އެކަމަނާއަކީ އައްޞިއްދީޤާ ބިންތު އައްޞިއްދީޤެވެ. ތެދުވެރި ކަލޭގެފާނުގެ ދަރިކަނބަލުން، ތެދުވެރި ކަމަނާއެވެ. އެކަމަނާއަކީ މުއުމިނުންގެ މަންމާފުޅެވެ. އުއްމުލް މުއުމިނީން ޢާއިޝާ ބިންތު އަބީ ބަކުރު ބުން ޤުޙާފާ –ރަޟިޔަﷲޢަންހުމާ- އެވެ. އެކަމަނާގެ މަންމާފުޅަކީ އުއްމު ރޫމާން ބިންތު ޢާމިރު ބިން ޢުވައިމިރު އަލްކިނާކިއްޔާއެވެ. ޢާއިޝާ -ރަޟިޔަﷲޢަންހާ- އުފަނެވެވަޑައިގެންނެވީ މުސްލިމް ޢާއިލާއަކަށެވެ. އެކަމަނާ އުފަންވެވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ މާތްވެގެންވާ އިސްލާމް ދީނަށް ގޮވައިލައްވާން ފެއްޓެވިތާ ހަރަތު އަހަރު ނުވަތަ ފަސް އަހަރު ފަހުންނެވެ. ފަހެ އެކަމަނާ އަކީ ހަށިކޮޅުގެ ކުލަ ދޮން ރީތި ކަނބަލެވެ.
ކައިވެނިފުޅުބެއްލެވުން:
ޢާއިޝާ -ރަޟީޔަﷲޢަންހާ- ކައިވެނިބެއްލެވީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އާއެވެ. އެކަލޭގެފާނު އެކަމަނާއާއި ކައިވެނިފުޅުބެއްލެވީ މަދީނާއަށް ހިޖުރަކުރެއްވުމުގެ މަސްތަކެއް ކުރިންނެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ހަ އަހަރުފުޅެވެ. އަދި މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމާނާއާއެކީ ރޭކުރެއްވީ ހިޖުރައިން ދެވަނަ އަހަރުގެ ޝައްވާލްމަހު އެކަމަނާގެ ޢުމުރުފުޅުން ނުވަ އަހަރުފުޅުގައެވެ. ފަހެ އެކަމަނާ މިކަމާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ.
(تَزَوَّجَنِى رَسُولُ اللَّهِ -صلى الله عليه وسلم- لِسِتِّ سِنِينَ وَبَنَى بِى وَأَنَا بِنْتُ تِسْعِ سِنِينَ. ) رواه مسلم
މާނައީ: “ތިމަންކަމަނާއާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކައިވެނިބެއްލެވީ ތިމަންކަމަނާއަށް ހަ އަހަރުންނެވެ. އަދި ތިމަންކަމަނާއާއެކު ރޭކުރެއްވީ ތިމަންކަމަނާ ނުވައަހަރުގެ އަންހެންކުޖެއް ކަމުގައި ވީއިރެވެ.”
ފަހެ އެކަމަނާއާއި ކައިވެނިބެއްލެވުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަލޭގެފާނުގެ ހުވަފެންފުޅުގައި އެކަމަނާ ފެނިވަޑައިގެންފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އެކަމަނާ ރިވާކުރައްވާފައިވާ ޙަދީފުޅެއްގައިވެއެވެ.
