޮތުމުންނެވެ. މި ޙާލަތުގައި އެ މީހާގެ ހެކިބަސް ބަލައި ނުގަނެވޭނެއެވެ.
  • ބައެއް ބާވަތުގެ މައްސަލަތަކުގައި ހެކިބަސް އަދާކުރުމަށް ގޮވާލެވުމުގެ ކުރިއަށް ހެކިބަސް ދިނުމަށް އަވަސް ވެގަތުން؛ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

« إنَّ بَعْدَكُمْ قَوْمًا يَخُونُونَ ولاَ يُؤْتَمَنُونَ، ويَشْهَدُونَ ولاَ يُسْتَشْهَدُونَ، ويَنْذِرُونَ ولاَ يَفُونَ، ويَظْهَرُ فِيهِمُ السِّمَنُ» [صحيح البخاري 2651]

މާނައީ: “ހަމަކަށަވަރުން ތިޔަބޭކަލުންނަށް ފަހު، ބަޔަކު މީހުން އަންނާނެއެވެ؛ އެބައިމީހުން ޚިޔާނާތްތެރި ވާނެއެވެ. އެބައިމީހުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. އަދި ހެކިބަސް ދިނުމަށް ގޮވައިލެވުމުގެ ކުރިއަށް އެބައިމީހުން ހެކިބަސް ދޭނެއެވެ. އަދި އެބައިމީހުން ނަދުރު ބުނެ، ނަދުރެއް ނުފުއްދާނެއެވެ. އެބައިމީހުންގެ މެދުގައި ފަލަވުން ފާޅުވެގެން ދާނެއެވެ.”

  • ދެމަފިރީން އެކަކު އަނެކަކަށް ދޭ ހެކިބަސް؛[6]

މި ބައިތަކުގެ ތަފުޞީލު ދަންނަބޭކަލުންގެ މަޛްހަބުތަކާއި އެ ބޭކަލުންގެ ދަލީލުތަކާ އެކު ކުރިއަށް ހުރި މަބާޙިޘުތަކުގައި ގެނެސްދެވޭނެއެވެ. إِنْ شَاءَ اللهُ.

 


 

[1] قال البيهقي (ت 458): “وروّينا رَدَّ شَهادَةِ الظَّنينِ مُطلَقًا مِن وجهَينِ مُرسَلَينِ عن النَّبِىِّ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ومِن وجهٍ آخَرَ مَوصولٍ إلَّا أن فيه ضَعفًا، وهو يَقوَى بالمُرسَلَينِ مَعَه، واللَّهُ أعلَمُ.” – السُّنَنُ الكُبْرَىٰ لِلبَيْهَقِي (21/63، 67)، مَرْكَز هجر لِلْبُحُوثِ وَالدِّرَاسَات العَرَبِيَّة الإِسْلَامِيَّة – القاهرة، 1432 وحسنه الألباني في صحيح الجامع الصغير (7237).

[2] ބައްލަވާ: الذب عَنْ مَذْهَبِ الإِمَام مَالِك لِابن أبِي زَيْدٍ (1/388)، مَرْكَز الدِّرَاسَات وَالأَبْحَاث وَإِحْيَاء التُّرَاث – المملكة المغرب، 1432. بِدَايَةُ المُجْتَهِد وَنِهَايَةُ المُقْتَصِد لِابْنِ رُشْد الحَفِيد (4/246)، دَارُ الحَدِيث – القَاهِرَة، 1325.

[3] ބައްލަވާ: رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/234 – 242)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412

[4] رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/238)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412

[5] އެއީ އެފަދަ މީހުން ތައުބާވުމުގެ ކުރިންނެވެ. ޒިނޭކުރި މީހަކު ނުވަތަ ޚާއިނަކު ވެސް ތައުބާވުމަށް ފަހު އެމީހުންގެ ހެކިބަސް ބަލައި ގަނެވޭނެއެވެ. ކުރިއަށް ހުރި މަބާޙިޘުތަކުގައި މިކަމުގެ ތަފްޞީލު، ޢިލްމުވެރީންގެ ބަސްފުޅުތަކާ އެކު ގެނެސްދެވޭނެއެވެ. إِنْ شَاءَ اللهُ.

[6] كَشَّافُ القَنَاع عَنْ مَتْنِ الإِقْنَاع لِلْبُهُوتِي (6/428)، دَارُ الكُتب العِلْمِيَّة – بَيْرُوت، 1403.

 

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ)