[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ތައުބާވާން ބޭނުން، އެކަމަކު… 13

ތައުބާވުމާއިގުޅޭ މުހިއްމު ފަތުވާތައް

ތިބާ ބުނެފާނެއެވެ. “އަހަރެން ތައުބާވާން ބޭނުމެވެ. އެކަމަކު ތައުބާވުމާބެހޭ ޙުކުމުތައް އަހަންނަކަށް ނޭނގެއެވެ. އަދި އަހަރެންގެ ސިކުނޑީގައި ބައިވަރު ސުވާލުތައްވެއެވެ. ފާފަތަކުން ފުރިހަމައަށް ތައުބާވުމާއި ގުޅޭގޮތުންނެވެ. އަދި އަހަރެން އިހުމާލުވެފައުވާ ﷲ ތަޢާލާގެ ޙައްޤުތައް އެކަލާނގެއަށް އަދާކުރާނެގޮތާއި ބެހޭގޮތުންނެވެ. އަދި މީސްތަކުންގެ އަތުން އަހަރެން ނަގާފައިވާ އެބައިމީހުންގެ ޙައްޤުތައް އަދާކުރާނެ ގޮތާއި ބެހޭގޮތުންނެވެ. ފަހެ މިސުވާލުތަކަށް ޖަވާބު ވޭހެއްޔެވެ؟”

މިއީ ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް އިޢާދަވާހިނދު ތިބާއަށް އަގުބޮޑު ޝިފާއެއް ލިއްބައިދޭނެ ޖަވާބުތަކެކެވެ.

ސ1. އަހަރެން ފާފައިގެ ތެރެއަށް ވެއްޓުމުން ފަހެ އަހަރެން ތައުބާވަމެވެ. ދެންފަހެ ނުބައިކަންތައްތައް އަހަރެންގެ ނަފްސުގެ މައްޗަށް ބާރުފޯރުވައެވެ. އަދި އެކަމަށް އަހަރެން އެނބުރި އިޢާދަވަމެވެ! ފަހެ މީގެ ސަބަބުން އަހަރެންގެ ފުރަތަމަ ފާފަ ބާޠިލުވޭހެއްޔެވެ؟ އަދި އަހަރެންގެ ފުރަތަމަ ފާފައާއި އޭގެ ފަހުންކުރި ފާފަތަކުގެ ބުރަ އަހަރެން އުފުލަންޖެހޭނެ ހެއްޔެވެ؟

ޖ1. ގިނަ ޢިލްމުވެރީން ޛިކުރުކުރައްވާގޮތުގައި ފާފައަކަށް އެނބުރި އިޢާދަނުވުން އެއީ ފުރިހަމަ ތައުބާގެ ޝަރުޠެއް ނޫނެވެ. ތައުބާ ފުރިހަމަވުން ބަރޯސާވެގެންވަނީ ފާފައިން ދުރުހެލިވުމުގެ މައްޗަށެވެ. އަދި އެކަމާމެދު ދެރަވެ ހިތާމަކުރުމުގެ މައްޗަށެވެ. އަދި ވަރުގަދަ ޢަޒުމަކާއެދު އެފާފައަށް އެނބުރި ރުޖޫޢަވުމުން ދުރުހެލިވުމެވެ. ފަހެ ހަމަކަށަވަރުން އެފާފައަށް އަލުން އިޢާދަވެއްޖެނަމަ އެއީ މުޅިން އައު ފާފައަކަށް ވެއެވެ. އަދި އައު ތައުބާއަކުން ތައުބާވުން ލާޒިމުވެގެންވެއެވެ. އަދި ފުރަތަމަ ތައުބާއަކީ ޞައްޙަ ތައުބާއެކެވެ.

ސ2. އަހަރެން އެހެން ފާފައެއް ކުރާޙާލު ފާފައަކަށް ތައުބާވުމުން އެތައުބާ ޞައްޙަވާނެ ހެއްޔެވެ؟

ޖ2. އިތުރު ފާފައެއްކުރާޙާލު ފާފައަކަށް ތައުބާވުމުން އެތައުބާ ޞައްޙަ ވާނެއެވެ. އެއީ އެ ދެފާފައަކީ އެއްވައްތަރުގެ ދެފާފަކައަށް ނުވާނަމައެވެ. އަދި އެދެފާފައިގައި ގުޅުމެއް ނުވާނަމައެވެ. މިޘާލަކަށް ރިބާއަށް ތައުބާވެފައި ރާބުއިމަށްފަހު އެކަމަށް ތައުބާނުވިނަމަވެސް ރިބާގެ ތައުބާ ޞައްޙަވާނެއެވެ. މީގެ އިދިކޮޅުގޮތްވެސް ޞައްޙަވާނެއެވެ. އެހެންނަމަވެސް ރިބާ އަލްފަޟްލުއަށް ތައުބާވެފައި ރިބާ އައްނަސީއާއަށް ތައުބާ ނުވާކަމުގައިވާނަމަ ފަހެ އެހިނދު އޭނާގެ ތައުބާ ޤަބޫލުނުކުރެވޭނެއެވެ. އަދި ހަމައެފަދައިން ހަޝީޝް ބޭނުންކުރުމުން ތައުބާވެފައި، ރާބުޔުން ހުއްޓާނުލާނަމަ ނުވަތަ އޭގެ އިދިކޮޅަށް ވިޔަސް އޭނާގެ ތައުބާ ޤަބޫލުނުކުރެވޭނެއެވެ. އަދި ހަމައެފަދައިން އަންހެނަކާއެކު ޒިނޭކޮށްފައި އެކަމަށް ތައުބާވެފައި އެހެން އަންހެނަކާއެކު ޒިނޭކުރާނަމަ އޭނާގެ ތައުބާ ޞައްޙަނުވާނެއެވެ. ފަހެ މިބައިމީހުންގެ ތައުބާ ޞައްޙައެއްނުވާނެއެވެ. މިބައިމީހުން ކުރިހާވެސްކަމަކީ އެއްވައްތަރެއްގެފާފައިން އެއްކިބާވެ އޭގެ އެހެން ކަމަކަށް ދަނީއެވެ. [ބައްލަވާ المدارج]

ސ3. އަހަރެންނަށް ވަނީ މާޟީގައި ﷲ ގެ ޙައްޤުތައް ދޫކޮށްލެވިފައެވެ. އޭގެތެރޭގައި ނަމާދު އަދާނުކުރުމާއި، ރޯދަ ދޫކޮށްލުމާއި، ޒަކާތްދިނުމުން މަނާވެގަތުން ހިމެނެއެވެ. ފަހެ މިހާރު އަހަރެން ކަންތައްކުރާނީ ކިހިނެތް ހެއްޔެވެ؟

ޖ3. *ފަހެ ބުރަވެވޭ ރައުޔަކީ ނަމާދު ދޫކޮށްލާފައިވާ މީހާގެ މައްޗަށް އެނަމާދުތައް ޤަޟާކުރުން ލާޒިމުވެގެންނުވުމެވެ. ސަބަބަކީ މިހާރު ވަޤުތު ފާއިތުވެގެން ގޮސްފައިވާތީއެވެ. އަދި އެކަން އަނބުރާލިބިގަތުމަކީ ވާނޭކަމެއްނޫނެވެ. ނަމަވެސް ގިނަގިނައިން ތައުބާވެ، އިސްތިޣުފާރުކޮށް، ގިނަގިނައިން ސުންނަތް ކަންތައްތައް އެކަމުގެ ބަދަލުގައި ކުރާށެވެ. އޭރުން ﷲ ތަޢާލާ އޭނާއަށް އެކަމުގައި ޢަފޫކޮށްދެއްވާނެކަމަށް އުންމީދުކުރެވެއެވެ.

*ރޯދަ ދޫކޮށްލިމީހާ ދަންނައެވެ. މުސްލިމެއްގެ ގޮތުގައި ހުރެ އޭނާ ދޫކޮށްލާފަވާ ރޯދަތަކުގެ ބަދަލުގައި އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ގަޟާކުރުމެވެ. އަދި ރޯދަމަހުގައި އޭނާ ރޯދަ ދޫކޮށްލާފައި އަނެއް ރޯދަމަސް އައިއިރު އެއްވެސް (ޝަރުޢީ) ޢުޛުރެއްނެތި އޭނާ ނުހިފާހުރި ރޯދަތައް ހިފާ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. މިއީ ލަސްކުރުމުގެ ކައްފާރާއެވެ. އެއީ އެންމެ ކައްފާރާއެކެވެ. އެއީ ގުނަކުރެވޭނެ އެއްޗެއްނޫނެވެ. ކިތަންމެ ގިނަ ރޯދަމަސް ތަކެއް އައިސް ފައިބައިގެން ދިޔަ ކަމުގައި ވިޔަސްމެއެވެ.

މިޘާލަކަށް: ފަރުވާކުޑަކަމުން 1400ހ ގައި 3 ރޯދަ ދޫކޮށްލާފައި 1401ހ ގައި 5 ރޯދަ ދޫކޮށްލާފައިވާ މީހަކު އޭގެ އަހަރުތަކެއްފަހުން ﷲ ތަޢާލާއަށް އޭނާ ތައުބާވެއްޖެނަމަ، އޭނާގެ މައްޗަށް ލާޒިމުވެގެންވަނީ އެ 8 ދުވަހުގެ ރޯދައަލުން ހިފާ، އެ 8 ދުވަހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ.

އެހެން މިޘާލެއް: އަންހެން ކުއްޖަކު 1400ހ ވަނަ އަހަރު ބާލިޣުވުމުން އޭނާގެ އަހުލުންގެ ގާތު އެވާހަކަ ބުނަން ލަދުވެތިވެ، އޭނާގެ މައްސަރު ކަންތައްކުރިމަރިވި މުއްދަތުގައި، މިޘާލަކަށް އަށް ދުވަހު، ރޯދަ ހިފުމަށްފަހު އެރޯދަތައް ފަހުން ޤަޟާ ނުކުރެއެވެ. ދެންފަހެ އޭނާ ﷲ ތަޢާލާއަށް ތައުބާވުމުން އޭނާގެ މައްޗަށް ވަނީ ކުރިން ބަޔާންވެދިޔަ ޙުކުމެވެ. ނަމާދު ދޫކޮށްލުމާއި ރޯދަ ދޫކޮށްލުމުގައި ތަފާތެއްވާކަން ދެނެގަންނަންޖެހެއެވެ. އަދި ބައެއް ޢިލްމުގެ އަހުލުވެރިން ޛިކުރުކުރައްވާފައިވާގޮތުގައި އެއްވެސް އުޛުރަކާއި ނުލާ ގަޞްދުގައި ރޯދަ ދޫކޮށްލައިފިމީހަކު އެ ރޯދަ ޤަޟާ ކުރާކަށް ނުޖެހޭނެއެވެ.

*ފަހެ ޒަކާތް ދޫކޮށްލައިފިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެޒަކާތް ނެރުމެވެ. އެހެނީ އެއްގޮތުންބަލާނަމަ އެއީ އޭނާގެ އަތުގައިވާ ﷲ ތަޢާލާގެ ޙައްޤެކެވެ. އަދި އެހެންގޮތަކަށް ބަލާނަމަ ފަޤީރުންގެ ޙައްޤެއްވެސްމެއެވެ. [އިތުރު މައުލޫމާތު ހޯއްދެވުމަށް مدارج السالكين ١/٣٨٣ ބައްލަވާ]

ސ4. ފާފަކުރުމުގެ ތެރޭގައި އާދަމުގެ ދަރިއެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ފަހެ އެކަމަށް ތައުބާވާނީ ކިހިނެތް ހެއްޔެވެ؟

ޖ4. މިކަމުގެ އަޞްލަކީ ރަސޫލުﷲ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘެވެ. ((مَنْ كَانَتْ لِأَخِيهِ عنده مَظْلَمَةٌ، مِنْ عِرْضِهِ أَوْ مال، فَلْيَتَحَلَّلْهُ الْيَوْمَ قَبْلَ أَنْ يُؤْخَذَ مِنْهُ يَوْم لَا دِينَارٌ وَلَا دِرْهَمٌ، فَإِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ يَكُنْ لَهُ عَمَلٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَجُعِلَتْ عَلَيْهِ)) [رواه البخاري]

މާނައީ: “އޭނާގެ އަޚާއަށް އަނިޔާވެރިވެފައިވާމީހާ -އޭނާގެ އަބުރަށް ނުވަތަ މުދަލަށް- ފަހެ މިއަދު އެކަމުން ޙަލާލުވެގަންނާށެވެ. އެއީ ދީނާރެއް ދިރުހަމެއްނުވާދުވަހު އޭނާގެ އަތުން އެކަން ނުގެމުގެ ކުރިންނެވެ. އޭނާއަށް (އެބަހީ: އަނިޔާވެރިވިމީހާއަށް) ޞާލިޙުޢަމަލެއްވާނަމަ އޭނާ އެކުރި އަނިޔާވެރިކަމުގެ މިންވަރަށް އޭނާ އަތުން ނެގޭނެއެވެ. އަދި އޭނާއަށް (ޞާލިހު)ޢަމަލެއްނުވާނަމަ އޭނާގެ ޞާޙިބުގެ (އެބަހީ: އަނިޔާލިބުނުމީހާގެ) ނުބައިކަމުންނެގި އޭނާގެ މައްޗަށްލެވޭނެއެވެ.”

ތައުބާވާމީހާއަށް މިއަނިޔާވެރި ޢަމަލުން ސަލާމަތްވެވޭނެ ހަމައެކަނިގޮތަކީ (އަނިޔާވެރިކަމާއެކު އަތުލާފައިވާ އެއްޗެއް) އޭގެ ވެރިފަރާތަށް އެއެއްޗެއް ރައްދުކުރުމެވެ. ނުވަތަ މާފަށް އެދުމުންމެވެ. އޭނާ މާފުނުދީފިނަމަ ޖެހޭނީ އެއެއްޗެއް ރައްދުކުރާށެވެ.

ސ5. މީހެއް ނުވަތަ ބައެއްގެ ޣީބަ އަހަންނަށް ބުނެވުނެވެ. އަދި އެހެންބަޔަކަށް، އެމީހުން އެކަންކަމުން ބަރީއަވެގެންވާކަންކަމާއިމެދު އަހަރެންވަނީ ޤަޛްފުކޮށްފައެވެ. އެމީހުންގެ ކިބައިން މާފަށް އެދުމާއެކު އެމީހުންނަށް އެކަމުގެ ޚަބަރު ދިނުން އަހަރެންގެ މައްޗަށް ޝަރުޠުވެގެންވޭ ހެއްޔެވެ؟ އެކަން ޝަރުޠުވެގެންނުވާނަމަ އަހަރެން ތައުބާވާނީ ކިހިނެތް ހެއްޔެވެ؟!

ޖ5. މި މަސްއަލައިގައި ގޮތެއް ނިންމަން ޖެހޭނީ މަޞްލަޙަތަށާއި ފަސާދަތަކަށް ބަލާފައެވެ.

ފަހެ ޣީބަބުނުމާއި ޤަޛްފުކުރުމާބެހޭގޮތުން އެބައިމީހުންނަށް ޚަބަރު ދެވުމުން އެމީހުން ރުޅި ނާންނާނެ ކަމުގައިވަނީނަމަ ނުވަތަ ނަފްތަރު އިތުރުނުވާނެ ކަމުގައިވަނީނަމަ އެކަން ބަޔާން ކޮށްދޭން ޖެހޭނެއެވެ. އަދި މާފަށް އެދެން ޖެހޭނެއެވެ. (ތަފްސީލަށް ނުގޮސް) ޢާންމު ޢިބާރާތުން ނަމަވެސްއެވެ. މިޘާލަކަށް ބުނެވިދާނެއެވެ. “އަހަރެންނަށް ވަނީ މާޟީގައި ތިބާގެ ޙައްޤަކަށް އަރައިގަނެވިފައެވެ. ނުވަތަ ބަސްތަކަނުން ތިބާއަށް އަނިޔާވެރިވެވިފައެވެ. އަހަރެން ﷲ ތަޢާލާއަށް ތައުބާވަމެވެ. އަދި ތިބާގެ ކިބައިން މާފަށް އެދެމެވެ.” ތަފްޞީލަށް ނުގޮސް މިވަރުން ފުދޭނެއެވެ.

