[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތެއްނަމަ އޭގައި ހިފާށެވެ! މުޖްތަމަޢުއަށް ފައިދާވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ.

ﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވާފައިވަނީ އެއިލާހަށް އަޅުވެތިވުމަށެވެ. އެއީ އެއިލާހުގެ ފޮތާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ކޮންމެކަމެއް އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ މައިދާނެއްގައިވެސް ތަޠުބީޤު ކުރުމެވެ. އެހެނީ އެންމެ ތެދުވެގެންވާ ބަހަކީ ﷲ ތަޢާލާގެ ވަޙީއެވެ. އެއީ އަޅުކަމެއްގެ ގޮތުގައި ކިޔެވުމާއި އެކު ޢަމަލުކުރަންޖެހޭ ވަޙީ (ކީރިތި ޤުރުއާނާއި) އަދި އަޅުކަމެއްގެ ގޮތުގައި ނުކިޔެވޭ ނަމަވެސް ޢަމަލުކުރަން ޖެހޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެވެ. ﷲ ތަޢާލާ އައްނަޖްމު ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާބަސްފުޅުގެ މާނާގައިވެއެވެ.(( އަދި އެކަލޭގެފާނަކީ ހަވާނަފްސްގެ އެދުންތަކާއި އެއްގޮތަށް ވާހަކަފުޅު ދައްކަވާ ބޭކަލެއްނޫނެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ. )) އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގޮތްކޮޅެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. (( އަދި ހަމަކަށަވަރުން ކަލޭގެފާނު ތިޔަވަނީ މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީގައެވެ. )) ސޫރަތުއް ނޫނުގެ 5 ވަނަ އާޔަތް.

އެއްޗެއް އުފައްދާ މީހަކަށްވުރެ ބޮޑަކަށް، އެއެއްޗެއް ގަނެގެން ބޭނުން ކުރާމީހާއަކަށް، އެ އެއްޗެއްގެ ހަޤީޤަތެއް ނޭނގޭނެއެވެ. ޕެޓްރޯލް އަޅަން ތައްޔާރުކުރެވިފައިވާ އިންޖީނަކަށް ، މޫދު ލޮނު އަޅައިފިނަމަ އެއަށް ލިބޭނެ ގެއްލުން އެންމެ ބޮޑަށް އެނގޭނީ، އެ އެއިންޖީނު ތައްޔާރުކުރި އޭގެ ހުރިހާ ހަޤީޤަތެއް ދަންނަ މީހަކަށެވެ. އެމީހާ، އިންޖީނު ވިއްކަމުން، ތިޔަ އިންޖީނަށް އެންމެ ފައިދާވާނީ ނުވަތަ ގިނަދުވަހު ގެއްލުންނުވެ ހުންނާނީ ޕެޓްރޯލްއެޅުމުންކަމުގައި ބުނެފައި އޮއްވާ އަޅުގަނޑުމެން އެއަށް މޫދުލޮނުއަޅައިފިނަމަ އެއަށް ބޮޑެތިގެއްލުންތަކެއް ނުވެ ނުދާނެއެވެ. ދާދި އަވަހަށް އޭތި ހަލާކުވެދާ ހުއްޓެވެ.

ހަމައެބީދައިން، ﷲ ތަޢާލާއީ އެންމެހައި މަޚްލޫޤުން ހެއްދެވިފަރާތެވެ. އެ މަޤްލޫޤުންގެ އެންމެހައި ހަޤީޤަތެއް އެންމެފުރިހަމައަށް އެ މަޚްލޫޤުން ވުޖޫދަށް އައުމުގެ ކުރިންނާއި ފަހުންވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއިލާހެވެ. އެ މަޚްލޫޤުނަށް އެންމެ ފައިދާހުރިގޮތާއި ގެއްލުން ހުރި ގޮތްވެސް އެއިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން އެއިލާހު ޚަލްޤު ކުރެއްވި މި ނިކަމެތި އިންސާނާއަށް ނަމޫނާއެއް ދެއްކެވުމަށްފަހު ﷲ ތަޢާލާ އެންގެވިއެވެ. ((لَّقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ))﴿٢١﴾ سورة الأحزاب މާނަ: ” ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.  “   ﷲ ތަޢާލާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އަޅުގަނޑުމެންނަށްޓަކައި ނަމޫނާއެކެވެ.  މިއީ ﷲ ތަޢާލާ މުއުމިނުންނަށް ދެއްކެވި ނަމޫނާއެކެވެ. މުނާފިޤުންނަށްޓަކައި ދެއްކެވި ނަމޫނާއެއްނޫނެވެ. ﷲ ތަޢާލާއާއި ބައްދަލުވުމަށް އެދޭ އަދި އާޚިރަތްދުވަހުގެ ޘަވާބަށް އެދޭ ބަޔަކަށް ދެއްކެވި ނަމޫނާއެކެވެ. އެއްވެސް ޙާލެއްގައި ދުނިޔޭގެ ޖާހާއި މަންޞަބާއި މަޤާމާއި ފައިސާއަށް އަޅުވެތިވާ މީހުންނަށް ދެއްކެވި ނަމޫނާއެއް ނޫނެވެ.

