قَالَ الطَّحَاوِيُّ رحمه الله: ” مُمِيتٌ بِلَا مَخَافَةٍ، بَاعِثٌ بِلَا مَشَقَّةٍ”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެއިލާހީ (އެއްވެސް) ބިރުވެތިވެވޮޑިގެންނެވުމެއްނެތި ޚަލްޤުތަކަށް މަރުގަންނަވާ އިލާހެވެ. އުނދަގޫވެވޮޑިގަތުމެއްނެތި އެޚަލްޤުތައް އަލުން ދިރުއްވާ އިލާހެވެ.”
____________________________________________
ޝަރަޙަ:
* އިމާމް އައްޠާޙާވީ ރަޙިމަހުﷲ ގެ ” مُمِيتٌ بِلَا مَخَافَةٍ، بَاعِثٌ بِلَا مَشَقَّةٍ” މިބަސްފުޅުގެ މުރާދަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެހާ މަޚްލޫޤުތަކެއް ދިރުއްވައި އަދި މަރުއްވާ ފަރާތެވެ. އެއިލާހު ޚަލްޤުކުރައްވާފައިވާ އެންމެހާ ޚަލްޤުތަކެއްވެސް، އެމަޚްލޫޤެއްގެ އަޖަލުއައިސްޖެހުމުން މަރުވެދާހުއްޓެވެ. އެހެނީ، އެއިލާހު ދުނިޔޭގެ ޙަޔާތް ލައްވާފައިވަނީ ނިމުމެއްވާ ޙަޔާތެއްކަމުގައެވެ. އެއްވެސް ޙާލެއްގައި އެމަޚްލޫޤުތަކަށް މަރުގެންނަވަނީ އެފަރާތްތަކަށް ބިރުފުޅުންނެއް ނޫނެވެ. އެއިލާހަށް އުރެދި، ކާފަރުންކަމުގައި ވީނަމަވެސް، އެބައިމީހުންގެ އެއުރެދުމާއި ކުފުރުން އެއިލާހަށް އެއްވެސް ގެއްލުމެއް، އަދި އެއިލާހުގެ މިލްކުގައިވާ އެއްވެސް އެއްޗެއް އުނިނުވާ ހުއްޓެވެ. އެބައިމީހުންގެ ނުބައިކަން ވަނީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށެވެ. އެހެންނަމަވެސް، އެއިލާހުގެ ޚަލްޤުތަކުން އެއިލާހަށް ތައުބާވުމަކީ އެއިލާހު އުފާފުޅުކުރައްވާ ކަމެކެވެ. އެހެނީ، އެއިލާހު ލޯބިކުރައްވަނީ އެބައިމީހުންނަށް ހެޔޮގޮތް މެދުވެރިވުމަށެވެ. އެއްވެސްޙާލެއްގައި، އެއިލާހު އެބައިމީހުންގެ ތައުބާއަށް އުފާފުޅުކުރައްވަނީ އެކަމަށް އެއިލާހު ބޭނުންވެވޮޑިގެންވާތީއެއް ނޫނެވެ. ނަމަވެސް، އެއީ އެބައިމީހުންގެ މައްޗަށްވާ އެއިލާހުގެ އޯގާވަންތަކަމާއި އިޙްސާންވަންތަކަމުގެ ސަބަބުންނެވެ.
އެންމެހާ ޚަލްޤުތައް ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވުމަށްފަހު، އެޚަލްޤުތަކުގެ އަޖަލުޖެހުމުން މަރުވެ، ވެއްޔަށްވުމަށްފަހު ޤިޔާމަތްދުވަހު އަލުން އެއްވެސް އުނދަގޫވެވޮޑިގަތުމެއްނެތި ދިރުއްވާހުއްޓެވެ. އެކަމަކީ އެއިލާހަށް ފަސޭހަކަމެއްކަމުގައިވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((مَا خَلْقُكُمْ وَلا بَعْثُكُمْ إِلاَّ كَنَفْسٍ وَاحِدَةٍ)) لقمان: 28 މާނައީ: “ތިޔަބައިމީހުން ހެއްދެވުންވެސް، އަދި ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވުންވެސް އެންމެ ނަފްސެއް (ހެއްދެވުން) ފަދައިން މެނުވީ ނުވެއެވެ.” ފަހެ، މުޝްރިކުން މިކަމަށް ދެކޮޅުހަދައި، ދޮގުކުރިއެވެ. އެބައިމީހުން ބުނާކަމުގައިވިއެވެ. ((قَالَ مَنْ يُحْيِ الْعِظَامَ وَهِيَ رَمِيمٌ)) يس: 78 މާނައީ: “އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، ދިރުއްވާނީ ކާކު ހެއްޔެވެ؟” މީގެ ރައްދުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ)) يس: 79 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެކަށިތައް އަލުން ދިރުއްވާނީ ފުރަތަމަ ފަހަރު އެކަށިތައް ދިރުއްވި އިލާހެވެ.” އަޅުގަނޑުމެން ބުއްދިން ވިސްނާލައިފިކަމުގައިވާނަމަ، އެއްވެސްގޮތަކަށް ވުޖޫދުވެގެންނުވާ ޙާލު، ނެތުމުގެ ތެރެއިން ފުރަތަމަ ފަހަރު ޚަލްޤުކުރެއްވި ފަރާތަށް، އަލުން ދިރުއްވުމަކީ މާފަސޭހަކަމެކެވެ. މިއީ އަޅުގަނޑުމެންގެ ބުއްދީގެގޮތުން ބަލާއިރު އެކަމުގެ ޙަޤީޤަތެވެ. ކަންމިހެންހުރިއިރު، ކުޅަދުންވަންތަ، އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން މާތަނަވަސްވެގެންވެއެވެ. އެއިލާހާ އެއިލާހުގެ އަޅުތަކުންނާ އަޅާނުކިޔޭނެއެވެ. މިއީ ހަމައެކަނި އަޅުގަނޑުމެންނަށްވާ ބުއްދީގެ މިސާލެކެވެ. މިކަމާބެހޭ އިތުރު ތަފްޞީލު ޤިޔާމަތްދުވަހު މީސްތަކުން އެއްކުރެއްވުމާބެހޭ ބައިގައި އަދި އަންނަހުއްޓެވެ. إن شاء الله.