ފާފަތަކާއިމެދު ލުއިގޮތަކަށް ދެކުމުގެ ނުރައްކާތެރިކަމުގެ މުޤައްދިމާ
ދަންނާށެވެ. – އަޅުގަނޑަށާއި ތިބާއަށް ﷲ ތަޢާލާ ރަޙްމަތްލައްވާށިއެވެ.- ހަމަކަށަވަރުން ﷲ عز وجل އަޅުތަކުންނަށް އަމުރުކުރައްވަނީ އިޚްލާޞްރެތިކަމާއެކު ތައުބާވުމަށެވެ. އަދި އެއީ ވާޖިބެކެވެ. ފަހެ އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّـهِ تَوْبَةً نَّصُوحًا﴾ (سورة التحريم ٨) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާވާށެވެ.”
“އަލްކިރާމް އަލްކާތިބޫން” އަޅުގަނޑުމެންގެ ޢަމަލުތައް ލިޔުއްވުމުގެކުރިން ތައުބާވުމަށް އަޅުގަނޑުމެންނަށް ވަނީ މުހުލަތެއް ދެއްވާފައެވެ. ފަހެ (ނަބިއްޔާ) صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ صَاحِبَ الشِّمَالِ ليَرْفَعُ الْقَلَمَ سِتَّ سَاعَاتٍ – محتمل أن تكون الساعة الفلكية المعروفة، أو هي المدة اليسيرة من الليل أو النهار، من لسان العرب – عَنِ الْعَبْدِ الْمُسْلِمِ الْمُخْطِئِ، فَإِنْ نَدِمَ وَاسْتَغْفَرَ اللَّهَ مِنْهَا أَلْقَاهَا، وَإِلا كُتِبَتْ وَاحِدَةً)) [رواه الطبراني في الكبير والبيهقي في شعب الإيمان وحسنه الألباني في سلسلة الأحاديث الصحيحة ١٢٠٩] މާނައީ: “ނުބައިކަމެއްކުރާ މުސްލިމު އަޅަކަށްޓަކައި ވައަތްފަރާތުގައި އިންނަވާ ބޭފުޅާ ހަ ސާޢަތަށް ޤަލަން އުފުއްލަވައެވެ. – މިތާގައި ސާޢަތަކީ ފަލަކީ ޙިސާބުގައި ބޭނުންކުރާ ގަޑިއިރަށްވުންއެކަށީގެންވެއެވެ. ނުވަތަ އަރަބިބަހުގައި ކިޔާ އުޅޭގޮތަށް އެއީ ދުވާލާއި ރޭގަނޑުން ކުރު މުއްދަތަކަށްވުންވެސް އެކަށީގެންވެއެވެ. – އޭނާ އެކަމާ ހިތާމަކޮށް ﷲ ޙަޟްރަތުގައި އިސްތިޣްފާރުކުރުމުން (ނުލިޔެ) ދޫކޮށްލައްވައެވެ. ނޫންނަމަ އެއް(ކުށުގެ) ގޮތުގައި ލިޔެވެއެވެ.” އަދި (އެޢަމަލު) ލިޔެވުމަށްފަހު އަޖަލު ހަމަވުމުގެ ކުރިން އިތުރު މުހުލަތެއް ލިބެއެވެ.
މިއަދު ވަރަށް ގިނަމީހުންނަށް ކުރިމަތިވާ މުޞީބާތަކީ އެބައިމީހުން ﷲގެ މާތްވަންތަކަމާއި މަތިވެރިވަންތަކަމަށް ބިރުވެރިނުވުމެވެ. އެބައިމީހުން ﷲ ތަޢާލާއަށް އުރެދި ރޭގަނޑާއި ދުވާލު ހުރިހާ ވައްތަރެއްގެ ފާފަތަކަށް އަރައިގަނެއެވެ. އެބައިމީހުންގެ ތެރެއިން ބަޔެއްމީހުން ފާފަ އެއީ މާބޮޑުކަމެއްކަމުގައި ނުދެކުމުގެ ފިތުނާގައި ޖެހިފައިވެއެވެ. އެބައިމީހުންގެ ތެރެއިން މީހަކު ކުދި ފާފަތަކާމެދު ފަރުވާކުޑަކުރާތަން ފަހެ ތިބާ ދެކޭނެއެވެ. މިޘާލަކަށް އޭނާ ބުނެދާނެއެވެ. “އަޖްނަބީ އަންހެނަކާދިމާއަށް ބަލާލުމުން ނުވަތަ ސަލާންކޮށްލުމުން އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟” އަޖްނަބީންނަކީ މަޙްރަމުންނޫން މީހުންނެވެ.