މުއުމިނުންނަށް އޮތީ އެ ނަމޫނާގައި ހިފުމެވެ. މުނާފިޤުން ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެކަލޭގެފާނުގެ ސުންނަތުގެ ޤަދަރު ކުޑަކުރެއެވެ. އެކަލޭގެފާނުގެ ސުންނަތާއި މީސްތަކުން ދުރުކުރެވޭތޯ މަސައްކަތްކުރެއެވެ. އެމީހުން ސުންނަތަށް ޢަމަލުކުރަނީ ﷲ ތަޢާލާއަށްޓަކައެއްނޫނެވެ. މުޖުތަމަޢަށްޓައެވެ. ނުވަތަ ކޮންމެވެސް އެހެން ކަމަކަށްޓަކައެވެ. އެހެންކަމުން މުޖުތަމަޢަށް ފައިދާނުވާނަމަ ސުންނަތް ދޫކޮށްލައެވެ. ނުވަތަ މުޖުތަމަޢުއަށް ފައިދާއެއްނުވާނަމަ ސުންނަތް ދޫކޮށްލުމަށް މީސްތަކުންނަށް ބާރުއަޅަމުން އެބައިމީހުން ދެއެވެ. ނަމަވެސް މުއުމިނުން އެބައިމީހުންނަށް ﷲ ތަޢާލާ ދެއްކެވި ނަމޫނާއާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދަނީ ﷲ ތަޢާލާއަށް އަޅުވެތިވުމުގެ ގޮތުންނެވެ. މުޖްތަމަޢުއަށް ފައިދާވޭތޯ ނުވަތަ ނުވޭތޯ ބެލުމެއްނެތެވެ. އެބައިމީހުންގެ ގޮތަކީ އަޑުއަހައި ކިޔަމަންވުމެވެ. މުޖްތަމަޢުއަށް ގެއްލުންވާކަމެއް ﷲ ތަޢާލާ ދެއްކެވި ނަމޫނާގައި ނުވާނެކަން ކަށަވަރެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.  ތިޔަބައިމީހުންނަށްވަނީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނަށްފަހުގައި އަންނަ ހަތަރު ޚަލީފާއިންގެ ސުންނަތުގައި ހިފުމެވެ. އެ ސުންނަތުގައި ތިޔަބައިމީހުންގެ ކޮލުދަތްތަކުން ހިފާށެވެ. އެބަހީ ވަރުގަދައަށް ހިފާށެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ދަރިކަލުން ޔަޙްޔާ ޢަލައިހިއްސަލާމަށް އެންގެވިއެވެ. ((يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ …  )) ﴿١٢﴾ سورة مريم މާނަ: ” އޭ ޔަޙްޔާ ގެފާނެވެ! ކަލޭގެފާނު ފޮތުގައި ވަރުގަދައަށް ހިފަހައްޓަވާށެވެ! “ އެހެންކަމުން މަގުގެއްލިގެން ދާންބޭނުންނުވާކަމުގަވާނަމަ އަޅުގަނޑުމެންނަށް އޮތީ ﷲ ތަޢާލާގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތުގައި ވަރުގަދައަކަށް ހިފުމެވެ.

ޝައްކެއްވެސްނެއްގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ތެރޭގައި ސުންނަތްކަންތައްތަކާއި (ކުރުމުން ޘަވާބުލިބޭ ނުކޮށް ދޫކޮށްލުމުން ޢަޒާބުނުލިބޭ ކަންތައްތައް) އަދި ވާޖިބު ކަންތައްތައް ( ކޮންމެހެންވެސް ކުރަން ޖެހޭކަންތައްތައް )  ވެސް ހުރެއެވެ. ސުންނަތްކަމެއްވިޔަސް އަދި ވާޖިބުކަމެއްވިޔަސް އެކަމެއްގައި ހިފުމަކީ ﷲ ތަޢާލާއަށް ވެވޭ އަޅުވެތިކަމެކެވެ. ޘަވާބާއި ދަރުމަލިބޭކަމެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމޫނާގައި ހިފުމުން ދުރުވުމަކީ މުއުމިނަކަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި މުއުމިނުން އެނަމޫނާއިން ނަމޫނާ ލިބިގަތުމަށް ހުރަސްއެޅުން ވެރީންނަށްވެސް ހުއްދަވެގެން ނުވެއެވެ. ސުންނަތް ކަންތައްތަކަށްވެސް ޢަމަލުކުރުމުގެ ފުރުޞަތު އެކަމަށް ބޭނުންވާ ބަޔަކަށް އިސްލާމީ މުޖުތަމަޢުއެއްގައި ދެވެންޖެހޭނެއެވެ. އަޅުގަނޑުމެންގެ ސަލަފުއްޞާލިޙުންގެ ގޮތަކީ ސުންނަތެއްވީމާ އޭގައި ހިފުމެވެ. ނަމަވެސް އަޅުގަނޑުމެންގެ ގޮތަކަށް މިއަދުވެފައި މިވަނީ ސުންނަތެއްވީމާ ދޫކޮށްލުމުގެ އުސޫލެވެ. ތިޔައީ ސުންނަތެކޭ ކިޔާފައި ދޫކޮށްލަނީއެވެ. އަޅުގަނޑުމެންނަށް ނޭންގިވެސް މި އެކަލޭގެފާނުގެ ސުންނަތަށް ފުރަގަސްދެވެނީއެވެ. ލޮބުވެތި އަޚުންނޭވެ! މިއީ ވަރަށް ބޮޑު ނުރައްކާތެރި ކަމެއްކަން ދަންނާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  ( ( ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން، ސުވަރުގެ ވަނުމަށް އިންކާރުކޮށްފި މީހަކު ފިޔަވައި ކޮންމެ މީހަކުވެސް ސުވަރުގެ ވަންނަހުއްޓެވެ.) އެ ހިނދު ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ސުވަރުގެ ވަނުމަށް އިންކާރުކުރާނީ ކާކުތޯއެވެ. އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ( ތިމަންކަލޭގެފާނަށް ކިޔަމަންތެރި ކަން އަދާކޮށްފިމީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް އުރެދޭ މީހާ ދަންނާށެވެ. ސުވަރުގެ ވަނުމަށް އިންކާރުކުރި މީހަކީ އެއީއެވެ. )  ) رواه البخاري

އަދި އަޅުގަނޑުމެންގެ ތެރެއިން ޢިލްމު ލިބިގެން ތިބިކަމަށް ދަޢުވާކުރާ ބައެއްމީހުންގެ ކިބައިންވެސް މިއަދު މިފެންނަނީ އަޑަށްބާރުލާފައި، މީސްތަކުން ސުންނަތާއި ދުރުކުރެވޭތޯ މަސައްކަތްކުރާ މަންޒަރެވެ. ސުންނަތަށް ތަބާވުމުގެ މަތިވެރި މަޤުޞަދުކަމުގައިވާ ﷲ ތަޢާލާއަށް އަޅުވެތިވުން އެއްފަރާތްކޮށްފައި ، ސުންނަތަށް ތަބާވުމުގެ މަޤުޞަދަކީ މުޖްތަމަޢުއަށް ފައިދާކުރުންކަމުގައި މީސްތަކުންނަށް ވިސްނައިދޭން މިވަނީ ފަށާފައެވެ.   لا حول ولا قوّة إلاّ بالله .

ﷲ ތަޢާލާ އަޅުގަނޑާއި އެންމެހައި މުސްލިމުންނަށް ހިދާޔަތުގެ ތެދުމަގުގައި ޘާބިތުވުމުގެ ހެޔޮ ތަވްފީޤު ދެއްވާށިއެވެ. އާމީން.

ﷲ ތަޢާލާ މުއުމިނުންނަށް ވަރުގަދަވެގެންވާ އަމުރުފުޅަކުން އަމުރު ކުރައްވާފައިވެއެވެ. ((…وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧﴾ )) سورة الحشر މާނަ: ” އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއް ނަހީކުރައްވައިފިނަމަ، ތިޔަބައިމިހުން އެކަމަކުން ދުރުވެގަންނާށެވެ. އަދި ﷲ ތަޢާލާއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. ހަމަކަށަވަރުން ﷲ އީ، އެއިލާހުގެ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ. “ އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ((مَّن يُطِعِ الرَّ‌سُولَ فَقَدْ أَطَاعَ اللَّـهَ …. ﴿٨٠﴾ )) سورة النساء މާނަ: ” ރަސޫލާއަށް ކިޔަމަންވާ މީހާ ހަމަކަށަވަރުން ﷲ ތަޢާލާއަށް ކިޔަމަން ވެއްޖެއެވެ. “