[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަންމާއެވެ. މީގެފަހުން މަންމަގެ ބަސްއަހާނަމެވެ.

އަބްސަމްއަކީ މަރްޔަމްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަބްސަމް ކުޑައިރު އަބްސަމްގެ ބައްޕަވަނީ ނިޔާވެފައެވެ. މަންމައަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ.  އަމިއްލަ ޓިއުޝަން ކުލާހުން ލިބޭ އާމްދަނީއިން އަބްސަމްއަށް ހުރިހާ ޚަރަދެއް ކުރެއެވެ. އަބްސަމް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާ ދެއެވެ. އަބްސަމްގެ މަންމައަކީ ދީންވެރި ސާލިޙު މަންމައެކެވެ.

އެކަމަކު އަބްސަމް ވަރަށް ތަފާތެވެ. ކިޔަވަން މަސައްކަތެއް ނުކުރެއެވެ. ކުލާހުގައި ސަކަރާތް ޖަހާތީ އަބަދު މައްސަލަޖެހެއެވެ. އަބްސަމް ޝައުގުވެރިކަމާއިއެކު މަސައްކަތް ކުރަނީ ހަމައެކަނި ޕީއީ ގަޑިއާއި ޕީއޭ ގަޑިއާއި ހިސާބު ގަޑީ ގައެވެ. އެހެން ގަޑި ތަކުގައި ބައިވެރިވުން ފިޔަވާ ފޮތެއްގެ ބޭރުގަނޑުވެސް އަބްސަމް ބަލާނުލައެވެ.

އަބްސަމްގެ މަންމަ މިކަމާ ވަރަށް ފިކުރު ބޮޑުވެއެވެ. އެކަމަކު ހިތްވަރު ދޫކޮށްނުލާ ދަރިފުޅު ރަނގަޅުވޭތޯ މަސައްކަތް ކުރެއެވެ. ދަރިފުޅަށް ހެޔޮދުޢާ ކުރެއެވެ. އެކި އެކި ފަންނީ ބޭފުޅުންނާ މަޝްވަރާ ކުރެއެވެ.

މިހާރު އަބްސަމް ކިޔަވަމުންދަނީ ގުރޭޑް 5  ގައެވެ. އަބްސަމްގެ އުޅުމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. މިހާރު އަބްސަމްގެ މަންމަގެ ކުރިމަތީގައި ޒުވާބު ކުރަން ފަށައިފިއެވެ. އަބްސަމްގެމަންމަ މިކަމާ ފުންކޮށް ވިސްނަން ފެށިއެވެ. އަދި މިވާހަކަ އޭނަގެ ޕީއީ ޓީޗަރާ ހިއްސާ ކުރިއެވެ. އެ ޓީޗަރަކީ އެކަހަލަ ކުދިން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޓީޗަރެއްކަމުން އެ ކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަބްސަމްގެ މަންމަ އުއްމީދާއެކު ގެއަށް ދިޔައެވެ.

ޕީއީ ޓީޗަރ ވިސްނާލަން އިނުމަށްފަހު ކާޑުތަކެއް ތައްޔާރު ކުރެއްވިއެވެ. އަދި ޕީއީއަށް ކުދިން ގެންދިއުމުގެ ކުރީގައި ދަނޑުގެ އެތަން މިތާގައި އެކާޑުތައް ފެންނަގޮތަށް ބެހެއްޓިއެވެ. އަދި ކުދިން ގެންގޮސްފައި ކުދިންނަށް އިރުޝާދު ދެއްވިއެވެ.

