[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (2)

ﷲ ވޮޑިގެންވާ ތަނާމެދު މީސްތަކުން:

ﷲ ވޮޑިގެންވާ ތަނާމެދު މީސްތަކުންގެ ބަސްތައް ތަފާތުވެފައިވެއެވެ. އެގޮތުން ހަތަރުބަހެއް ނަގުލުވެފައިވެއެވެ.

ފުރަތަމައީ: ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ހުރިހާ އުޑުތަކެއްގެ މަތީ، އެންމެހާ ޚަލްޤުތަކާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ. މިއީ ސަލަފުންނާއި، އަހުލުއްސުންނަތުގެ ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ޤުރުއާނާއި ސުންނަތް މަގު ދައްކާގޮތެވެ.

ދެވަނައީ: ޖަހުމީންގެ ބައެއްކަމުގައިވާ މުޢައްޠިލާއިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ޢާލަމްތަކުގެ ތެރެއަކުވެސް ނޫނެވެ. އަދި ޢާލާމްތަކުގެ ބޭރުގައެއްވެސް ނޫނެވެ. އަދި އެއިލާހުގެ މަޚްލޫޤުންނާ ވަކިވެ ވަޑައިގެންވެސް ނޫނެވެ. އަދި މަޚްލޫޤުންނާ އެކުގައެއްވެސް ނޫނެވެ. މިބައިމީހުން އިދިކޮޅު ދެޞިފަ އެކީގައި ނަފީކުރަނީއެވެ. މިއީ މުޢުތަޒިލާއިންގެ ގިނަ މީހުންގެވެސް ބަހެވެ.

ތިންވަނައީ: ޖަހުމީންގެ ބައެއްކަމުގައިވާ ޙުލޫލިއްޔާއިންގެ ބަހެވެ. މިބައިމީހުންގެ ބަހަކީ، އެއިލާހުގެ ޛާތުފުޅާއެކު ހުރިހާ ތަނެއްގައި ވޮޑިގެންވެއެވެ.

ހަތަރުވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ ޛާތުފުޅާއިގެން ވޮޑިގެންވަނީ ޢާލަމްތަކުގެ މަތީގައެވެ. އަދި ހަމައެފަދައިން ޛާތުފުޅާއިގެން ކޮންމެތަނެއްގައި ވޮޑިގެންވެއެވެ. މިއީ ޞޫފީންގެ ތެރެއިން ބައެއްމީހުންނާއި، އަހުލުލް ކަލާމްގެ މީހުންގެ ބަހެވެ.

މިބަސްތަކުގެ ތެރެއިން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާ އެއްގޮތްވެގެންވާ ބަޔަކީ ފުރަތަމަ ބައިގެ މީހުންނެވެ. އާދެ، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ބަހެވެ. ދެންތިބި ބާކީ ބައިގަނޑުތަކުގެ ބަސްތަކަކީ ޤުރުއާނާއި ސުންނަތާ ޚިލާފު ބާޠިލު ބަސްތަކެކެވެ.

ސުންނަތާއި ޖަމާޢަތުގެ ޢިލްމުވެރިންގެ ދަލީލުތައް:

ސުންނަތާއި ޖަމާޢަތުގެ ޢިލްމުވެރިންގެ ބަސްފުޅަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ހުރިހާ އުޑުތަކެއްގެ މަތީ، އެންމެހާ ޚަލްޤުތަކާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ. މިއީ ޤުރުއާނާއި، ސުންނަތާއި، ޢިލްމުވެރިންގެ އިޖްމާޢުއާއި، ބުއްދިއާއި، ފިޠުރަތު އެގޮތަކަށް މަގުދައްކާ މަގެވެ.

1. ޤުރުއާނުގެ ދަލީލުތައް:

ޢަރުޝިއަށް އިސްތަވާވޮޑިގެންވާކަމަށް ބަޔާންކުރައްވާފައިވުން: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގެ ހަތްތަނެއްގައި އެއިލާހު އަރުޝިއަށް އިސްތަވާވެވޮޑިގެންވާކަމަށް ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ.

ފުރަތަމަ ތަނަކީ: އަޢްރާފު ސޫރަތުގެ 54 ވަނަ އާޔަތެވެ. ((إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ﷲއެވެ. އެކަލާނގެއީ ހަދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދި ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”

ދެވަނަ ތަނަކީ: ޔޫނުސް ސޫރަތުގެ 3 ވަނަ އާޔަތެވެ. ((إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ﷲއެވެ. އެކަލާނގެއީ ހަދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދި ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”

ތިންވަނަ ތަނަކީ: ރަޢުދު ސޫރަތުގެ 2 ވަނަ އާޔަތެވެ. ((اللّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “ތިޔަބައިމީހުން ދެކޭނޭ އެއްވެސް ތަނބަކާނުލައި އުޑުތައް އުފުއްލެވީ ހަމަ ﷲއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”

ހަތަރުވަނަ ތަނަކީ: ޠާހާ ސޫރަތުގެ 5 ވަނަ އާޔަތެވެ. ((الرَّحْمَنُ عَلَى الْعَرْشِ اسْتَوَى)) މާނައީ: “ރަޙްމާންވަންތަ ﷲ ޢަރުޝިއަށް އިސްތަވާވެވޮޑިގަންނަވައިފިއެވެ.”

ފަސްވަނަ ތަނަކީ: ފުރުޤާން ސޫރަތުގެ 59 ވަނަ އާޔަތެވެ. ((الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “އެކަލާނގެއީ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާތަކެއްޗެއް ހަދުވަހުގެ ތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”

ހަވަނަ ތަނަކީ: ސަޖިދަ ސޫރަތުގެ 4 ވަނަ އާޔަތެވެ. ((اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “އެއީ ﷲއެވެ. އެކަލާނގެއީ އުޑުތަކާއި ބިމާއި އެދެމެދުގައިވާހާތަކެއްޗެއް ހަދުވަހުގެ ތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”

ހަތްވަނަ ތަނަކީ: ޙަދީދު ސޫރަތުގެ 4 ވަނަ އާޔަތެވެ. ((هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ)) މާނައީ: “އެކަލާނގެއީ އުޑުތަކާއި ބިން ހަދުވަހުގެ ތެރޭގައި ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިއަށް އިސްތަވާވެވޮޑިގެންނެވިއެވެ.”

މިހަތް އާޔަތުން ދޭހަކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޢަރުޝިއަށް އިސްތަވާވޮޑިގެންކަމެވެ. ޢަރުޝި ވަނީ އެންމެހާ މަޚްލޫޤާތްތަކުގެ މަތީގައެވެ. އަދި މިއާޔަތްތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ޛާތުފުޅާއިގެން މަޚްލޫޤުންނާއެކުގައިވާކަމަށް ބުނާ މީހުންނަށްވާ ރައްދުތަކެކެވެ.

އެހެން އާޔަތެއްގައި ވަޙީ ކުރައްވާފައިވެއެވެ. ((يَخَافُونَ رَبَّهُم مِّن فَوْقِهِمْ)) النحل: 50 މާނައީ: “އަދި އެބޭކަލުންގެ (އެބަހީ މަލާއިކަތުންގެ) މަތީގައިވާ އެބޭކަލުންގެ ރައްބަށް އެބޭކަލުން ބިރުވެތިވެވަޑައިގަންނަވައެވެ.” އުޑުތަކުގައިވާ މަލާއިކަތުންގެ މަތީގައި އެއިލާހުވާކަމަށް އަންގަވާފައިވާއިރު، އެއިލާހުގެ ޛާތުފުޅާއިގެން ބިމުގައިވާ މަޚްލޫޤުންނާއެކު ވާނެކަމަށް ބުނުމާއި، އެގޮތަށް ޤަބޫލުކުރުމަކީ ބާޠިލުކަމެކެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَهُوَ الْحَكِيمُ الْخَبِيرُ)) الأنعام: 18 މާނައީ: “އަދި އެކަލާނގެއީ އެހެންފަރާތްތައް ދެރަކުރައްވާ ގަދަފަދަވަންތަ ކަލާނގެއެވެ. އެކަލާނގެ އަޅުތަކުންގެ މަތީގައި ވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ޙަކީމްވަންތަ ޚަބީރުވަންތަ ކަލާނގެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَيُرْسِلُ عَلَيْكُم حَفَظَةً)) الأنعام: 61 މާނައީ: “”އަދި އެކަލާނގެއީ އެހެންފަރާތްތައް ދެރަކުރައްވާ ގަދަފަދަވަންތަ ކަލާނގެއެވެ. އެކަލާނގެ އަޅުތަކުންގެ މަތީގައި ވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ރައްކާތެރިކޮށް ބަލަހައްޓަވާނެ (މަލާއިކަތުން) ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((عَالِمُ الْغَيْبِ وَالشَّهَادَةِ الْكَبِيرُ الْمُتَعَالِ)) الرعد: 9 މާނައީ: “އެކަލާނގެއީ ޣައިބުގައިވާ ކަންތައްތަކާއި ފައުޅުވެފެންނަން ހުންނަ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ، ނުހަނު ހައިބަބޮޑުވެގެންވާ އަދި ހުރިހާތަކެއްޗަކަށްވުރެ މަތިވެރިވެވޮޑިގެންވާ ކަލާނގެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللّهَ كَانَ عَلِيًّا كَبِيرًا)) النساء: 34 މާނައީ: “ހަމަކަށަވަރުން ﷲއީ ނުހަނު މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލަކުކަމުގައިވޮޑިގެންވެއެވެ.” މިއިންކޮންމެ އާޔަތަކުންނާއި، މިމާނައިގައި އައިސްފައިވާ ކޮންމެ އާޔަތަކުން އަންގައިދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މަތިވެރިވެވޮޑިގެންކަމެވެ. އަދި އެއިލާހު ވޮޑިގެންވަނީ އެއިލާހު ޛާތުފުޅައިގެން އެއިލާހުގެ މަޚްލޫޤުންނާ ވަކިން ޢަރުޝިއަށް އިސްތަވާވެވޮޑިގެންކަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((أَأَمِنتُم مَّن فِي السَّمَاء أَن يَخْسِفَ بِكُمُ الأَرْضَ فَإِذَا هِيَ تَمُورُ * أَمْ أَمِنتُم مَّن فِي السَّمَاء أَن يُرْسِلَ عَلَيْكُمْ حَاصِبًا)) الملك: 16-17 މާނައީ: “ތިޔަބައިމީހުން ފަހެ ތިޔަތިބީ އުޑުތަކުގެ މަތީގައިވާ ކަލާނގެ ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައި ނުގަންނަވާނެކަމާއިމެދު އަމާންވެގެން ހެއްޔެވެ؟ އަދި އެބިންގަނޑު ގަންބަވައިގެންފިނަމަ އެބިންގަނޑު ދެން ޙަރަކާތްތެރިވެ ބޭޤަރާރުވެދާނެއެވެ. ނުވަތަ ތިޔަބައިމީހުން ތިޔަތިބީ އުޑުތަކުގެ މަތީގައިވާ ކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލަތަކެއް ފޮނުއްވުމާއިމެދު އަމާންވެގެން ހެއްޔެވެ؟” ޢަރަބި ބަހުގައި ޢާއްމުކޮށް “فِي” ބޭނުންކުރަނީ އަޅުގަނޑުމެން ދިވެހިބަހުން ބުނާނަމަ “ގައި” މިމާނާގައެވެ. މިސާލަކަށް، صَلَّيْتُ فِي المسْجِدِ މީގެ މާނައަކީ: އަހަރެން މިސްކިތުގައި ނަމާދުކުރީމެވެ. އަދި “عَلَى” ޢާއްމުކޮށް ބޭނުންކުރަނީ، އެއްޗެއްގެ މަތީގައި ވުމަށެވެ. މިސާލަކަށް، القَلَمُ عَلَى المكْتَبِ މީގެ މާނައަކީ: ޤަލަން އޮތީ މޭޒުމަތީގައެވެ. ނަމަވެސް ޢަރަބިބަހުގައި ބައެއްފަހަރަށް “عَلَى” އޮންނަންޖެހޭ ތަންތަނަށް  “فِي” ބޭނުންކުރެއެވެ. އަލްއިމާމް ބައިހަޤީ ރަޙިމަހުﷲ، އެކަލޭގެފާނުފޮތް “އަލްއަސްމާއު ވައްޞިފާތު” ގައި މިއާޔަތާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. އަބޫބަކުރު އަޙްމަދު ބުން އިސްޙާޤް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޢަރަބިން “عَلَى” އޮންނަންޖެހޭ ތަންތަނަށް  “فِي” ބޭނުންކުރެއެވެ. ﷲ އައްޒަވަޖައްލަ ވަޙީ ކުރައްވާފައިވެއެވެ. ((فَسِيحُواْ فِي الأَرْضِ)) التوبة: 2 (މާނައީ: ފަހެ، ތިޔަބައިމީހުން ބިމުގައި ހިނގާބިނގާވެ ދަތުރުކޮށްއުޅޭށެވެ.) އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ)) طه: 71 (މާނައީ: އަދި ހަމަކަށަވަރުން ކަދުރުރުކުގެ ގަސްގަނޑުގައި ކަނޑައެޅިގެން ތިޔަބައިމީހުން ޞަލީބު ކުރާ ހުށީމެވެ.) މި (ދެއާޔަތުގެ) މާނައަކީ: ބިންމަތީގައެވެ. އަދި ކަދުރުރުކުގެ (ރުއްގަނޑު) މަތީގައެވެ. ފަހެ، ހަމަމިފަދައިން އެއިލާހުގެ ބަސްފުޅު ((فِي السَّمَاء)) އެބަހީ: ނަބިއްޔާގެ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޚަބަރުތައް އައިސްފައިވާގޮތުގެމަތީން، އުޑުތަކުގެ މަތީ ޢަރުޝި މަތީގައިވާ (އިލާހު) އެވެ.” (الأسماء والصفات للبيهقي: ص. 527)

ހަމައެފަދައިން، ފިރުޢަޥްނު މޫސާގެފާނުގެ އިލާހާ ބައްދަލުކުރަންވެގެންނޭ ކިޔައިގެން ކަންތައްކުރިގޮތް ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَقَالَ فِرْعَوْنُ يَا هَامَانُ ابْنِ لِي صَرْحاً لَعَلِّي أَبْلُغُ الأَسْبَابَ * أَسْبَابَ السَّمَوَاتِ فَأَطَّلِعَ إِلَى إِلَهِ مُوسَى وَإِنِّي لأَظُنُّهُ كَاذِباً)) غافر: 36-37 މާނައީ: “ފިރުޢަޥްނު ބުންޏެވެ. އޭ ހާމާނެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ. އެއީ އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ. އެއީ އުޑުތަކުގެ މަގުތަކެވެ. މޫސާގެފާނުގެ އިލާހު، އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ އެކަލޭގެފާނީ ދޮގުވެރިޔެއްހެނެވެ.” މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަވަނީ މޫސާގެފާނުގެ ފަރާތްޕުޅުން ފިރުޢަޥްނަށްވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ މަތީގައިކަން އެނގޭކަމެވެ. އޭނާ މައްޗަށް އެބިނާ ބިނާކުރެއްވީ އެހެންވެގެންނެވެ.

އަދިވެސް އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ)) فاطر: 10 މާނައީ: “ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ ޙަޟްރަތަށެވެ. އަދި ޞާލިޙުޢަމަލުތައް އެކަލާނގެ ޙަޟްރަތަށް އުފުލައްވަތެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يُدَبِّرُ الْأَمْرَ مِنَ السَّمَاء إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ)) السجدة: 5 މާނައީ: “އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ ޙަޟްރަތަށް އަރައިގެންދެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((تَعْرُجُ الْمَلائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ)) المعارج:4 މާނައީ: “ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބްރީލްގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެތެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((قُلْ نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ بِالْحَقِّ)) النحل: 102 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެޤުރުއާން ބާވާއިލެއްވީ ކަލޭގެފާނުންގެ ރައްބުގެ ޙަޟްރަތުން ޙައްޤުގޮތުގައި ޖިބްރީލްގެފާނެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ)) المائدة: 44 މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތަޥްރާތު  ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقاً لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالإِنجِيلَ)) آل عمران: 3 މާނައީ: “ކުރީގެ ފޮތްތައް ތެދުކުރާ ޙާލުގައި، ޙައްޤުގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވިއެވެ. އަދި ތަޥްރާތާއި އިންޖީލުވެސް ބާވައިލެއްވިއެވެ.” އެއިލާހުގެ ޙަޟްރަތަށް ހެޔޮކަންތައްތައް އެރުއްވޭކަމާއި، މަލާއިކަތްބޭކަލުން އެއިލާހުގެ ޙަޟްރަތަށް އަރައިވަޑައިގަންނަވާކަމަށާއި، އެއިލާހުގެ ޙަޟްރަތުން އެބޭކަލުން ފައިބައިވަޑައިގަންނަވާ ކަމަށާއި، ޤުރުއާނާއި ތަވްރާތާއި އިންޖީލު ފަދަ ފޮތްތަކަކީ އެއިލާހުގެ ޙަޟްރަތުން ބާވާލެއްވުނު ފޮތްތަކެއްކަމަށް ދަލީލުކޮށްދޭ ކޮންމެ އާޔަތަކުން ދަލީލުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ޚަލްޤުތަކުންނަށްވުރެ މަތިވެރިވެވޮޑިގެންފައިކަމެވެ. އަދި އެއިލާހު ވަނީ އެންމެހާ އުޑުތަކެއްގެ މަތީގައިކަމެކެވެ.

އެހެންކަމުން، ބަޔާންވެދިޔަ އެންމެހާ އާޔަތްތަކަކުން ދަލީލުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެއިލާހުގެ ޛާތުފުޅައިގެން އެންމެހާ އުޑުތަކެއްގެ މަތީ، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ. ޢަރުޝިއަކީ ކޮބައިކަމާއި، އިސްތަވާވޮޑިގަތުމަކީ ކޮބައިކަމާއި، އެއިލާހުގެ ޢިލްމުފުޅުންނާއި، އައްސަވާވޮޑިގަތުމުންނާއި، ބައްލަވާވޮޑިގަތުމުން މީސްތަކުންނާ އެކުގައި ވާކަމުގެ ވާހަކަތައް ފަހުން ގެނެސްދެވޭނެއެވެ. إن شاء الله.

(ނުނިމޭ)

_____________________________

މަރުޖިޢުތައް:

* الأسماء والصفات: الإمام الحافظ أبوبكر البيهقي.

* إثبات علو الله ومباينته لخلقه: حمود بن عبدالله بن حمود التويجري.

* شرح العقيدة الواسطية: محمد بن صالح العثيمين.

_____________________________

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (1)

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (3)

ﷲ ވޮޑިގެންވަނީ ކޮންތާކު؟ (4)