
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންސާނާގެ ނަފްސަކީ ވަރަށް ވެސް އަގުހުރި އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނެއްވެސް އޭނާ ނުހަނު ފަރުވާތެރިކަމާއެކު ބަލަހައްޓަންޖެހެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސަށް ގެއްލުންދިނުމުން ރައްކާތެރިވާންޖެހޭނެއެވެ.
ދުނިޔަވީ ޙަޔާތުގައި ވޭތުކުރާ ދުވަސްތަކަކީ ބޯހާސްވުމާއި ގޮތްހުސްވުމާއި ހިތާމަވެރިކަންކަމާއި ލަދުގަންނަންޖެހޭފަދަ ކަންކަމުން ފުރިގެންވާ ދުވަސްތަކެކެވެ. ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ ﷲ ތަޢާލާގެ މަދަދާއި ނަޞްރާއި އަދި ރަޙްމަތް އަބަދުވެސް ނުހަނު ގާތުގައިވާކަމެވެ. ރޭގަނޑު ކިތަންމެ ދިގުހެން ހީވި ނަމަވެސް އަބަދުވެސް ފަތިސްވަގުތުވަނީ ނުހަނު ގާތުގައެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿ …وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا﴾ (سورة النساء ٢٩)
މާނައީ: “… އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.”
މިއާޔަތާއި ބެހޭގޮތުން އިމާމު އައްޝައުކާނީ رحمه الله ވިދާޅުވިއެވެ.
“وَلَا تَقْتُلُوا أَنفُسَكُمْ އެބަހީ: އެންމެހާ މުސްލިމުންނޭވެ. ޝަރުޢީ ޘާބިތު ސަބަބަކާއި ނުލާ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ޤަތުލުނުކުރާށެވެ. ނުވަތަ ފާފަތަކަށް އަރައިގަނެ ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލުނުކުރާށެވެ. ނުވަތަ މިއާޔަތުގެ މުރާދަކީ ޙަޤީޤަތުގައިވެސް އިންސާނާ އޭނާގެ އަމިއްލަ ނަފްސުމެރުން ނަހީވުމެވެ. މިހުރިހާ މާނައެއްދޭހަވާގޮތަށްވެސް މިއާޔަތް މާނަކުރެވިދާނެއެވެ.” [فتح القدير للشوكاني/ ص: ٢٩٢ / طبعة: دار المعرفة]
ދުނިޔޭގެ ދިރިއުޅުމަކީ އިމްތިހާނެކެވެ. އުފަލާއި ހިތާމަ އަދި ފަސޭހަ ކަންކަމާއި ދަތި އުނދަގޫ ކަންކަމާވެސް ކުރިމަތިލާން ޖެހޭނެއެވެ. ދަތިކަމާއި ހިތާމައިގައި އިންސާނާއަށް އޮތީ ކެތްތެރިވުމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަމެއްގެ ސަބަބުން، އެކަމަށް ކެތްތެރިނުވެ، އޭނާ އަމިއްލައަށް މަރުވިއެއްކަމަކު އެއީ އެކަމުގެ ޙައްލެއްނޫނެވެ. އަމިއްލައަށް މަރުވުމަކީ އުޚްރަވީ ޙަޔާތުގެ ޢުޤޫބާތަށް ތިމާގެ އަމިއްލައަތުން ތިމާގެ ނަފްސުހުށަހަޅާލެވޭ ހުށަހަޅާލުމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޘާބިތު ބުން އައްޟައްޙާކު رضي الله عنه ރިވާކުރެއްވިއެވެ.
((…وَمَنْ قَتَلَ نَفْسَهُ بِشَىْءٍ عَذَّبَهُ اللَّهُ بِهِ فِى نَارِ جَهَنَّمَ))
މާނައީ: “… ދުނިޔޭގައި އެއްޗަކުން އޭނާގެ ނަފްސު ޤަތުލުކޮށްލައިފިމީހާއަށް އެއެއްޗަކުން އޭނާއަށް ޤިޔާމަތްދުވަހު ޖަހައްނަމައިގެ އަލިފާނުގައި ޢަޛާބު ދެވޭނެއެވެ.” [رواه مسلم / كتاب: الإيمان / باب: بيان غلظ تحريم قتل الإنسان نفسه… / رقم: ١١٠]
އަމިއްލައަށް މަރުވާމީހުންގެ މައްޗަށް ކަށުނަމާދު ކުރެއްވުމުން ނަބިއްޔާ صلى الله عليه وسلم ދުރުވެވަޑައިގެންނެވިއެވެ. އެއީ މީސްތަކުންނަށް މިކަމުގެ ނުރައްކާތެރިކަމުގެ އިންޛާރުދެއްވުމުގެ ގޮތުންނެވެ. ނަމަވެސް އެފަދަމީހާގެ މައްޗަށް ކަށުނަމާދުކުރުމުގެ އިޛުނަ އެކަލޭގެފާނު ދެއްވިއެވެ. އެހެންކަމުން ޚަލީފާއާއި، ޢިލްމުވެރިންނާއި، ވެރިންނާއި، ޤާޟީންނާއި، އަދި މިނޫނަސް ޤައުމުގެ އިސްފަރާތްތަކުން އެފަދަމީހާގެ މައްޗަށް ކަށުނަމާދު ކުރުމުން ދުރުހެލިވުމަކީ ސުންނަތެކެވެ. ޖާބިރު ބުން ސަމުރާ رضي الله عنه ވިދާޅުވިއެވެ.
((أُتِىَ النَّبِىُّ -صلى الله عليه وسلم- بِرَجُلٍ قَتَلَ نَفْسَهُ بِمَشَاقِصَ فَلَمْ يُصَلِّ عَلَيْهِ))
މާނައީ: “މިޝްޤަޞްތަކެއް ބޭނުންކޮށްގެން އަމިއްލައަށް މަރުވިމީހަކު ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް ގެނެވުނެވެ. ފަހެ އެކަލޭގެފާނު އޭނާގެ މައްޗަށް (ކަށު)ނަމާދު ނުކުރެއްވިއެވެ. (އަލްމިޝްޤަޞް: އެއީ ތީރުގެ ކޮޅުގައި ހުންނަ ދަގަނޑުކޮޅު ދިގުކޮށް ހުރުމެވެ.)” [رواه مسلم / كتاب: الجنائز / باب: ترك الصلاة على القاتل نفسه / رقم: ٤٧٨]
އަމިއްލައަށް މަރުވާމީހުންނާއިމެދު އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ދެކޭގޮތް ވަރަށްވެސް ތަފާތެވެ. އެބައިމީހުން ޤަބޫލުކުރަނީ މިފަދަ މީހުންނަކީ ކުފުރުމަރުން މަރުވާ މީހުންކަމަށެވެ. އަދި މިބައިމީހުން ހިނަވާކަފުންކުރަން ނުޖެހޭނެކަމެވެ. އަދި މިބައިމީހުންގެ މައްޗަށް ކަށުނަމާދުވެސް ކުރަންނުޖެހޭނެކަމެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި ދަންޖެހިގެން އަމިއްލައަށް މަރުވާމީހުންނާއިމެދު ޢަމަލުކުރުން އެންމެ ރަނގަޅުގޮތަކީ އެބައިމީހުން ދަންޖެހުނުދިމާލުގައި ވަޅެއްކޮނެ، އެތާނގައި ވަޅުލުމެވެ.
“އަމިއްލައަށް މީހަކު މަރުވެއްޖެނަމަ އޭނާ ހިނަވާ، ކަފުންކުރަންޖެހޭނެއެވެ. އަދި އޭނާގެ މައްޗަށް ކަށުނަމާދުވެސް ކުރަންޖެހޭނެއެވެ. އަދި އެމައްޔިތާ ވަޅުލާނީ މުސްލިމުންނާއެކު (މުސްލިމުންގެ ގަބުރުސްތާނެއް)ގައެވެ. އެއީ އޭނާއަކީ ފާފަވެރިއެކެވެ. ނަމަވެސް އޭނާއަކީ ކާފަރެއްނޫނެވެ. އަމިއްލަ ނަފްސު ޤަތުލުކުރުމަކީ ފާފައެކެވެ. ނަމަވެސް އެއީ ކުފުރެއްނޫނެވެ…”1 [مجموع فتاوى ومقالات متنوعة لسماحة الشيخ عبد العزيز بن عبد الله بن باز/ مجلد: ١٣ / ص: ١٢٢]
ދުޢާއަކީ ﷲ ތަޢާލާ މިފަދަ ފާފަތަކުން އަޅުގަނޑުމެން ރައްކާތެރިކޮށްދެއްވުމެވެ.
_________________________________________
[1] http://islamqa.info/en/ref/12316
މިލިޔުމުގެ މައިގަނޑު މަޞްދަރު ބެއްލެވުމަށް: http://islamqa.info/en/ref/70363