قَالَ الطَّحَاوِيُّ رحمه الله: “حَيٌّ لَا يَمُوتُ، قَيُّومٌ لَا يَنَامُ”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެއިލާހީ އަވަހާރަވުމެއްނެތި ދިރިދެމިވޮޑިގެންވާ ފަރާތެވެ. އަވަހާރަފުޅު ލެއްޕެވުމެއްނެތި ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ.”
________________________________________________________
ޝަރަޙަ:
* “الحَيُّ” އަދި “القَيُّومُ” މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްފުޅުތަކުގެ ތެރެއިން މަތިވެރިވެގެންވާ ދެއިސްމުފުޅެވެ. ކީރިތި ޤުރުއާނުގައި މިދެއިސްމުފުޅު އެއްކޮށް ތިންތަނެއްގައި ގެންނަވާފައިވެއެވެ. އެގޮތުން ފުރަތަމަ އާޔަތަކީ އާޔަތުލްކުރުސިއެވެ. ((اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ)) (البقرة: 255) މާނައީ: “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއްނުވެއެވެ. އެއިލާހީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދާއިމީ ޙަޔާތެއްގެ ވެރި އިލާހެވެ. އަދި އެއީ ޚަލްޤުތަކުންނަށް ރިޒްޤުދެއްވުމާއި، ބެލެހެއްޓެވުމާއި، ރައްކާތެރިކުރެއްވުމުގައި ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އެއިލާހަށް ނިދިޖެހުމެއްނުވެއެވެ. އަދި އަވަހާރަފުޅު ލެއްޕެވުމެއް ނުވެއެވެ.” ދެވަނަ އާޔަތަކީ އާލްޢިމްރާން ސޫރަތުގެ ފުރަތަމަ އާޔަތެވެ. ((اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ)) (آل عمران: 1) މާނައީ: “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއްނުވެއެވެ. އެއިލާހީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދާއިމީ ޙަޔާތެއްގެ ވެރި އިލާހެވެ. އަދި އެއީ ޚަލްޤުތަކުންނަށް ރިޒްޤުދެއްވުމާއި، ބެލެހެއްޓެވުމާއި، ރައްކާތެރިކުރެއްވުމުގައި ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ.” ތިންވަނަ އާޔަތަކީ ޠާހާ ސޫރަތުގެ އަންނަނިވި އާޔަތެވެ. ((وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ)) (طه: 111) މާނައީ: “ދިރިދެމިވޮޑިގެންވާ، ޚަލްޤުތަކުންނަށް ރިޒްޤުދެއްވުމާއި، ބެލެހެއްޓެވުމާއި، ރައްކާތެރިކުރެއްވުމުގައި ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހަށް އެންމެހާ މޫނުތަކެއް ދެރަވެ ނިކަމެތިވެގެންވެއެވެ.”
“الحَيُّ” މިއިސްމުފުޅުން ދޭހަކޮށްދެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއީ އަބަދުގެ އަބަދަށް އެންމެފުރިހަމަކަމާއެކު ދިރިދެމިވޮޑިގެންވާ އިލާހުކަމެވެ. އަދި އެއިލާހީ ދުވަހަކުވެސް ފަނާވެނުދާނެ، ފުރަތަމަވޮޑިގެންވާ އަދި އެންމެފަހުންވެސްވޮޑިގެންވާ އިލާހުކަމެވެ. އެންމެހާ މަޚްލޫޤުތަކަކަށް ދިރުންދެއްވާފައިވަނީ އެއިލާހެވެ. އަދި “القَيُّومُ” މިއިސްމުފުޅުން ދޭހަކޮށްދެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއްވެސް ގޮތަކުން އެއިލާހުގެ ޚަލްޤުތަކުންނަށް ބޭނުންވެވޮޑިގެންނުވާ، ފުދިވޮޑިގެންވާ އިލާހުކަމެވެ. އަދި އުޑާއި ބިމުގައިވާ އެންމެހާ ތަކެއްޗަށް ރިޒްޤުދެއްވުމާއި، ބެލެހެއްޓެވުމާއި، ރައްކާތެރިކުރެއްވުމުގައި ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހުކަމެވެ. “القَيُّومُ” މިއިސްމުފުޅުން ދެކަމަކަށް ދަލީލުކޮށްދެއެވެ.
ފުރަތަމައީ: ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފުދިވޮޑިގަތުމުގެ ފުރިހަމަކަމަށް މިއިސްމުފުޅު ދަލީލުކޮށްދެއެވެ. ފަހެ، އެއިލާހީ އެއިލާހުގެ ނަފްސުފުޅާގެން ޤާއިމުވެވޮޑިގެންވާ، އެއިލާހުގެ ޚަލްޤުތަކަށް ބޭނުންވެވޮޑިގަތުމުން ފުދިވޮޑިގެންވާ އިލާހެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((يَا أَيُّهَا النَّاسُ أَنْتُمْ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ)) (فاطر: 15) މާނައީ: “އޭ އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުންނަކީ ﷲއަށް ބޭނުންޖެހިފައިވާ މީހުންނެވެ. އަދި ﷲއީ ފުދިވޮޑިގެންވާ ޙަމްދުލިބިވޮޑިގެންވާ އިލާހެވެ.” އެއިލާހަކީ ޛާތީގޮތުން ފުދިވޮޑިގެންވާ އިލާހެވެ. ޚަލްޤުތަކުންގެ ކިބައިން އެއްވެސްކަމަކަށް އެއިލާހު ބޭނުންވެވޮޑިގެންނުވެއެވެ. ހުރިހާ ގޮތަކުން އެއިލާހުވަނީ ފުދިވޮޑިގެންނެވެ.
ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފުރިހަމަ ޤުދުރަތްތެރިކަމަށާއި ތަދުބީރުކުރެއްވުމަށް ދަލީލުކުރާ ދަލީލުކުރުމެވެ. އެންމެހާ މަޚްލޫޤުތަކެއް ވަނީ އެއިލާހަށް ބޭނުންވެގެންނެވެ. ހިނދުކޮޅަކަށްވެސް އެއިލާހަށް ބޭނުންވެގެންވުމުން އެއްކިބާ ނުވެވޭނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިދެއިސްމުފުޅުގައި “الأسماء الحسنى” ގެ އެންމެހާ އިސްމުފުޅުތަކެއްގެ މާނަ އެކުލެވިގެންވެއެވެ. މިގޮތުން “الحَيُّ” މިއިސްމުފުޅުގައި އެއިލާހުގެ އައްސަވާވޮޑިގަތުމާއި، ބައްލަވާވޮޑިގަތުމާއި، އަތްޕުޅާއި، ޢިލްމުފުޅުފަދަ އެއިލާހުގެ ޛާތީ އެންމެހާ ޞިފަފުޅުތަކެއް އެކުލެވިގެންވެއެވެ. އަދި “القَيُّومُ” މިއިސްމުފުޅުގައި ޚަލްޤުކުރެއްވުމާއި، ރިޒްޤުދެއްވުމާއި، ދިރުއްވުމާއި، މަރުއްވުން ފަދަ އެއިލާހު ކުރައްވާ ޢަމަލުފުޅުތަކާގުޅޭ އެންމެހާ ޞިފަފުޅުތަކެއް އެކުލެވިގެންވެއެވެ. މިސަބަބާހުރެ މިދެއިސްމުފުޅަކީ ﷲގެ އެންމެ މަތިވެރި ދެއިސްމުފުޅުކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެލައްވައެވެ.
ދިރިހުރުމަކީ އޭގެ އަޞްލު މާނާގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އެއިލާހުގެ މަޚްލޫޤުންނާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް ދިރިހުރުން ވަނީ ކޮންމެ ފަރާތަކަށް އެފަރާތަކާ ގުޅޭގޮތުގެ މަތީންނެވެ. މަޝްހޫރު ޤާޢިދާއެއްގައިވެއެވެ. ((أَنَّ الصِّفَات بِمَا يُنَاسِبُ الذَّوَات)) މާނައީ: “ހަމަކަށަވަރުން ޞިފަތައްވަނީ އެއެއްޗަކާ މުނާސިބުގޮތަށެވެ.” އެހެންކަމުން، މަޚްލޫޤުތަކުގެ ދިރުންވަނީ އެބައިމީހުންނާ މުނާސަބުގޮތަށް ނިކަމެތިކޮށެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދިރިދެމިވޮޑިގަތުން ވަނީ އެއިލާހާ އެކަށީގެންވާގޮތަށް ފުރިހަމަކޮށެވެ. އެއިލާހާ އެއިލާހުގެ މަޚްލޫޤުންނާ އެއްވެސްގޮތަކުން އެއްވައްތަރުވެގެންނުވެއެވެ.
އާޔަތުލްކުރުސީގައިވާ ((اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ)) (البقرة: 255) މާނައީ: “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއްނުވެއެވެ. އެއިލާހީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދާއިމީ ޙަޔާތެއްގެ ވެރި އިލާހެވެ. އަދި އެއީ ޚަލްޤުތަކުންނަށް ރިޒްޤުދެއްވުމާއި، ބެލެހެއްޓެވުމާއި، ރައްކާތެރިކުރެއްވުމުގައި ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އެއިލާހަށް ނިދިޖެހުމެއްނުވެއެވެ. އަދި އަވަހާރަފުޅު ލެއްޕެވުމެއް ނުވެއެވެ.” މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ((اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ)) ވަޙީކުރެއްވުމަށްފަހު ((لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ)) ވަޙީކުރެއްވުމުން އޭގެ މުރާދަކީ ހަމައެކަނި ނިދިޖެހުމާއި އަވަހާރަފުޅު ލެއްޕެވުމުން އެއިލާހު ހުސްޠާރުވެގެންވާކަމެއް ނޫނެވެ. ހަމައެއާއެކު، އެދެޞިފަ ނަފީކުރުމާއެކު އެދެޞިފައިގެ އިދިކޮޅު ޞިފަފުޅުކަމުގައިވާ އެއިލާހުގެ ދިރިދެމިވޮޑިގަތުމާއި، ޤައްޔޫމްވަންތަކަމުގެ ފުރިހަމަކަން ބަޔާންކުރުންވެސް ހިމެނިގެންދާނެއެވެ.