(أُرِيتُكِ فِى الْمَنَامِ ثَلاَثَ لَيَالٍ جَاءَنِى بِكِ الْمَلَكُ فِى سَرَقَةٍ مِنْ حَرِيرٍ فَيَقُولُ هَذِهِ امْرَأَتُكَ. فَأَكْشِفُ عَنْ وَجْهِكِ فَإِذَا أَنْتِ هِىَ فَأَقُولُ إِنْ يَكُ هَذَا مِنْ عِنْدِ اللَّهِ يُمْضِهِ ) رواه مسلم
މާނައީ: ” ތިންރޭ ތިމަންކަލޭގެފާނަށް ހުވަފެންފުޅުގައި ކަމަނާދެއްކެވުނެވެ. ފަށުވިފޮތީގެ މޮޅުފޮތިކޮޅެއްގެ ތެރެއަށްލައިގެން މަލާއިކަތަކު ކަމަނާ ގެންނަވާފައި ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. މިއީ ކަލޭގެފާނުގެ އަނބިކަނބަލުންނެވެ. ދެން ތިމަންކަލޭގެފާނު އެފޮތިކޮޅު ކަމަނާގެ މޫމުމަތިން ކަޝްފުކުރެއްވިއިރު އޭގެތެރޭގައިވަނީ ކަމަނާއެވެ. އަދި ތިމަންކަލޭގެފާނު ވިދާޅުވީމެވެ. މިހުވަފެންފުޅަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންއައި ޚަބަރެއްނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ މިކަންތައް މެދުވެރިކުރައްވާނެއެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢާއިޝާ -ރަޟިޔަﷲޢަންހާ- ފިޔަވައި ބިކުރުވެރި ބޭކަނބަލަކާއި ކައިވެނިބައްލަވައި ނުގަންނަވައެވެ. ފަހެ މިކަމަކީ އެކަމަނާ އެކަމެއްގެ މައްޗަށް ފަޚުރުވެރިވެވަޑައިގަންވާ ކަމެކެވެ. މިކަމާއި ބެހޭގޮތުން އެކަމަނާ ވިދާޅުވެފައިވެއެވެ. ތިމަންކަމަނާ ވިދާޅުވީމެވެ.
(يَا رَسُولَ اللهِ أَرَأَيْتَ لَوْ نَزَلْتَ وَادِيًا وَفِيهِ شَجَرَةٌ قَدْ أُكِلَ مِنْهَا وَوَجَدْتَ شَجَرًا لَمْ يُؤْكَلْ مِنْهَا فِي أَيِّهَا كُنْتَ تُرْتِعُ بَعِيرَكَ قَالَ فِي الَّذِي لَمْ يُرْتَعْ مِنْهَا تَعْنِي أَنَّ رَسُولَ اللهِ صلى الله عليه وسلم لَمْ يَتَزَوَّجْ بِكْرًا غَيْرَهَا.) رواه البخاري .
މާނައީ : ” އޭ ﷲ ގެ ރަސޫލާ –ޞައްލަﷲޢަލައިހިވަސައްލަމަ- އެވެ. މިކަމާމެދު ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟ ކަލޭގެފާނު ވާދީއަކަށް ފައިބައިވަޑައިގެންނެވިއެވެ. އެވާދީގައި ކައިފައިހުރި ގަސްތަކެއް ވެއެވެ. އަދި އެ ވާދީއިން ނުކައިހުރި ގަސަތަކެއްވެސް ކަލޭގެފާނަށް ފެނިވަޑައިގެންފިއެވެ. ފަހެ ކަލޭގެފާނުގެ ޖަމަލުކޮޅު ހުއިހައްޕަން ގެންދަވާނީ އެތަނުން ކޮން ގަސްތަކެއް ކައިރިޔަށް ހެއްޔެވެ؟ އެކަލޭގެފާނު ޖަވާބުދެއްވިއެވެ: އެގަސްތަކަކުން (ކުރީގައި) ހުއިހައްޕާފައި ނުވާ ގަސްތަކެއްގެ ކައިރިއަށެވެ. ފަހެ އެކަމަނާގެ މިބަސްފުޅުގެ މުރާދައަކީ އެކަމަނާ ފިޔަވައި އެހެން ބިކުރުވެރި ބޭކަނބަލަކާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކައިވެނިފުޅު ނުކުރައްވައެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާދެކެ ލޯބިވެވަޑައިގަންނަވާ މިންވަރު:
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިތްޕުޅުގައި އެކަމަނާއަށް ޚާއްޞަ މަޤާމެއް ދެވިގެންވެއެވެ. އަދި އެކަލޭގެފާނު އެކަމަނާ ދެކެވެވަޑައިގަންނަވާ ލޯބިފުޅު ސިއްރުނުކުރައްވައެވެ. ފަހެ އެކަލޭގެފާނު އެކަން ފާޅުކުރައްވާފައިވެއެވެ. ހިޖުރައިން އަށްވަނަ އަހަރުގައި އިސްލާވެވަޑައިގެންނެވި ޞަޙާބީ ބޭކަލެއް ކަމުގައިވާ ޢަމްރު ބުނުލް ޢާޞް އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ.
(فَقُلْتُ أَيُّ النَّاسِ أَحَبُّ إِلَيْكَ قَالَ عَائِشَةُ فَقُلْتُ مِنَ الرِّجَالِ فَقَالَ أَبُوهَا) متفق عليه.
މާނައީ: ” އޭ ﷲގެ ރަސޫލާ –ޞައްލަﷲޢަލައިހިވަސައްލަމަ- އެވެ. ކަލޭގެފާނު މީސްތަކުންގެ ތެރެއިން އެންމެ ލޯބިވެވަޑައިގަންނަވަނީ ކާކު ދެކެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ޢާއިޝާއެވެ. ޢަމްރު ބުނުލް ޢާޞް ވިދާޅުވިއެވެ: ފަހެ ފިރިހެނުންގެ ތެރެއިން ކޮންބޭކަލެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އެކަމަނާގެ ބައްޕާފުޅެވެ. (އަބޫބަކުރު ޜަޟިޔަﷲޢަންހު އެވެ.)”
އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ޢާއިޝާ -ރަޟިޔައްﷲޢަންހާ- ވިދާޅުވެފައިވެއެވެ.
((كُنْتُ أَشْرَبُ وَأَنَا حَائِضٌ ، ثُمَّ أُنَاوِلُهُ النَّبِيَّ ـ صلى الله عليه وسلم ـ فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ ، فَيَشْرَبُ . وَأَتَعَرَّقُ الْعَرْقَ وَأَنَا حَائِضٌ ، ثُمَّ أُنَاوِلُهُ النَّبِيَّ ـ صلى الله عليه وسلم ـ ، فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ))
މާނައީ: “ތިމަންކަމަނާ ޙައިޟުވެރިވެފައިވަނިކޮށް އެއްޗެހި ބޮއެހައްދަވަމެވެ. އަދި އެއަށްފަހު އެއިން އެކަލޭގެފާނަށް ދެއްވަމެވެ. ފަހެ އެކަލޭގެފާނު ތިމަންކަމަނާ އަނގަފުޅު ޖެއްސެވިތަނުގައި އެކަލޭގެފާނުގެ އަނގަފުޅު ޖައްސަވައެވެ. އަދި އެއިން ހިއްޕަވެއެވެ. އަދި ތިމަން ކަމަނާ ޙައިޟުވެރިވެފައިވަނިކޮށް މަސް ކައިހައްދަވަމެވެ. އަދި އެއަށްފަހު އެމަސްކޮޅު އެކަލޭގެފާނަށް ދެއްވަމެވެ. ދެން އެކަލޭގެފާނު ތިމަންކަމަނާ އަނގަފުޅުޖެއްސެވި ތަނުގައި އަނގަފުޅުޖައްސަވައެވެ.”
އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ގެންނަވާފައިވާ -ޢާއިޝާ ރަޟިޔަﷲޢަންހާ- ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.
(وَاللَّهِ لَقَدْ رَأَيْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُومُ عَلَى بَابِ حُجْرَتِي ، وَالْحَبَشَةُ يَلْعَبُونَ بِالْحِرَابِ ، وَرَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتُرُنِي بِرِدَائِهِ لأَنْظُرَ إِلَى لَعِبِهِمْ مِنْ بَيْنِ أُذُنِهِ وَعَاتِقِهِ ، ثُمَّ يَقُومُ مِنْ أَجْلِي ، حَتَّى أَكُونَ أَنَا الَّتِي أَنْصَرِفُ ) رواه الإمام أحمد، وصححه الأرنؤوط .
މާނައީ ” ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ތިމަންކަމަނާގެ ކޮޓަރިކޮޅުގެ ދޮރުކޮޅުމަތީގައި ކޮޅަށްހުންނެވިތަން ތިމަންކަމަނާ ދެކެވަޑައިގަތީމެވެ. އޭރު ޙަބަޝީން ހެވިކަމުގެ ކުޅިވަރުތައް ކުޅެމުންދެއެވެ. އެކަލޭގެފާނުގެ ކަންފަތްޕުޅާއި ކޮނޑުފުޅުގެ ދޭތެރެއިން އެމީހުން އެކުޅޭ ކުޅިވަރުތައް ތިމަންކަމަނާ ބެއްލެވުމަށްޓަކައި އެކަލޭގެފާނުގެ ރިދާކޮޅުން ތިމަންކަމަނާ ނިވާކުރެއްވިއެވެ. އެއަށްފަހު ތިމަންކަމަނާއަށްޓަކައި ކޮޅަށްހުންނެވިއެވެ. އެއީ ތިމަންކަމަނާ (ބޭނުން އިރަކު) އެތަނުން ދާންދެނެވެ.”
އަދިވެސް އެކަމަނާ ރިވާ ކުރައްވާފައިވެއެވެ.
(أَنَّهَا كَانَتْ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي سَفَرٍ وَهِيَ جَارِيَةٌ ، فَقَالَ لأَصْحَابِهِ : تَقَدَّمُوا ، فَتَقَدَّمُوا ثُمَّ قَالَ لَهَا : تَعَالَيْ أُسَابِقْكِ ) رواه الإمام أحمد وصححه الأرنؤوط .
މާނައީ: ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކީ ދަތުރުފުޅެއްގައި އެކަމަނާ ވިއެވެ. އޭރު އެކަމަނާއަކީ ޒުވާންކުއްޖެކެވެ. ފަހެ އެކަލޭގެފާނު އެކަލޭގެފާނުގެ އަޞްހާބުބޭކަލުންނަށް ވިދާޅުވިއެވެ. ތިޔަބޭކަލުން ކުރިޔަށްވަޑައިގަންވާށެވެ. ދެން އެބޭކަލުން ކުރިޔަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ތިމަންކަމަނާއަށް ވިދާޅުވިއެވެ. ކަމަނާއާ އެކީ ތިމަންކަލޭގެފާނު ދުވުމުގެ ރޭސްޖެހުމަށްޓަކައި ކަމަނާ އަންނާށެވެ. “
ޢައިޝާ -ރަޟިޔަﷲޢަންހާގެ- ޢިލްމުފުޅު:
ޢާއިޝާ ރަޟިޔަﷲއަންހާ ޢިލްމު އުނގެނިވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުންނެވެ. ފަހެ އެކަމަނާ އެކަލޭގެފާނުގެ އަރިހުން ވަރަށް ގިނަ ޢިލްމު އުނގެނިވަޑައިގަތެވެ. ފަހެ އެކަމަނާ ހިމެނިވަޑައިގަންނަވަނީ ގިނަ ޙަދީޘް ރިވާކުރެއްވި ބޭފުޅުންގެ ތެރެއިންނެވެ. ފަހެ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ މި އުއްމަތުގެ އަންހެންކަނބަލުންގެ ތެރޭގައި އެކަމަނާއަށް އެނގޭމިންވަރަށް އިސްލާމްދީނުގެ ޢިލްމު އެނގިވަޑައިގަންނަވާ އެއްވެސް އަންހެންބޭކަނބަލަކު ނުވެއެވެ. މަސްރޫޤުގެ އަރިހުން ޙާކިމް އާއި ދާރިމީ ރިވާކުރައްވާފައިވެއެވެ. މަސްރޫޤަށް ބުނެވުނެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ފަރާއިޟުގެ ޢިލްމަށް (ވާރުތަ މުދާ ބަހާނެގޮތާއި ބެހޭ ޢިލްމަށް) މޮޅުތޯއެވެ؟ މަސްރޫޤު ބުންޏެވެ. އާނއެކެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންގެ ހިތްވާފަރާތް ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންގެ ޢިލްމުވެރިން އެކަމަނާއާއި ފަރާޢިޟުގެ ޢިލްމުން ސުވާލުކުރައްވާތީ ތިމަންކަލޭގެފާނު ދެކުނީމެވެ.
އައްޒުހުރީ ވިދާޅުވެފައިވެއެވެ. ” ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޢިލްމުފުޅާއި ހުރިހާ އަންހެނުންގެ ޢިލްމު އެއްކޮށް އެއާއި އަޅާކިޔައިފިނަމަވެސް އެކަމަނާގެ ޢިލްމު މަތިވެރިވެގެންވެއެވެ.”
އަބޫ މޫސާ -ރަޟިޔަﷲޢަންހު- ވިދާޅުވެފައިވެއެވެ. ތިމަންބޭކަލުން، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަޞްހާބުބޭކަލުންނަށް ، ޙަދީޘަކާއި ބޭހޭގޮތުން އޮޅުން އަރައިފިނަމަ ތިމަންބޭކަލުން ޢާއިޝާ ރަޟިޔަﷲޢަންހާ އާއި ސުވާލުކުރައްވައި އެކަމަނާގެ އަރިހުން ތިމަންބޭކަލުންނަށް އެޙަދީޘާއި ބޭހޭ ޢިލްމެއް ނުލިބޭ އެއްފަހަރެއްވެސް ނުދެއެވެ.
– ނުނިމޭ –