[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކައިވެނީގެ ފުރަތަމަ ރޭގެ އަދަބުތައް -1-

ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ޚަލްޤުކުރައްވައި އެބައިމީހުން އެއްގަމާއި ކަނޑުގައި އުފުއްލަވާ މަތިވެރި ކުރެއްވިއެވެ. އަދި އެބައިމީހުންނަށް ހެޔޮތަކެތިން ރިޒްޤުދެއްވައި އެއިލާހު ޚަލްޤުކުރައްވާފައިވާ ގިނަތަކެތީގެ މައްޗަށް މަތިވެރިކުރެއްވިއެވެ. ކަރާމާތްތެރިކަން ލިބިގެންވާ އިންސާނުންގެ ނަސްލު ރައްކާތެރިކުރެއްވުމުގެ ގޮތުން ޒިނޭއާއި އެހެނިހެންވެސް ފާޙިޝް ޢަމަލުތައް ޙާރާމްކުރައްވައި، އިންސާނާގެ ޝަހުވަތުގެ އެދުންވެރިކަން ހެޔޮގޮތުގައި ފުއްދުމަށްޓަކައި ކައިވެނި ޝަރުޢުކުރެއްވިއެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ )(އައްރޫމް 21)މާނައީ: ” ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުންތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.  “ ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((“يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ)) متفق عليه މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ.”

ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަލާލުކުރެއްވި ކައިވެނީގެ ގުޅުމުން ޒަވާޖީ ޙަޔާތުގެ ދަތުރުފައްޓަންއެދޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވޭ! ތިޔަލޮބުވެތި އަޚުންނާއި އުޚްތުންނަކީ މުސްލިމުންކަމުގައިވާހިނދު، ޒަވާޖީ ޙަޔާތުގެ ދަތުރުވެސް ބިނާކުރަންވާނީ އިސްލާމީ ޝަރީޢަތުގައިވާގޮތަށް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه و سلم ޠާހިރު ސުންނަތާއި އެއްގޮތަށެވެ. އެހެންކަމުން މި މާތްގުޅުމުން ދިރިއުޅުން ފަށަންއެދޭ މުސްލިމް އަޚުންނާއި އުޚްތުން އެބައިމީހުންގެ ޢަމަލުތައް ބަހައްޓަންޖެހޭގޮތުގެ ތަފްޞީލު ތިރީގައި ބަޔާންކޮށްލެވޭތޯބާލާނަމެވެ.

1- ކައިވެނީގެ ފުރަތަމަރޭ ދެމީހުން ބައްދަލުވާހިނދު، އަނބިމީހާއަށް އޯގާތެރިވުމާއި އަޅާލުން:

ފިރިމީހާ އޭނާގެ އަނބިމީހާއާއި ކުރިމަތިލާހިނދު، އަނބިމީހާއަށް އޯގާތެރިވެ އާޅާލުން މުސްތަޙައްބުވެގެންވެއެވެ. މިގޮތުން އަނބިމީހާއަށް ފޮނިއެއްޗެއް ނުވަތަ ބުއިމެއް ދިނުންހުއްޓެވެ. އަސްމާ ބިންތު ޔަޒީދު ބުން އައްސަކަން ގެ ޙަދިޘެއްގައިވެއެވެ. “قَالَتْ: إِنِّي قَيَّنْتُ عَائِشَةَ لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ثُمَّ جِئْتُهُ، فَدَعَوْتُهُ لِجِلْوَتِهَا، فَجَاءَ، فَجَلَسَ إِلَى جَنْبِهَا، فَأُتِيَ بِعُسِّ لَبَنٍ، فَشَرِبَ ثُمَّ نَاوَلَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَخَفَضَتْ رَأْسَهَا وَاسْتَحْيَتْ. قَالَتْ أَسْمَاءُ: فَانْتَهَرْتُهَا وَقُلْتُ لَهَا: خُذِي مِنْ يَدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: فَأَخَذَتْ، فَشَرِبَتْ شَيْئًا، ثُمَّ قَالَ لَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” أَعْطِي تِرْبَكِ ” قَالَتْ أَسْمَاءُ: فَقُلْتُ: يَا رَسُولَ اللهِ، بَلْ خُذْهُ، فَاشْرَبْ مِنْهُ، ثُمَّ نَاوِلْنِيهِ مِنْ يَدِكَ، فَأَخَذَهُ، فَشَرِبَ مِنْهُ، ثُمَّ نَاوَلَنِيهِ، قَالَتْ: فَجَلَسْتُ، ثُمَّ وَضَعْتُهُ عَلَى رُكْبَتِي، ثُمَّ طَفِقْتُ أُدِيرُهُ، وَأَتْبَعُهُ بِشَفَتَيَّ لِأُصِيبَ مِنْهُ مَشْرَبَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَالَ لِنِسْوَةٍ عِنْدِي: ” نَاوِلِيهِنَّ ” فَقُلْنَ: لَا نَشْتَهِيهِ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” لَا تَجْمَعْنَ جُوعًا وَكَذِبًا “ (أخرجه أحمد) މާނައީ:” އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ގެންދިޔުމަށްޓަކައި، ޢައިޝަތުގެފާނު ޒީނަތްތެރިކޮށްދެއްވީމެވެ. ދެން ތިމަން އެކަލޭގެފާނުގެ އަރިހަށް އައިސް، އެކަލޭގެފާނުގެ އަރިހުގައި އެކަމަނާ ކަޝްފުކުރެވިގެންވާ ޙާލު ބައްލަވާލެއްވުމަށް ދެންނެވީމެވެ. އެކަލޭގެފާނު ވަޑައިގެން އެކަމަނާގެ އަރިހުގައި އިށީންދެވަޑައިގެން އިންނަވައިފިއެވެ. ދެން ބޮޑު ކިރުތައްޓެއް ގެނެވުނެވެ. އެއިން އެކަލޭގެފާނު ހިއްޕެވުމަށްފަހު އެކަމަނާއަށް އެއިން ދެއްވިއެވެ. ދެން އެކަމަނާ އިސްތަށުފުޅު ތިރިކުރެއްވިއެވެ. އަދި ލަދުފުޅުގަތެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ފަހެ، ތިމަން އެކަމަނާއަށް ބާރަށް އެއްޗެއްބުނީމެވެ. އަދި ތިމަން އެކަމަނާއަށް ދެންނެވީމެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަތްޕުޅުން ( ކިރުފޮދު ) ހިއްޕަވާށެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ދެން އެކަމަނާ އެތަށިން މިންވަރެއް ހިއްޕެވިއެވެ. ރަސޫލާ  صَلَّى اللهُ عَلَيْهِ وَسَلَّمَ  އެކަމަނާއަށް ވިދާޅުވިއެވެ. ކަމަނާގެ އެކުވެރިޔާއަށްވެސް ދެއްވާށެވެ. އަސްމާގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އަދި ކިއެއްތޯއެވެ. ކަލޭގެފާނު އެތަށިންނަންގަވާ އެއިން ހިއްޕަވާށެވެ. ދެން(އެއަށްފަހު) ކަލޭގެފާނުގެ އެ އަޅުގަނޑަށް ދެއްވާށެވެ. އެކަލޭގެފާނު އެތަށިނަންގަވައި، އެއިން މިންވަރެއް ހިއްޕެވުމަށްފަހު، އަހުރެންނަށް ދެއްވިއެވެ. އަސްމާގެފަނު ވިދާޅުވިއެވެ. ދެން ތިމަން އިށީންދެ، ތިމަންގެ ކަކޫމަތީގައި އެތަށި ބަހައްޓައިފީމެވެ. އެއަށްފަހު، އެބުއިމާއިގެން ކުރިޔަށް ދިއުމަށްޓަކައި އެތަށިނަގާ ކޮންމެހެންވެސް އެކަލޭގެފާނު ހިއްޕެވި އެއްޗަކުން ( އެހިއްޕެވި ދިމާއަކުން ) ބުއިމަށްޓަކައި އޭގައި ތުންފަތްޖެހީމެވެ. ދެން އެއަށްފަހު ތިމަންކައިރީގައި ތިބި އަންހެން ބޭކަނބަލުންނަށް ( ނިސްބަތްކުރައްވައި ) އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. އެކަނބަލުންނަށްވެސް ދެއްވާށެވެ. ދެން އެކަނބަލުން ދެންނެވިއެވެ. އަޅުގަނޑުމެން އެބޯހިތެއް ނުވެއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ބަނޑުހައިހޫނުކަމާއި ދޮގުހެދުމާއި ( ދެކަން ) އެއްނުކުރައްވާށެވެ.”

2- އަނބިމީހާގެ ބޯމަތީގައި އަތްބާއްވާލައި، އޭނައަށް ހެޔޮދުޢާކުރުން:

ފިރިމީހާ އޭނާގެ އަނބިމީހާގެ ނިތްކުރީގައި އަތްބާއްވާލައި، ބިސްމިﷲ ކިޔައި، އޭނާއަށް ބަރަކާތްލެއްވުމަށްއެދި ދުޢާކުރުން އެދެވިގެންވެއެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅުގައިވާ ދުޢާ ކިޔުންވެސް ހުއްޓެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ޙަދީޘްކުރެއްވިއެވެ. ” إِذَا تَزَوَّجَ أَحَدُكُمْ اِمْرَأَةً , أَوْ اِشْتَرَى خَادِمًا , [ فَلْيَأْخُذْ بِنَاصِيَتِهَا ] [ وَلْيُسَمِّ اللهَ عَزَّ وَ جَلَّ ] [ وَلْيَدْعُ بِالْبَرَكَةِ ], وَلْيَقُلْ: اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ [وَإِذَا اشْتَرَى بَعِيرًا فَلْيَأْخُذْ بِذِرْوَةِ سَنَامِهِ وَلْيَقُلْ مِثْلَ ذَلِكَ]“( أخرجه البخاري في “أفعال العباد”) މާނައީ: ” ތިޔަބައިމީހުން ކުރެ މީހަކު ކައިވެންޏެއް ކޮށްފިނަމަ، ނުވަތަ ޚާދިމަކު ގަތްފިނަމަ، ފަހެ، އެއަންހެނާގެ ނިތްކުރީގަ ހިފައި، ” ބިސްމިﷲ ކިޔައި، ބަރަކާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި ކިޔާށެވެ. اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَمِنْ شَرِّ مَا جَبَلْتَهَا عَلَيْهِ. އަދި އޭނާ ޖަމަލެއް ގަތްނަމަ، އޭގެ ބޮލުގައި ހިފައިވެސް ހަމައެފަދައިން ކިޔާށެވެ.  “

3- ދެމަފިރިން އެކީގައި ނަމާދުކުރުން:

ދެމަފިރިން އެކީގައި 2 ރަކުޢަތް ނަމާދެއްކުރުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. ކުރީގެ ހެޔޮލަފާ ބޭކަލުން ( ސަލަފުއް ޞާލިޙުން)ގެ  ފަރާތްޕުޅުން ނަޤުލުވެފައިވާ ގޮތަކީ އެއީއެވެ.

1- އަބޫ އުސައިދުގެ ޞާޙިބާ އަބޫ ސަޢީދު ވިދާޅުވިއެވެ. ” އަޅެއްގެ ގޮތުގައި ތިމަންވަނިކޮށް ކައިވެނިކުރީމެވެ. ދެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބައެއް އަޞްޙާބުންނަށް ތިމަން ދަޢުވަތު ދިނީމެވެ. އެ ބޭކަލުންގެތެރޭގައި ޢަބްދުﷲ ބުނު މަސްޢޫދާއި އަބޫ ޛައްރު އާއި ޙުޒައިފާ ހިމެނިވަޑައިގަންނަވައެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. އެހިނދު ނަމާދަށް ޤަމަތްދެވިއްޖެއެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. ދެން އަބޫޛައްރު (ނަމާދުގައި އިމާމް ކަމުގައި ވުމަށް) އިސްވެވަޑައިގެންނެވުމަށްޓަކައި ދިމާކުރެއްވިހިނދު އެބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ދުރަށްޖެހިވަޑައިގަންނަވާށެވެ. އަބޫ ސަޢީދު ވިދާޅުވިއެވެ. އެކަންއޮތީ ހަމައެގޮތަށްތޯއެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އާދޭހެވެ. އަބޫސަޢީދު ވިދާޅުވިއެވެ. ތިމަން މިލްކުވެގެންވާ އަޅެއްކަމުގައި ވީހިނދުވެސް އެބައިމީހުންގެ އިމާމަކަށްވުމަށް އިސްވީމެވެ. އަދި އެބޭކަލުން ތިމަންނާއަށް އުނގަންނަވައިދެއްވާ ވިދާޅުވިއެވެ. ކަލޭގެފާނުގެ އަނބިމީހާ ކަލޭގެފާނުގެ އަރިހަށް ވަދެއްޖެނަމަ ފަހެ ދެ ރަކުޢަތް ނަމާދެއް ކުރައްވާހުށިކަމެވެ. ކަލޭގެފާނުގެ އަރިހަށް އޭނާ ވަނުމުގެ ހެޔޮގޮތަށް ﷲ ގެ ޙަޟްރަތުން އެދިލައްވާށެވެ. އަދި އެކަމުގައި ވާ  ނުބައިކަމަކުން ސަލާމަތްކުރެއްވުމަށްވެސް އެއިލާހުގެ ހަޟްރަތުން އެދިވަޑައިގަންނަވާށެވެ. ދެން ތިބާގެ ކަންތަކާއި ތިބާގެ އަނބިމީހާގެ ކަންތައް ކުރިޔަށް ގެންދާށެވެ.”

2- ޝަޤީޤު އަރިހުން ރިވާވެގެންވެއެވެ. ” އަބޫ ޙަރީޒް ކިޔާ ބޭކަލެއް ވަޑައިގެންވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ބިކުރުވެރި، ޒުވާން ޖާރިޔާއަކާއި ކައިވެނިކޮށްފީމެވެ. ނަމަވެސް ތިމަން ބިރުހީވަނީ ތިމަންނާޔަށް އޭނާ ނަފްރަތުކޮށްފާނެތީއެވެ. ދެން ޢަބްދުﷲ ބުން މަސްޢޫދު ވިދާޅުވިއެވެ. ހިތްހަމަޖެހުން އަންންހުށީ ﷲ ގެ ހަޟްރަތުންކަން ކަށަވަރެވެ. އަދި ރުޅިވެރިކަން އަންނަހުށީ ޝައިޠާނާގެ ފަރާތުންނެވެ. މާތް ﷲ ތިޔަބައިމީހުންނަށް ޙަލާލުކޮށްދެއްވި ކަންތަކަށް ނަފްރަތުކުރުވަން އެޝައިޠާނާ ބޭނުންވާނެއެވެ. ފަހެ، އެއަންހެނާ ތިބާގެ ކައިރިޔަށް އަންނަހިނދު، ތިބާގެ ފަހަތުގައި ދެ ރަކްޢަތް ނަމާދެއްކުރަން އޭނާއަށް އަމުރުކުރައްވަށެވެ.”

ޢަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ވާރިދުވެގެންވާ އެހެން ރިވާޔަތެއްގައި އިތުރަށް އައިސްފައިވެއެވެ. ތިބާ މިހެން ކިޔާށެވެ. “اللَّهُمَّ بَارِكْ لِي فِي أَهْلِي، وَبَارِكْ لَهُمْ فِيَّ، اللَّهُمَّ اجْمَعَ بَيْنَنَا مَا جَمَعْتَ بِخَيْرٍ، وَفَرِّقْ بَيْنَنَا إِذَا فَرَّقْتَ إِلَى خَيْرٍ”

-ނުނިމޭ-

މަޞްދަރު: آداب الزفاف في السنة المطهرة للشيخ محمد ناصر الدين الألباني

މިސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް