41- ﷲ ގެ އަމުރުފުޅެއް އަހަރެންނާ ހަމައަށް އައުމުން އަހަރެން ޢަމަލުކުރަންޖެހޭނީ ކިހިނެއް؟
ޖަވާބު:
ހަތް ކަމެއް ކުރުން ތިބާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެއީ އެކަމުގެ ޢިލްމު ދެނެގަތުމާއި، އެކަމަށް ލޯބިކުރުމާއި، އެކަމެއް ކުރުމަށް ޢަޒުމްކަނޑައެޅުމާއި، އެކަމަށް ޢަމަލުކުރުމާއި، އެކަން ޝަރީޢަތުގައި އައިސްފައިވާގޮތަށް ﷲއަށް ޚާލިޞްކުރުމާއި، އެކަން ބާޠިލުވެދާފަދަ އެންމެހާ ކަންތައްތަކަށް ސަމާލުވެ ރައްކާތެރިވުމާއި، އަދި އެކަމުގެ މަތީގައި ޘާބިތުވުމެވެ.
42- ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމަށް އެއިލާހު އަމުރުކުރެއްވި ކަމާއި އެއިލާހާ އެހެންފަރާތެއް ބައިވެރިކުރުމަށް އެއިލާހު ނަހީކުރެއްވިކަން އިންސާނާއަށް އެނގުމަށްފަހު އޭނާ ކަޑައްތުކުރަންޖެހޭ ހަރުފަތްތަކަކީ ކޮބާ؟
ޖަވާބު:
ފުރަތަމަ ހަރުފަތް: އެނގުމާއި އުނގެނިގަތުން. ތައުޙީދަކީ ޙައްޤުކަމާއި ޝިރުކަކީ ބާޠިލުކަން ގިނަމީހުން ދަނެއެވެ. އެހެންނަމަވެސް މީސްތަކުންވަނީ އެކަމާ ބެހޭގޮތުން ސުވާލުކުރުމެއް ނެތި އެކަމުން އެއްކިބާ ވެގެންނެވެ. އެބަހީ އެކަން އޮޅުންފިލުވަން ނޫޅެއެވެ. ރިބާއަކީ ﷲ ޙަރާމްކުރެއްވި އެއްޗެއްކަން ދަނެއެވެ. އެކަމަކުވެސް ރިބާގެ މުޢާމަލާތްތަކާ މައްސުނިކޮށް ގަނެވިއްކާ ހަދައެވެ. އެކަމާމެދު ވިސްނާލުމެއް ނެތިއެވެ. އަދި ޔަތީމުންގެ މުދާ ނަހަމަގޮތުގައި ކެއުމަކީ ﷲ ޙަރާމްކުރައްވާފައިވާ ކަމެއްކަން އޭނާ ދަނެއެވެ. އަދި ހެޔޮގޮތުގައި ޔަތީމުންގެ މުދާ ކެއުމަކީ ﷲ ހުއްދަކުރައްވާފައިވާ ކަމެއްކަންވެސް އޭނާ ދަނެއެވެ. އެކަމަކުވެސް ބާޠިލުގޮތުގައި ޔަތީމުންގެ މުދާ ކައި ހަދާއިރު އެކަމާ ފިކުރުކޮށްލުމެއް ނެތެވެ.
ދެވަނަ ހަރުފަތް: ލޯބިވުން: ﷲ ބާވައިލެއްވި ތަކެއްޗަށް ލޯބިކުރުމެވެ. އަދި ﷲ ނުރުއްސަވާ ތަކެއްޗަށާއި ކަންތައްތަކަށް ނުރުހުމެވެ. މީސްތަކުންގެ ތެރެއިން ގިނަ މީހުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްދެކެ ލޯބި ނުވެއެވެ. އަދި ކިއެއްތަ އެބައިމީހުން އެކަލޭގެފާނާއި އެކަލޭގެފާނު ގެންނެވި ތަކެތި ދެކެ އަންނަނީ ރުޅިއެވެ. އެއީ ﷲ ބާވައިލެއްވި ތަކެތި ކަން އެބައިމީހުންނަށް އެނގުނުކަމުގައިވިޔަސް މެއެވެ.
ތިންވަނަ ހަރުފަތް: އެއީ އަހަރެމެން އަދާކުރަން ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް އެންގެވި ކަންތައްތައް ކުރުމަށް ޢަޒުމްކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެން ކުރުމަށް އެންގެވި ކަންތައްތައް ވަރަށް ގިނަ މީހުންނަށް އެނގެއެވެ. އަދި އެކަންތައްތައް ދެކެ ލޯބިވެސްވެއެވެ. އެހެނެއްކަމަކު ދުނިޔަވީ ކަންތައްތަކަށް ގަންނަ ބިރެއްގެ ސަބަބުން އެފަދަކަންތައްތައް ކުރުމަށް ޢަޒުމްކަނޑައެޅުމަށް ފަސްޖެހެއެވެ.
ހަތަރުވަނަ ހަރުފަތް: އެއީ ޢަމަލުކުރުމެވެ. ވަރަށް ގިނަމީހުން ވަނީ ޢަމަލުކުރުން ދޫކޮށްލާފައެވެ.
ފަސްވަނަ ހަރުފަތް: އަދި ޢަމަލުކުރާ ގިނަ މީހުންވެސް އެމީހުން އެ ޢަމަލުތައްކުރަނީ އިޚްލާޞްތެރިކަން ނެތިއެވެ. އިޚްލާޞްތެރިކަމާއެކު ކޮށްފިނަމަ ބައެއްފަހަރު ޝަރީޢަތުގައި އައިސްފައިވާގޮތަށް ނުކުރެއެވެ.
ހަވަނަ ހަރުފަތް: ހަމަކަށަވަރުން ޞާލިޙް އަޅުތަކުން، އެބައިމީހުންގެ ޢަމަލުތައް ބާޠިލްވެދާނެތީ ވަރަށް ބިރުގަނެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގައި ވާފަދައިންނެވެ. “أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ” الحجرات: ٢ މާނަ: “ތިޔަބައިމީހުންގެ ހެޔޮޢަމަލުތައް، ތިޔަބައިމީހުންނަށް ނޭނގި ބާޠިލުވެދާނެކަމަށްޓަކައެވެ.” މިޒަމާނުގައި މިފަދަ ކަންތައްތަކާމެދު ބިރުގަންނަނީ ހާދަހާވާ މަދު ބަޔެކެވެ.
ހަތްވަނަ ހަރުފަތް: އެއީ ޙައްޤުގެ މަތީގައި ޘާބިވުމެވެ. އަދި ނުބައި ނިމުމަކުން މަރުވެދާނޭކަމަށް ބިރުވެތިވުމެވެ. މިއީވެސް ޞާލިޙް އަޅުން ބިރުގަތް ކަންތައްތަކުގެ ތެރެއިން އެންމެބޮޑަށް ބިރުގަތް ކަންތަކެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =
ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް