[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 12

އަހަރެން އިޢުތިރާފުވާންވީތަ؟

ސުވާލުކުރިމީހަކު ހިތާމަވެރި އަޑަކުން އެހިއެވެ. “އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު އަހަރެން ކޮށްފައިވާ ފާފަތަކަށް އިޢުތިރާފުވުން އަހަރެންގެ މައްޗަށް ވާޖިބުވެގެންވޭ ހެއްޔެވެ؟

ކޯޓުގައި ޤާޟީގެ ކުރިމަތީގައި އަހަރެން ކޮށްފައިވާ ހުރިހާ ކަންތައްތައް ކިޔައިދީ އަހަރެންގެ މައްޗަށް ޙައްދު ޤާއިމުކޮށްދިނުމަށް އެދުމަކީ ތައުބާގެ ޝަރުޠެއް ހެއްޔެވެ؟

މީގެ ކުޑައިރުކޮޅެއްކުރިން އަހަރެންކީ މާޢިޒު رضي الله عنه އާއި (ޞަޙާބީ) އަންހެން ކަމަނާގެ ތައުބާގެ ވާހަކައާއި ބަގީޗާތެރެއިން އަންހެނަކަށް ބޮސްދިން ފިރިހެންބޭކަލެއްގެ ވާހަކައިގެ މާނައަކީ ކޮބާ ހެއްޔެވެ؟”

ފަހެ އަޅުގަނޑު ތިބާއަށް ބުނަންއޮތީ: އޭ މުސްލިމް އަޚާއެވެ. އަޅާއާއި އޭނާގެ ރައްބާއިދެމެދު އެއްވެސްމެދުވެރިޔަކު ނެތިވާ ގުޅުމަކީ މަތިވެރިވެގެންވާ ތައުޙީދުގެ އެންމެ މުހިންމު އެއްކަމެވެ. އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާގޮތްވެސްމެއެވެ. ﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ …﴾ (سورة البقرة ١٨٦)

މާނައީ: “އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ.) ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. …” ތައުބާވުން ވަނީ ﷲ ތަޢާލާއަށް ކަމަށް އަޅުގަނޑުމެން އީމާން ވާކަމުގައިވަނީނަމަ އިޢުތިރާފުވުންވެސްވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެންމެ މަތިވެރި އިސްތިޣްފާރުގައިވާ ފަދައިންނެވެ.

((…أَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوْءُ بِذَنْبِيْ…))

މާނައީ: “…މިއަޅާއަށްވާ އިބަﷲގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. …” އެބަހީ: އޭ ﷲ! އިބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ އިޢުތިރާފުވަމެވެ.

ނަޞާރާއިންފަދައިން ފާދިރީއާއި އިޢުތިރާފު ގޮނޑިއާއި ފުއްސެވުނުކަމުގެ ލިޔުންތަކާއި… އަދިވެސް އެފަދަ އެހެން ސަމާސާގެ ރުކުންތައް އަޅުގަނޑުމެންގެ ކިބައިގައި ނުވެއެވެ. ﷲ ތަޢާލާއަށް ޙަމްދު ހުއްޓެވެ.

އަދި ކިއެއްހެއްޔެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿أَلَمْ يَعْلَمُوا أَنَّ اللَّـهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ …﴾ (سورة التوبة ١٠٤)

މާނައީ: “ހަމަކަށަވަރުން ﷲއީ އެކަލާނގެ އަޅުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެކަން އެބައިމީހުން ނުދަންނަނީހެއްޔެވެ. …”

(އެބަހީ) އެއިލާހުގެ އަޅުތަކުންގެ ފަރާތުން އެއްވެސް މެދުވެރިޔަކު ނެތިއެވެ.

ޙައްދު ޤާއިމުކުރެވޭގޮތަށް ބަލާއިރު، އިމާމްމީހާ ނުވަތަ ޙާކިމް ނުވަތަ ޤާޟީއާހަމައަށް އެކަން ވާޞިލުވެފައިނުވާނަމަ، އެމީހުންގެ ގާތަށް ގޮސް އިޢުތިރާފުވުން އިންސާނާގެ މައްޗަށް ލާޒިމުވެގެންނުވެއެވެ. ﷲ ތަޢާލާ އޭނާގެ ފާފަ ވަންހަނާކޮށް ދެއްވާފައިވާނަމަ އެކަން އޭނާ އަމިއްލަ އަށް ވަންހަނާ ކުރުމުގައި މައްސަލައެއް ނެތެވެ. އަދި އޭނާ ތައުބާވުމުން ފުދޭނެއެވެ. އެހެނީ އެއީ އޭނާއާއި ﷲ ތަޢާލާއާއި ދެމެދުގައިވާ ކަމެކެވެ.

ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އެއް އިސްމުފުޅަކީ السِّتِّيرُ އެވެ. އެއީ އަޅުތަކުންގެ (ފާފަތައް) ފޮރުވާލުމަށް ލޯބިވެވޮޑިގެންވާ ފަރާތެވެ. ޞަޙާބީންގެ ތެރެއިން މިޘާލަކަށް މާޢިޒް އާއި ޒިނޭކުރި އަންހެންމީހާއާއި ބަގީޗާތެރެއިން އަންހެނަކަށް ބޮސްދިން ފިރިހެންމީހާ – رضي الله عنهم – ޢަމަލު ކުރެއްވިގޮތަކީ އެބޭކަލުން ޢަމަލުކުރުން ވާޖިބުވެގެންވާގޮތެއްނޫނެވެ. އެއީ އެބޭކަލުންގެ ނަފްސުތައް ޠާހިރުކުރެއްވުމަށް ޝައުޤުވެރިވެލެއްވިލެއް ބޮޑުކަމުން ކަންތައްކުރެއްވިގޮތެވެ. މީގެ ދަލީލަކީ، މާޢިޒުއާއި އަންހެންމީހާ ފުރަތަމަ ފަހަރު އައުމުން ނަބިއްޔާ صلى الله عليه وسلم އެބޭކަލުން އަނބުރާ ފޮނުވާލެއްވީއެވެ. އަދި ހަމައެފަދައިން ބަގީޗާތެރެއިން އަންހެނަކަށް ބޮސްދިން ފިރިހެންމީހާއަށް ޢުމަރު رضي الله عنه ވިދާޅުވިއެވެ. “ﷲ ތަޢާލާ އޭނާގެ ޢަމަލު ވަންހަނާ ކުރެއްވުމުން އޭނާއަށް ވެސް އެންމެ އެދެވިގެންވާ ގޮތަކީ އެކަން ވަންހަނާކުރުން ނޫން ހެއްޔެވެ؟” މިބަސްފުޅަށް އިޤުރާރުވުމުގެގޮތުން ނަބިއްޔާ صلى الله عليه وسلم ހަނުހުންނެވިއެވެ.

އެހެންކަމުން އަޅާ ކުރި ފާފަ އޭނާގެ ރައްބު ވަންހަނާ ކޮށްދެއްވާފައިވާނަމަ ކޯޓަށްގޮސް ރަސްމީކޮށް އިޢުތިރާފު ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ. އަދި ހަމައެހެންމެ މިސްކިތުގެ އިމާމުކައިރިއަށްގޮސް ޙައްދު ޤާއިމުކޮށްދިނުމަށް އެދޭކަށްވެސް ނުޖެހޭނެއެވެ. އަދި ބައެއްމީހުންނަށް ހީވެފައިވާގޮތަށް ރައްޓެއްސަކު ލައްވާ ގޭގައި ޙައްދުގެ އެތިފަހަރު ޖަހާކަށްވެސް ނުޖެހޭނެއެވެ.

ބައެއް ޖާހިލުން ތައުބާވާ ބައެއް މީހުންނާމެދު ދެކޭ ނުރަނގަޅުގޮތްތައް ދެނެގަންނަންޖެހެއެވެ. އަންނަނިވި ވާހަކައިން މިޘާލު ބަޔާންކޮށްދެމެވެ.

(ފާފަތަކާމެދު) ދެރަވެ ހިތާމަކުރާމީހަކު މިސްކިތެއްގެ ޖާހިލު އިމާމެއްގެ ގާތަށް ދިޔައެވެ. އަދި އޭނާކޮށްފައިވާ ފާފަތަކަށް އިޢުތިރާފުވެ އެކަމަށް އޮތް ޙައްލަކީކޮބައިތޯ ސުވާލުކުރިއެވެ. ފަހެ ޖަވާބުގައި އެއިމާމު ބުންޏެވެ. “އެންމެ ފުރަތަމަ ތިބާގެ މައްޗަށް ލާޒިމުވެގެންވަނީ ކޯޓަށް ގޮސް ޝަރުޢީގޮތުން ތިޔަ އިޢުތިރާފު ތަސްދީޤުކުރުމެވެ. ކަނޑައެޅިގެންވާ ޙައްދުތަކާއެއްގޮތަށް އެބައިމީހުން ތިބާއާމެދު ކަންތައްކުރާނެއެވެ. ދެންއެއަށްފަހު ތިބާއަށް އަމުރުކުރެވޭ ކަމެއް ބަލާށެވެ.” ފަހެ އެ މިސްކީނުމީހާއަށް ބުނެވިދިޔަ ކަންތައްތައް ތަހަންމަލު ނުކުރެވޭނެކަމަށް ފެނުނެވެ. އަދި ތައުބާވުމުގެ ޚިޔާލު ދޫކޮށް އޭނާ ކުރަމުންދިޔަ ފާފަތަކަށް އެނބުރި ރުޖޫޢަވިއެވެ.

ވަރަށް މުހިންމު ކަމެއް ބަޔާންކޮށްދިނުމަށްޓަކައި އަޅުގަނޑު މިފުރުޞަތުގެ ބޭނުން ހިފާނަމެވެ. އޭ މުސްލިމުންނޭވެ. ދީނުގެ ޙުކުމްތައް ދެނެގަތުމަކީ އަމާނަތެކެވެ. އަދި އޭގެ ޞައްޙަ މަޞްދަރުތަކުން ދެނެގަތުމަކީވެސް އަމާނާތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿… فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ (سورة النحل ٤٣)

މާނައީ: “… ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ ތިޔަބައިމީހުން ޛިކުރުގެ އަހުލުވެރިންނާ (އެބަހީ: ޢިލްމުގެ އަހުލުވެރިންނާ) ސުވާލު ކުރާށެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿… الرَّحْمَـٰنُ فَاسْأَلْ بِهِ خَبِيرًا﴾ (سورة الفرقان ٥٩)

މާނައީ: “ފަހެ އެކަލާނގެއާމެދު މޮޅަށް ޚަބަރު ދަންނަ ފަރާތަކާ ކަލޭގެފާނު ސުވާލު ކުރައްވާށެވެ.”

ފަހެ ކޮންމެ ވާޢިޡަކީ ފަތުވާ ދެވޭނެ މީހެއްނޫނެވެ. އަދި ކޮންމެ މިސްކިތެއްގެ އިމާމެއް ނުވަތަ ބަންގިގޮވާމީހަކީ ޝަރުޢީ ޙުކުމްތަކާއި މީސްތަކުންނާގުޅޭ މައްސަލަތައް ބުނެދެވޭނެ މީހެއް ނޫނެވެ. އަދި ކޮންމެ އަދީބެއް ނުވަތަ ވާހަކަކިޔާދޭ މީހަކީ މީސްތަކުންނަށް ފަތުވާތައް ފޯރުކޮށްދެވޭނެ މީހެއްނޫނެވެ. އަދި ކޮންމެ މުސްލިމަކަށްވެސް އެމީހަކު ފަތުވާ ނަގާމީހަކާބެހޭގޮތުން ސުވާލުވެވޭނެއެވެ. މިއީ އަޅުކަމާގުޅިފައިވާ މަސްއަލައެކެވެ.

މަގުގެއްލިފައިވާ އިމާމުންގެ ސަބަބުން އުންމަތަށް ކުރިމަތިވެދާނެގޮތަކާއިމެދު ނަބިއްޔާ صلى الله عليه وسلم ބިރުފުޅުގެންވަޑައިގެންނެވިއެވެ. ސަލަފުންގެ ތެރެއިން ބޭކަލަކު ވިދާޅުވިއެވެ. “ހަމަކަށަވަރުން މިޢިލްމަކީ ދީނެކެވެ. ފަހެ ތިޔަބައިމީހުން ދީންނަގަނީ ކާކުގެ ފަރާތުންކަން ބަލާށެވެ.” (އެބަހީ: ދީނުގެ ކަންކަމުގައި ފަތުވާ ނަގަނީ ކާކުގެ ފަރާތުންކަން ބަލާށެވެ.) ފަހެ ﷲގެ އަޅުތަކުންނޭވެ. މިއަނދަވަޅުތަކާމެދު ރައްކާތެރިވާށެވެ. ތިޔަބައިމީހުންނަށް ޝައްކުވާ މައްސަލަތަކުގައި ޢިލްމުގެ އަހުލުވެރިންގެ ގާތުން އޮޅުންފިލުވާށެވެ. والله المستعان.

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