[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤުވާއާއި އޭގެއަހުލުވެރިންގެ ޞިފަތަކާއި އޭގެ މޭވާތައް -3-

(ކުރީގެ ބަޔާއި ގުޅޭ)

މަތީގައި ބަޔާންވެދިޔައީ ތަޤުވާއާއި ބެހޭގޮތުން އައިސްފައިވާ ޢިލްމުވެރިންގެ ބަސްފުޅުތަކާއި ތަޤުވާގެ ބައިތަކާއި ތަޤުވާގެ ހަރުފަތްތަކެވެ.

ފަހެ ތަޤުވާގެ މާނާ ފުޅާވެގެންވެއެވެ. އަދި މީސްތަކުންގެ ޢަމަލުކުރުމުގެ ޙާލަތު ހުންނަގޮތުން އެކި މީހުން އެކިމިންވަރަށް ތަޤުވާވެރިވެއެވެ. މިގޮތުން މީސްތަކުންގެ ތެރޭގައި އެބައިމީހުންގެ ނަފްސުތައް ނަރަކައި ދިގުދެމިގެންވާ ނިމުމެއްނުވާ ޢަޒާބުން ސަލާމަތްކުރާ ބަޔަކުވެއެވެ. އެބަޔަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް އިޤުރާރުވާ މީހުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރަސޫލުކަން ތެދުކުރާމީހުންނެވެ. އެހެނެއްކަމަކު އެބައިމީހުންގެ ނަފްސުތައް މުޅިން އެކީ ނަރަކައިން ރައްކާތެރިކުރާ ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ. ސަބަބަކީ އެބައިމީހުން ބައެއް ވާޖިބުތައް ނުކޮށް ދޫކޮށްލާތީއެވެ. އަދި ބައެއް ހަރާމް ކަންތަކަށް އަރައިގަނެވޭތީއެވެ. އެހެން ނަމަވެސް ނަރަކައިގައި އަބަދުގެ އަބަދަށް ދެމިތިބުން އެބައިމީހުންގެ މައްޗަކަށް ނުވެއެވެ. މިއީވެސް ތަޤުވާވެރިންގެ ތެރެއިންވާ ބަޔެކެވެ. އަދި މިއީ ތަޤުވާގެ އެންމެ ދަށުދަރަޖައިގެ އަހުލުވެރިންނެވެ. އަދި އެބައިމީހުންނަކީ ފުރިހަމައަށް ތަޤުވާވެރިވާ ބައެއްކަމުގައި ނުބުނެވޭނެއެވެ. ސަބަބަކީ މިފަދައިން ޢަމަލުކުރާމީހާ ނަރަކައިގެ ޢަޒާބަށް ހުށައެޅިގެންވެއެވެ. ﷲ ތަޢާލާ އެމީހަކަށް ރަޙްމަތައް ލައްވައި ފާފަފުއްސަވައިފި ބަޔަކު މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެއިލާހަށް ޝިރުކު ކުރުން ފިޔަވައި އެހެން ހުރިހާ ފާފައެއް އެއިލާހު އިރާދަކުރައްވާ އަޅަކަށް ފުއްސަވައިދެއްވައެވެ.

އަދި މީސްތަކުންގެ ތެރޭގައި ކުފުރާއި ބޮޑެތިފާފަތަކުން ދުރުހެލިވެ ރައްކާތެރިވެ ތަޤުވާވެރިވާމީހުންވެސް ތިބެއެވެ. އެބައިމީހުން ﷲ ތަޢާލާއަށް އަޅުވެތިވުމުގައި ދެމިތިބެއެވެ. އަދި ވާޖިބުތައް އަދާކޮށް ބޮޑުވެގެންވާ ޙަރާމް ކަންތައްތަކުން ނުވަތަ ބޮޑެތި ފާފަތަކުން ދުރުހެލިވެ ރައްކާތެރިވެއެވެ. އެހެންނަމަވެސް އެބައިމީހުން ކުޑަ ފާފަތަކަށް އަރައިގަނެއެވެ. އަދި ސުންނަތް އަޅުކަންތައް ކުރުން ގިނަކުރާ ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ. ފަހެ އެބައިމީހުން ކާމިޔާބާއި ފަލާޙާއި ކައިރިވެއްޖެކަމާމެދު ޝައްކެއްނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا) سورة النساء 31 މާނައީ: ” ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ.  “ އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (الصلوات الخمس و الجمعة إلى الجمعة ،و رمضان إلى رمضان مكفرات لما بينهن ماجتنبت الكبائر ) މާނައީ: ” ފަރުޟު ފަސްނަމާދާއި، އެއްހުކުރަކީ އަނެއްހުކުރާއި ހަމަޔަށް، އަދި އެއް ރަމަޟާނަކީ އަނެއް ރަމަޟާނާއި ހަމަޔަށް އެ ދެމެދުގައިކުރެވޭ ފާފަތަކަށްވާ ބަދަލެކެވެ.” އެހެންނަމަވެސް އެބައިމީހުންނަށް ނަރަކައިން ފުރިހަމަ ރައްކާތެރިކަން ލިބިގެންނުވެއެވެ. ސަބަބަކީ އެބައިމީހުން ފަރުޟުތައް އަދާކުރުމުގައި ފަރުވާކުކޮށްފައިވާތީއެވެ. އަދި ސުންނަތްތައް ގިނަގިނައިން ކޮށްނޫޅޭތީއެވެ. އަދި އެބައިމީހުން ކުޑަ ފާފަތަކަށް އަރައިގަންނާތީއެވެ. ފަހެ ކުޑަފާފަތަކަކީ ބޮޑު ފާފަތަކަށްވާ މަގެކެވެ. އެހެންކަމުން އެބައިމީހުން ބޮޑުފާފަތަކަށް ހުށައެޅިދާނެކަމުގަ ބިރުވެސްބޮޑެވެ. އަދި އެބައިމީހުން ދީނުގައި އުފެދޭ ޝުބުހަތަކުން ރައްކާތެރިވެ ނޫޅެއެވެ. އަދި މަކުރޫހަކަންތައް ކުރުމުންވެސް ދުރުހެލިނުވެއެވެ. އެހެންކަމުން މިދެކަންތަކާއެކު އާޅާގެ ތަޤުވާވެއިކަން ފުރިހަމަނުވާހުއްޓެވެ.

އެހެންކަމުން ﷲ ތަޢާލާ އެއިލާހުގެ ކަލާމްފުޅުގައި ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ) سورة آل عمران 102 މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! “ ފަހެ މަތީގައި ބަޔާންވެދިޔައީ ﷲ އަށް އީމާންވާ މީހުންގެ ތެރެއިން ދެ ދަރަޖައެއްގައި ތަޤުވާވެރިވާ ބަޔެއްގެ ވާހަކައެވެ. އެހެން ނަމަވެސް އެބައިމީހުންނަށް އެއިލާހަށް ތަޤުވާވެރިވުން ޙައްޤުގޮތުގައި ތަޤުވާވެރިވެވިފައި ނުވެއެވެ. ދެންފަހެ ތަޤުވާ އޭގެ ޙައްޤުގޮތުގައި ޤާއިމްކުރުމަށްޓަކައި އޭގެ ޙަޤީޤީ މާނަ ދެނެގަންނަން ޖެހެއެވެ. ތަޤުވާގެ ޙަޤީޤީ މާނައަކީ އަޅާ، ފާފަތަކުގެ ތެރެއިން ކުދިފާފަތަކާއި ބޮޑެތި ފާފަތަކުން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރުމާއި، ﷲ ތަޢާލާ އެއަޅާގެ މައްޗަށް ވާޖިބުކުރެއްވި ހުރިހާކަމެއް ކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި ސުންނަތް އަޅުކަންވެސް އޭނާއަށް ކުޅަދާނަވީ މިންވަރަކުން ކުރުމެވެ. އުއްމީދުކުރެވޭގޮތުގައި ސުންނަތް އަޅުކަންތައް ކުރުން ގިނަކުރިވަރަކަށް ވާޖިބުކަންތައް ކުރުމުގައި ހުންނަ އުނިކަންތައްތައް ފޫބެދި ކުދި ފާފަތަކުން އާޅާ ދުރުހެލިކޮށްދީ ބޮޑެތި ފާފަތަކުން އަޅާ ސަލާމަތްވުމަށްޓަކައި އަޅާގެ ވަށައިގެން ވަރުގަދަ ކިއްލާއެއް ބިނާކޮށްދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  (فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ) سورة التغابن 16 މާނައީ: ” ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ!  “ އެހެންކަމުން އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުޅަދާނަވީ މިނަވަރަކުން ﷲ ތަޢާލާއަށް ތަޤުވާވެރިވުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ. ފަހެ ޙަޤީޤީ ތަޤުވާވރެރިޔަކީ މަތީގައި ބަޔާންވެދިޔަގޮތަށް ތަޤުވާވެރިވާ މީހާއެވެ. އަދި ތަޤުވާގެ ފުރިހަމަ ސިފަ ޙައްޤުވެގެންވަނީ އެފަދައިން ތަޤުވާވެރިވާމީހާ އަށެވެ. ފަހެ އޭނާ ﷲ ތަޢާލާއަށް އަޅުވެތިވެ އެއިލާހު އަމުރުކުރެއްވި ވާޖިބުތައް އަދާކުރުމުގައި ދެމިހުރެއެވެ. އަދި އެއިލާހު ޙަރާމްކުރެއްވި ހުރިހާކަމަކުން ދުރުހެލިވެގަނެއެވެ. އަދި އެކަމެއް ކުރުމުން މައްސަލައެއްނެތް ކަންތައްވެސް އެކަމެއް ކުރުމުން މައަސްލައެއް ކުރިމަތިވެދާނެ ކަމަކަށް މަގުފަހިވެދާނެކަމަށްޓަކައި ދޫކޮށްލައެވެ. ފަހެ ސަލަފުއް ޞާލިޙުން އެބޭކަލުންގެ ބަސްފުޅުތަކުގައި ގެންނަވާފައިވާ ތަޤުވާވެރިކަމަކީ މިއީއެވެ. އަބުއް ދަރްދާއު –ރަޟިޔަﷲޢަންހު- ވިދާޅުވެފައިވެއެވެ. ފުރިހަމަ ތަޤުވާވެރިވުމަކީ އަޅާ ﷲ ތަޢާލާއަށް ބިރުވެތިވެ ޒައްރެއްގެ ބުދަންހުރި ނުބައިކަމަކުންވެސް ރައްކާތެރުވުމެވެ. އަދި އޭނާއަށް ޙާލާލުކަންތައްކަމުގައި ފެންނަ ކަންތައްތައްވެސް ޙަރާމްކަމަކަށް ވެދާނެތީ ބިރުވެތިވެ އެކަމެއް ނުކޮށް ދުކޮށްލުމެވެ.

އައްޘަޥްރީ –ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ” އެބައިމީހުންނަށް ތަޤުވާވެރިންނޭ ކިޔުނީ އެބައިމީހުން މީސްތަކުން އެކަންތައްތަކުން ރައްކާތެރިނުވާ ކަންތައްތަކުން ރައްކާތެރިވާތީއެވެ.”

އަބޫ ހުރައިރާ ރަޟިޔަﷲޢަންހުގެ އަރިހުން ތަޤުވާއާ ބެހޭގޮތުން ސުވާލުކުރެވުނެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “ތިބާ ކަށި ހުރި މަގަކުން ދިޔައިންތޯއެވެ؟” ސުވާލުކުރި ބޭކަލާ ވިދާޅުވިއެވެ. އާދޭހެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” އޭރު ތިބާކަންތައް ކުރީ ކިހިނެއްތޯއެވެ؟” އެ ބޭކަލާ ވިދާޅުވިއެވެ. “ތިމަން އެކަށިތައް ދޫކޮށްދިޔައީމެވެ. އަދި އެކަށިތައް ފަހަނައަޅައި ދިޔައީމެވެ. އަދި އެއެއްޗެހީގައި ނުޖެހޭގޮތަށް ދިޔައީމެވެ. ދެން އަބޫހުރައިރާ –ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. “ތަޤުވާ އަކީ އެއީއެވެ.”

ފަހެ މިމާނާގައި އިބްނުލް މުޢުތަމަރު ވިދާޅުވެފައިވެއެވެ.

خلّ الذنوب صغيرها * و كبيرها ذاك التقى

و اصنع كماش فوق أر * ض الشوك يحذر ما يرى

لا تحقرن صغيرة * إن الجبال من الحصى

މާނަ:

ކުދި ފާފަތަކާއި ބޮޑުފާފަތައް ދޫކޮށްލާށެވެ. ތަޤުވާވެރިވުމަކީ އެއީއެވެ.

ގަސްގަހުގެ ކަށިހުރި މަގަކުން ހިނގާފައި ދާ މީހަކު ކަންތައްކުރާ ފަދައިން ކަންތައްކުރާށެވެ. މަގުމަތިން ފެންނަ ކަށިތަކުން ރައްކާތެރިވާށެވެ.

ކުދިފާފަތަކާމެދު އަޅާނުލާ ދޫކޮށްނުލާށެވެ. ހަމަކަށަވަރުން ފަރުބަދަ އުފެދިގެނަވަނީ ކުޑަ ގާކޮޅުތަކުގެމައްޗަށެވެ.

އިމާމް އަޙްމަދު –ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ” ތަޤުވާއަކީ ބިރުވެރތިވާ ކަންތައް ހިމެނޭކަންތަކުން ދުރުވެގަތުމެވެ.”

އަދި ބުނެވެއެވެ. ” އެއީ ﷲ އަށް ބިރުވެތިވުމެވެ. އަދި މަރުވެދާ ދުވަހަށް ތައްޔާރުވުމެވެ. އަދި ﷲ ބާވައިލެއްވި ފޮތަށް ޢަމަލުކުރުމެވެ. “ އަދި ބުނެވެއެވެ. “އެއީ ތިބާއަށް ﷲ ނަހީކުރެއްވި ކަމެއް ތިބާ ކުރަނިކޮށް ﷲ އަށް ފެނިވޮޑިނުގަތުމެވެ. އަދި އެއިލާހު ކަމަކަށް އަމުރުކުރައްވައިފިނަމަ އެކަމެއް ކުރުމުން މަޙްރޫމް ނުވުމެވެ.”

ނުނިމޭ
مصدر: ” التقوى , صفات أهلها و ثمراتها في الدنيا و الآخرة ” لفضيلة الشيخ الدكتور صالح بن إبراهيم بن صالح آل الشيخ

މިލިޔުމުގެ އިތުރު ބައިތައް ބެއްލެވުމަށް