” ހުރިހާ ކުދިންވެސް ކޮންމެ ކާޑެއްގައިވާ ލިޔުންކޮޅު ކިޔާލުމަށްފަހު އަތްމައްޗަށް އުފުލާލުމަށްފަހު ބާރަށް ހިނގާފައި އަވަހަށްގޮސް އަނެއްކާޑު ކިޔާ. އަދި ހުރިހާ ކާޑެއް ކިޔާ ނިމުނީމަ ރޭސް ނިންމާތަނަށް ދުވެފައި ދާތި. ދިޔައީމަ އިނާމެއް ލިބޭނެ. “

މުދައްރިސުގެ އިރުޝާދު އަޑު އިވުމާއިއެކު ހުރިހާ ކުދިން ތައްޔާރުވިއެވެ. އަބްސަމްގެ ހިތަށް އެރިއެވެ. ” މީ ކޮންކަހަލަ ކުޅިވަރެއް ހެއްޔެވެ؟  މިޖެހުނީ އެއްކަލަ ދިވެހިބަސް ކިޔަން. އެކަމަކުވެސް ދުލެއް ނުކުރާނަން. މިއީ ޕީއީ ގަޑި ވިއްޔަ. ” މިހެން ހިތަށްއަރާ މުދައްރިސުންގެ ހުއްދައާއިއެކު ކުޅިވަރު ފެށިއެވެ.

ގޮސް ކާޑު އެކެއްގައިވާ އިބާރާތް ކޮޅު ކިޔާލިއެވެ. ” ﷲ ނަހީ ކުރެއްވި ކަމެއް ކުރުމަށް އަމުރު ނުކުރާނަމަ މައިންބަފައިންގެ އަމުރަށް ދަރިން ކިޔަމަން ގަންނަން ޖެހޭނެ. “

ދެވަނަ ކާޑު ކިޔާލިއެވެ. ” މައިންބަފައިންނަށް ކަމޭހިތުމަށާއި ކިޔަމަންތެރިވުމަށް  ޤުރުއާނުގައި ވަރަށް ބޮޑަށް އަންގަވާ އަމުރު ކުރައްވާފައި ވެއެވެ. “

ތިންވަނަ ކާޑު ކިޔާލިއެވެ. ” މައިންބަފައިންކުރެ މީހަކު މުސްކުޅިވެފައިވާ ހާލުޗުއްޕުވެސް ނުބުނާށެވެ. “

ހަތަރުވަނަ ކާޑު ކިޔާލިއެވެ. ” މަންމައާއި ބައްޕައާ ދެމީހުން ކުރެ އެންމެ ބޮޑަށް ކަމޭހިތުން ލާޒިމް ވެގެން ވަނީ މަންމައަށެވެ. ”

ކާޑުތައް ކިޔަމުންދާ ވަރަކަށް އަބްސަމްއަށް އެހެންކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ސިކުނޑިއަށް އާ ވިސްނުންތަކެއް އަންނަން ފަށައިފިއެވެ.

ފަސްވަނަ ކާޑު ކިޔާލިއެވެ. ” ﷲ ތަޢާލާގެ ރުހުން ވަނީ މަންމައާއި ބައްޕަގެ ރުހުމާއިއެކުގައެވެ. އަދި ﷲގެ ކޯފާވަނީ މަންމަޔާއި ބައްޕަގެ ނުރުހުމާ އެކުގައެވެ. “

އަބްސަމް ހުރިހާ ކާޑެއް ކިޔާ ނިންމައިފިއެވެ. އަދި އެހެން ކުދިން ކޮބައިތޯ ބަލާލިއިރު އެކުދިން ދުވެފައިގޮސް ރޭސް ނިންމަނީއެވެ.

އަބްސަމް ދުވަންވެސް ނޭނގި ފުންވިސްނުން ތަކެއްގައި އިސްޖަހައިގެން ހުރެ ގޮސް ރޭސް ނިންމައިފިއެވެ.

އެހެން ދުވަސް ދުވަހުގައި އަބްސަމްއަކީ ޕީއީގަޑީގައި އެންމެ މޮޅު ދަރިވަރެވެ. މިއަދު މިވީގޮތާ ބެހޭގޮތުން ކުދިންވެސް ސުވާލު ކުރިއެވެ. އެކުދިންގެ ސުވާލުތަކަށް ޖަވާބުދެއްވީ މުދައްރިސެވެ. ” އެއީ އަބްސަމްއަށް މިއަދުވީގޮތް” މިހެން ވިދާޅުވެ ގަޑި ޖެހުމާއިއެކު ކުދިން ގޮވައިގެން ކުލާހަށް ވަޑައިގަތެވެ.

އެދުވަހު އަބްސަމް ހުރީ އެޚިޔާލުގައެވެ. އޭނަގެ ހަނދާނަށް އަންނަނީ އެންމެ ފަހު އިބާރާތް ކޮޅެވެ. ” ﷲ ތަޢާލާގެ ރުހުން ވަނީ މަންމައާއި ބައްޕަގެ ރުހުމާއިއެކުގައެވެ.” މިޚިޔާލުގައި އިންދާ ގެއަށްދާ ގަޑި ޖެހިއްޖެއެވެ.

ގަޑި ޖެހުމާއިއެކު  އަބްސަމްގެ މަންމަ އޭނަގެ ދަރިފުޅު ބަލާ ސްކޫލު ދޮށަށް ދިޔައެވެ. ދަރިފުޅު ފެނުމާއިއެކު ބަދަލެއް އައިސް ހުރި ކަމަށް ފާހަގަ ކުރެވުނެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ދެމައިން ގެއަށް ދިޔައެވެ. ގެއަށް ހަމަ ވަދެވުމާއިއެކު އަބްސަމް އޭނަގެމަންމަގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އަދި މަންމާއޭ ކިޔާ ގޮވާލުމަށްފަހު ބުންޏެވެ. ” މަންމާ! އަޅުގަނޑު މީގެ ފަހުން މަންމަގެ ބަސްއަހާނަން. އަޅުގަނޑަށް މައާފުކުރައްވާ ” މިހެން ބުނެ އަޑުން އަޑު ނަގާ ރޯންފެށިއެވެ. މަންމަ ދަރިފުޅު ބޮލުގައި ފިރުމާފައި ލޯތްބާއިއެކު ބުންޏެވެ. ” ހުއްޓާލާށެވެ. މަންމަ ދަރިފުޅަށް މަޢާފުކޮށްފީމެވެ. “

އަބްސަމްއަށް މިއައި ބަދަލުގެ ސިއްރަކީ ކޮބައިތޯ ބެލުމަށް އޭނަގެ ޕީއީ ޓީޗަރަށް ގުޅިއެވެ. ޖަވާބުގައި ޓީޗަރު ވިދާޅުވިއެވެ. ” އެއީ އަބްސަމްގެ މަންމަގެ ހެޔޮ ދުޢާ އާއި ބުރަމަސައްކަތުގެ ނަތީޖާ. އަޅުގަނޑު ކުރީ ހަމަ ކުޑަ ކުޑަ މަސައްކަތެއް. ” މިހެންބުނެ ކަން ހިނގިގޮތް ކިޔައިދީފިއެވެ. އަބްސަމްގެ މަންމަ  “الحمد الله ” އޭ ބުނެ ފޯނު ބޭއްވިއެވެ.  އަދި ދަރިފުޅު ކޮބައިތޯ ބަލާލިއިރު ދަރިފުޅު ފެންވަރައިގެން ވުޟޫކޮށްގެން ޤުރުއާން ކިޔަވަނީއެވެ.

މި މަންޒަރު ފެނުމުން އަބްސަމްގެ މަންމަޔަށް ބުނެވުނެވެ. ” الحمد الله ” މަގޭ ދަރިފުޅަކީ މިހާރު އަހަރެން އެދޭ ފަދަ ކުއްޖެއް. “

އަބްސަމްއަކީ މިހާރު ސްކޫލުގެ ހުރިހާ ގަޑިއެއްގައިވެސް ބައިވެރިވެ ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރާ ކުއްޖެކެވެ. އަބްސަމްގެ އަޒުމަކީ ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. އަދި މަންމަގެ ބަސްއަހާ ރަނގަޅުކުއްޖަކަށް ވުމެވެ.