[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 12 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

 

قَالَ الطَّحَاوِيُّ رحمه الله: “وَلَا يُشْبِهُ الْأَنَامَ”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އަދި މީސްތަކުންނާ އެއިލާހު އެއްވައްތަރުވެގެންނުވެއެވެ.”

____________________________________________________

ޝަރަޙަ:

* “وَلَا يُشْبِهُ الْأَنَامَ” (އަދި މީސްތަކުންނާ އެއިލާހު އެއްވައްތަރުވެގެންނުވެއެވެ.) އެބަހީ، މީސްތަކުންގެ ތެރެއިން އެއްވެސްމީހަކާ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވައްތަރުވެގެންނުވެއެވެ. “الْأَنَامُ” ގެ މާނައާމެދު ކުދި ކުދި ޚިލާފު އުފެދިފައިވެއެވެ. މިލަފުޡުގެ މާނައަކީ މީސްތަކުން ކަމުގައި ބުނެވިފައިވެއެވެ. އަދި އެއީ ރޫޙުވާ ކޮންމެ މަޚްލޫޤެއްކަމުގައާއި، އަދި އިންސީންނާއި ޖިންނީންކަމުގައިވެސް ބުނެވިފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَالأَرْضَ وَضَعَهَا لِلأَنَامِ)) الرحمن: 10 މާނައީ: “އަދި މީސްތަކުންނަށްޓަކައި އެއިލާހު ބިން ލެއްވިއެވެ.” މިއާޔަތުގައިވާ “الْأَنَامُ” ގެ މާނައަކީ އެންމެ ޚަލްޤުތައްކަމުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުއާއި، މުޖާހިދު، ޤަތާދާ އަދި އިބްނު ޒައިދު ފަދަ ބޭކަލުން ވިދާޅުވެފައިވެއެވެ. ކޮންމެއަކަސް މިފަދަ ޚިލާފުތަކަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ “އިޚްތިލާފުއް ތަނައްވުޢު” އެވެ. އެބަހީ، މިފަދަ ޚިލާފަކީ ހަމައެކަނި ލަފުޡީ ޚިލާފެކެވެ. މުރާދަކީ ހަމަ އެއްމުރާދެކެވެ. އެހެންކަމުން “وَلَا يُشْبِهُ الْأَنَامَ” (އަދި މީސްތަކުންނާ އެއިލާހު އެއްވައްތަރުވެގެންނުވެއެވެ.) މިތަނުގައި މީސްތަކުންނޭ ބުނެވުމުން، މީސްތަކުން ފިޔަވައި އެހެން މަޚްލޫޤުތަކާ ﷲ އެއްފަދަ ނުވުން އައުލާވެގެންވެއެވެ. އެހެނީ، ޚަލްޤުތަކުންގެ ތެރެއިން، ﷲ ވަނީ މީސްތަކުން މާތްކުރައްވާފައެވެ. އިމާމް ޠަޙާވީ ރަޙިމަހުﷲގެ މިބަސްފުޅާ ގުޅޭ އިތުރު ޝަރަޙަ، “وَلاَ شَيْءَ مِثْلُهُ” (އަދި އެއިލާހާ އެއްފަދަ ވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ.) މިބަސްފުޅުގެ ޝަރަޙަގައި އިސްވެހިނގައްޖެއެވެ. (މިސިލްސިލާގެ 5 ވަނަ ބައި ބައްލަވާ ލައްވާ!)

ﷲ ސުބުޙާނަހޫ ވަތަޢާލަގެ ޞިފަފުޅުތަކާއި، އެއިލާހުގެ މަޚްލޫޤުންގެ ޞިފަތަކާ ތިން ގޮތަކުން ތަފާތުވެއެވެ.

1. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކަކީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ޞިފަފުޅުތަކެކެވެ. މިއާޚިލާފަށް މަޚްލޫޤުންގެ ޞިފަތަކަކީ އުނިކަން އެކުލެވިގެންވާ ޞިފަތަކެކެވެ.

2. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅުތަކަކީ އެންމެ ފުރިހަމަ، އެއްވެސް ގޮތަކުން އުނިކަމެއް ނުވާ ޞިފަފުޅުތަކެވެ. މިއާ ޚިލާފަށް މަޚްލޫޤުން ޞިފަތަކަކީ އެޞިފަތަކުގައި އުނިކަން އެކުލެވިގެންވާ ޞިފަތަކެކެވެ. މިސާލެއްގެގޮތުން އަޑު އެހުމުގެ ޞިފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އައްސަވާވޮޑިގަތުމުގެ ޞިފަ، އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިވޮޑިގެންވެއެވެ. އެޞިފަފުޅުގައި އެއްވެސް އުނިކަމެއް ނުވެއެވެ. އެހެންކަމުން، އެއިލާހީ އެންމެހާ އަޑުތަކެއް އައްސަވާވޮޑިގެންވާ އިލާހެވެ. އެއްވެސް އަޑެއް އެއިލާހަށް ވަންހަނާވެގެންނުވެއެވެ. މިއާއިޚިލާފަށް މަޚްލޫޤުންގެ އަޑު އެހުމުގެ ޞިފައަކީ، އެޞިފާގައި އުނިކަން އެކުލެވިގެންވާ ޞިފައެކެވެ. މިގޮތުން އެބައިމީހުންނަށް ބައެއް އަޑުތައް އިވި، އަނެއްބައި އަޑުތައް ވަންހަނާވެގެންވެއެވެ. މީހެއްގެ ކިބައިގައި، އެމީހަކާ ގުޅޭގޮތުން ޞިފައެއް ފުރިހަމަވެދާނެއެވެ. ނަމަވެސް ޢާއްމުކޮށް ބަލާލައިފިނަމަ އެޞިފާގައި އުނިކަން ހުންނާނެއެވެ.

3. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅެއްގެ މާނައާ އެއްގޮތް މާނައެއް އެކުލެވިގެންވާ ޞިފައަކުން މަޚްލޫޤަކަށް ޞިފަ ދެވިފައިހުރިނަމަވެސް، އެޞިފަ ދެވެނީ، އެމަޚްލޫޤެއް އެޞިފައަކަށް ޙާޖަތް ޖެހިފައިވާތީއެވެ. މިއާޚިލާފަށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޞިފަފުޅުތައް ނިސްބަތްވެފައިވަނީ، އެއިލާހު އެޞިފަފުޅުތަކަށް ޙާޖަތަށް ޖެހިވަޑައިގަތުމުގެ ސަބަބަކުންނެއް ނޫނެވެ. މިސާލެއްގެގޮތުން، މަޚްލޫޤުން، އެބައިމީހުންގެ ޙާޖަތަށްޓަކައި ތަކެތި އުފައްދައި، ކަންކަން ހިންގުމަށްޓަކައި ޤާއިމުވެ ހުރެދާނެއެވެ. މިއިން ކޮންމެ ޞިފައަކީ އެބައިމީހުން އެކަންކަމަށް ޙާޖަތަށް ޖެހުމުގެ ސަބަބުން ޞިފަކުރެވޭ ޞިފަތަކެކެވެ. ނަމަވެސް އެއިލާހު ޚަލްޤުކުރައްވާފައިވާ ޚަލްޤުކުރެއްވުމަކީ، އެޚަލްޤުކުރެއްވުމަށް އެއިލާހު ޙާޖަތަށްޖެހިވަޑައިގެންނެއް ނޫނެވެ. އަދި އެއިލާހު ފުދިވޮޑިގެންވާ ޙާލު، އެއިލާހުގެ މަޚްލޫޤުންނަށް ރިޒުޤުދެއްވައެވެ. މިގޮތުން އެއިލާހަށް “އަލްޚާލިޤު” “އައްރާޒިޤު” އިސްމުފުޅުތައް ލިބިވޮޑިގެންފައިވެއެވެ. އެހެން ހުރިހާ ޞިފަފުޅުތަކެއްވެސް ހަމަމިފަދައެވެ.

އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޞިފަފުޅަކާ އެއްގޮތް މާނައެއް އެކުލެވިގެންވާ ޞިފައަކުން މަޚްލޫޤަކަށް ޞިފަ ދެވުނުނަމަވެސް، އެޞިފާގައި އުނިކަން ހުންނާނެއެވެ. އަޑުއިވުމުގެ ޞިފަ ލިބުނުނަމަވެސް އަޑުއެހުމުގައި އުނިކަން ހުންނާނެއެވެ. ފެނުމުގެ ޞިފަ ލިބިފައިވީނަމަވެސް، އެޞިފާގައި އުނިކަން ހުންނާނެއެވެ. މަޚްލުޤުންނާ ޚިލާފަށް ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހާ ފުރިހަމަ ޞިފަފުޅުތައް ލިބިވޮޑިގެންވާ، އެއިލާހުގެ އެއްވެސް ޞިފަފުޅެއްގައި އެއްވެސް ކަހަލަ އުނިކަމެއްނުވާ އިލާހެވެ. އެއްވެސް ގޮތަކުން މީސްތަކުންނާ އެއިލާހު އެއްވައްތަރުވެގެން ނުވެއެވެ.

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް