[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 12 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلا تَقْتُلُوا أَوْلادَكُمْ مِنْ إِمْلاقٍ نَحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ
(الأنعام: ١٥١)
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެއިލާހާއި އެއްވެސް އެއްޗެއް ބައިވެރިކޮށް ޝަރީކު ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤުދެއްވަނީ، ތިމަންއިލާހެވެ. އަދި ފާޙިޝްކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.

___________________________________

ޝަރަޙަ

ކުރީގެ ފިލާވަޅުގައި މިއާޔަތުގެ ޝަރަޙައިގެ ދެވަނަބައި ގެނެސްދެވިފައިވާނެއެވެ.

(وَلا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ): އަދި ފާޙިޝްކަންތައްތަކާ ތިޔަބައިމީހުން ކައިރިނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކެވެ.

މިއާޔަތުގައި، ފާޙިޝްކަންތަކަށް އަރައިނުގަންނާށޭ އެންގެވުމުގެ ބަދަލުގައި ﷲތަޢާލާ އަންގަވާފައިމިވަނީ އެއާއި ކައިރިވެސް ނުވުމަށެވެ. މާނައަކީ ފާޙިޝްކަމަކަށް މަގުފަހިވެދާނެ އެންމެހައި ކަންތައްތަކުންވެސް ދުރުހެލިވެ ރައްކާތެރިވާށެވެ. އެހެންކަމުން ﷲތަޢާލާވަނީ، ހިލޭއަންހެނުންނަށް ބެލުން ޙަރާމްކުރައްވާފައެވެ. އަދި އެމީހުންނާއެކު އެކަހެރިވުންވެސް ޙަރާމްކުރައްވާފައެވެ. އަދި އަންހެނުން މަޙްރަމަކާނުލައި ދަތުރުކުރުންވެސް ޙަރާމްކުރައްވާފައެވެ. އެހެނީ މިއެންމެހައި ކަންތައްތަކަކީ، ފާޙިޝްކަންތަކަށް މަގުފަހިކުރާ ކަންތަކެވެ.

މިއާޔަތުގައި ދުރުވާށޭ އަންގަވާފައިމިވާ ފާޙިޝްކަންތަކުގެ ތެރޭގައި އެންމެހައި ފާފަތައް ޝާމިލުވެގެންވެއެވެ.

ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކުގެ މުރާދަކީ ފާޅުގައި ޒިނޭކުރުމާއި، ސިއްރުން ޒިނޭކުރުން ކަމުގައި ބުނެވެއެވެ. އަދި އެއީ ހުރިހާ އެންމެންވެސް ފާޙިޝްކަމެއްކަމުގައި ދެކޭ ކަންތަކާއި، ބައެއް މީހުންގެ ނަޒަރުގައި އެފަދަކަމަކަށްނުވާ ކަންތައް ކަމުގައިވެސް ބުނެވެއެވެ. އަދި ހަމައެހެންމެ، ބޮޑުވެގެންވާ ފާޙިޝްކަންތަކާއި، ނިސްބަތުން އެއަށްވުރެ ކުޑަ ފާޙިޝްކަންތައް ކަމުގައިވެސް ބުނެވެއެވެ. އެހެނީ ހުރިހާ ފާޙިޝްކަންތަކަކީވެސް އެއްދަރަޖައެއްގައިވާ ފާޙިޝްކަންތަކެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހަދީޘެއްގައި، ‘ބޮޑެތިފާފަތަކުގެ ތެރެއިން އެންމެބޮޑު ފާފަތައް ބަޔާންކޮށްދެއްވަމުތޯ’، އައިސްފައިވުމުން މިކަންތައް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

މުއުމިނު އަޅާ، ސިއްރާއި ފާޅުގައިވެސް ﷲތަޢާލާއަށް ބިރުވެތިވާނެއެވެ. މަގުމަތީގައި ﷲތަޢާލާ ޙަރާމްކުރައްވާފައިވާ އެންމެހައި ކަންތަކުން ދުރުހެލިވާފަދައިން އެކަހެރިވާ ވަގުތުގައިވެސް ދުރުހެލިވާނެއެވެ. އަދި ދުވާލުގެ އަލީގައި ދުރުހެލިވާފަދައިން، ރޭގަނޑުގެ އަނދިރީގައިވެސް ދުރުހެލިވާނެއެވެ. ކަމެއް ޙަރާމްވުމުގެ މާނައަކީ، ހަމައެކަނި މީސްތަކުންނަށް ފެންނަތަނުގައި އެކަންކުރުން ހުއްދަނުވުމެއް ނޫނެވެ. ޙަރާމްކަމެއްވާނީ ޙަރާމްކަމަކަށެވެ. އެއީ ސިއްރުން ކުރިކަމުގައިވިޔަސް، އަދި ފާޅުގައި ކުރިކަމުގައިވިޔަސްމެއެވެ. ކިތަންމެ ސިއްރުން ކުރިޔަސް ﷲތަޢާލައަށް އެއްވެސް ކަމެއް ވަންހަނާވެގެންނުވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ (الملك: ١٣) ” ތިޔަބައިމީހުން ބުނާއެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން، އެއިލާހީ، ހިތްތަކުގައި ވާހާކަމެއްވެސް، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” އެހެންކަމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުއްމަތަށް އިރުޝާދުދެއްވައި ޙަދީޘްކުރައްވާފައިވެއެވެ. اتَّقِ اللَّهَ حَيْثُمَا كُنْتَ (رواه الترمذي وحسنه الألباني) “ތިބާ ވީކޮންމެތަނެއްގައި ﷲއަށް ބިރުވެތިވާށެވެ.” މިފަދައިން ﷲއަށް ބިރުވެތިވާ އަޅުންނާ ބެހޭގޮތުން ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ (الملك: ١٢) “ހަމަކަށަވަރުން، (މީސްތަކުންނަށް) ނުފެންނަތާނގައި އެއުރެންގެ ވެރިއިލާހަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ.”

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-ފާޙިޝްކަންތަކަށް އަރައިނުގަންނާށޭ އެންގެވުމުގެ ބަދަލުގައި ކައިރިނުވާށޭ އެންގެވުމުގެ ޙިކުމަތަކީ ކޮބާ؟

2-ފާޅުވެގެންވާ ފާފަތަކާއި ވަންހަނާވެގެންވާ ފާފަތަކަކީ ކޮބާ؟

3-ސިއްރާއި ފާޅުގައިވެސް ﷲއަށް ބިރުވެރިވާ އަޅުންނަށް އޮތް ޖަޒާއަކީ ކޮބާ؟

-ނުނިމޭ-

__________________________________________

ކުރީގެ ބައިތައް