މުތަރުޖިމުގެ ބަސް
މިއީ ސުޢުދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު حفظه الله ގެ ރިސާލާއެއްކަމަށްވާ (أريد أن أتوب ولكن…) ގެ ތަރުޖަމާއެވެ. އިސްލާމްދީނަށް ގިނަ ބަޔަކު ރުޖޫޢަވާން ބޭނުންވިނަމަވެސް ތައުބާވުމާއި ދެމެދު ހުރަސްތަކެއްވާކަމަށް ބައެއް މީހުންނަށް ހީވެއެވެ. ވަގުތުފާއިތުވުމުގެ ކުރިން މިފަދަ ހީތަކުން އަޅުގަނޑުމެން އެއްކިބާވުމަކީ ލާޒިމުވެގެންވާ ކަމެކެވެ.
އެހެންކަމުން މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނުހަނު ބޭނުންވެފައިވާ މައުޟޫޢުއެއްކަމަށް ޤަބޫލުކުރަމެވެ.
ދުޢާއަކީ މިމަސައްކަތުގައި ﷲ ތަޢާލާ ބަރަކާތްލައްވާ ޙައްޤުމަގުގައި ފައިތިލަ ޘާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުމެވެ.
މުޤައްދިމާ
إن الحمد لله نحمده ونستعينه، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له وأن محمداً عبده ورسوله، أما بعد:
ހަމަކަށަވަރުން އެންމެހާ ޙަމްދުވަނީ ﷲ ތަޢާލާއަށެވެ. އަޅަމެން އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަޅަމެން ވާގިއެދެނީވެސް އެއިލާހުގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ހިދާޔަތު ދައްކަވައިފި މީހަކު ފަހެ އޭނާ މަގުފުރެއްދޭނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް ފަހެ ތެދުމަގު ދައްކާނޭ ފަރާތެއްނުވެއެވެ. ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެއަށްފަހު ދަންނައެވެ:
ﷲ ތަޢާލާ އެންމެހާ މުއުމިނުންނަށް ތައުބާވުމަށް އަމުރުކުރެއްވިއެވެ. ﴿ …وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴾ (سورة النور ٣١) މާނައީ: “…އަދި ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާވާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.”
އަޅުތަކުން ބެހިގެންވަނީ ތައުބާވާމީހުންނާއި އުރެދޭމީހުންގެ މައްޗަށެވެ. އަދި މިނޫން ތިންވަނަ ބައެއް އެއްވެސް ޙާލެއްގައި ނުވެއެވެ. ފަހެ ﷲ عز وجل ވަޙީކުރެއްވިއެވެ. ﴿ …وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴾ (سورة الحجرات ١١) މާނައީ: “… އަދި ތައުބާނުވާމީހުން (ދަންނައެވެ.) ފަހެ އެއުރެންނީ ހަމަ އަނިޔާވެރިންނެވެ.” މިޒަމާނަކީ ގިނަ ބަޔަކު ﷲގެ ދީނާ ދުރައްޖެހިފައިވާ ޒަމާނެކެވެ. އަދި ފާފަކުރުން ޢާންމުވެ ފަސާދަކުރުން މިވަނީ ފެތުރިފައެވެ. އެހެންކަމުން ﷲ ރައްކާތެރިކުރެއްވި މީހަކު މެނުވީ ނުބައިކަމުގެ ކުލަޖެހިފައިނުވާ ހަމައެއްވެސް މީހަކުނެތެވެ.
އެހެނެއްކަމަކު ﷲ ތަޢާލާގެ ނޫރުފުޅު ފުރިހަމަވުމަށްމެނުވީ އެއިލާހު ރުހިވޮޑިނުގަންނަވާނެއެވެ. އެހެންކަމުން ވަރަށް ގިނަ ބަޔަކު ޣާފިލުކަމުގެ ނިދިން ހޭލައިފިއެވެ. އަދި ﷲ ތަޢާލާގެ ޙައްޤުތަކަށް އިހުމާލުވެވިއްޖެކަން އެބައިމީހުންނަށް އިޙްސާސްކުރެވިއްޖެއެވެ. އަދި އެބައިމީހުންގެ ފަރުވާކުޑަކަމުން ކުރެވިފައިވާ ފާފަތަކާމެދު ދެރަވެ ހިތާމަކުރެއެވެ. އެހެންކަމުން އެބައިމީހުން ތައުބާއަށް މަގުދައްކައިދޭ ބައްތިތަކާދިމާލަށް މިސްރާބުޖަހަންފަށައިފިއެވެ. އަނެއްބައިމީހުންވަނީ އަބާއްޖަވެރިކަމާއި، އުނދަގޫ ދިރިއުޅުމާއިމެދު މާޔޫސްވެފައެވެ. އަދި އެބައިމީހުން މަސައްކަތްކުރަމުންދަނީ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނުކުމެވޭނެ މަގެއް ހޯދުމަށެވެ.
އެކަމަކު އެބައިމީހުންނަށް އެމަގުގައި ހުރަސްތަކަކާއި ކުރިމަތިވެއެވެ. އެބައިމީހުން ދެކޭގޮތުގައި އެއީ އެބައިމީހުންނާއި ތައުބާއާއި ދެމެދުވާ ހުރަސްތަކެކެވެ. ބައެއް ހުރަސްތައްވަނީ އެބައިމީހުންގެ ނަފްސުގައެވެ. އަދި އަނެއްބައި ހުރަސްތައްވަނީ އެބައިމީހުންގެ ވަށައިގެންވާ މާހައުލުގައެވެ.
އަޅުގަނޑު މިރިސާލާ މި ލިޔުނީ، މިކަމުގައި އޮޅުންއަރާކަންތައް ތަފްޞީލުކޮށްދީ ޝުބުހަތައް ކަޝްފުކޮށްދިނުމަށެވެ. ނުވަތަ ޙިކުމަތް ބަޔާންކޮށްދީ ޝައިޠާނާ ދުރުހެލިކުރާނެގޮތް ބަޔާންކޮށްދިނުމެވެ.
މިރިސާލާގައި އެކުލަވާލެވިގެންވަނީ ފާފަތަކާއިމެދު ލުއިގޮތަކަށް ދެކުމުގެ ނުރައްކާތެރިކަމުގެ މުޤައްދިމާއަކާއި، ތައުބާގެ ޝަރުޠުތަކުގެ ޝަރަޙައާއި، އެއަށްފަހު ނަފްސާނީ ފަރުވާއާއި، ތައުބާވާ މީހުންނަށްޓަކައި ޤުރުއާނާއި ސުންނަތުން ނެގިފައިވާ ފަތުވާތަކާއި، ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކާއި އަދި ނިންމާލުމެކެވެ.
އަދި ﷲ ތަޢާލާގެ ޙަޟްރަތުން އަޅުގަނޑު އެދެނީ މިބަސްކޮޅަކީ އަޅުގަނޑަށާއި އެންމެހާ މުސްލިމް އަޚުންނަށް ފައިދާކުރާނޭ ބަސްކޮޅެއްކަމުގައި ލެއްވުމަށެވެ. މުސްލިމް އަޚުންގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް ނުވަތަ ތެދުވެރި ނަޞީޙަތެއްދިނުމަށެވެ. ﷲ އަޅަމެން އެންމެންގެ މައްޗަށް ތައުބާ ލައްވާ، ތައުބާ ޤަބޫލުކުރައްވާންދޭވެ.
– ނުނިމޭ-