އެމީހުން އަހަންނަށް ބިރުދައްކަނީ
“އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު އަހަރެންގެ ދުވަސްވީ ރައްޓެހިން އަހަރެންނަށް ބިރުދައްކައެވެ. މީސްތަކުންގެ ތެރޭގައި އަހަރެން ފަޟީޙަތްކޮށް އަހަރެންގެ ސިއްރުތައް ހާމަކުރާނެކަމުގައި އެމީހުން ބުނެއެވެ. އެމީހުންގެ އަތުގައި ފޮޓޯއާއި އެހެނިހެން ލިޔެކިޔުންތައްވެއެވެ. އަހަރެންނޭ ކިޔައިގެން މީހުންދައްކާނެ ވާހަކަތަކަށް އަހަރެން ޖެހިލުންވެއެވެ. އަހަރެން ބިރުގަނެއެވެ!!”
އަޅުގަނޑުމެން ބުނަންއޮތީ: ޝައިޠާނާގެ ބައިވެރިންގެ މަކަރުވެރިކަމާ ދެކޮޅަށް ޖިހާދުކުރާށެވެ. ހަމަކަށަވަރުން ޝައިޠާނާ ނިކަމެތި ވެގެންވެއެވެ. ފަހެ އިބިލީހުގެ އަޢުވާނުން ކުރާ ދުއްތުރާތައް، ކެތްތެރި މުއުމިނުންގެ ކުރިމަތީގައި ކުދިކުދިވެ ބުރައިގެން ހިނގައިދާނެއެވެ.
އެމިހުންނާއެކު ކުރިއަށްދާނަމަ ތިބާއާއި ދެކޮޅަށް ބޭނުންކުރާނެ އިތުރު ހެކިތައް އެމީހުންނަށް ލިބޭނެކަން ތިބާ ދަންނަންޖެހޭނެއެވެ. ފަހެ އޭރުން ކުރިން ނުވަތަ ފަހުންވިޔަސް ތިބާވާނީ ގެއްލެނިވެގެންވާ މީހަކަށެވެ. އެމީހުންނަށް ކިޔަމަންނުވާށެވެ. އެކަމަކު ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އަދި މިފަދައިން ކިޔާށެވެ. ((حَسْبِي اللَّهُ وَنِعْمَ الْوَكِيلُ)) މާނައީ: “މިއަޅާއަށް ﷲ ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތެއްގެގޮތުން އެއީ ކިހާރަނގަޅު ފަރާތެއްހެއްޔެވެ.” ރަސޫލުﷲ صلى الله عليه وسلم ބަޔަކުމީހުންދެކެ ބިރުފުޅުވަޑައިގެންފިނަމަ ވިދާޅުވެއެވެ. ((اللَّهُمَّ إِنَّا نَجْعَلُكَ فِى نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ)) [رواه أحمد وأبو داود، صحيح الجامع ٤٥٨٢] މާނައީ: ” އޭ ﷲ، (އަޅަމެންގެ ޙިމާޔަތާއި ދިފާޢަށްޓަކައި) އަޅަމެން އެބައިމީހުންނާ (ދުޝްމިނުންނާ) ދިމާއަށް އިބަﷲ ކުރިމަތިކުރަމުއެވެ. އަދި އެބައިމީހުންގެ ނުބައިކަމުން އަޅަމެން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން ދަންނަވަމުއެވެ.”
ތެދެކެވެ. މިއީ އުނދަގޫ ޙާލަތެކެވެ. ތައުބާވެފައިވާ ނިކަމެތި އަންހެންކުއްޖަކަށް އޭނާގެ ކުރީގެ ނުބައި އެކުވެރިއަކު ގުޅާފައި އޭނާއަށް ބިރުދެއްކުމަށްޓަކައި ބުނެއެވެ. “ތިބާގެ ފޯންކޯލުތައް ރެކޯޑުކޮށްފައި އަހަރެންގެ އަތުގައި އެބަހުއްޓެވެ. އަދި ތިބާގެ ފޮޓޯވެސް އެބަހުއްޓެވެ. ތިބާ އަހަރެންނާއެކު ބޭރަށް ދާން ދެކޮޅުހަދައިފިނަމަ ތިބާގެ އަހުލުންގެގާތު ތިބާ ފަޟީޙަތްކޮށްލާނަމެވެ!!” ތެދެކެވެ. އޭނާ އެހުރީ އޭނާގެ މައްޗަށް މީހަކު ޙަސަދަވެރިވާފަދަ ޙާލަތެއްގައެއްނޫނެވެ.!
*ލަވަކިޔާ އުޅުނު އަންހެނުންނާއި ފިރިހެނުން އަދި ފިލްމު ކުޅެއުޅުނު އަންހެނުންނާއި ފިރިހެނުން އެކަންތައްތަކަށް ތައުބާވުމުން ޝައިޠާނާގެ ބައިވެރިން އެބައިމީހުންނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ބަލާލަބަލާށެވެ. އެމީހުންގެ ކުރީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ނުބައި ތަކެތި ބާޒާރުތަކަށް ނެރެ އެބައިމީހުންނަށް ނަފްސާނީގޮތުން އުނދަގޫކޮށް ބާރުފޯރުވަނީއެވެ. އެކަމަކު ﷲ ތަޢާލާ ވޮޑިގެންވަނީ އެކަލާނގެއަށް ބިރުވެތިވާ އަދި ތައުބާވާ މީހުންނާއެކުއެވެ. އެއީ މުއުމިނުންގެކަންތައް ބައްލަވާވޮޑިގެންވާ، ވާގިވެވޮޑިގަންނަވާ ފަރާތެވެ. އެކަލާނގެ އެބައިމީހުން ނިކަމެތިނުކުރައްވާނެއެވެ. އަދި އެބައިމީހުން ދޫކޮށެއްވެސް ނުލައްވާނެއެވެ. އެކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިއްޖެމީހަކު ފަހެ ގެއްލެނިނުކުރައްވައެވެ. ދަންނާށެވެ. ކޮންމެ އުނދަގުލަކާއެކު ފަސޭހައެއްވެއެވެ. އަދި ދަތިކަމަށްފަހު ފަސޭހަކަމެއްވެއެވެ.
އޭ ތައުބާވާ އަޚާއެވެ. މިއީ އަޅުގަނޑުމެންގެ މިބަސްކޮޅުގެ ތެދުކަން ހާމަކޮށްދޭ ވަރަށް އިބުރަތްތެރި ވާހަކައެކެވެ.
މިއީ އަނިޔާ ލިބެމުން ދިޔަ މުސްލިމުން ސިއްރިއްޔާތުގައި ފިލައިގެން މައްކާއިން މަދީނާއަށް ދިއުމަށް އެހީތެރިވެދެއްވި މަތިވެރި ޞަޙާބީ މަރްޘަދު ބުން އަބީ މަރްޘަދު އަލްޣަނަވީގެ ވާހަކައެވެ.
“މަރްޘަދު ބުން އަބީ މަރްޘަދު ކިޔާ ބޭކަލަކު އުޅުއްވިއެވެ. އެކަލޭގެފާނަކީ މައްކާއިން މަދީނާއާއި ހަމައަށް އަސީރުން އުފުލައިދޭބޭކަލެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ޢަނާޤު ކިޔާ ޒިނޭކޮށްއުޅޭ އަންހެނަކު މައްކާގައި އުޅުނެވެ. އެއީ (މަރްޘަދުގެ) ރައްޓެއްސެކެވެ. މަރްޘަދު ވަނީ މައްކާ އިން މަދީނާއަށް އަސީރަކު ގެންގޮސްދިނުމަށް ވަޢުދުވެފައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ފަހެ ހަނދުވަރުދޭ ރެއެއްގައި މައްކާގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގެ ކައިރިއަށް އާދެވުނެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: ޢަނާޤު އެތަނަށް އައެވެ. އަދި އަނދިރިކަމުގެ ތެރެއިން ބަގީޗާގެ ކައިރިން އަޅުގަނޑުގެ ހިޔަނި ފެނުނެވެ. ފަހެ އޭނާއަށް އަޅުގަނޑުކަން އެނގުނު ހިނދު ބުންޏެވެ. “މަރްޘަދު ހެއްޔެވެ؟” ފަހެ އަޅުގަނޑު ބުނީމެވެ. “މިއީ މަރްޘަދުއެވެ.” އޭނާ ބުންޏެވެ. ” މަރްހަބާ! މިރޭ އަހަރެމެންނާއެކު ހޭދަކުރަން އަންނާށެވެ.” އަޅުގަނޑު ބުނީމެވެ. “ﷲ ތަޢާލާވަނީ ޒިނޭކުރުން ޙަރާމްކުރައްވާފައެވެ.” އޭނާ ގޮވާލިއެވެ. “އޭ ފޭލިގެތަކުގެ އަހުލުވެރީންނެވެ. މިހިރަ މީހާ ކަލޭމެންގެ އަސީރުން ގެންދަނީއެވެ.”
އެކަލޭގެފާނު ވިދާޅުވިއެވެ: “އަށްމީހުން އަޅުގަނޑުގެ ފަހަތުން އައެވެ. އަދި “އަލްޚަންދަމާ” (މައްކާއަށް ވަދެވޭ މަގެއްގެ ކައިރީ ހުންނަ މަޝްހޫރު ފަރުބަދައެއް) އާއި ހަމައަށް އެމީހުން އައެވެ. ފަހެ އަޅުގަނޑަށް އައިސްހުއްޓެވުނީ ފަރުބަދައިގެ ހޮހޮޅައަކަށެވެ. ފަހެ އަޅުގަނޑު އެތަނަށް ވަނީމެވެ. އަދި އެބައިމީހުންއައިސް އަޅުގަނޑުގެ ބޮލާހަމައަށް ހުއްޓުނެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ ލޯތައް ކަނުކުރެއްވެވިއެވެ. އަދި އެބައިމީހުންނަށް އަޅުގަނޑެއް ނުފެނުނެވެ.”
އެކަލޭގެފާނު ވިދާޅުވިއެވެ. “ދެންފަހެ އެބައިމީހުން އެނބުރިދިޔައެވެ. އަދި އަޅުގަނޑުގެ އެކުވެރިޔާ (އަސީރު)ގެ ގާތަށް އަޅުގަނޑު އެނބުރިދިޔައީމެވެ. ފަހެ އޭނާ އުފުލީމެވެ. އެއީ ބަރު މީހެކެވެ. އަޅުގަނޑުމެންނަށް “އަލްއިޛްޚިރް”1އާ ހަމައަށް ދެވުމުން އޭނާ ބަނދެފައިވާ ކަސްތޮޅުތައް ނައްޓާލީމެވެ. ފަހެ އަޅުގަނޑު މަދީނާއާއި ހަމައަށް ދެވެންދެން އޭނާ އުފުލީމެވެ. އެއީ އަޅުގަނޑަށް އުނދަގޫ ކަމަކަށްވިއެވެ. ފަހެ އަޅުގަނޑު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައީމެވެ.
ފަހެ އެކަލޭގެފާނަށް ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑު ޢަނާޤުއާއި ކައިވެނި ކުރަންހެއްޔެވެ؟ މިހެން ދެފަހަރު ދެންނެވީމެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. މިއާޔަތް ބާވާލައްވަންދެނެވެ.
﴿الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ﴾ (سورة النور ٣)
މާނައީ: “ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ ނުވަތަ ޝިރުކުކުރާ އަންހެނަކާނޫނީ ނުއިންނާނެއެވެ. އަދި ޒިނޭކުރާ އަންހެނާ، ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝިރުކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދި މުއުމިނުންގެ މައްޗަށް އެކަން ޙަރާމްކުރައްވާފައިވެއެވެ.”
ފަހެ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އޭ މަރްޘަދުއެވެ. ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ ނުވަތަ ޝިރުކުކުރާ އަންހެނަކާނޫނީ ނުއިންނާނެއެވެ. އަދި ޒިނޭކުރާ އަންހެނާ، ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝިރުކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެއެވެ. ފަހެ އޭނާއާއި ކައިވެނި ނުކުރާށެވެ.” [صحيح سنن الترمذي ٣/٨٠]
ﷲ ތަޢާލާ އީމާންވީ މީހުން ދިފާޢުކުރައްވާ ގޮތާއި އިޙްސާންތެރީންނާއި މެދު ކަންތައްކުރައްވާގޮތް ތިބާއަށް ފެނޭހެއްޔެވެ؟
އަދި އެކަލާނގެ އިޙުސާންތެރިންނާއެކު ވޮޑިގެންވާގޮތްފެނޭހެއްޔެވެ؟
އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަކީ ޙަޤީޤީ ފަޟީޙަތްވުން ވަނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަމެވެ. އެއީ އެންމެ ބޮޑު ލަދުވެތިކަމުގެ ދުވަހެވެ. އެއީ ސަތޭކަ ނުވަތަ ދުއިސައްތަ މީހުންގެ ކުރިމަތީގައެއްނޫނެވެ. އަދި ހާހެއް ނުވަތަ ދެހާސް މީހުންގެ ކުރިމަތީގައެއްވެސް ނޫނެވެ. ނަމަވެސް އެއީ ހުރިހާއެންމެންނަށް އިވި، ފެންނާނެ ގޮތަށެވެ. އެއީ ޚަލްޤުކުރެއްވެވި އެންމެހާ ތަކެތީގެ ތެރޭގައެވެ. އެއީ މަލާއިކަތުންނާއި، ޖިންނީންނާއި، އާދަމް عليه السلام އިން ފެށިގެން އެންމެ ފަހު މީހާއާއި ހަމައަށް އެންމެހާ އިންސާނުންގެ ތެރޭގައެވެ.
އިބްރާހީމް عليه السلام ގެ ދުޢާ ހަނދާން ކުރާށެވެ.
﴿ وَلَا تُخْزِنِي يَوْمَ يُبْعَثُونَ * يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّـهَ بِقَلْبٍ سَلِيمٍ ﴾ (سورة الشعراء ٨٧-٨٩) މާނައީ: “އަދި އެއުރެން (އެބަހީ: މީސްތަކުން) މަޙްޝަރަށް ފޮނުއްވާދުވަހު މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ. އެދުވަހަކީ މުދަލެއްވިޔަސް އަދި ދަރިންނެއްވިޔަސް މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ.”
ނުތަނަވަސްކަންވެރިވާ ހިނދު ނަބަވީ ދުޢާތަކުން ރައްކާތެރިކަން ހޯދާށެވެ.
اللَّهُمَّ اسْتُرْ عَوْرَاتِنَا وَآمِنْ رَوْعَاتِنَا، اللَّهُمَّ اجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ بَغَى عَلَيْنَا، لَا تُشْمِتْ بِنَا الأَعْدَاءَ وَلَا الحَاسِدِيْنَ.
އޭﷲ! އަޅަމެންގެ ޢައިބުތައް ވަންހަނާކޮށްދެއްވާނދޭވެ. އަދި އަޅަމެން ބިރުގަތުންތަކުން އަމާންކަންދެއްވާނދޭވެ. އޭﷲ! އަޅަމެންގެ ރުޅިވެރިކަމަކީ އަޅަމެންގެ މައްޗަށް އަނިޔާވެރިވި މީހުންގެ މައްޗަށް (އެކަނި) އޮތް އެއްޗެއް ކަމުގައި ލައްވާނދޭވެ. އަދި އަޅެމެންގެ މައްޗަށް އަނިޔާވެރިވި މީހުންގެ މައްޗަށް އަޅަމެންނަށް ނަސްރުދެއްވާނދޭވެ. އަދި ޢަދާވާތްތެރިންނާއި ޙަސަދަވެރިންނަށް އުފާވެރިކަންގެނެސްދޭފަދަ މުޞީބާތްތަކުން އަޅަމެން ދުރުކުރައްވާނދޭވެ.
______________________________________
1މިތާނގައި “الإذخر” ގެ މުރާދަކަށް ދެމާނައިން ކުރެ އެއްމާނަވުން އެކަށީގެންވެއެވެ. އެއްގޮތަކީ މައްކާގެ ބޭރުގައި الإذخر އޭކިޔުނު ތިރިގަސްހެދޭ ހިސާބެކެވެ. ދެވަނަ ގޮތަކީ މައްކާ ބޭރުގައި الأذاخر އޭކިޔޭތަނަކަށްވުމެވެ. ބައްލަވާ تحفة الأحوذي للمباركفوري / كتاب:تفسير القرآن/ باب:ومن سورة نور / مجلد:٩ / ص:٢٤ / طبعة:دار إحياء التراث العربي
-ނުނިމޭ-