[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 14 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

 

قَالَ الطَّحَاوِيُّ رحمه الله: “خَالِقٌ بِلَا حَاجَةٍ، رَازِقٌ بِلَا مُؤْنَةٍ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“އެއިލާހީ (އެއިލާހުގެ ޚަލްޤުކުރެއްވި ތަކެއްޗަށް) ޙާޖަތަށްޖެހިވޮޑިގެންނުވާ ޚާލިޤުވަންތަ އިލާހެވެ. އެއިލާހީ އެއްވެސް އުނދަގޫކަމެއްނެތި (އެޚަލްޤުތަކަށް ރިޒްޤުދެއްވާ) ރާޒިޤުވަންތަ އިލާހެވެ.”

__________________________________________________________

ޝަރަޙަ:

* “الخَالِقُ” އަދި “الرَّازِقُ” މިއީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްފުޅުތަކުގެ ތެރެއިންވާ ދެއިސްމުފުޅެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުކުރައްވާފައިވާ ޚަލްޤުތައް، އެއިލާހު ޚަލްޤުކުރައްވާފައިވަނީ އެއްވެސް ޙާލެއްގައި އެއިލާހު އެބައިމީހުންނަށް ބޭނުންވެވޮޑިގެން ވާތީއެއް ނޫނެވެ. މިއާޚިލާފަށް އެންމެހާ ޚަލްޤުތައް ވަނީ ﷲއަށް ބޭނުންޖެހިގެންނެވެ. ހިނދުކޮޅަކަށްވެސް އެއިލާހުގެ އެހީތެރިކަމާއި މަދަދާއި ރަޙްމަތުން އެބައިމީހުންނަށް އެއްކިބާނުވެވޭނެއެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّاسُ أَنْتُمْ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ)) (فاطر: 15) މާނައީ: “އޭ އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުންނަކީ ﷲއަށް ބޭނުންޖެހިފައިވާ މީހުންނެވެ. އަދި ﷲއީ ފުދިވޮޑިގެންވާ ޙަމްދުލިބިވޮޑިގެންވާ އިލާހެވެ.” އެއިލާހަކީ ޛާތީގޮތުން ފުދިވޮޑިގެންވާ އިލާހެވެ. ޚަލްޤުތަކުންގެ ކިބައިން އެއްވެސްކަމަކަށް އެއިލާހު ބޭނުންވެވޮޑިގެންނުވެއެވެ. ހުރިހާ ގޮތަކުން އެއިލާހުވަނީ ފުދިވޮޑިގެންނެވެ. އެބައިމީހުން އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވީކަމުގައިވިޔަސް އެކަމުގެ ފައިދާއޮތީ ހަމަ އެބައިމީހުންނަށެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް އުރެދިއްޖެނަމަ އެކަމުގެ ގެއްލުމާއި ހިތާމައޮތީ ހަމަ އެބައިމީހުންނަށެވެ. ހަމައެފަދައިން އެއިލާހުގެ ޚަލްޤުތަކަށް ރިޒްޤުދެއްވުމަށް އެއިލާހަށް އުނދަގޫފުޅުވެގެންނުވެއެވެ. އަދި އެންމެހާ މަޚްލޫޤުތަކަށް ރިޒްޤުދެއްވުމުން އެއިލާހުގެ ޙަޟްރަތުން އެއްވެސް އެއްޗެއް އުނިނުވާހުއްޓެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ * مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ * إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ *)) (الذاريات: 56-58) މާނައީ: “ތިމަންއިލާހަށް ހަމައެކަނި އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. އެބައިމީހުންގެ ކިބަޔަކުން ތިމަންއިލާހު ރިޒްޤަކަށް އެދިވޮޑިއެއްނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއްނުގަންނަވަމެވެ. ހަމަކަށަވަރުން، ﷲއީ، ރިޒްޤުދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ އިލާހެވެ.” އަދި ޤުދުސީ ޙަދީޘެއްގައި ވެއެވެ. ((يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا، يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا، يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ، مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلَّا كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ، يَا عِبَادِي إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إِيَّاهَا، فَمَنْ وَجَدَ خَيْرًا، فَلْيَحْمَدِ اللهَ وَمَنْ وَجَدَ غَيْرَ ذَلِكَ، فَلَا يَلُومَنَّ إِلَّا نَفْسَهُ)) (رواه مسلم) މާނައީ: “އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ އެންމެ ފުރަތަމަ މީހުންނާއި، އަދި އެންމެފަހު މީހުންނާއި (އެބަހީ އެންމެ ފުރަތަމަމީހާއިން ފެށިގެންގޮސް އެންމެ ފަހުމީހާއާ ދެމެދުވީހައި އެންމެންނާއި)، އަދި ހުރިހާ އިންސީންނާއި ޖިންނީން (އެހުރިހައިމީހުން)، ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤުވާވެރިމީހާގެ ހިތްފަދަ ހިތެއްގެ މަތީގައި ވީނަމަވެސް ތިމަން އިލާހުގެ މުލްކުވަންތަވެރިކަމަށް (އެކަމުގެ ސަބަބުން) އެއްވެސްއެއްޗެއް އިތުރު ނުވާނެތެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ އެންމެ ފުރަތަމަ މީހުންނާއި، އަދި އެންމެފަހުގެ މީހުންނާއި (އެބަހީ އެންމެ ފުރަތަމަމީހާއިން ފެށިގެންގޮސް އެންމެ ފަހުމީހާއާ ދެމެދުވީހައި އެންމެންނާއި)، އަދި ހުރިހާ އިންސީންނާއި ޖިންނީން (އެހުރިހައިމީހުން)، ތިޔަބައިމީހުންގެ ތެރެއިން އެންމެ ނުބައި ނުލަފާ މީހާގެ ހިތްފަދަ ހިތެއްގެ މަތީގައި ވީނަމަވެސް، ތިމަން އިލާހުގެ މުލްކުވަންތަވެރިކަމުން އެއްވެސް އެއްޗެއް އުނިނުވާނެތެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންކުރެ އެންމެ ފުރަތަމަ މީހުންނާއި، އަދި އެންމެފަހުގެ މީހުންނާއި (އެބަހީ އެންމެ ފުރަތަމަމީހާއިން ފެށިގެންގޮސް އެންމެ ފަހުމީހާއާ ދެމެދުވީހައި އެންމެންނާއި)، އަދި ހުރިހާ އިންސީންނާއި ޖިންނީން (އެހުރިހައިމީހުން)، އެއް ބިމަކަށް އެއްވެ، ތިމަން އިލާހުގެ ޙަޟްރަތުގައި ދެންނެވުމުން، ކޮންމެމީހަކު އެދުނު ކޮންމެކަމެއް އެމީހަކަށް ދެއްވި ކަމުގައި ވިޔަސް، ކަނޑަށް ތިނޯހެއް ލައިފައި ނަގާއިރު އެކަނޑުން އުނިވާ މިންވަރަށްވެސް، ތިމަން އިލާހުގެ ޙަޟްރަތުގައިވާ އެއްޗަކުން އުނި ނުވާނެތެވެ. އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ކުރާ ޢަމަލުތައް، ތިމަންއިލާހު ހިމަނުއްވައި ލަހައްޓަވަމެވެ. ދެން އެ ޢަމަލުތަކަށް ފުރިހަމައަށް ޖަޒާ ދެއްވަމެވެ. ފަހެ ހެޔޮގޮތް މެދުވެރިވެއްޖެ މީހާ ﷲއަށް ޙަމްދު ކުރާހުށިކަމެވެ. އަދި އެ ނޫން ގޮތެއް މެދުވެރި ވެއްޖެމީހާ، ތިމާގެ އަމިއްލަ ނަފްސަށް މެނުވީ މަލާމާތް ނުކުރާ ހުށިކަމެވެ.”

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅު “الخَالِقُ” ދެމާނައެއްގައި ބޭނުންކުރެވެއެވެ. ފުރަތަމައީ، އިސްވެދިޔަ މިސާލަކާނުލައި ތަކެތި އީޖާދުކުރައްވައި، އަލަށް އެއްޗެހި ގެންނެވުމެވެ. ދެވަނައީ، ތަޤްދީރުކުރެއްވުމުގެ މާނައެވެ. މިއީ މުޝްރިކުން އެންމެބޮޑަށް މަގުފުރެދިގެން ދިޔަ އެއްކަމެވެ. އެބައިމީހުން އުޑާއި، ބިމާއި، އަދި އެދެމެދުގައިވާ މަޚްލޫޤުތައް ޚަލްޤުކުރެއްވީ ﷲކަމަށް އިޤުރާރުވާޙާލު، އަޅުކަމުގައި ﷲއާއެކު ޝަރީކުންތައް ބައިވެރިކުރެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. ((وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ)) (العنكبوت: 61) މާނައީ: “ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު ޚިދުމަތްތެރިކުރެއްވީ ކާކުހޭ، އެބައިމީހުން (އެބަހީ މުޝްރިކުން) ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، އެބައިމީހުން ﷲއޭ ދަންނަވާނެކަން ކަށަވަރެވެ.” އަދި މުޝްރިކުންގެ މިބާޠިލު އީމާންކަމާމެދު އިބްނު ޢައްބާސް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބައިމީހުންގެ އީމާންކަމުގެ ތެރޭގައި: އުޑާއި، ބިމާއި، ފަރުބަދަތައް ޚަލްޤުކުރެއްވީ ކޮން ފަރާތެއްހޭ އެބައިމީހުންނަށް ބުނެވިއްޖެނަމަ، ﷲ އޭ ބުނާނެއެވެ. އަދި ހަމައެއާއެކު އެއިލާހާ ޝަރީކުކުރާ ބައެއްކަމުގައި އެބައިމީހުންވެއެވެ.” (ތަފްސީރުއް ޠަބަރީ)

“الرَّازِقُ” މިއިސްމުފުޅު ދަންނައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއިލާހުގެ އެންމެހާ ޚަލްޤުތަކުންގެ ރިޒްޤުދެއްވާ އިލާހެވެ. އެއިލާހުގެ ރިޒްޤުދެއްވުމުގެ ދެވައްތަރެއްވެއެވެ.

ފުރަތަމައީ: ޢާއްމުކޮށް އެންމެހާ ޚަލްޤުތަކަށް ދެއްވާ ރިޒްޤެވެ. މިރިޒްޤުގައި ހެޔޮލަފާމީހުންނާއި، ފާފަވެރިންނާއި، މުއުމިނުންނާއި، ކާފަރުންނާއި، ކުރިއާއި ފަހުގެ އެންމެހާ މީސްތަކުން ޝާމިލުވެގެންވެއެވެ. ((وَمَا مِنْ دَابَّةٍ فِي الأَرْضِ إِلاَّ عَلَى اللَّهِ رِزْقُهَا)) (هود: 6) މާނައީ: “އަދި ބިންމަތީ ޙަރަކާތްކުރާ އެއްވެސް ދިރޭއެއްޗެއް، އެއެއްޗެއްގެ ރިޒުޤު ﷲ ޙަވާލުވެވޮޑިގެން މެނުވީ ނުވެއެވެ. (އެބަހީ، ކޮންމެ އެއްޗަކަށް ރިޒްޤު ދެއްވުންވަނީ ﷲއަށް ކަނޑައެޅިފައެވެ.)” ﷲ ސުބުޙާނަހޫ ވަތަޢާލާ ކާފަރަކަށް މުދަލާއި ދަރިން އިތުރުކޮށްދެއްވުމަކީ، އެއިލާހު އެކާފަރުމީހާއާމެދު ރުހިވޮޑިގެންވާކަމުގެ ދަލީލެއްނޫނެވެ. އެހެނީ، ދުނިޔެމަތީގައި އެއިލާހު، އެއިލާހު ރުއްސަވާމީހުންނަށާއި ނުރުއްސަވާމީހުންނަށްވެސް ދެއްވާހުއްޓެވެ.

ދެވަނައީ: ޚާއްޞަ ރިޒްޤެވެ. އެއީ ނުބައި ކަންކަމުން އެއްކިބާވެފައިވާ ހިތެއް ދެއްވުމާއި، ހިތަށް ޢިލްމާއި އީމާންކަމުގެ މަތިވެރި ނިޢުމަތް ދެއްވެވުމެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވެގެންވި މީސްތަކުންނަށް ލިބޭ ރިޒްޤެކެވެ. އެއިލާހުގެ ޙިކުމަތްވަންތަކަމާއި، ރަޙްމަތްވަންތަކަމުގެ ދަށުން މިރިޒްޤުގައި ތަފާތު ދަރަޖަތައް ވެއެވެ. އަދި މިރިޒްޤުގެ ތެރޭގައި އީމާންވި މީސްތަކުންގެ އަތްމައްޗަށް ފާޅުކުރައްވާ ކަރާމަތާއި، ޤިޔާމަތްދުވަހުން އެބައިމީހުންނަށް ދެއްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތްތައްވެއެވެ.

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް