[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެބަސްތަކެއްގެ ސަބަބުން ﷲ އަހަރެންނަށް މަންފާކޮށްދެއްވަނިވި ބަސްތަކެއް ލިޔެދީބަލަ! – ދަލާއިލުއް ތައުޙީދި 34

އެބަސްތަކެއްގެ ސަބަބުން ﷲ އަހަރެންނަށް މަންފާކޮށްދެއްވަނިވި ބަސްތަކެއް ލިޔެދީބަލަ!

އެންމެ ފުރަތަމަވެސް އަހަރެން ތިބާއަށް ވަޞިއްޔަތްކުރާނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ތަކެއްޗާމެދު ވިސްނާލުމަށެވެ. އެއީ ހަމަކަށަވަރުންވެސް އެކަލޭގެފާނު ވަނީ އިންސާނުން އެއްޗަކަށް ބޭނުންވާނޭ ހުރިހާ އެއްޗަކައިގެން ވަޑައިގެންފައެވެ. ﷲ އާ ކުއްތަންވެވޭނެ އަދި އެއިލާހުގެ ސުވަރުގެއަށް ވަދެވޭނެ އެއްވެސް މަގެއް އަހަރެމެންނަށް ދައްކަވާފައިނޫނީ އެކަލޭފާނު އަހަރެމެން ދޫނުކުރައްވައެވެ. އަދި ހަމައެހެންމެ ﷲ އާ އަހަރެމެން ދުރުކޮށް، ނަރަކައިގެ ޢަޛާބާ އަހަރެމެން ކައިރިކޮށްފާނެ އެއްވެސްކަމެއް އެކަލޭގެފާނު އަހަރެމެންނަށް މަނާނުކުރައްވާ އަދި އެކަމަކުން އިންޛާރުނުކުރައްވާ ދޫނުކުރައްވައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލޭގެފާނު ފޮނުއްވުމުގެ ޛަރީޢާއިން ޤިޔާމަތާ ޖެހެންދެން ޚަލްޤުތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމްކުރައްވައިފިއެވެ. އެކަލޭގެފާނު ފޮނުއްވުމަށްފަހު، އެކަލޭގެފާނަށް އީމާންނުވެ، އެއްވެސް ޚަލްޤަކަށް ﷲ ގެ ޙަޟްރަތުގައި ބަހަނާ ނުދެއްކޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އަދި އެކަލޭގެފާނުގެ އަޚް ރަސޫލުބޭކަލުންނާ ބެހޭގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.  “إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ وَأَوْحَيْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالأسْبَاطِ وَعِيسَى وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ وَآتَيْنَا دَاوُودَ زَبُورًا ، وَرُسُلاً قَدْ قَصَصْنَاهُمْ عَلَيْكَ مِنْ قَبْلُ وَرُسُلاً لَمْ نَقْصُصْهُمْ عَلَيْكَ وَكَلَّمَ اللَّهُ مُوسَى تَكْلِيمًا ،  رُسُلاً مُبَشِّرِينَ وَمُنذِرِينَ لئلا يَكُونَ لِلنَّاسِ عَلَى الله حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللَّهُ عَزِيزًا حَكِيمًا” النساء: ١٦٣ – ١٦٥  މާނަ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ވަޙީ ބާވައިލެއްވީ ނޫޙު ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުގެ ފަހު ނަބީބޭކަލުންނަށްވެސް ވަޙީ ބާވާލެއްވިފަދައިންނެވެ. އަދި ތިމަންއިލާހު އިބްރާހީމް ޢަލައިހިއްސަލާމަށާއި އިސްމާޢީލް ޢަލައިހިއްސަލާމަށާއި އިސްޙާޤް ޢަލައިހިއްސަލާމަށާއި ޔަޢްޤޫބް ޢަލައިހިއްސަލާމަށާއި އަލްއަސްބާޠުންނަށާއި ޢީސާ ޢަލައިހިއްސަލާމަށާއި އައްޔޫބު ޢަލައިހިއްސަލާމަށާއި ޔޫނުސް ޢަލައިހިއްސަލާމަށާއި ހާރޫން ޢަލައިހިއްސަލާމަށާއި ސުލައިމާނު ޢަލައިހިއްސަލާމަށް މި އެންމެ ބޭކަލުންގެ މައްޗަށް ވަޙީ ބާވައިލެއްވީމެވެ. އަދި ދާއޫދު ޢަލައިހިއްސަލާމަށް ތިމަންއިލާހު ޒަބޫރުދެއްވީމެވެ. * އަދި އެހެން ރަސޫލުބޭކަލުންނަށްވެސް (ތިމަންއިލާހު ވަޙީ ބާވައިލެއްވީމެވެ.) އޭބަކަލުންގެ ވާހަކަތައް މީގެ ކުރިން ކަލޭގެފާނަށް ތިމަންއިލާހު އަންގަވައި ދެއްވާފައިވާ، އަދި އެބޭކަލުންގެ ވާހަކަތައް ކަލޭގެފާނަށް ތިމަންއިލާހު އަންގަވައިދެއްވާފައިނުވާ ރަސޫލުންނަށްވެސް (ވަޙީބާވައިލެއްވީމެވެ.) އަދި ކަނޑައެޅިންގެ ﷲ ތަޢާލާ، މޫސާ ޢަލައިހިއްސަލާމަށް ބަސްފުޅު ވަޙީކުރެއްވިއެވެ. ވާހަކަފުޅު ދައްކަވާ ހެއްދެވިއެވެ. * ތިމަންއިލާހު އެރަސޫލުބޭކަލުން ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުގަންނަވާ ބޭކަލުންގެ ގޮތުންނެވެ. އެއީ ރަސޫލުން ފޮނުއްވުމަށްފަހު ﷲތަޢާލާގެ މައްޗަށް މީސްތަކުން ދައްކާނޭ އެއްވެސް ޙުއްޖަތެއް ނުއޮތުމަށްޓަކައެވެ. އަދި ޢިއްޒަތްވަންތަ ޙިކްމަތްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

ﷲ ގެ ޙަޟްރަތުން އެކަލޭގެފާނު ގެންނެވި އެންމެ މުހިއްމު އެއްޗަކީ، އަދި މީސްތަކުންނަށް ފުރަތަމަ އަމުކުރެވިގެންވާ ކަމަކީ އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުމާއި އެއިލާހަށް ބައިވެރިއަކުނުވާކަމަށް އީމާންވުމާއި، ދީން ހަމައެކަނި އެއިލާހަށް ޚާލިޞްކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. “يَا أَيُّهَا الْمُدَّثِّرُ (1) قُمْ فَأَنْذِرْ (2) وَرَبَّكَ فَكَبِّرْ (3) “ المدثر: ١ – ٣ މާނަ “އޭ ފޮތިތަކުން ނިވާވެގެންވާ ކަލޭގެފާނެވެ! * ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ. * އަދި ކަލޭގެފާނުގެ ރައްބުގެ މާތްކަމާއި ހައިބަވަންތަކަން ދެނެވަޑައިގެން އެއިލާހު މާތްކުރައްވާށެވެ. (ތަކްބީރު ވިދާޅުވާށެވެ).” ﷲ ސުބްހާނަހޫ ވަތަޢާލާގެ ބަސްފުޅު وَرَبَّكَ فَكَبِّرْ ގެ މާނައަކީ ތިބާގެ ރައްބު އެއްކައުވަންތަކުރުމުން މަތިވެރިކުރުމެވެ. އަދި އެއްވެސް ބައިވެރިއަކު ނުވާ ﷲ އަށް އަޅުކަމުގެ ހުރިހާ ކަމެއް ޚާލިޞްކުރުމެވެ. މިއީ ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޙައްޖުވުމާއި އެނޫންވެސް ދީނުގެ ޝިޢާރުތައް އަދާކުރުމަށް އަމުރުކުރެއްވުމުގެ ކުރީން ކުރައްވާފައިވާ އަމުރެކެވެ. قُمْ فَأَنْذِرْ މާނައަކީ ޝިރުކުކުރުމާމެދު އިންޛާރުކުރައްވާށެވެ. މިއީ ޒިނޭކުރުމާއި ވައްކަންކުރުމާއި ރިބާއެކުމާއި މީސްތަކުންނަށް އަނިޔާވެރިވުމާއި މިނޫންވެސް މިފަދަ ބޮޑެތި ފާފަތައް ނަހީކުރެއްވުމުގެ ކުރީގައެވެ.

 މިއީ އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއިން އެންމެ މުހިއްމު އަޞްލެވެ. އަދި އެންމެ ބޮޑަށް އަހަރެމެންގެ މައްޗަށް ފަރުޟުވެގެންވާ ކަންތައްވެސްމެއެވެ. ޚަލްޤުތަކުން ޚަލްޤުކުރެވިފައިވަނީ އެކަމަށްޓަކައެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. “وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ” الذاريات: ٥٦  މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

 އަދި ހަމައެހެންމެ ރަސޫލުން ފޮނުއްވިގެންވަނީވެސް އެކަމަށްޓަކައެވެ. ފޮތްތައް ބާވައިލެއްވިގެންވަނީވެސް އެކަމަށްޓަކައެވެ. ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. ”  وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنْ اُعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ” النحل: ٣٦ މާނަ: “އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާއި އަދި ތާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ.”

 މީސްތަކުން މުސްލިމުންނާއި ކާފިރުންގެ ގޮތުގައި ބެހިގެންދަނީ އޭގެ ސަބަބުންނެވެ. މުވައްޙިދެއްކަމުގައި ވާ ޙާލު ޤިޔާމަތްދުވަހު ﷲ ސުބްޙާނަހޫ ވަތަޢާލާއާ ބައްދަލުކޮށްފިމީހާ، ސުވަރުގެ ވަންނާނެއެވެ. އަދި މުޝްރިކެއްކަމުގައިވިނަމަ ވާ ހުށީ ނަރަކާގައެވެ. އެއީ އެންމެ ގިނައިން އަޅުކަންކުރި މީހާ ކަމުގައިވިޔަސްމެއެވެ. މިއީ ތިބާ ތިޔަ ކިޔާ لاَ إِلهَ إِلاَّ الله ގެ މާނައެވެ. ހަމަކަށަވަރުން ﷲ އީ އެއިލާހުގެ ފަރާތުން، އެންމެހާ ހެޔޮކަންތައްތަކަށް އެދުމާއި، ނުބައިކަންތައްކުން ދުރުކޮށްދެއްވުންއެދި އަހަރެމެން ދުޢާކުރަންޖެހޭ އަދި އުއްމީދުކުރަންޖެހޭ ހަމައެކަނި ފަރާތެވެ. ބިރުގަންނަންޖެހެނީ އެފަރާތްދެކެއެވެ.  އަދި ވަކީލުކުރަންޖެހެނީވެސް ހަމައެކަނި އެފަރާތަށެވެ. (ނިމުނީ)

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއްތައުޙީދިގެ ކުރީގެ ލިޔުންތައް ވިދާޅުވުމަށް

فإني أتوجه بالحمد والشكر والثناء لله تعالى وحده الذي وفقني وأعانني على إتمام هذا فله الحمد أولاً وأخيراً.