[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ) – 15

މައިންބަފައިންނާއި ދަރީންގެ ހެކިބަސް

 

މައިންބަފައިންނާއި ދަރީން އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާ ކުރާ ހެކިބަސް

 

ހެކިބަސް އަދާ ކުރާ މީހާއަކީ އޭނާގެ ހެކިބަހާ މެދު ޝައްކެއް އުފެދިދާނޭ މީހަކު ނަމަ، އެފަދަ މީހެއްގެ ހެކިބަސް ރައްދުކުރަން ޖެހޭނޭކަމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ. އެހެންނަމަވެސް އެފަދަ ހެކިބަހަކަށް ވާނީ ކޮންކޮން ބައެއްގެ ހެކިބަހެއްކަމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައި ވެއެވެ. އެ ގޮތުން މައިންބަފައިންނާއި ދަރިން އޭގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާކުރާ ހެކިބަހަކީ އެ ހެކިބަހެއް ހުއްދަކަމާ މެދު ފިޤުހުވެރިން ކުރެ މަދު ބޭކަލެއް ޚިލާފުވެފައިވާ މައްސަލައެކެވެ.

މައިންބަފައިންކަމުގައި މިތަނުގައި މި އިޝާރާތް ކުރަނީ ކާފައާއި މާމަވެސް އޭގެ ތެރޭގައި ހިމެނޭނެ ހެންނެވެ. އެއީ މި މައްސަލައިގައި ކާފައަށްވަނީ ބައްޕަގެ މަޤާމުކަމާ މެދު ޢިލްމުވެރީން އިޖުމާޢު ނަޤުލުކުރައްވާފައި ވާތީއެވެ.[1]

ޢިލްމުވެރީންގެ ބަސްފުޅުތަކަށް ބެލުމުން މި މައްސަލައިގައި ހަތަރު މަޛްހަބެއް ފާހަގަކުރެވެއެވެ.

ފުރަތަމަ މަޛްހަބު

މިއީ މައިންބަފައިންނާއި ދަރިން އޭގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި ހެކިބަސް އަދާކުރުން މުޠުލަޤުކޮށް ޖާއިޒުކަމުގައި ދެކެވަޑައިގަންނަވާ ބޭކަލުންގެ މަޛްހަބެވެ. [2] މިއީ  ޢުމަރުގެފާނު (ނޔވ 23) އަދި ޢަލީގެފާނު (ނޔވ 40)ގެ ރައުޔުކަމުގައި ބުނެވެއެވެ. އަދި މިއީ ތާބިޢީ އިމާމު؛ ޚަލީފާ ޢުމަރު ބުން ޢަބްދިލްޢަޒީޒު (ނޔވ 101)،[3] ތާބިޢީ ޤާޟީ؛ އިޔާސު ބުން މުޢާވިޔާ (ނޔވ 122)ގެ ރައުޔެވެ. އަދި މިއީ އިމާމު އިބްނުލްމުންޛިރު (ނޔވ 319) އިޚްތިޔާރުކުރެއްވި ރައުޔެވެ.[4] މި ބުނެވުނު ބޭކަލުންގެ އިތުރުން މި ރައުޔަކީ އިމާމު އަލްމުޒަނީ (ނޔވ 264)ގެ ވެސް ރައުޔެވެ. އަދި އިމާމު އަބޫ ޘައުރު (ނޔވ 240)އާއި ޡާހިރީ އިމާމު ދާވޫދު ބުން ޢަލީ (ނޔވ 270) ވެސް ދެކިލައްވަނީ މިފަދައިންނެވެ.[5] މިއީ އިމާމު ޝާފިޢީ (ނޔވ 204)ގެ ކުރީގެ މަޛްހަބުކަމުގައި އިބްނުލްޤާއްޞު (ނޔވ 335) ނަޤުލުކުރައްވާފައި ވެއެވެ.[6] އިމާމު އަޙްމަދު ބުން ޙަންބަލު (ނޔވ 241)ގެ އަރިހުން މި މައްސަލައިގައި އައިސްފައިވާ ތިން ރިވާޔަތުން އެއް ރިވާޔަތަކީ؛ ތުހުމަތެއް ނުކުރެވޭ ފަދަ – މިސާލަކަށް: ކާވެންޏާއި ވަރިއާއި ޤިޞާޞް އަދި މުދަލަކަށް ބޭނުން ޖެހިފައި ނުވާ ފަރާތެއް ނަމަ، މުދަލާ ގުޅުންހުރި ކަންކަން – ކަންކަމުގައި މައިންބަފައިންނަށް ދަރިއަށްޓަކައި އަދި ދަރިއަށް މައިންބަފައިންނަށްޓަކައި ހެކިބަސް އަދާ ކުރުން ޖާއިޒު ވުމެވެ.[7]

 

މި ބޭކަލުންގެ ދަލީލު:

ޤުރުއާނުން:

﴿مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ﴾ [البقرة 282]

މާނައީ: “ހެކިން ކުރެ ތިޔަބައިމީހުން އެ ބަޔަކާ މެދު ރުހޭ މީހުންނެވެ.”

﴿ يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا﴾ [النساء 135]

މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލުއިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެ މީހަކީ (އެބަހީ: އެ މީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް ފަހެ، އެ ދެ މީހުންނަށްމެ، ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާ ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަ ނަމަ ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެން ވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

 

ސުންނަތުން:

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

«إِيَّاكُمْ وَالظَّنَّ، فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ» [صحيح البخاري 6724]

މާނައީ: “ތިޔަބައިމީހުން ހީތަކާ ދުރުހެލި ވާށެވެ! ފަހެ ހަމަކަށަވަރުން އެންމެ ދޮގުވެރި ވާހަކައަކީ ހީތަކެވެ!”

މި ދަލީލުތަކުން އިސްތިދުލާލު ކުރާ ގޮތް: ހެކިބަސް ޤާއިމުކުރުމަށް އަންގަވާފައިވާ އާޔަތްތަކުގައި ވަކި ބަޔަކު އިސްތިސްނާ ކުރައްވާފައި ނުވެއެވެ. އަދި ނިސާ ސޫރަތުގެ އާޔަތުގައި އެ ވަނީ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ މައްޗަށްވެސް ހެކިބަސް ޤާއިމުކުރުމަށް އަމުރު ކުރައްވާފައެވެ. އެހެންކަމުން މި އާޔަތްތަކުގައި، މައިންބަފައިންނާއި ދަރިން އަދި އެ ނޫން މީހުންގެ ހެކިބަހުގައި ވަކި ފަރަޤެއް ކުރައްވާފައި ނުވާއިރު، މީސްތަކުން މެދުގައި ވަކި ފަރަޤެއް އުފައްދައި ޢާންމުކޮށް އައިސްފައިވާ އަމުރުފުޅުތަކަކުން ވަކި ބަޔަކު ބޭރު ނުކުރެވޭނޭކަމަށް މި ބޭކަލުން ދެކިލައްވައެވެ. އެހެންކަމުން ހެކިބަސް އަދާކުރާ މީހާއަކީ ޢަދުލުވެރިއެއް ނަމަ، އެމީހެއްގެ ހެކިބަހާ މެދު ޝައްކެއް އުފެއްދުން ހުއްދަ ނުވާނެއެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ މީސްތަކުންނާ މެދު ކުރެވޭ ހީތަކުން ދުރުހެލި ވުމަށް އަންގަވާފައެވެ.

އަދިވެސް މި މަޛްހަބުގެ ޢިލްމުވެރީން ދަލީލެއްގެ ގޮތުގައި ޢުމަރުގެފާނަށް (ނޔވ 23) ނިސްބަތް ކުރެވޭ އަންނަނިވި ބަސްފުޅު ގެންނަވައެވެ.

«تَجُوزُ شَهَادَةُ الْوَالِدِ لِوَلَدِهِ، وَالْوَلَدِ لِوَالِدِهِ» [المصنف لعبد الرزاق 15471][8]

މާނައީ: “ބައްޕަ ދަރިއަށްޓަކައި ހެކިބަސް އަދާކުރުން ޖާއިޒެވެ. އަދި ދަރި ބައްޕައަށްޓަކައި ހެކިބަސް އަދާކުރުން ޖާއިޒެވެ.”

މިއީ ޢަބްދުއްރައްޒާޤު އައްޞަނުޢާނީ (ނޔވ 211)ގެ މުޞައްނަފުގައި އިބްނު އަބީ ސަބްރާ (ނޔވ 162)އެވެ ކިޔޭ މީހަކު ޚަބަރު ކުރެއްވިކަމަށް ރިވާކުރައްވާފައިވާ އަޘަރެކެވެ. މި އިބްނު އަބީ ސަބްރާއަކީ އެމީހެއްގެ ކިބައިން ޙަދީޘް ނެގުން ދޫކޮށްލާފައިވާ މަތުރޫކެކެވެ. އަދި އެއީ ދޮގު ހަދާކަމަށާއި ޙަދީޘް ހަދާކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.[9]

އަދި މި ޢިބާރާތަށް ވުރެ ޢުމަރުގެފާނު (ނޔވ 23) އަބޫ މޫސާ އަލްއަޝްޢަރީ (ނޔވ 44)އަށް ފޮނުއްވި ސިޓީފުޅުގައިވާ ޢިބާރާތްތަކާއި އިމާމު މާލިކު މުވައްޠާގައި އިމާމު މާލިކާ ހަމައަށް ފޯރާފައިވާކަމަށް ރިވާ ކުރައްވާފައިވާ ޢުމަރުގެފާނުގެ ބަސްފުޅު، ޢުމަރުގެފާނާ ހަމައަށް ސާބިތުވުމުގައި، ވަރުގަދައެވެ. އަދި ހަމަ އެހެންމެ މި ބުނެވުނު ދެ ރިވާޔަތަކީ (ސިޓީފުޅާއި މުވައްޠާގައިވާ ރިވާޔަތް) އެ ދެ ރިވާޔަތުން ޢިލްމުވެރީން ޙުއްޖަތް ނަންގަވާ، ޢިލްމުވެރިން ބަލައިގެންފައިވާ ދެ ރިވާޔަތެވެ.

އެހެންކަމުން މި މައްސަލައިގައި ޢުމަރުގެފާނު (ނޔވ 23)ގެ ރައުޔަކީ މައިންބަފައިންނާއި ދަރީން އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާކުރާ ހެކިބަސް ބަލައިގަތުން ކަމުގައި ނުބެލެވޭނެއެވެ.

ދެންވެސް މި މަޛްހަބުގެ ބޭކަލުން ދަލީލެއްގެ ގޮތުގައި ގެންނަވާ ނިސާ ސޫރަތުގެ 135ވަނަ އާޔަތުގައި ވެސް މި މަޛްހަބަށް ދަލީލެއް ނުވެއެވެ. އެއީ އެ އާޔަތުގައި އެ ވަނީ މައިންބަފައިންނާއި ދަރީންގެ މައްޗަށް ހެކިބަސް އަދާކުރާ ވާހަކައެވެ.[10] އެ ގޮތަށް ހެކިބަސް އަދާ ކުރުމުގައި އަޞްލަކީ މީހާ އޭނާގެ ދަރީންނާއި މައިންބަފައިންނަށް ގެއްލުމެއް ދޭން ބޭނުން ނުވުމެވެ. އެހެހެންކަމުން އެ ތަނުގައި އޭގެން މީހެއްގެ މައްޗަށް އަދާކުރާ ހެކިބަހަކީ އެ ހެކިބަހެއްގައި ތުހުމަތެއް އޮތް ހެކިބަހެއްކަމުގައި ނުވާނެއެވެ. އެހެނީ އާޔަތުގައި އެވަނީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށްވެސް ހެކިބަސް އަދާކުރުމަށް އަންގަވާފައެވެ. އެއާއެކުވެސް މީހަކު އޭނާގެ އަމިއްލަ ނަފުސަށްޓަކައި، އޭނާގެ މަޞްލަޙަތަށްޓަކައި ހެކިބަސް ދިނުމަށް އެއްވެސް ބޭކަލަކު ވިދާޅު ނުވާނެއެވެ. އެހެނެއްކަމަކު އޭނާ އަމިއްލަ ނަފުސުގެ މައްޗަށް ހެކިބަސް ދިނުން ޖާއިޒެވެ. އެއީ އިޤުރާރެވެ. އޭގައި ތުހުމަތެއް ނުވެއެވެ. ހަމަ އެގޮތަށް ތަހުމަތެއް ނެތްނަމަ މީހަކު އޭނާގެ މައިންބަފައިންގެ މައްޗަށްވެސް ހެކިބަސް އަދާކުރުން ޖާއިޒު ވަނީއެވެ.[11]

ދެވަނަ މަޛްހަބު

މިއީ ބައްޕަ ދަރިއަށްޓަކައި ހެކިބަސް އަދާކުރުން ޖާއިޒުކަމަށް ދެކިލައްވާ ބޭކަލުންގެ މަޛްހަބެވެ. މި މަޛްހަބުގެ ބޭކަލުންގެ އަރިހުގައި ބައްޕައަކީ ހެކިވެރިއެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުޠުތައް ފުރިހަމަ ފަރާތެއް ނަމަ، ދަރިފުޅަށްޓަކައި ބައްޕައަށް ހެކިބަސް އަދާކުރުން ޖާއިޒެވެ. މިއީ ތާބިޢީ އިމާމު؛ ޢާމިރު އައްޝަޢުބީ (ނޔވ 104)އަށް ނިސްބަތް ކުރެވޭ އެއް ރިވާޔަތެވެ.[12]

 

ތިންވަނަ މަޛްހަބު

މިއީ ބައްޕައަށްޓަކައި ދަރިއަށް ހެކިބަސް އަދާކުރެވިދާނެކަމަށް ދެކޭ މަޛްހަބެވެ. މިއީ އަލްޙަސަނުލް ބަޞަރީ (ނޔވ 110)އަށް ނިސްބަތް ކުރެވޭ ރައުޔެކެވެ.[13] އަދި ތާބިޢީ ޚަލީފާ؛ ޢުމަރު ބުން ޢަބްދިލްޢަޒީޒު (ނޔވ 101)ގެ ރައުޔަކީ ވެސް މިއީ ކަމުގައި ރިވާވެގެން ވެއެވެ.[14] އަދި މިއީ އިމާމު އަޙްމަދު ބުން ޙަންބަލު (ނޔވ 241)ގެ އަރިހުން މި މައްސަލައިގައި އައިސްފައި ވާ ތިން ރިވާޔަތުން އެއް ރިވާޔަތް ވެސް މެއެވެ.[15]

މި ބޭކަލުންގެ ދަލީލު:

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.

«أَنتَ وَمَالُكَ لِوَالِدِكَ» [سنن أبي داود 3530  ومشكاة المصابيح مع تحقيق الألباني 3354]

މާނައީ: “ތިބާއާއި ތިބާގެ މުދާ ވަނީ ތިބާގެ ބައްޕައަށެވެ!”

މި ޙަދީޘުން ދަލީލު ނަގާ ގޮތް:

ދަރިއަށްޓަކައި ބައްޕަ ހެކިބަސް އަދާކުރުމަކީ ބައްޕަ އަމިއްލަ އަމިއްލައަށް ހެކިބަސް އަދާކުރުން ފަދަ ކަމެކެވެ. އެހެނީ ދަރިއަކީ ބައްޕަގެ ބައެކެވެ. މި ސަބަބަށްޓަކައި ދަރިއަށްޓަކައި ބައްޕަ އަދާކުރާ ހެކިބަސް ޖާއިޒު ނުވަނީއެވެ. އެއީ ބައްޕަ އަމިއްލަ ނަފުސަށްޓަކައި އަދާކުރާ ހެކިބަސް ރައްދު ކުރެވޭ ފަދައިންނެވެ. ނަމަވެސް – މި ބޭކަލުން ދެކިލައްވާ ގޮތުގައި – މިފަދަ ތުހުމަތެއް، ދަރި ބައްޕައަށްޓަކައި އަދާކުރާ ހެކިބަހެއްގައި ނޯންނާނެއެވެ. އެ ސަބަބަށްޓަކައި ދަރިއަކު ބައްޕައަށް ހެކިބަސް އަދާކުރުން މިބޭކަލުން ޖާއިޒުކަމަށް ދެކިލައްވަނީއެވެ.

 

ހަތަރުވަނަ މަޛްހަބު

މި މަޛްހަބުގެ ބޭކަލުން ދެކިލައްވާ ގޮތުގައި މައިންބަފައިންނާއި ދަރީން އޭގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާ ކުރާ ހެކިބަހަކީ މުޠުލަޤު ގޮތެއްގައި ޖާއިޒު ނޫން ހެކިބަހެކެވެ. މިއީ ޢިލްމުވެރީން ކުރެ އިހުގެއާއި ފަހުގެ ގިނަ ބޭކަލުންގެ ރައުޔެވެ. މިއީ ޢިލްމުވެރީން ކުރެ ޖުމުހޫރު ފިޤުހުވެރީންގެ ރައުޔެވެ.[16] އެ ގޮތުން މިއީ ޢުމަރުގެފާނު (ނޔވ 23)އާ ހަމައަށް ސާބިތު ވާ މަޛްހަބެވެ.[17] މިއީ ތާބިޢީ ޤާޟީ؛ ޝުރައިޙު (ނޔވ 78) އަދި ތާބިޢީ އިމާމު؛ އައްނަޚަޢީ (ނޔވ 96)ގެ ރައުޔެވެ.[18] އަދި މިއީ ޢާމިރު އައްޝަޢުބީ (ނޔވ 104)އާއި އަލްޙަސަނުލްބަޞަރީ (ނޔވ 110)ގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. މިއީ އިމާމު އަބޫ ޙަނީފާ (ނޔވ 150)، އިމާމު އައުޒާޢީ (ނޔވ 157)، އިމާމު ސުފްޔާނުއްޘައުރީ (ނޔވ 161)ގެ ރައުޔެވެ.[19] އަދި މިއީ އިމާމު މާލިކު ބުން އަނަސް[20] (ނޔވ 179) އަދި އިމާމު ޝާފިޢީ[21] (ނޔވ 204)، ގެ ރައުޔެވެ. ހަމަ އެހެންމެ މިއީ އިމާމު އަޙްމަދު ބުން ޙަންބަލު (ނޔވ 240)ގެ އަރިހުން މި މައްސަލައިގައި އައިސްފައިވާ ތިން ރިވާޔަތުގެ ތެރެއިން އެއް ރިވާޔަތެވެ.[22] އެކަލޭގެފާނު އަރިހުން އެންމެ ޞައްޙަކަށް ބޮޑީ މި ރިވާޔަތެވެ.[23] މިއީ ފިޤުހީ ހަތަރު މަޛްހަބުވެސް މެއެވެ.[24]

އިމާމު ޝާފިޢީ (ނޔވ 204) ވިދާޅު ވިއެވެ.

“ބައްޕައެއްގެ ހެކިބަސް އޭނާގެ ދަރިއަކަށް ނުވަތަ އޭނާގެ ފިރިހެން ދަރިއެއްގެ ދަރިއަކަށް، ނުވަތަ އޭނާގެ އަންހެން ދަރިއެއްގެ ދަރިއަކަށް؛ މި ގޮތަށް [ދަރީންގެ ދަރީން] ކިތަންމެ ދުރަށް ދިޔަސް، ޖާއިޒު ނޫނެވެ. ހަމަ މިގޮތަށް ކިތަންމެ ދުރަށް ދިޔަކަމުގައި ވިޔަސް، އޭނާގެ ބަފައިންނަށްޓަކައި ވެސް އޭނާއަށް ހެކިބަސް ނުދެވޭނެއެވެ. އެހެނީ އެ ފަދައިން ހެކިބަސް ދޭނަމަ، އެ ހެކިބަސް އެ އަދާކުރަނީ އެ ފަރާތެއްގެ ކިބައިން އޭނާ ވާ ފަރާތަކަށެވެ. އަދި އޭނާގެ ދަރިއަކީ އޭނާގެ ކިބައިންވާ ފަރާތެކެވެ. އެހައިރުން އޭނާ އެ ހެކިބަސް އަދާކުރަނީ އޭނާގެ އެއްބަޔަށް ފަދައެވެ. މިކަމުގައި ތިމަންކަލޭގެފާނު ޚިލާފެއް އޮތްކަމެއް ނުދަންނަމެވެ.”[25]

އެހެންކަމުން މައިންބަފައިންނާއި ދަރީންގެ ހެކިބަސް ރައްދުކުރުމުގައި ބައްޕައާއި މަންމަ، ކާފައާއި މާމަ އަދި ދަރީންނާއި ދަރީންގެ ދަރީންގެ މެދަކު ފަރަޤެއް ނުވެއެވެ. މި ގޮތަށް ނަސަބު ކިތަންމެ މައްޗަށް ނުވަތަ ދަށަށް ދިޔަސް، އަޞްލެއްގެ ހެކިބަސް ފަރުޢަކަށް ނުވަތަ ފަރުޢެއްގެ ހެކިބަހެއް އަޞްލަކަށްޓަކައި ބަލައި ނުގަނެވޭނެއެވެ.[26]

 

މި ބޭކަލުންގެ ގެންނަވާ ދަލީލުތަކާއި އެ ދަލީލުތަކުން ދަލީލު ނަންގަވާ ގޮތް:

﴿ذَلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَى أَلَّا تَرْتَابُوا﴾ [البقرة 282]

މާނައީ: “އެގޮތަށް ލިޔުން، ﷲގެ ޙަޟުރަތުގައި ޢަދުލުވެރިކަން ބޮޑެވެ. އަދި ހެކި ދިނުމަށް ސީދާކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ޝައްކު ނުވުން ގާތްކަން ބޮޑުވެސް މެއެވެ.”

މި އާޔަތުގައި ﷲ، ހެކިވެރިން އެ ހެކިވާ ކަންތައް ލިޔުމަށް އެންގެވުމަށް ފަހު، އެފަދައިން އެ އަންގަވާފައިވާ ސަބަބުކަމުގައި ބަޔާންކުރައްވާފައި އެ ވަނީ، އެއީ ޝައްކާއި ވަހުމުތަކުން ރައްކާތެރިވެ، ހެކިބަސް އަދާ ކުރުމަށްޓަކައި ކަމެވެ. އެހެންކަމުން އެމީހެއްގެ ހެކިބަހެއްގައި ޝައްކު އުފެދޭ މީހެއްގެ ހެކިބަހެއް ބަލައި ނުގަނެވޭނެއެވެ. މައިންބަފައިންނާއި ދަރިން އޭގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާކުރާ ހެކިބަހަކީ އެ ހެކިބަހެއްގެ ޞައްޙަކަމާ މެދު މިފަދަ ޝައްކާއި ތުހުމަތު އޮތް ހެކިބަހެކެވެ. ސަބަބަކީ އެ ދެ ބައިމީހުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށްޓަކައި އޮންނާނޭ ލޯތްބާއި ކުލުނުވެރިކަމެވެ. ދަރިންނަކީ މައިންބަފައިންގެ ހިތްތަކުގެ މޭވާއެވެ. އަދި ލޯތަކުގެ ފިނިކަމެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

«… إِنَّهُمْ لَمَبْخَلَةٌ مَجْبَنَةٌ مَحْزَنَةٌ وَإِنَّهُمْ لَثَمَرَةُ الْقُلُوبِ وَقُرَّةُ الْعَيْنِ» [المستدرك الحاكم 7596 وقال الذهبي: على شرط البخاري ومسلم وصحيح الجامع الصغير للألباني 1989][27]

މާނައީ: “ހަމަކަށަވަރުން އެބައިމީހުންނަކީ (އެބަހީ: ދަރިންނަކީ) މީހާ ދަހިވެތިކުރުވާ، ފިނޑިކުރުވާ، ހިތާމަވެރިވެސް ކުރުވާ ބައެކެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަކީ ހިތްތަކުގެ މޭވާއާއި ލޮލުގެ ފިނިކަންވެސް މެއެވެ.”

ދަރިންނަކީ މައިންބަފައިންގެ އެއްބައެވެ. މިކަން އަންނަނިވި ނައްޞުތަކުން ސާފުވެއެވެ.

މަލާއިކަތުންނަކީ ﷲ އަށްވާ ދަރިންކަމުގައި މުޝްރިކުން ބުނިބުނުން ބަޔާން ކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا﴾ [الزخرف 15]

މާނައީ: “އެއުރެން އެކަލާނގެ އަޅުންގެ ތެރެއިން ބައެއް، އެއީ އެކަލާނގެ ބައެއްކަމުގައި ހަމަޖެއްސިއެވެ.”

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«أَنتَ وَمَالُكَ لِوَالِدِكَ» [سنن أبي داود 3530 ومشكاة المصابيح مع تحقيق الألباني 3354]

މާނައީ: “ތިބާއާއި ތިބާގެ މުދާވަނީ ތިބާގެ ބައްޕައަށެވެ!”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

«إنَّ أَوْلَادَكُمْ مِنْ أَطْيَبِ كَسْبِكُمْ، فَكُلُوا مِنْ كَسْبِ أَوْلَادِكُمْ» [سنن أبي داود 3530 ومشكاة المصابيح مع تحقيق الألباني 3354]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ދަރިންނަކީ ތިޔަބައިމީހުން ހޯދައިގަތް އެންމެ ރަނގަޅު ކަމެވެ. ފަހެ ތިޔަބައިމީހުންގެ ދަރިން ހޯދައިގަތް އެއްޗަކުން ތިޔަބައިމީހުން ކާށެވެ!”

އަދިވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.

«فَاطِمَةُ بَضْعَةٌ مِنِّي، فَمَنْ أَغْضَبَهَا أَغْضَبَنِي» [صحيح البخاري 3714] 

މާނައީ: “ފާޠިމަތުގެފާނަކީ ތިމަންކަލޭގެފާނުގެ ބައެކެވެ. ފަހެ އެ ކަމަނާ ކޯފާ ކުރުވައިފި މީހަކު، ތިމަންކަލޭގެފާނު ކޯފާ ކުރުވައިފިއެވެ.”

މައިންބަފައިންނާއި ދަރިން އޭގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާކުރާ ހެކިބަހަކީ އެ ހެކިބަހެއްގައި ތުހުމަތު އޮތް ހެކިބަހެއްކަން ޢުމަރުގެފާނު (ނޔވ 23) އަބޫ މޫސާ އަލްއަޝްޢަރީ (ނޔވ 44)އަށް ފޮނުއްވި ސިޓީފުޅުގައިވެސް ބަޔާން ކުރައްވައި އެންގެވިއެވެ. އެ ސިޓީފުޅުގައި ވެއެވެ.

“… މުސްލިމުންނަކީ އޭގެ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ޢަދުލުވެރީންނެވެ. އެއީ އެ މީހެއްގެ ކިބައިން ދޮގު ހެއްކެއް ތަޖުރިބާ ކުރެވިފައިވާ މީހާއާއި ޙައްދެއްގެ ގޮތުން ޖަލްދު ކުރެވިފައިވާ މީހާއާއި ތިމާގެކަމުގެ ގޮތުން ނުވަތަ ވަލާގެ ގޮތުންވެސް ތުހުމަތެއް އޮތް މީހުން ފިޔަވައެވެ.” [السنن الكبرىٰ 20830][28]

އިމާމު ޝާފިޢީ (ނޔވ 204) ރިވާކުރެއްވިކަމަށް އިމާމު މާވަރުދީ (ނޔވ 450) ގެންނަވާފައި ވެއެވެ.

“ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިކަމަށް ޢާއިޝަތުގެފާނުގެ ކިބައިން ޢުރުވަތުގެފާނުގެ ކިބައިން އައްޒުހުރީ ރިވާކުރެއްވިއެވެ.

«لَا تُقْبَلُ شَهَادَةُ خَائِنٍ وَلَا خَائِنَةٍ وَلَا مَحْدُودٍ حَدًّا وَلَا ذِي غِمْرٍ عَلَى أَخِيهِ وَلَا مُجَرَّبٍ فِي شَهَادَةِ زُورٍ وَلَا ظَنِينٍ فِي قَرَابَةٍ وَلَا وَلَاءٍ وَلَا شَهَادَةُ الْقَانِعِ لِأَهْلِ الْبَيْتِ»[29]

މާނައީ: “ޚިޔާނާތްތެރި ފިރިހެނެއް ނުވަތަ ޚިޔާނާތްތެރި އަންހެނެއް އަދި ޙައްދު ޖަހާފައިވާ މީހެއް، އަދި އޭނާގެ އަޚާއާ މެދު ޢަދާވާތްތެރިކަމެއް އޮތް މީހަކު އަދި އެމީހެއްގެ ކިބައިން ދޮގު ހެކިދިނުން ތަޖުރިބާ ކުރެވިފައިވާ މީހަކު، އަދި ތިމާގެކަމުގެ ސަބަބުން ނުވަތަ ވަލާގެ ގޮތުން ވިޔަސް [އެ މީހެއްގެ ހެކިބަހާ މެދު] ތުހުމަތެއް އޮތް މީހެއްގެ ހެކިބަސް ބަލައި ނުގަނެވޭނެއެވެ. އަދި އެ ގެއެއްގެ މީހުންނަށް އުޖޫރައަށް މަސައްކަތްކޮށްދޭ މީހާގެ ހެކިބަސް [އެބައިމީހުންނަށްޓަކައި] ބަލައި ނުގަނެވޭނެއެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

«وَلَا شَهَادَةُ الْوَلَدِ لِوَالِدِهِ وَلَا الْوَالِدِ لِوَلَدِهِ»

މާނައީ:”އަދި ދަރި ބައްޕައަށްޓަކައި ދޭ ހެކިބަހާއި ބައްޕަ ދަރިއަށްޓަކައި ދޭ ހެކިބަސް ވެސް މެއެވެ.”

މި ޙަދީޘަކީ މުޙައްދިޘުންގެ އަރިހުގައި ސާބިތު ޙަދީޘެއް ނޫނެވެ. ފަހެ މި ޙަދީޘް ސާބިތު ނަމަ، މިއީ މި މައްސަލައިގައި އޮތް ނައްޞެކެވެ. މި ޙަދީޘް ސާބިތު ނުވިޔަސް، «وَلَا ظَنِينٍ فِي قَرَابَةٍ» [މާނައީ: “ތިމާގެކަމުގެ ސަބަބުން (އެ މީހެއްގެ ހެކިބަހާ މެދު) ތުހުމަތެއް އޮތް މީހެއް”] މި ޢިބާރާތުގައި ބައްޕައާއި ދަރީގެ މައްޗަށް (އެބަހީ: އެ ދެބައި މީހުން އެއްބަޔަކު އަނެބަޔަކަށްޓަކައި އަދާކުރާ ހެކިބަސް ރައްދު ކުރުމަށް) ދަލީލު ލިބެއެވެ.[30]

އިމާމު ޝާފިޢީ (ނޔވ 204) ދަލީލަކަށް މި ގެންނަވާ ޢިބާރާތް ހަމަ މިފަދަ ގޮތަކަށް ޢުމަރުގެފާނު (ނޔވ 23) އަބޫ މޫސާ (ނޔވ 44)އަށް ފޮނުއްވި ސިޓީފުޅުގައިވެސް އައިސްފައި ވެއެވެ. އެހެންކަމުން އަދި މަތީގައި އިޝާރާތް މި ކުރެވުނު ޢާއިޝަތުގެފާނު (ނޔވ 57)ގެ ކިބައިން އައިސްފައިވާ ޙަދީޘް ސާބިތު ނުވާކަމަށް ބަޔަކު މީހުން ބުނި ނަމަވެސް، ޢުމަރުގެފާނުގެ ސިޓީފުޅަށް ޢަމަލުކުރުމުގެ ވާޖިބުކަމުގެ މައްޗަށް އުންމަތް ވަނީ އިޖުމާޢުވެފައެވެ. އެހެންކަމުން އެ ސިޓީފުޅުގައި އެ ވާ «أَوْ ظِنِّينٌ فِي وَلَاءٍ أَوْ قَرَابَةٍ» ގެ މާނައިން ވެސް ހަމަ ޙަދީޘުން އިމާމު ޝާފިޢީ (ނޔވ 204) ޤާއިމުކުރައްވާ ޙުއްޖަތް ސާބިތުވެގެން ދެއެވެ.[31]

ކުރިން އިޝާރާތް ކުރެވުނު ފަދައިން މައިންބަފައިންނާއި ދަރީންގެ ހެކިބަހުގެ މައްސަލައިގައި އުންމަތުގެ އިހުގެ، އަދި ފަހުގެ ވެސް ގިނަ ޢިލްމުވެރިންގެ ރައުޔަކީ، އެފަދަ ހެކިބަހެއް ރައްދުކުރުމެވެ. އެ ގޮތުން މައިންބަފައިންނާއި ދަރިން އެމީހުންގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާކުރާ ހެކިބަހަކީ އެ ހެކިބަހެއްގައި ތުހުމަތު އޮތް ހެކިބަހެއްކަމަށް ޖުމްލަ ގޮތެއްގައި އުންމަތުގެ ފިޤުހުވެރީން އެއްބަސްވާކަމަށް އިބްނު ރުޝްދު (ނޔވ 595) ނަޤުލުކުރައްވާފައި ވެއެވެ. އިބްނު ރުޝްދު ވިދާޅުވިއެވެ.

“އެ ބޭކަލުން [ރަށްތަކުގެ ފިޤުހުވެރީން] އިއްތިފާޤުވެފައިވާ ކަންކަމުގެ ތެރޭގައި، ބައްޕަ އޭނާގެ ދަރިއަށް، އަދި ދަރި އޭނާގެ ބައްޕައަށް ދޭ ހެކިބަސް ރައްދުކުރުން ވެއެވެ. މަންމަ ދަރިއަށް އަދި ދަރި މަންމައަށް ދޭ ހެކިބަސް ވެސް ހަމަ މިފަދައެވެ.”[32]

އެހެންކަމުން މައިންބަފައިންނާއި ދަރިން އޭގެ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދާކުރާ ހެކިބަހަކީ އޭގައި ތުހުމަތު އޮތް ހެކިބަހެކެވެ. މިއީ އަޞްލެވެ. ފަހަރުގައި މީސްތަކުންގެ ތެރޭގައި މި އަޞްލު ޙާލަތަށް ނުފެތޭ ބަޔަކު އުޅެދާނެއެވެ. ފަހަރުގައި ބައްޕައެއް ނުވަތަ ދަރިއެއްގެ ދެމެދު ޢަދާވާތްތެރިކަމެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެއެވެ. ނުވަތަ ފަހަރުގައި މައިންބަފައިންނާއި ދަރީންގެ މެދުގައި މިފަދަ ރުޅިވެރިކަމެއް ނުވަތަ ޢަދާވާތްތެރިކަމެއް ނެތި، ލޯތްބާއި ކުލުނުވެރިކަމެއް ވެސް ނޯވެދާނެއެވެ. އެ ދެ ފަރާތް އެއީ ދެ އަޖުނަބީންނެކޭ (ދުރު ދެމީހުންނެކޭ) އެއްފަދަވާ ޙާލަތެއްވެސް މެދުވެރި ވެދާނެއެވެ. އެހެނަސް މީގެ ސަބަބަކުން މި އަޞްލު ޙުކުމަކަށް އަސަރެއް ނުކުރާނެއެވެ. މިކަން ޝަރީޢަތުގައި އިސްތިޤްރާރުވެފައިވާ ޙުކުމްތަކުން ސާފުވެއެވެ.

މިކަމުގެ މިސާލެއް ބަޔާންކުރައްވަމުން އިމާމު އިބްނު އަބީ ޒައިދު އަލްޤައިރަވާނީ (ނޔވ 386) ވިދާޅުވިއެވެ. “އެއީ ޤާތިލު [ވާރުތަވެރިއެއް ނަމަ] މީރާޘުން އޭނާއަށް ލިބުން މަނާ ކުރުން ފަދައިންނެވެ. މި މައްސަލައިގައި އަޞްލަކީ ޤާތިލު އެ ޤަތުލު ކުރީ ވާރުތަ މުދާ ހޯދައިގަތުމަށްކަމުގެ ތުހުމަތު ޤާތިލުގެ މައްޗަށް އޮތުމެވެ.[33] ނަމަވެސް ފަހަރުގައި ޤަތުލެއް ހިނގާފާނެއެވެ. އަދި ޤާތިލު އެ ޤަތުލެއް ކުރީ ވާރުތަ މުދާ ހޯދައިގަތުމަށް ނޫންކަން ސާފުކޮށް އެނގި ވެސް ދާނެއެވެ. އެހެންނަމަވެސް، އެ ފަދަ ޙާލަތެއްގައިވެސް މި ނާދިރު ޙާލަތަކަށް ނުބެލެވޭނެއެވެ. މިކަމާ އަދި މިފަދަ އެހެނިހެން ކަންކަމުގައިވެސް އަޞްލު އުޞޫލު ހިނގަމުން އައިސްފައި ވަނީ މިފަދައިންނެވެ.”[34]

 


 

[1] އިބްނު ޢަބްދިލްބައްރު (ނޔވ 463) ވިދާޅު ވިއެވެ. “އޭނާ (އެބަހީ: ކާފަ)އޭނާގެ ދަރީގެ ދަރިއަށްޓަކައި ހެކިބަސް އަދާ ކުރުމުގައި ބައްޕައާ އެއްފަދަކަމާ މެދު އެބޭކަލުން (އެބަހީ: ޢިލްމުވެރިން) އިޖުމާޢުވެފައި ވެއެވެ.” – الاِسْتِذْكَارُ لِابْنِ عَبْدِ الْبَرّ (5/342)، دَارُ الكُتُبِ العِلْمِيَّة – بَيْرُوت، 1421.

[2]  سُنَن التِّرْمِذِي (4/545)، شَرِكَة مَكْتَبَة ومَطْبَعَة مُصْطَفَىٰ البَابِي الحَلَبِي – مصر، 1395.

[3] الحَاوِي الكَبِير لِلْمَاوَارْدِي (17/163)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.

[4] الإِشْرَافُ عَلَىٰ مَذَاهِبِ العُلَمَاء لِابْنِ المُنْذِر (4/270)، مَكْتَبَةُ مَكَّة الثَّقَافِيَّةِ – رَأْس الخَيْمَة، 1425.

[5] التَّعْلِيقَةُ الكُبْرَىٰ فِي الفُرُوع (كِتَابُ الشَّهَادَات وَالدَّعْوَىٰ والبَيِّنَات) لِأبِي الطَّيِّب الطَّبَرِي (ޞ 431).

[6] أَدَبُ الْقَاضِي لِأَبِي الْعَبَاس ابْن القَاص (1/309)، مَكْتَبَةُ الصِّدِّيق – الطَّائِف، 1409.

[7] المُغْنِي لِابْن قُدَامَة (14/181)، دَار عالم الكُتُب للطِّبَاعَة وَالنَّشْر وَالتَّوزِيع – الرِّيَاض، 1417.

[8] المُصَنَّف عَبْدِ الرزاق (8/343)، توزيع المكتب الإسلامي – بيروت، 1403.

[9] تَهْذِيب التَّهْذِيب لِابْنِ حَجَر (12/27 – 28)، مَطْبَعَة دَائِرَة المَعَارِف النِّظَامِيَّة – الهِند، 1326.

[10] تَفْسِيرُ ابْن كَثِير (2/383)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1419.

[11] الذب عَنْ مَذْهَبِ الإِمَام مَالِك لِابن أبِي زَيْدٍ (1/389)، مَرْكَز الدِّرَاسَات وَالأَبْحَاث وَإِحْيَاء التُّرَاث – المملكة المغرب، 1432

[12] الإِشْرَافُ عَلَىٰ مَذَاهِبِ العُلَمَاء لِابْنِ المُنْذِر (4/271)، مَكْتَبَةُ مَكَّة الثَّقَافِيَّةِ – رَأْس الخَيْمَة، 1425.

[13] اخْتِلَافُ الفُقَهَاء للمَرْوَزِي (ޞ 556)، أَضْوَاءُ السَّلَف – الرياض، 1420.

[14] المُصَنَّف لعَبْدِ الرزاق (8/344)، توزيع المكتب الإسلامي – بيروت، 1403.

[15] المُغْنِي لِابْن قُدَامَة (14/181)، دَار عالم الكُتُب للطِّبَاعَة وَالنَّشْر وَالتَّوزِيع – الرِّيَاض، 1417.

[16] الحَاوِي الكَبِير لِلْمَاوَارْدِي (17/163)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.

[17] ބައްލަވާ: مُوَطَّأ مَالِك (4/1043)، مُؤَسَّسَةُ زَايد بن سُلْطَان آل نَهْيَان لِأَعْمَال الخَيْرِيَّة وَالإِنْسَانِيَّة – الإِمارَات، 1425. السُّنَنُ الكُبْرَىٰ لِلبَيْهَقِي (10/333)، مَرْكَز هجر لِلْبُحُوثِ وَالدِّرَاسَات العَرَبِيَّة الإِسْلَامِيَّة – القاهرة، 1432.

[18] رَوْضَةُ الْقُضَاة وَطَرِيقُ النَجَاة لِابْنِ السَّمْنَانِي (1/238)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1404.

[19] الإِشْرَافُ عَلَىٰ مَذَاهِبِ العُلَمَاء لِابْنِ المُنْذِر (4/269)، مَكْتَبَةُ مَكَّة الثَّقَافِيَّةِ – رَأْس الخَيْمَة، 1425.

[20] المدَوَّنَةُ (4/20)، دَارُ الكُتُب العِلْمِيَّة، 1415.

[21] مُخْتَصَرُ المُزَنِي (2/671)، دَارُ مَدارج لِلنَّشْر – الرِّيَاض، 1440.

[22] المُغْنِي لِابْن قُدَامَة (14/181)، دَار عالم الكُتُب للطِّبَاعَة وَالنَّشْر وَالتَّوزِيع – الرِّيَاض، 1417.

[23] المُقْنِعُ فِي الفِقْهِ الإِمَامِ أَحْمَدَ بْنَ حَنبَل لِابْنِ قُدَامَة (ޞ 507)، مَكْتَبَةُ السَّوَادي لِلتَّوزِيع – جدَّة، 1421.

[24] ބައްލަވާ: فَتْحُ الْقّدِير لِلْكَمَال بْنُ الْهمَام (7/403 – 404)، دَارُ الفِكْر، 1389. المُدَوِّنَةُ لِمَالِكِ بْنِ أَنَس (4/20)، دَارُ الكُتُب العِلْمِيَّة – بَيْرُوت، 1415. مُخْتَصَر خَلِيل (ޞ 255)، دَارُ الحَدِيث – القاهرة، 1426. رَوْضَةُ الطَّالِبِينَ وَعُمْدَةُ الْمُفْتِينَ لِلنَوَوِي (11/236)، المَكْتَبُ الإِسْلَامِي – بَيْرُوت، دِمَشْق، عُمَان، 1412. شَرْحُ مُنْتَهَىٰ الإِرَادَات لِلْبُهُوتِي (3/596)، عَالم الكُتُب – بَيْرُوت، 1414.

[25] الأُمُّ لِلشَّافِعِي (7/50)، دَارُ الفِكْر – بَيْرُوت، 1403.

[26] المُغْنِي لِابْن قُدَامَة (14/181)، دَار عالم الكُتُب للطِّبَاعَة وَالنَّشْر وَالتَّوزِيع – الرِّيَاض، 1417. تَبْصِرَةُ الحُكَّام فِي أُصُولِ الأَقْضِيَةِ وَمَنَاهِجِ الأَحْكَام لِابْنِ فَرْحُون (1/266)، مَكْتَبَةُ الْكُلِّيَات الأَزْهَرِيَّة – مصر، 1406.

[27] މި ޙަދީޘް ގެންނެވުމަށް ފަހު ޙާކިމު (ނޔވ 405) ވިދާޅު ވިއެވެ: “މި ޙަދީޘަކީ ދެ ޝައިޚުން [ބުޚާރީ އަދި މުސްލިމް]ގެ ޝަރުޠުތަކަށް ފެތޭ ޞަޙީޙު ހަދީޘެކެވެ.” އިމާމު ޛަހަބީ (ނޔވ 748) ވެސް މިފަދައިން تَلْخِيصގައި ވިދާޅު ވިއެވެ. – ބައްލަވާ: المُسْتَدْرَك عَلَىٰ الصَّحِيحَيْن لِلْحَاكِم (4/266)، دَارُ الكُتُبِ العِلْمِيَّة – بَيْرُوت، 1411.

[28] السُّنَنُ الكُبْرَىٰ لِلبَيْهَقِي (10/333)، مَرْكَز هجر لِلْبُحُوثِ وَالدِّرَاسَات العَرَبِيَّة الإِسْلَامِيَّة – القاهرة، 1432.

މި އަޘަރާ މެދު އިމާމު އިބްނު ޢަބްދިލްބައްރު (ނޔވ 463) ވިދާޅުވިއެވެ. “ޙިޖާޒުގެ އަހުލުވެރީންނާއި ޢިރާޤުގެ އަހުލުވެރީންނާއި މިޞްރުގެ އަހުލުވެރީންގެ ރިވާޔަތްތަކުން މި ޚަބަރު ކިތަންމެ މަގަކުން ޢުމަރު ބުން އަލްޚައްޠާބު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެން ވެއެވެ. ﷲއަށް ޙަމްދު ހުއްޓެވެ!” –  الاِسْتِذْكَارُ لِابْنِ عَبْدِ الْبَرّ (7/104)، دَارُ الكُتُبِ العِلْمِيَّة – بَيْرُوت، 1421.

މި ސިޓީފުޅު ރިވާކުރެއްވުމަށް ފަހު އިމާމު ބައިހަޤީ (ނޔވ 458) ވިދާޅުވިއެވެ. “މިއީ އެންމެން ވެސް ދަންނަ މަޝްހޫރު ސިޓީފުޅެކެވެ. މިއީ ޤާޟީން ހަމަ ކޮންމެހެން އެ ދަނެ އެއަށް ޢަމަލުކުރަން ޖެހޭ ސިޓީފުޅެކެވެ.” – مَعْرِفَةُ السُّنَن والآثار لِلْبَيْهَقِي (14/240)، دار الوفاء – القاهرة، 1412.

އިމާމު އިބްނުލްޤައްޔިމު (ނޔވ 751) ވިދާޅުވިއެވެ. “މި ސިޓީފުޅަކީ ޢިލްމުވެރީން ބަލައިގެންފައިވާ އަދި ޙުކުމްތަކާއި ޝަހާދާގެ އަޞްލު އޭގެ މައްޗަށް ބިނާކުރައްވާ ސިޓީފުޅެކެވެ. މި ސިޓީފުޅަށް އެންމެ ބޮޑަށް ބޭނުންޖެހިފައި ވަނީ ޙާކިމު އަދި މުފްތީއެވެ. އެއީ އޭގައިވާ [އަޙްކާމުތަކާ މެދު] ފިކުރު ކުރުމަށާއި އޭގެން ފިޤުހުވެރިވުމަށްޓަކައެވެ.” –  أعْلَامُ المُوَقِّعِين عَنْ رَبِّ العَالَمِين لِابْنِ القَيِّم (1/187)، دَار عَطَاءَات العِلْم – الرِّيَاض، 1440.

[29] މި ޙަދީޘް އިމާމު ތިރުމިޛީ (ނޔވ 279) އެ ކަލޭގެފާނުގެ ސުނަނުގައި ޒުހުރީ (ނޔވ 124)ގެ ކިބައިން ޔަޒީދު ބުން ޒިޔާދު އައްދިމަޝްޤީގެ ކިބައިން މަރްވާނު އަލްފަޒާރީ (ނޔވ 193) ކިޔާދެއްވިކަމަށް ޤުތައިބާ (ނޔވ 240) ކިޔާދެއްވިކަމަށް ގެންނަވާފައި ވެއެވެ. އެއަށްފަހު ވިދާޅުވިއެވެ. “ޔަޒީދު ބުން ޒިޔާދު އައްދިމަޝްޤީގެ ކިބައިން މި ޙަދީޘް އެނގިފައި ނުވެއެވެ. މި ޔަޒީދަކީ ޙަދީޘުގައި ޟަޢީފު ކުރެވޭ މީހެކެވެ. އަދި މި ޙަދީޘް ޒުހުރީގެ ކިބައިން މި ޒިޔާދުގެ ކިބައިން މެނުވީ އެނގިފައި ނުވެއެވެ.” – (سنن الترمذي 2298)

މި ޙަދީޘް އިމާމު އައްޠަޙާވީ (ނޔވ 321) شَرْح مُشْكِلِ الآثَارގައި އެކަލޭގެފާނާ ހަމައަށް ހަމަ ޔަޒީދު ބުން ޒިޔާދު ހިމެނޭ ސަނަދަކުން ގުޅުވާލައިގެން ގެންނަވާފައި ވެއެވެ. މި ޙަދީޘް ގެންނެވުމަށް ފަހު، ހަމަ މި ޢިބާރާތް، – ލަފުޒުތަކުގެ ތަރުތީބުގައި ކުޑަ ތަފާތަކާ އެކު -، އިމާމު އައުޒާޢީ (ނޔވ 157)އާ ހަމައަށް ސާބިތުވާކަމަށް ވިދާޅުވެފައި ވެއެވެ. އަދި އިމާމު އައުޒާޢީ އެ ބަސްފުޅު ނަންގަވާފައި އެވަނީ މި އިޝާރާތް ކުރެވުނު ޙަދީޘުންކަމުގައި ކަނޑައަޅުއްވާފައި ވެއެވެ. އަދި އިތުރަށް އިމާމު ޠަޙާވީ އިމާމު އައުޒާޢީއަށް މި ޙަދީޘް ލިބިވަޑައިގެންނެވި ގޮތާ މެދު ވާހަކަ ދައްކަވަމުން ވިދާޅު ވިއެވެ. “ފަހަރުގައި އެކަލޭގެފާނު މި ޙަދީޘް ނަންގަވާފައި އެވަނީ މަރުވާނުވެސް އެ ޙަދީޘް އެ ރިވާކުރައްވާފައިވާ ޔަޒީދުގެ ކިބައިންނެވެ. ނުވަތަ ޔަޒީދަށް ވުރެ (ސަނަދުގެ) މަތީގައިވާ ފަރާތެއްގެ ކިބައިންނެވެ. އެއީ ޒުހުރީއެވެ.” – ބައްލަވާ: شَرْح مُشْكِلِ الآثَار لِلطَّحَاوِيّ (12/355 – 356)، مُؤَسَّسَة الرِّسَالَة، 1415.

[30] الحَاوِي الكَبِير لِلْمَاوَارْدِي (17/164)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.

[31] ބައްލަވާ ފުޓްނޯޓު ނަންބަރު (31)

[32] بِدَايَةُ المُجْتَهِد وَنِهَايَةُ المُقْتَصِد لِابْنِ رُشْد الحَفِيد (4/247)، دَارُ الحَدِيث – القَاهِرَة، 1325.

[33] މި ސަބަބަށްޓަކައި ޤާތިލު ވާރުތަ މުދަލުން މަޙުރޫމު ކުރުމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނުން ޙަދީޘް ކުރައްވާފައި ވެއެވެ. «لَيْسَ لِلْقَاتِلِ مِنَ الْمِيرَاثِ شَيْءٌ» [سنن النسائي الكبرىٰ 6333 وصحيح الجامع الصغير 5422] މާނައި: “ޤާތިލަށް މީރާޘުން އެއްވެސް އެއްޗެއް ނުވެއެވެ.”

[34] الذب عَنْ مَذْهَبِ الإِمَام مَالِك لِابن أبِي زَيْدٍ (1/394)، مَرْكَز الدِّرَاسَات وَالأَبْحَاث وَإِحْيَاء التُّرَاث – المملكة المغرب، 1432.

 

އިސްލާމީ ޝަރީޢަތުގައި ހެކި (البَيِّنَةُ)