ނަމަވެސް ޣީބަބުނުމާއި ޤަޛަފުކުރުމާބެހޭގޮތުން އެބައިމީހުންނަށް ޚަބަރު ދެވުމުން އެމީހުން ރުޅިއައިސް އިތުރަށް ނަފްރަތު އުފެދޭނެކަމުގައިވާނަމަ – ގިނަފަހަރު ކަންތައް ވާގޮތަކީ މިއީ –  ނުވަތަ (ތަފްސީލަށް ނުގޮސް) ޢާންމު ޢިބާރާތުން ނުފުދި އެބައިމީހުން އިތުރު ތަފްސީލަށް އެދޭނަމަ އަދި އޭގެ ސަބަބުން ނުރުހުންތެރިކަން އިތުރުވާނަމަ ފަހެ ފުރަތަމަވެސް އެބައިމީހުންނަށް އެކަމުގެ ޚަބަރު ދޭކަށް ނުޖެހޭނެއެވެ. އެހެނީ ޝަރީޢަތުގައި ނުބައި ކަންތައްތައް އިތުރުވާނެ ކަންކަމަށް އަމުރެއް ނުކުރައްވައެވެ. ކަމެއްގެ ޚަބަރު ދެވުމުގެ ކުރިން ހިތްހަމަޖެހިގެން ހުރިމީހަކު އެޚަބަރު އިވުމުން ރުޅި އަންނާނެ ކަމެއްގެ ޚަބަރު ދިނުމަކީ ޝަރީޢަތުގެ މަޤްޞަދުކަމުގައިވާ މުސްލިމުންގެ ހިތްތަކުގައި ލޯތްބާއި އަޚްވަންތަކަން އުފެއްދުމާއި ޚިލާފުކަމެކެވެ. ފަހަރުގައި އެފަދަ ޚަބަރެއްދިނުމަކީ ޣީބަރައްދުވި މީހާގެ ހިތުގައި ދުވަހަކުވެސް ޣީބަބުނިމީހާއަށްޓަކައި ސާފުނުވާނެފަދަ ޢަދާވާތްތެރިކަމެއް އުފެދިގެން ދާފަދަ ސަބަބަކަށްވެދާނެއެވެ. މިފަދަ ޙާލަތުގައި ކަންތައްތަކެއް ކުރުމުން ފުދިދާނެއެވެ. އޭގެ ތެރޭގައި:

1. ކުރެވުނު ކަންތަކާއިމެދު ދެރަވެ ހިތާމަކޮށް، ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި، މިޖަރީމާގެ ބޮޑުކަމާމެދު ވިސްނާ، އެއީ ޙަރާމްކަމެއް ކަން ޤަބޫލުކުރުން.

2. އޭނާ ޣީބަބުނެ ޤަޛްފުކުރިމީހާއަށް ގާތުއެއީ ދޮގުވާހަކަ ތަކެއްކަން ބުނެދީ، އެކަން ރައްދުވީ ފަރާތުގެ ކުށެއްނެތްކަން ބަޔާންކޮށްދިނުން.

3. އޭނާ އެއަނިޔާވެރިވީ މަޖިލީހުގައި އެބައެއްގެގާތު އެމީހެއްގެ (ނުބައި)ވާހަކަދެއްކިމީހާއަށް ޘަނާކިޔާ ކިޔުން. އަދި އޭނާގެ ރަނގަޅުކަންތައްތަކުގެ ވާހަކަ ދެއްކުން.

4. އޭނާ އެމީހަކާ ދެކޮޅަށް ވާހަކަ ދެއްކި މީހާ ދިފާޢުކޮށް ވާހަކަ ދައްކާ، އެއްވެސް މީހަކު އެމީހާއާއި ދެކޮޅަށް ވާހަކަ ދައްކައިފިނަމަ އެކަމަށް ރައްދު ދިނުން.

5. އެމީހާ ނެތްތަނުގައި އެމީހާއަށް ފާފަ ފުއްސެވުމަށް އެދި ދެންނެވުން. [المدارج ١/٢٩١، والمغني مع الشرح ١٢/٧٨]

އޭ ލޮބުވެތި އަޚާއެވެ. މާލީ ޙައްޤުތަކާއި، ހަށިގަނޑަށް ދެވޭ ޖިނާއީގެއްލުންތަކާއި، ޤަޛްފުކުރުމާއި ޣީބައިގެ ތަފާތު ވިސްނަވާށެވެ. މާލީ ޙައްޤުތަކުގެ ޚަބަރު ދެވުމުން އެކަމުގެ ފައިދާ އޭނާއަށާއި އޭނާގެ އަހުލުންނަށް ކުރާނެއެވެ. އަދި އެ އެބައިމީހުންނަށް ރައްދުކުރެވޭނެއެވެ. އަދި އެކަމާ އުފާކުރާނެއެވެ. އެހެންކަމުން އެފަދަ ކަންކަން ވަންހަނާކުރުން ހުއްދަވެގެން ނުވެއެވެ. އެހެންނަމަވެސް މީހެއްގެ އަބުރާ ގުޅުންހުރި ކަންކަމުގައި މިކަން ތަފާތެވެ. އެކަން ފާޅުކުރުމުން އޭގެ ސަބަބުން އޭނާއަށް ގެއްލުމާއި އުދާސްވެރިކަމެއްނޫނީ ފަހަރުގައި ނުލިބިދާނެއެވެ.

ސ6. ޤަޞްދުގައި މީހަކު މަރައިފިމީހަކު ތައުބާވާނީ ކިހިނެތް ހެއްޔެވެ؟

ޖ6. ޤަޞްދުގައި މީހަކު މަރައިފިމީހާގެ މައްޗަށް ތިން ޙައްޤެއްވެއެވެ.

ﷲ ތަޢާލާގެ ޙައްޤާއި، ޤަތުލުވީ މީހާގެ ޙައްޤާއި، އަދި ވާރިޘުންގެ ޙައްޤެވެ.

ﷲ ތަޢާލާގެ ޙައްޤު ދަންނައެވެ. އެޙައްޤު އަދާކުރެވޭނީ ހަމައެކަނި ތައުބާވުމުންނެވެ.

ވާރިޘުންގެ ޙައްޤު ދަންނައެވެ. އެބައިމީހުންގެ ޙައްޤު އެބައިމީހުން ނެގުމަށްޓަކައި އޭނާއަށް ޖެހޭނީ އޭނާގެ ނަފްސު އެމީހުންނާއި ހަވާލުކުރާށެވެ. އެއީ ޤިޞާޞްހިފުމުންނެވެ. ނުވަތަ މަރުގެދިޔަ ދިނުމުންނެވެ. ނުވަތަ ޢަފޫލިބުމުންނެވެ.

ދެންއޮތީ ޤަތުލުވި މީހާގެ ޙައްޤެވެ. އެކަން ދެން މި ދުނިޔޭގައި އަދާކޮށެއް ނުދެވޭނެއެވެ. މިކަމާމެދު ޢިލްމުގެ އަހުލުވެރިން ވިދާޅުވަނީ އިޚްލާޞްތެރި ތައުބާއަކުން ޤާތިލް ތައުބާ ވެއްޖެނަމަ ފަހެ ހަމަކަށަވަރުން ޤަތުލުވީ މީހާގެ ޙައްޤު ﷲ ތަޢާލާ އޭނާގެ ކިބައިން އުފުއްލަވާދެއްވާނެއެވެ. އަދި ޤިޔާމަތް ދުވަހުން ﷲ عز وجل އެއިލާހުގެ ޙަޟްރަތުން ޤަތުލުވީ މީހާއަށް ހެޔޮ ބަދަލެއް ދެއްވަވާނެއެވެ. އަދި މިއީ އެންމެ ރަނގަޅު ޤައުލެވެ. [المدارج ١/٢٩٩]

ސ7. ވައްކަންކުރާމީހާ ތައުބާ ވާނީ ކިހިނެތް ހެއްޔެވެ؟

ޖ7. ވަގަށް ނެގި އެތި މިހާރުވެސް އޭނާގެ އަތުގައިވާނަމަ އޭގެ ވެރިފަރާތަށް އެއެއްޗެއް ރައްދުކުރަންޖެހޭނެއެވެ.

ހަލާކުވެ ނުވަތަ ބޭނުންކުރުމުގެ ސަބަބުން ނުވަތަ ގިނަ ޒަމާންތަކެއް ވުމުގެ ސަބަބުން އޭގެ އަގު ދަށްވެފައިވާނަމަ އޭގެ ބަދަލު ދޭން ޖެހޭނެއެވެ. އޭގެ ވެރިފަރާތުން މާފުކޮށްދީފިއްޔާމެނުވީއެވެ. ފަހެ ޙަމްދުހުރީ ﷲއަށެވެ.

ސ8. އަހަރެން އެމީހެއްގެ އަތުން ވައްކަންކުރި މީހުންނާ ކުރިމަތިލާން ދަތިކަން އިޙްސާސްކުރެވެއެވެ. އަދި އެމީހުންގާތު ޞަރީޙަކޮށް ބުނުމަށް އަހަންނަށް ކުޅަދާނަވެގެން ނުވެއެވެ. އަދި އެބައިމީހުންގެ ގާތުން މާފަށް އެދުމަށްވެސްއެވެ. ފަހެ އަހަރެން ކަންތައްކުރާނީ ކިހިނެތް ހެއްޔެވެ؟

އެމީހުންނާއި ކުރިމަތިލުމުގެ ދަތިކަމުން ސަލާމަތްވުމުގެ ގޮތުން އެހެން ގޮތެއް ހޯދުމުން ތިބާގެ މައްޗަށް ދަތިކަމެއް ނެތެވެ. ތިބާއަށް އެހެން މީހަކު މެދުވެރިކޮށް އެމީހުންގެ ޙައްޤު އެމީހުންނަށް އަދާކޮށްދެވިދާނެއެވެ. އަދި ތިބާގެ ނަން ޛިކުރު ނުކުރުމަށް އެދޭނީއެވެ. ނުވަތަ ޕޯސްޓްވެސް ކުރެވިދާނެއެވެ. ނުވަތަ ތިބާއަށް އެމީހުންނަށް އެފެންނާނެ ތަނެއްގައި ސިއްރުން ގޮސް ބޭއްވިދާނެއެވެ. ނުވަތަ ނުސީދާގޮތެއްގައިވެސް ކުރިމަތިލެވިދާނެއެވެ. އަދި މިފަދައިން ބުނެވިދާނެއެވެ. “މިއީ ކޮންމެވެސް މީހެއްގެ އަތުގައިވާ ތިބައިމީހުންގެ ޙައްޤެކެވެ. އަދި އޭނާގެ ނަން ބުނާކަށް އޭނާ ނޭދެއެވެ.” މުހިންމު ކަމަކީ ޙައްޤު އޭގެ ވެރިފަރާތަށް އަދާކުރުމެވެ.

ސ9. އަހަރެންގެ ބައްޕަގެ ޖީބުން އަހަރެން ވައްކަން ކުރީމެވެ. އަދި މިހާރު އަހަރެން ބޭނުންވަނީ ތައުބާވާށެވެ. އެކަމަކު އަހަރެންނަށް ސީދާނެގުނު ޢަދަދެއް ނޭނގެއެވެ. އަދި (ބައްޕައާއި) ކުރިމަތިލާން އަހަރެން ލަދުގަނެއެވެ.

ތިބާ ނެގި ޢަދަދެއް އަންދާޒާކޮށްލާށެވެ. އެންމެ ބޮޑަށް ލަފާކުރެވޭ ވަރެކެވެ. ނުވަތަ އެއަށްވުރެ އިތުރަށެވެ. ތިބާ ބައްޕަގެ އަތުން ސިއްރުން ނެގިފަދައިން ސިއްރުން ރައްދުކޮށްދިނުން ތިބާގެ މައްޗަށް މައްސަލައެއް ނެތެވެ.

ސ10. އަހަރެން ބަޔަކު މީހުންގެ އަތުން ފައިސާ ވަގަށް ނެގީމެވެ. އަދި އަހަރެން ﷲ އަށް ތައުބާވެއްޖައީމެވެ. އެކަމަކު އެމީހުންގެ އެޑްރެހެއް އަހަންނަކަށް ނޭނގެއެވެ.
އެހެން މީހަކު ބުނެއެވެ. އަހަރެން މަކަރާއި ހީލަތުން ކުންފުންޏަކުން ފައިސާ ނެގީމެވެ. ނަމަވެސް މިހާރު އެކުންފުނިވަނީ ބަންދުކޮށްފައެވެ. އަދި ޤައުމުވެސް ދޫކޮށް ހިނގައްޖެއެވެ.
އަދި ތިންވަނަ މީހަކު ބުނެއެވެ. އަހަރެން ފިހާރައަކުން ވައްކަންކުރީމެވެ. އަދި އެފިހާރަ މިހާރު ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. އަދި އެތަނުގެވެރިމީހާ އަހަންނަކަށް ނޭނގެއެވެ.

ޖ10. ތިބާއަށް ކުޅަދާނަވީވަރަކުން އެމީހުން ހޯދަން މަސައްކަތްކުރަންވާނެއެވެ. ފަހެ ތިބާ އަށް އެމީހުން ފެނިއްޖެނަމަ އެމީހުންނަށް އެފައިސާ އަދާކުރާށެވެ. އަދި ﷲ ތަޢާލާއަށް ޙަމްދުހުއްޓެވެ. އަދި އެމުދަލުގެ ވެރިފަރާތް މަރުވެފައިވާނަމަ، އޭނާގެ ވާރިޘުންނަށް އެފައިސާ އަދާކުރާށެވެ. ތިބާ އެމީހުން ހޯދަން ތެދުވެރިކަމާއެކު ބުރަމަސައްކަތްކޮށް، އެމީހުން ނުފެނިއްޖެނަމަ އެޢަދަދު އެމީހުންގެ ފަރާތުން ޞަދަޤާތް ކުރާށެވެ. އެއީ މުސްލިމުން ކަމުގައި ނުވިކަމުގައިވިޔަސްއެވެ. އެހެނީ އެބައިމީހުންނަށް އާޚިރަތުގައި ނުދެއްވިކަމުގައިވިޔަސް ދުނިޔޭގައި ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވަވައެވެ.

އިބްނު އަލްޤައްޔިމް رحمه الله المدارج [١/٣٨٨] ގައި މިފަދަ މަސްއަލައެއް ގެންނަވާފައިވެއެވެ: މުސްލިމުންގެ ލަޝްކަރުގެ މީހަކު ޣަނީމާ މުދަލުން ވައްކަންކުރިއެވެ. ދެން ފަހެ ދުވަސްކޮޅެއް ފަހުން އެމީހާ ތައުބާވިއެވެ. ފަހެ އެމީހާ ވަގަށް ނެގި އެއްޗެއްސާއެކު ލަޝްކަރުގެ އަމީރުގެ އަރިހަށް އައެވެ. ނަމަވެސް އެބަލައިގަތުމަށް (އަމީރު) އިންކާރުކުރިއެވެ. އަދި ބުންޏެވެ. “(ލަޝްކަރު ބައިބައިވުމަށްފަހު) އެބައިމީހުންނަށް އަހަރެން ތި ފޯރުކޮށްދޭނީ ކިހިނެތް ހެއްޔެވެ؟” ފަހެ އެމީހާ ޙައްޖާޖު ބުން އައްޝާޢިރުގެ ގާތަށް (ދެން ކަންކުރަންވީގޮތުގެ) ޚިޔާލު ހޯދުމަށް އައެވެ. ޙައްޖާޖު ދެންނެވިއެވެ. “އެ ލަޝްކަރާއި، ލަޝްކަރުގައިވީ މީހުންގެ ނަންތަކާއި، ނަސަބުތައް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ފަހެ ފަސްބައި ކޮށްފަ އެއްބައި އޭގެ ޞާޙީބަށް ދޭށެވެ. އަދި އަނެއްބައިން އެމީހުންގެ މަތިން ޞަދަޤާތްކުރާށެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންނަށް އެކަން ރައްދުކޮށްދެއްވާނެއެވެ.” އަދި އެމީހާ އެފަދައިން ޢަމަލުކުރިއެވެ. އަދި މުޢާވިޔަތުގެފާނަށް އެޚަބަރު ދެއްވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. “އެފަތުވާ ދިންމީހަކީ ތިމަން ކަމުގައިވީނަމައެވެ. އެކަން މިވެރިކަމުގެ ދެބައިކުޅައެއްބަޔަށްވުރެ ތިމަން ގެގާތު ލޮބުވެތިވެގެންވެއެވެ. المدارج ގައި މިވާ ވާހަކައާއި ގާތްކުރާ ފަތުވާއެއް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވެސް ދެއްވާފައިވެއެވެ.

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