މަޖައްލާތަކުންނާއި ޓީވީ ސީރީސްތަކުން ޙަރާމް ތަކެއްޗަށް އެބައިމީހުން ބަލައެވެ. ކަމުގެ ޙަރާމްކަން އެނގުމުންވެސް ފަރުވާކުޑަކަމާއެކު ބައެއް މީހުން ސުވާލުކުރެއެވެ. މިއީ ކިހާވަރެއްގެ ނުބައި ކަމެއް ހެއްޔެވެ؟ ކުޑަ ފާފައެއް ހެއްޔެވެ؟ ނުވަތަ ބޮޑު ފާފައެއް ހެއްޔެވެ؟ ފަހެ މިއީ ކަންހިނގަމުންދާގޮތްކަން ތިބާއަށް އެނގުމުން އިމާމް ބުޚާރީ رحمه الله ގެ ސަޙީޙުގައި ޞަޙާބީބޭކަލުންގެ އަރިހުން އައިސްފައިވާ އަންނަނިވި ދެއަޘަރާ އެއާ އަޅާކިޔާލާށެވެ.
– عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ: ((إِنَّكُمْ لَتَعْمَلُونَ أَعْمَالًا هِيَ أَدَقُّ فِي أَعْيُنِكُمْ مِنْ الشَّعَرِ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ الْمُوبِقَاتِ)) މާނައީ: އަނަސް رضي الله عنه ވިދާޅުވިއެވެ. “ތިޔަބައިމީހުން ކުރާ ކަންތައްތަކުގެ ތެރެއިން، ތިޔަބައިމީހުންގެ ލޯތަކުގެ ކުރިމަތީގައި އިސްތައްޓަކަށްވުރެ ވެސް މާކުޑަކަމަށް ދެކޭ ކަންތައްތައް، ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެއީ މީހަކު ހަލާކުކޮށްލަނިވި ކަންކަން ކަމުގައި ތިމަންމެން ދެކެމެވެ.” الْمُوبِقَات އެއީ ހަލާކު ކުރަނިވި (ފާފަތަކެވެ.)
– عن ابن مسعود رضي الله عنه قال: ((إِنَّ الْمُؤْمِنَ يَرَى ذُنُوبَهُ كَأَنَّهُ قَاعِدٌ تَحْتَ جَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ، وَإِنَّ الْفَاجِرَ يَرَى ذُنُوبَهُ كَذُبَابٍ مَرَّ عَلَى أَنْفِهِ فَقَالَ بِهِ هَكَذَا – أي بِيَدِهِ -فذبه عنه.)) މާނައީ: އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. “ހަމަކަށަވަރުން މުއުމިނަކަށް އޭނާގެ ފާފަތައް ފެންނާނީ، އޭނާ ފަރުބަދައެއްގެ ދަށުގައި އިށީނދެ އިންނައިރު އެފަރުބަދަ އޭނާގެ ބޮލަށް ވެއްޓިދާނެތީ ބިރުގަންނަފަދައިންނެވެ. އަދި ފާޖިރު މީހާއަށް އޭނާގެ ފާފަތައް ފެންނާނީ އޭނާގެ ނޭފަތް ކައިރިންދިޔަ މެއްސެއްފަދަ ގޮތަށެވެ. އޭނާ މިފަދައިން –އެބަހީ: އޭނާގެ އަތުން– އެފޮޅާލާ އޭނާއާ ދުރުކޮށްލާނެއެވެ.”
ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްއެއް ކިޔުމުން އެބައިމީހުންނަށް މިހާރު މިކަމުގެ ނުރައްކާތެރިކަން އަންދާޒާކުރެވޭ ހެއްޔެވެ. ((إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ، فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَمَثَلِ قَوْمٍ نَزَلُوا بَطْنَ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ، حَتَّى حَمَلُوا مَا أَنْضَجُوا بِهِ خُبْزَهُمْ، وَإِنَّ مُحَقَّرَاتِ الذُّنُوبِ مَتَى يَأْخُذْ بِهَا صَاحِبُهَا تُهْلِكْهُ (وفي رواية) إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّهُنَّ يَجْتَمِعْنَ عَلَى الرَّجُلِ حَتَّى يُهْلِكْنَهُ)) رواه أحمد، صحيح الجامع ٢٦٨٦-٢٦٨٧ މާނައީ: “ކުދި ފާފަތަކަށް ބެލެވޭ ފާފަތަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ކުދިފާފަތަކަށް ބެލެވޭ ފާފަތަކުގެ މިޘާލަކީ ވާދީއެއްގެ މެދަށް ފޭބި ބައެއްގެ މިޘާލެވެ. ފަހެ (އޭގެ ތެރެއިން މީހަކު) ދަރުކޮޅެއް ހިފައިގެން އާދެއެވެ. އަދި (އެހެން މީހަކުވެސް) ދަރުކޮޅެއް ހިފައިގެން އާދެއެވެ. އެބައިމީހުންނަށް އޭގެން ރޮށިފިހެވޭވަރަށް (ދަރު) އެއްކުރެވެންދެނެވެ. އަދި ހަމަކަށަވަރުން ކުދި ފާފައިގައި ހިފާމީހާ (އޭގެ ސަބަބުން) ހަލާކުވެގެންދެއެވެ. [އަދި އެހެން ރިވާޔަތެއްގައިވެއެވެ.] ކުދި ފާފަތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ މީހާކު ހަލާކުވެއްޖައުމަށްދާންދެން އެފާފަތައް އޭނާގެ މައްޗަށް ޖަމާވެއެވެ.”
ޢިލްމުގެ އަހުލުވެރިން ޛިކުރުކުރައްވާގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވުން ދޫކޮށްލާ، ލަދުވެތިކަމެއް، ފަރުވާލެއްނެތި އެއްވެސް ކަމެއްނޫނޭހިތާ ކުދި ފާފަތައް ކުރާނަމަ، އެކަން ބޮޑު ފާފަތަކާއި އަރާހަމަކޮށްފާނެއެވެ. އަދި ކިއެއްހެއްޔެވެ. ބޮޑުފާފައަކާއި އެއްދަރަޖައަކަށް އެކަންވެދާނެއެވެ. އެހެންކަމުން ތަކުރާރުކޮށްކުރާނަމަ ކުދިފާފަތައް ކުދިފާފައިގެ ގޮތުގައި ނުވެއެވެ. އަދި މެދުނުކެނޑި އިސްތިޣްފާރުކުރުމާނަމަ ބޮޑެތި ފާފަތައް ބޮޑުތި ފާފައިގެ ގޮތުގައި ނުވެއެވެ.
މިޙާލުގައިވާ މީހާއަށް އަޅުގަނޑުމެން ދަންނަވަމެވެ: ފާފައިގެ ކުޑަކަމަށް ނުބަލާށެވެ. އެކަމަކު ތިބާ ތިއުރެދެނީ ކޮންފަރާތަކަށްކަން ބަލާށެވެ.
ﷲ އިރާދަކުރެއްވިއްޔާ މިކަލިމަތަކަކީ ތެދުވެރިންނަށް ފައިދާކުރުވަނިވި ކަލިމަތަކެކެވެ. އެބައިމީހުންނީ އެބައިމީހުންގެ ފާފަތަކާއި ފަރުވާކުޑަކުރުންތައް އިޙްސާސްކުރެވިފައިވާ މީހުންނެވެ. އެއީ އެއްވެސް ބެލުމެއްނެތި މަގުފުރެދުމުގައިވާ މީހުންނެއް ނޫނެވެ. އަދި ބާޠިލުގޮތްތަކުގެ މަތީގައި ދެމިހުރުމަށް ބޭނުންވާމީހުންނެއް ނޫނެވެ.
އެއީ ހަމަކަށަވަރުން ﷲ ތަޢާލާގެ މިބަސްފުޅަށް އީމާންވީ މީހުންނަށެވެ. ﴿نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ﴾ (سورة الحجر ٤٩) މާނައީ: “ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ.”
އަދި މިބަސްފުޅަށްވެސް އީމާންވީ މީހުންނަށެވެ. ﴿وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ﴾ (سورة الحجر ٥٠) މާނައީ: “އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޢަޛާބު އެއީ ވޭންދެނިވި ޢަޛާބެވެ.”
-ނުނިމޭ-