ޤުރުއާން މުދައްރިސާއެކު ކުދިން މިސްކިތުގައި ޤުރުއާން ކިޔަވަނީ…….. ކުޑަވަޤުތުކޮޅަކަށްފަހު މިއަދުގެ ކުލާސްވެސް ނިންމާލަމުން….
މުދައްރިސް: މިހާ ހިސާބުން އެއްވެސް ކުއްޖަކު ސުވާލެއް އެބައޮތްތަ؟
އަޙްމަދު: އަޅުގަނޑު އެބައޮތް ސުވާލެއް!
މުދައްރިސް: އަޙުމަދުގެ ސުވާލަކީ ކޮބާ؟
އަޙްމަދު: މުދައްރިސް، ކީއްވެގެންތޯ އަޅުގަނޑުމެންގެ އަޚު ޢަބްދުﷲއަށް އެހާ ލޯބިކުރަނީ؟
މުދައްރިސް: އެއީ ޢަބްދުﷲ މާ އަވަހަށް ﷲ ގެ ސިފަފުޅުތަކުގެ މާނަ ދެނެގަންނާތީވެ.
އަޙްމަދު: އެއީ ކިހިނެއް؟
މުދައްރިސް: މާދަމާ ތިކުދިންނަށް ތިކަން ޢަމަލީ ގޮތުން ދައްކައިދޭނަން އިންޝާ ﷲ! މިހާރު މިއަދުގެ ގަޑި މި ނިމުނީ.
ޖެހިގެން އައިދުވަހު މުދައްރިސް ވަޑައިގަތީ އާފަލު ވަށިގަނޑެއް ހިފައިގެންނެވެ.
މުދައްރިސް: ކޮންމެ ކުއްޖަކުވެސް އެއްއާފަލު ނެގުމަށްފަހު އެއްވެސް މީހަކަށް ނުފެންނަ ތަނެއްގައި ހުރެގެން ކާލާށެވެ.
ކޮންމެ ކުއްޖަކުވެސް އާފަލެއް ނެގުމަށްޓަކައި އަވަސްވެގަތެވެ. ނަމަވެސް މުދައްރިސް ގޮވައިލަންދެން ޢަބްދުﷲ މަޑުކޮށްގެން ހުއްޓެވެ. ދެން މުދައްރިސް ވަށިގަނޑުން އާފަލެއް ނަންގަވާފައި ޢަބްދުﷲ އަށް ދެއްވިއެވެ.
އެއްގަޑިއިރު ފަހުން ހުރިހާ ކުދިންވެސް އެނބުރި އަތުވެއްޖެއެވެ.
މުދައްރިސް: މިހާ ހިސާބުން ހުރިހާކުދިންވެސް އެކުއްޖަކު އާފަލު ކެއީ ކޮންތަނެއްގައި ހުރެގެންކަން މުދައްރިސަށް ބުނެދޭށެ!
އަޙުމަދު: އަޅުގަނޑު ދިޔައީ އެއްވެސް މީހަކަށް ނުފެންނަ ހިސާބަށް ސަހަރާ ތެރެއަށް.
ސާމިރު: އަޅުގަނޑު ކެއީ ގޭގެ ފުރާޅުމައްޗަށް އަރައި އޮވެގެން އެތަނުގަ އެއްވެސް މީހަކު ނެތް.
ޚާލިދު: އަޅުގަނޑު ބަގީޗާގައި ފިލައި ހުރެގެން ކެއީ.
މުދައްރިސް: ޢަބްދުﷲ ކޮންތާކު ހުރެގެންތަ އާފަލު ކެއީ؟
ޢަބްދުﷲ: މިއޮތީ އަޅުގަނޑުގެ އާފަލު. އަޅުގަނޑު އާފަލެއް ނުކަން. އަޅުގަނޑު އެތަނަކަށް ދިއުމުން އެއްވެސް މީހަކަށް ނުފެންނަ ފަދަ ތަނެއް އަޅުގަނޑަކަށް ނުފެނުނު، ކޮންމެ ތަނަކަށް ދިޔަކަމުގައިވިޔަސް ﷲ އަޅުގަނޑަށް ބައްލަވާވޮޑިގެންވާނެ.
މުދައްރިސް: ﷲ ކޮއިފުޅަށް ބަރަކާތް ލައްވާށި. ހަޤީޤަތުގަވެސް އަހަރުމެން ކޮންމެ ތަނެއްގައިވީ ކަމުގައިވިޔަސް ﷲ އަޅުގަނޑުމެންނަށް ބައްލަވާވޮޑިގެންވޭ، އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށްދެނެވޮޑިގެންވާ އިލާހެވެ. ﷲ އަށް ސިއްރުން އަޅުގަނޑުމެނަށް އެއްވެސްކަމެއް ނުކުރެވޭނެ. ﷲ ޤުރުއާނުގެ އެތައް އާޔަތެއްގައި މިފަދައިން ވަޙީކުރައްވާފައިވެއެވެ. ” وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ” މާނައަކީ: “އަދި اللَّه އީ، އެބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.” އަޙުމަދަށް މިހާރު ވިސްނިއްޖެދޯ؟
އަޙްމަދު: ލައްބަ! ﷲ މުދައްރިސަށް ހެޔޮޖަޒާ ދެއްވާށި، އަދި އަޅުގަނޑުމެން ހުރިހާކުދިންނަށްވެސް ﷲ ގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ރަނގަޅަށް އެނގި އެއާއި އެއްގޮތަކަށް ޢަމަލުކުރާ ބައެއް ކަމުގައި ލައްވާށި……… އާމީން