[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤަޟާ – ދަލާއިލުއް ތައުޙީދި 29

45- ޤަޟާއާއި ޤަދަރުގެ ފަރަޤަކީ ކޮބާ؟

ޖަވާބު: އަލްޤަދަރު މިބަސްނެގިފައިވަނީ ޤަދްރު މިމަޞްދަރުންނެވެ. އޭގެފަހުގައި މިންވަރު ބަޔާންކުރުމަށާއި ތަފްޞީލްކުރުމަށާއި ބަޔާންކުރުމުގެ މާނާގައި މިލަފްޒު ބޭނުންކުރެވުނެވެ. އެއަށްފަހުގައި މިލަފްޒު ގިނައިން ބޭނުންކުރެވުނީ ކާއިނާތުގައިވާ ތަކެއްޗާއި ކަންކަން ވުޖޫދުކުރެއްވުމުގެ ކުރީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެތަކެތި ޤަދަރުކުރެއްވުމުގެ މާނައިގައެވެ.

ޤަޟާ ބޭނުންކުރެވެނީ ކައުނީ ޙުކުމްތަކަށެވެ. އެއީ ޤަދަރުގައިވާ ކަންތައްތަކަށެވެ. މި މުރާދުކުރަނީ ފުރަތަމަ ލިޔުއްވުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލިޔުއްވި ލިޔުއްވުމަށެވެ. އަދި ހަމަ އެއާއެކު މި ލަފްޒު ތަފްޞީލްކުރުމާއި ތަމްޔީޒްކުރުމަށް (ފަރަޤުކުރުމަށް) ވެސް ބޭނުންކުރެވެއެވެ.

 އަދި ބައެއްފަހަރު ޤަޟާގެ ގޮތުގައިވެސް ޤަދަރު ބޭނުންކުރެވެއެވެ. އެއީ ކައުނީ ޙުކުމްތައް ތަންފީޛްވުމަށެވެ.

 ޤަޟާ ޢާއްމުގޮތެއްގައި ބޭނުންކުރެވެނީ، ދީނީ ޝަރުޢީ ޙުކުމެއްގެ މައްޗަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ”  النساء: ٦٥  މާނަ: “ދެން އެކުރެއްވި ޙުކުމަކާމެދު ކުރެއްވި ނިޔާއަކާމެދު (އެމީހުން ހިތްހަމަޖެހި) އެމީހުންގެ ހިތުގައި އެއްވެސް ނުރުހުމެއް ހިތްބަރުވުމެއްނެތި އެތެރެފުށާއި ބޭރުފުށުން އެމީހުން ރުހި ޤަބޫލުވެ ކިޔަމަންތެރިވެއްޖައުމަށް ދާންދެނެވެ.” ކަންކަން ނިންމުމަށާއި ފުރިހަމަކުރުމަށާއި އެކަންކަމުން އަވަދިވުމަށްވެސް ޤަޟާ ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގައިވާ ފަދައިންނެވެ. “فَإِذَا قُضِيَتِ الصَّلَاةُ”  الجمعة: ١٠  މާނަ: “ނަމާދުކޮށް އަވަދިވެއްޖެއްޔާ (ނިމިއްޖެއްޔާ)” އަދި ހަމަ އެގޮތަށް ޤަޟާ މިބަސް ކަންތައްތައް ކުރުމާއި ހިންގުން އަދި ކަނޑައެޅުމުގެ މާނާގައިވެސް ބޭނުންކުރެވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. “فَاقْضِ مَا أَنْتَ قَاضٍ” طه: ٧٢  މާނަ: “ފަހެ ތިބާ ކުރާށެވެ! ހިންގާށެވެ! ތިބާ ކުރާނެކަމެއް ތިބާ ކުރާށެވެ.” އަދި ނިޔާކުރައްވައި ނިންމެވުމުގެ މާނާގައިވެސް ޤަޟާ ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَقَضَيْنَا إِلَى بَنِي إسْرائِيلَ”  الإسراء: ٤ “ބަނޫ އިސްރާއީލުންގެ މީހުންނަށް ތިމަން ﷲ ނިޔާކުރައްވައި ނިންމެވީމެވެ.” އަދި މަރުވުމުގެ މާނާގައިވެސް ޤަޟާ މިބަސް ބޭނުންކުރެވެއެވެ. قضى فلان ގެ މާނައަކީ އެވެނިމީހަކު މަރުވެއްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ”  الزخرف: ٧٧  މާނަ: “އެބައިމީހުން ގޮވާނެއެވެ. އޭ މާލިކެވެ! އަހަރެމެން މަރުގަންނަވައިދެއްވާތޯ ކަލޭގެފާނުގެ ރައްބަށް ދަންނަވާދެއްވާށެވެ.”  އަދި ޢަޛާބު ވުޖޫދުވުމަށްވެސް ޤަޟާ މިލަފްޒު ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. “وَقُضِيَ الْأَمْرُ”  هود: ٤٤  މާނަ: “އަދި ހުރިހާކަމެއް ވެނިމިއްޖެއެވެ. (އެންމެހާ ކާފިރުން ހަލާކުވެދިޔައީއެވެ.)” އަދި ކަމެއް ޙާޞިލްވުމަށާއި، އެކަމެއް ފުރިހަމަވުމަށްވެސް ޤަޟާ މިލަފްޒު ބޭނުންކުރެވެއެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. “وَلَا تَعْجَلْ بِالْقُرْآَنِ مِنْ قَبْلِ أَنْ يُقْضَى إِلَيْكَ وَحْيُهُ”  طه: ١١٤  މާނަ: “ކަލޭގެފާނަށް ޤުރުއާނުގެ ވަޙީބަސްފުޅު ބާވައިލައްވާ ފުރިހަމަނުވަނީސް އެ ޤުރުއާނައިގެން އަވަސްވެވަޑައިނުގަންނަވާށެވެ.” އަދި ނިޔާކަނޑައެޅުމާއި ޙުކުމްކުރުމުގެ މާނާގައިވެސް ޤަޟާ ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. “وَقُضِيَ بَيْنَهُمْ بِالْحَقِّ” الزمر: ٦٩  މާނަ: “އެމީހުންގެ މެދުގައި ޙައްޤުގޮތުގައި ނިޔާކަނޑައެޅިދާނެއެވެ.” އަދި އުފެއްދެވުމުގެ މާނާގައިވެސް ޤަޟާ ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢަލާގެ މިބަސްފުޅުގައި ވާފަދައިންނެވެ. “فَقَضَاهُنَّ سَبْعَ سَمَوَاتٍ” فصلت: ١٢ މާނަ: “ފަހެ އެއިލާހު، އެއުޑުތައް ހަތްއުޑަކުން ނިޔާކުރެއްވިއެވެ. (ހެއްދެވިއެވެ)” އަދި ޙަތުމް (ކަށަވަރުކުރުން) ގެ މާނާގައިވެސް ޤަޟާ ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. “وَكَانَ أَمْرًا مَقْضِيًّا” مريم: ٢١  މާނަ: “އަދި އެކަމަކީ ނިޔާކުރެވިގެންވާ (ﷲގެ ޢިލްމުފުޅުގައި) ކަމެއްކަމުގައިވިޔެވެ.” އަދި ދީނީ އަމުރުތަކަށްވެސް ޤަޟާ ބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގައި ވާފަދައިންނެވެ. “أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ” يوسف: ٤٠  މާނަ: “އެކަލާނގެ އަމުރުކުރައްވާފައިވަނީ އެކަލާނގެ ނޫން ފަރާތަކަށް އަޅުކަންނުކުރުމަށެވެ.” އަދި ޙާޖަތް ފުއްދުމަށާއި މައްސަލަތަކުގައި ދެޚަޞްމުންގެ ދެމެދުގައި ޙުކުމް އިލްޒާމްކުރުމަށްވެސް ޤަޟާ މިލަފްޒު ބޭނުންކުރެވެއެވެ. އަދި އަދާކުރުމުގެ މާނާގައިވެސް ޤަޟާބޭނުންކުރެވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގައިވާ ފަދައިންނެވެ. “فَإِذَا قَضَيْتُمْ مَنَاسِكَكُمْ”  البقرة: ٢٠٠  މާނަ: “ތިޔަބައިމީހުންގެ ނުސުކުތައް އަދާކޮށް ނިމިއްޖެއްޔާ” އެވެ.

 ޤަޟާއަކީ މަޞްދަރެކެވެ. އަމުރު ޤަޟާކުރަނީ ވާޖިބުކަންތަކަށެވެ. އަމުރު ދަލީލުކުރަނީ ވާޖިބުކަމަށެވެ. އަލްއިޤްތިޟާއަކީ އެކަން ކުރާނެގޮތުގެ ޢިލްމު އިންތިޒާމްކުރުމުގެ ސީޣާއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް