عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ((اتَّقُوْا اللَّعَانَيْنِ)). قَالُوْا : وَمَا اللَّعَانَانِ يَا رَسُوْلَ اللهِ ؟ قَالَ: ((الَّذِيْ يَتَخَلَّى فِيْ طَرِيْقِ النَّاسِ أَوْ فِيْ ظِلِّهِمْ )). (رواه مسلم)
ޙަދީޘްގެ މާނަ:
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެމީހަކަށް ލަޢުނަތް ހުއްޓެވެ.” އެހިނދު އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އެއީ ކޮންދެމީހުނެއްތޯއެވެ؟ އެހިނދު ޙަދީޘްކުރެއްވިއެވެ. “އެއީ މީސްތަކުން ހިނގައިއުޅޭ މަގުމައްޗަށް ނުވަތަ އަރާމުކޮށްލުމަށް މަޑުކޮށްލާ ހިޔާގަނޑަށް ޤަޟާޙާޖަތަށް ގޮސްއުޅޭ ދެމީހުންނެވެ.” މިޙަދީޘް ރިވާކުރެއްވީ އިމާމް މުސްލިމެވެ.
އިމާމް އަންނަވަވީ ރަޙިމަހުﷲ މިޙަދީޘްގެ ޝަރަޙާގައި ވިދާޅުވެފައިވެއެވެ. “((اتَّقُوْا اللَّعَانَيْنِ)) ފަހެ، މިރިވާޔަތުގެ މާނައަކީ ލަޢުނަތް ލިބިގެންވާ ދެކަމެއްކުރުމަށް ބިރުވެތިވާށެވެ. އެބަހީ، ލަޢުނަތް ލިބިގެންވާ ދެމީހުންގެ ޢަމަލުކުރުމުން ދުރުހެލިވާށެވެ. އެހެނީ، އެދެމީހުންނަކީ ޢާއްމުކޮށް މީސްތަކުން ލަޢުނަތް ދީ އުޅޭ ދެމީހުންނެވެ. والله أعلم. ((الَّذِيْ يَتَخَلَّى فِيْ طَرِيْقِ النَّاسِ أَوْ فِيْ ظِلِّهِمْ)) ފަހެ، މިބަސްފުޅުގެ މާނައަކީ، މީސްތަކުން އައިސްގޮސްއުޅޭ ތަންތަނަށް ޤަޟާހާޖަތްކުރުމެވެ. އެކަންކުރުން ނަހީ ކުރެވިގެންވަނީ މީސްތަކުން ހިނގައިއުޅޭ އަރާމުކޮށްލުމަށް މަޑުކޮށްލާ ހިޔާގަނޑަށާއި، މަގުމައްޗަށެވެ. މިކަމަކީ (އެބަހީ، މީސްތަކުން ހިނގައިއުޅޭ އަރާމުކޮށްލުމަށް މަޑުކޮށްލާ ހިޔާގަނޑަށާއި، މަގުމައްޗަށް ޤަޟާޙާޖަތްކުރުމަކީ) އެތަންތަނުން އައިސްގޮސްއުޅޭ މީހުންގެ ގައިގައި ނަޖިހާއި، ހަޑިއެއްޗެހި ހޭކުމުގެ ސަބަބުން މީސްތަކުންނަށް އުނދަގޫ ލިބޭނެކަމެކެވެ.” (المنهاج)